...

Support Us

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ހުޅުވި ރަސްމީޔާތުގައި ޖޫނީ ލަވަ ހުށަހަޅައިދެނީ  -ފޮޓޯ: އެފް.އޭ.އެމް

ޖޫނީގެ ރަން އަޑާއި ފަރި ހަރަކާތްތަކުގެ ޖާދޫ

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވުމުން ގިނަ ބަޔަކު ހިތްދަތިވެފައި ތިބި ނަމަވެސް، ގަލޮޅު ދަނޑުން ރޭ ފެނުނު އެންމެ އުފާވެރި އެއް މޫނަކީ ޒުވާން ލަވަކިއުންތެރިޔާ ޖޫނީ ޖިނާހުގެ މޫނު ނޫން ދެވަނަ މޫނެއްނޫނެވެ. ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު އީދު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަވައާއި މިއުޒިކްގެ ސަގާފީ އައިޓަމް ހުށަހަޅައިދެވުނުލެއް ފުރިހަމަކަމުން މެންދަމުން އަލިވެ ތިންގަޑިބައިވި އިރުވެސް، އުމުރުން 15 އަހަރުގެ ޖޫނީގެ ލޮލަކަށް ނިންޖެއް ނާދެއެވެ.

މަޝްހޫރު ލަވަކިއުންތެރިޔާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ)ގެ "އޯވަޒަން" ޒަމާނީ މިއުޒިކާއެކު ޖޫނީ ހުށަހަޅަމުންދިޔައިރު، ކުޅިބަލަން ދަނޑަށް ވަދެ ތިބި ފަސް ހާހެއްހާ މީހުންނާއި ޓީވީތަކުން ވަގުތުން ބަލަމުންދިޔަ އެތައް ހާސް ބައެއްގެ ތައުރީފު ޖޫނީއަށް އޮހެމުންދިޔައެވެ. ވަރަށް ދިވެހިވަންތަ ދެ ހެދުމެއްގައި، އިސްކޮޅުން ދިގު ޖޫނީ ލަވަކިޔަމުންދިޔައިރު، މާދުރަށް އޭނާ ފެނެއެވެ. ކިތަންމެ ހިކިކޮށް ހުރި ނަމަވެސް، އޭނާގެ ރަން އަޑު މުޅި ދަނޑުގައި އޮތީ ގުގުމާލައިފައެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ހުޅުވި ރަސްމީޔާތުގައި ޖޫނީ ލަވަ ހުށަހަޅައިދެނީ  -ފޮޓޯ: އެފް.އޭ.އެމް

ރޭގެ ސަގާފީ އައިޓަމް ފެށުނުއިރު ޖޫނީ ލައިގެން ހުރީ ހުދުކުލައިގެ ވަރަށް ނަލަ ހެދުމެކެވެ. ޖޫނީ ހީވަނީ ރަނިކަމާއެއްހެންނެވެ. ނަމަވެސް، ލަވައިގެ ވަކި ހިސާބަކުން ދެން ފެނުނީ ކަސަބު ބޯވަޅުއެޅި، ރަތް ކުލައިގެ ދިވެހި ލިބާހެއް ފާޑުގެ ހެދުމެއްގައި ޖޫނީ ހަރަކާތްތެރިވަމުންދިޔަ ތަނެވެ. (އޭނާގެ ހުދު ހެދުމަށް ވީގޮތެއް ނޭނގެއެވެ.)

އެކިއެކި ލަވަ މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން ރަން ވަނަތައް ހޯދަމުން އަންނަ ޖޫނީ، މިހާ ގިނަ ބައެއްގެ ކުރިމަތީގައި ލަވައެއް ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ހާސްކަމާއި ފިނިވުމުގެ ބަދަލުގައި ޖޫނީގެ މޫނުމަތިން ރޭ ފެނިގެންދިޔައީ ހިނިތުންވުމާއި އުފާވެރިކަމާއި ސާބިތުކަމެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ހުޅުވި ރަސްމީޔާތުގައި ޖޫނީ ލަވަ ހުށަހަޅައިދެނީ  -ފޮޓޯ: އެފް.އޭ.އެމް

"ޖޫނީ ވަރަށް އުފާވި ރޭގެ ޕާފޯމަންސްކުރެވުނު ގޮތާ ދޭތެރޭ. ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފާވޭ،" ގިޔާސުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވާ ޖޫނީ "އަދިވެސް"އާ ވާހަކަ ދައްކަމުން ރޭ ބުންޏެވެ. "ޖޫނީ އެންމެ އުފާވީ ސަޕޯޓަރުންގެ އެހާ ބޮޑު ތަރުހީބެއް ލިބުނީމަ."

ރޭގެ ރަސްމީޔާތުގައި ޖޫނީ ލަވަ ހުށަހަޅައިދީފައި ވަނީ ދެ ފަހަރަކު ރިހާސަލް ބޭއްވުމަށްފަހުއެވެ.

