Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ހިޒް އެކްސެލެންސީ ރައީސް ސޯލިހުގެ "ކާމިޔާބު" ނިއުޔޯކު ދަތުރުފުޅުގެ ވާހަކަ

"ދުނިޔެ ހޫނުވަމުން ދިއުމުގެ ޒިއްމާ ނަގަން ޖެހޭ ބަޔަކީ އިންސާނުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ." މިއީ މިހާތަނަށް އެއްވެސް އިންސާނަކަށް ނޭނގޭ ކަމެކެވެ. މިކަހަލަ މޮޅު ދިރާސާއެއް އެއްވެސް އެހެން ޤައުމެއްގެ ރައީސަކަށް ނުކުރެއްވޭނެއެވެ. އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ހަވާސާގައި، ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްއިން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު މިފަދައިން ވިދާޅުވުމުން ތިމާވެށީގެ ސައިންޓިސްޓުން ނުހޯދިގެން އުޅުނު ސިއްރު ހޯދުނީއެވެ. ދުނިޔެ ހޫނުވުމުގެ ސަބަބު އެނގި، އެކަން ހުއްޓުވާނެ ގޮތްވެސް އެނގުނީއެވެ. ދުނިޔެ ހޫނުކުރީ ޖަނަވާރުން ނޫންކަމާއި މިއީ އިންސާނުން ކުރަމުން އައި ކަމެއްކަން އެނގުނީއެވެ. މިކަމާ އެންމެ އުފާ ކުރައްވާނެ އެއް ބޭފުޅަކީ ހަމަ ޔަގީނުން ވެސް، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމެވެ. އެއީ ދުނިޔެ ހޫނުކުރުމުގެ ޒިއްމާ "ކުރީގެ ސަރުކާރުގެ" ބޮލުގައި ނޭޅުވިކަމަށްޓަކައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ކޮންމެ ނުކުޅެދުންތެރިކަމެއް ކަނޑާލަނީ "ކުރީގެ ސަރުކާރުގެ" ބޮލަށް ވިއްޔާއެވެ. ދުނިޔެ ހޫނުވުމުގެ ޒިއްމާވެސް އަޅުގަނޑު ހީކުރީ އަޅުވާނީ ކުރީ ސަރުކާރުގެ ބޮލުގައި ކަމަށެވެ.

އ.ދ ގެ އާއްމު މަޖުލީހުގައި ތަޤްރީރު ކުރެއްވުމަށް، ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އާއި ސަރުކާރުގެ ބޮޑު ވަފްދެއް ސެޕްޓެމްބަރު 18-28 އަށް އެމެރިކާ އަށް ކުރެއްވި 10 ދުވަހުގެ ދިގު ދަތުރުގެ ތެރެއިން ހަތް ގައުމެއްގެ ވެރިންނާ ރަސްމީކޮށް ރައީސް ބައްދަލުކުރެއްވިއެވެ. އެއީ ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑިސޯޒާއާއި ސްވިޒަރލެންޑް (ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް ގައިޕާރމެލިން އާއި ކާބޯ ވަރޑޭގެ ރައީސް ޖޯޖް ކާރލޮސް ފޮންސޭކާ އާއި ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް މުޙައްމަދު އިރްފާން ޢަލީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އަދި ކުވޭތުގެ ބޮޑުވަޒީރު ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އެވެ.

މި ހަތް ގައުމުގެ ތެރެއިން ކޭޕް ވަރޑޭ އާއި ގަޔާނާ އާއި ޕަލާއޫ ފަދަ ގައުމުތަކަކީ ދިވެހިން މާ ދަންނަ ޤައުމުތަކެއްވެސް ނޫނެވެ. އަދި ރާއްޖެއާ މާ ބޮޑު ގުޅުންތަކެއް އޮންނަ ގައުމުތަކެއް ވެސް ނޫނެވެ. އެހެންކަމުން ރައީސް ސޯލިހު އެޤައުމުތަކުގެ ރައީސުންނާ ބައްދަލު ކުރެއްވުމުގެ މައިގަނޑު ބޭނުންފުޅެއް ކަމަށް ފެންނަނީ ކޭޕް ވަރޑޭ އާއި ގަޔާނާ އާއި ޕަލާއޫ އަކީވެސް ދުނިޔޭގައި އޮންނަ ޤައުމުތައްކަން ދިވެހީންނަށް ދެއްކެވުމެވެ.

ރާއްޖެއާއެކު ވިޔަފާރި އާއި އިގްތިސޯދީ އަދި ތަރައްގީގެ ދާއިރާގައި ގުޅުންތައް އޮންނަ ޤައުމުތަކުގެ ވެރިންނާ ރައީސް ސޯލިހް މިދަތުރުފުޅުގެ ތެރެއިން ބައްދަލު ނުކުރެއްވުނީ ވަރަށް އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ކަމަށް ވެސް ވެދާނެވެ. ނޫނީ މި ދަތުރުފުޅުގައި ޗީފް އޮފް ޕްރޮޓޮކޯލް ޝާން ޝާކިރު ބައިވެރިވެވަޑައިގަތް ނަމަވެސް، އެކަމަނާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެއްވުމުގެ ސަބަބުން އެޕޮއިންޓްމަންޓްތައް ހަމަނުޖެހުނީ ކަމަށް ވެސް ވެދާނެއެވެ. އަނެއް ގޮތަކީ އދގެ އާންމު މަޖިލީހުގެ ރައީސްގެ އިންތިޚާބާއި، އަދި އާ ރައީސް ރިޔާސަތާ ހަވާލުވުވެވަޑައިގަތުމުގެ ކަންކަމުގައި މާ އަވަދިނެތި ފޮރިން މިނިސްޓްރީން މަސައްކަތްކުރަން ޖެހުމުން، ރައީސުލްޖުމްހޫރިއްޔާގެ ކަންކަމާ އަޅައިނުލެވުނީއެވެ. އެކަމާ ފޮރިން މިނިސްޓްރީން ކިރިޔާވެސް އަޅައިލި ނަމަ، އިންޑިއާގެ ބޮޑުވަޒީރު މޯދީޖީ ނިއުޔޯކަށް ކުރެއްވި 65 ގަޑިއިރުގެ ތެރޭގައި 24 ބައްދަލުވުން ބޭއްވި ގޮތަށް، ރައީސް ސޯލިހު ނިއުޔޯކުގައި ހުންނެވި އަށް ދުވަސް ނުވަތަ 192 ގަޑިއިރުގެ ތެރޭގައި މާ ގިނަ ބައްދަލުވުންތައް ބޭއްވުނީހެވެ.

ރައީސްގެ ނިއުޔޯކު ދަތުރުފުޅުގެ ތެރެއިން މޯދީޖީއާ ބައްދަލުވެވަޑައިނުގަތީ ކީއްވެގެން ބާވައެވެ؟ މިއީ ވެސް ސުވާލެކެވެ. މޯދީޖީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ވޮޝިންޓަންގައި ބައްދަލު ކުރެއްވިއެވެ. އެނޫންވެސް އެތައް ޤައުމެއްގެ ވެރީންނާ މޯދީޖީ ނިއު ޔޯކުގައި ބައްދަލު ކުރެއްވިއެވެ. ނަމަވެސް އިންޑިއާ ފަސްޓް ބެޖު ޖައްސަވައިގެން އެމެރިކާއަށް ވަޑައިގަތް ރައީސް ސޯލިހަށް މޯދީޖީ ލޮލުކޮޅުންވެސް ފެނިވަޑައިގަންނަވާ ގޮތެއް ނުވިއެވެ. އެކަމަކު މޯދީޖީއާ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި ލަންކާ ސަފީރު ދެއްވި ފަރިއްކޮޅެއްގައި ލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަގެ ފައިންޕުޅު ރައީސް ސޯލިހަށް ފެނިވަޑައިގަތެވެ. ޔަގީނެވެ. ކުރީގެ ސަރުކާރުން ކޮންމެވެސް ފަންޏެއް ހެދީ ކަމަށް ވެސް ވެދާނެއެވެ.