ޖޫނީ ރޭ ލައިގެން ހުރި ދެ ކޮސްޓިއުމް ވެސް ފަރުމާކޮށްފައި ވަނީ މަޝްހޫރު ފެހުންތެރިޔާ ޖާދުﷲ އިސްމާއިލް (ޖާދު) ހަތަރު ދުވަހުގެ މަސައްކަތުންނެވެ. ޖޫނީގެ މެކަޕްކޮށްފައި ވަނީ (ޗޫޓްސް މޭކަޕް)ގެ ހިޝާނެވެ. ޖޫނީގެ ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ހިސްޓޯރިއާ މިއުޒިކު ސްޓޫޑިއޯއިން ހުސެއިން އާއި ލަވަކިއުންތެރިޔާ އަޒަލްއެވެ.

ޖާދު އޭނާގެ ފޭސްބުކްގައި ބުނެފައި ވަނީ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމީޔާތުގައި އޭނާގެ "ހިއްސާއެއް ދެވުނީތީ ވަރަށް ފަޚުރުވެރިވާ" ކަމަށާއި "ޖޫނީގެ ޒަމާނީ ސަގާފީ ހެދުން ފަރުމާކޮށްދެއްވުން އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

ޖޫނީގެ ބައްޕަ މުހައްމަދު ޖިނާހާއި މަންމަ އާމިނަތު އަދި ދޮންބެ ޖޫދާއެކު ޖޫނީ ރަސްމީޔާތަށްފަހު

ލަވަކިއުމުގެ ދުނިޔޭގައި ޖޫނީ މޮޅު ކުއްޖަކަށް ހެދުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ އޭނާގެ ބައްޕަ، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ޖިނާހާއި މަންމަ، އާމިނަތު ހުސެއިނެވެ. ޖިނާހުގެ ދެމަފިރިންނާއި މުޅި އާއިލާ ވެސް ތިބީ ޖޫނީގެ އެ ހުށަހެޅުމަށް ފަޚުރުވެރިވެފައެވެ.

"ވަރަށް އުފާވޭ. އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ،" ދަރުމަވަންތަ ސްކޫލްގެ ޓީޗަރެއް ކަމުގައިވާ، ފުވައްމުލަކަށް އުފަން އައިންތު ބުންޏެވެ.

ހިސްޓޯރިއާ މިއުޒިކްގެ ހުސެއިން އާއި ލަވަކިއުންތެރިޔާ އަޒަލްއާއެކު ޖޫނީ (މ)

"ދިވެހި ރާއްޖެ ތަމްސީލުކުރަން މިކަހަލަ ފުރުސަތެއް ޖޫނީ އަށް ލިބުނީމަ ވަރަށް އުފާވި. އަދި ޖޫނީގެ ހުށަހެޅުން ވަރަށް ފުރިހަމައޭ ދެންނެވޭނީ. މި ފުރުސަތު ޖޫނީއަށް ދެއްވި ކަމަށްޓަކައި (ނޯވާގެ) ނިއުޝާދަށާއި ހުސެއިން އަދި (ލަވަކިއުންތެރިޔާ) އަޒަލް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން… އަދި ހެދުން ތައްޔާރުކުރުމުގައި ޖާދުގެ އެހީތެރިކަންވެސް ފާހަގަކޮށް މި ފުރުސަތުގައި ޖާދުއަށް ވެސް ޝުކުރު ދަންނަވަން. އަދި އައިޓަމްގެ ކޯރިއޯގްރަފީ (ނެށުން) ދަސްކޮށްދިން ޝަރަފު (ކުޑަ ރިޗަޑް) އަށާއި ޖޫނީގެ މޭކަޕް ކޮށްދިން ހިޝާން ވެސް މި ޝުކުރުގައި ހިމަނަން."

ޖޫނީގެ ދެ ހެދުން ފަރުމާކޮށްދިން ޖާދުއާއެކު ޖޫނީ

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތީމް ލަވަ "މަގޭ މަހަލްދީބު"ވެސް ކިޔައިފައި ވަނީ ޖޫނީއެވެ. އެއީވެސް ވަރަށް ތަފާތު ތަޖުރިބާއެއް ކަމުގައި ޖޫނީ ބުންޏެވެ.

ރޭގެ މެޗުގެ ނަތީޖާއިން މާޔޫސްވެ، ނިދި ނައިސްގެން އުޅުނު މީހުންނަށް ހަމަ ގައިމުވެސް ޖޫނީގެ ލަވަ އަޑުއިވުމުން، ހިނިތުންވުމާއި ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ. އެއީ ޖޫނީގެ ހަދިޔާއެއްގެ ގޮތުގައި ގަބޫލްކުރާށެވެ. ހަމަ ޔަގީނުންވެސް ޖޫނީ ނިދާނީ އެ އުފާވެރިކަންމަތީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ލަވައިގެ ލިރިކްސް ހެއްދެވީ އާއިޝަތު އަނީސް. އެކަމަނާގެ ނަން ލިޔުމުގައި ގެންނަވާފައި ނުވުމަކީ ދެރަވަރުކަމެއް. ޝަހީބު ކަހަލަ ތަޖުރިބާކާރު ލިޔުންތެރިޔެއްގެ އަތްދަށުން ދާންވީ ކަމެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.