އަޅުގަނޑުގެ ޚިޔާލަށް ތަސައްވަރު ކުރެވެނީ ނިއުޔޯކުގެ އަގުބޮޑު ހޮޓަލެއްގެ، ރެއަކަށް އެތައް ހާސް ޑޮލަރެއްގެ ޕްރެޒިޑެންޝަލް ސޫޓެއްގެެ މަޑު އެނދުކޮޅެއްގައި ރައީސް ސޯލިހު އޮންނަވާފައި އ.ދ ގެ އާއްމު މަޖުލީހުގެ ރައީސަށް ކުއްލިއަކަށް ފޯނެއް ކުރައްވާ މަންޒަރެވެ. އެއިރު މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ޝާހިދަށް ގުޅުއްވާފައި ރައީސް ސޯލިހު މިވިދާޅުވަނީ:

"ޝާހިދު އަޅެދެން ނެއްތޯ އަޅުގަނޑާ ބައްދަލު ކޮށްލާނެ ހަމަ އެއްވެސް ވެރިއެއް؟"

ޝާހިދު ވަރަށް މަސައްކަތް ކުރައްވައިގެން ހޯއްދެވުނު ވެރިންނަކީ އެއީއެވެ. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރައްވައިފައި އެމެރިކާއަށް ބޮޑު ދަތުރެއް ކުރައްވާފައި ހުސްއަތާ ވަޑައިގަންނަވަން ނުޖެހުނުކަން ރަނގަޅެވެ. ކާބޯ ވަރޑީގެ ރައީސާ ނަމަވެސް ބައްދަލު ވެއްޖެތާއެވެ.

އަދި އ.ދގެ އާއްމު މަޖުލީހުގެ ރައީސް ޝާހިދާވެސް ރައީސް ސޯލިހު ބައްދަލު ކުރެއްވިއެވެ. ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޝާހިދަށް ދައުވަތުވެސް އެރުވިއެވެ. ދިވެހި ރައްޔިތުން މިހާރު ތިބީ ފޮރިން މިނިސްޓަރު ޝާހިދު ދިވެހި ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އިންތިޒާރުގައެވެ. ކޮން ފަދަ ބޮޑު ޝަރަފެއްތޯއެވެ!

އަދި މިއީ އަޅުގަނޑަށް ކުއްލިއަކަށް ފެނުނު ޓްވީޓެކެވެ. އދގެ އާންމު މަޖިލީހުގެ ރައީސްއާ ރާއްޖޭގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވި ފޮޓޯއެވެ. އަޖައިބުވާހާ ރީއްޗެވެ. އަޅުގަނޑު ހިތަށް ވަނީ "ބާބާޕާޕާ" ކާޓޫން ސީރީޒްމަތިންނެވެ. އެކަމަކު، ގަބޫލްކުރަން ދައްޗަސް، އަދުގެ ހަގީގަތަކީ އެއީއެވެ.

ކޮންމެ ގޮތެއް ވިއަސް ރައީސްގެ ދަތުރުފުޅުގެ ސަބަބުން ހަބުލް ޓެލެސްކޯޕަށް ވެސް ނުހޯދުން ބޮޑު ހަޤީގަަތެއް އިންސާނިއްޔަތަށް ހޯއްދަވައި ދެއްވައިފިއެވެ. ދުނިޔެ ހޫނުކުރާ ބަޔަކީ ޖަނަވާރުން ނޫންކަމާއި އިންސާނުން ކަމަށް މުޅި ދުނިޔެއަށް އިއުލާން ކުރައްވައިފިއެވެ. ހަމައެކަނި މި މުހިއްމު ހޯދުމަށް ބެއްޔަސް ދަތުރުފުޅަށް ހޭދަވި އެތައް މިލިއަން ރުފިޔާގެ އަގު ލިބިއްޖެ ކަމަށް ޤަބޫލް ކުރަން ޖެހެއެވެ. ވަރަށް ކާމިޔާބު ދަތުރުފުޅެކެވެ. ޝުކުރިއްޔާ ހިޒް އެކްސެލެންސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1231

2 Responses

  1. ޢަހުންވެސް އެންމެ ހިނި އައި ކަމަކީ އާއްމު މަޖްލިސްގެ ރައީސް ޢަބްދުﷲޝާހިދަށް ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އެރުވީމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *