...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 11

އެގާރަވަނަ ސިފަ: ހިލްމުވެރިކަން (ނަފްސުގެ މައްޗަށް ގަދަވުން)

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ޙިލްމުވެރިކަމުގެ (ނަފްސުގެ މައްޗަށް ގަދަވުމުގެ) ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ. ސިޔާސީ ލީޑަރުންނަކީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ބަޔެކެވެ. އެފަދަ ވަޤުތުގައި ޙިލްމުވެރިކަން ދޫކޮށް ނަފުސަށް ތަބާވެގެންފިނަމަ ސިޔާސީ މައިދާނުން ފޭލްވުން ގާތްވެގެންވެއެވެ. އިދިކޮޅުން ކުރާ ކަމަކުން ކިތަންމެ ހިތަށް ދަތިކަން ލިބުނުކަމުގައި ވިޔަސް ރުޅި މަތަކޮށް ނަފުސުގެ މައްޗަށް ގަދަވެގަންނަންޖެހެއެވެ. އަދި އިދިކޮޅުން ކުރާ ކަންކަމުގެ މައްޗަށް ޙިލްމުވެރިކަން އިސްކުރާ ވަރަށް ވުރެ ބޮޑަށް ތިމާގެ އަމިއްލަ ޖަމާޢަތުގެ (ޕާޓީގެ) މީހުން ކުރާ ނޭއްގާނީ ކަންކަމުގައި ޙިލްމުވެރިކަން އިސްކުރަން ޖެހެއެވެ. ޚާއްޞަކޮށް އަންނަ ޝަކުވާ އަޑުއެހުމާއި ފިޔަވަޅު އެޅުމުގައިއެވެ. ޙިލްމުވެރިކަމުގެ މިސާލެއް އަޑުއައްސަވާލައްވާށެވެ.

دوسيވަންހައިގެ ބޭކަލަކު ކަމުގައިވާ الطفيل بن عمرو ނަމަކަށް ކިޔުނު ބޭކަލަކު އިސްލާމްވިއެވެ. އަދި އޭނާގެ قوم ގެ މީހުންނަށް اسلام دينއަށް ގޮވުމަށް ހުއްދައަކަށް އެދި ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. އަދި އެހުއްދަ އެގޮތަށް ދެވުނެވެ. ދެން އޭނާ އަށް އޭނާގެ قبيلة ގެ ގާތަށް އެނބުރިގޮސް އެމީހުންނަށް އިސްލާމް ދީނަށް ދައުވަތު އެރުވިއެވެ. ނަމަވެސް އެއިން އެކަކުވެސް އެކަން قبولނުކުރިއެވެ. އެހެންކަމުން އޭނާ އެނބުރި ކީރިތި ރަސޫލާ ﷺ ގެ އަރިހައް ވަޑައިގަތެވެ. އަދި ދެންނެވިއެވެ. دوسي قبيلة މީހުން ނުކިޔަމަންތެރި ވެއްޖެއެވެ. އަދި ދީންقبول ކުރުމަށް އިންކާރު ކޮށްފިއެވެ. ވީމާ އެމީހުންގެ މައްޗަށް ބަދުدعاء ކޮށް ދެއްވާށެވެ. އެހިނދު އެކަލޭގެފާނު ދެއަތްޕުޅު އުފުއްލެވިއެވެ. އަދި دعاء ކުރަން ތައްޔާރުވެވަޑައިގަތެވެ. އެތަން ދެކެފައި މީސްތަކުން ބުނަންފެށިއެވެ. دوسي قبيلة ގެ މީހުން ހަލާކުވެގެން ހިނގައްޖެއެވެ. އެކަލޭގެފާނުގެ دعاء ވަނީ مستجاب ވެގެންނެވެ. އެކަލޭގެފާނު دعاء ކުރަން ފެއްޓެވިއެވެ. ވިދާޅުވިއެވެ. އޭ ހައްދަވާގެންގުޅުއްވާ اله އެވެ. ދައުސް قبيلة ގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ. ދެން އެ صحابى ދެވަނަ ފަހަރަށް އޭނާގެ قبيلة ގެ ގާތަށް ދިޔައެވެ. އަދި اسلام دينއަށް ގޮވިއެވެ. އެފަހަރު އެ قبيلة ގެ އެންމެން އެކުގައި اسلام ވިއެވެ. ދަންނައެވެ. މި مقام ގައި އެކަލޭގެފާނުގެ حلم ވެރިކަން އެވަނީ އިސްކުރައްވައިފައެވެ. (ބުޚާރީ 4131)

އެއް ރެއަކު خليفة عمر بن عبد العزيز ރައްޔިތުންގެ ކަންތައް ބެއްލެވުމަށްޓަކައި ނިކުމެވަޑައިގަތެވެ. އަދި އަރިހުގައި ހަށިފާރަވެރިއަކުވެސް ގެންދެވިއެވެ. ވަޑައިގެންނެވި މަގުމަތީގައި މިސްކިތަކަށް ވަދެވަޑައިގަތެވެ. އަދި އެ މިސްކިތުގައި އަލިކަމެއް ނެތެވެ. އެހެންކަމުން މިސްކިތުގައި ނިދާފައި އޮތް މީހެއްގެ ގަޔަށް އެރުނެވެ. އެހިނދު އެމީހާ ރުޅިއައިސްގެން ބުންޏެވެ. ކަލެއަކީ މޮޔައެއް ހެއްޔެވެ! عمر بن عبد العزيز ވިދާޅުވިއެވެ. ނޫނެކެވެ. އަދި އެ ހިނދު ފުލުސް މީހާ އޭނާއަށް އަދަބެއް ދިނުމަށްޓަކައި ހަރަކާތްތެރިވިއެވެ. ނަމަވެސް عمر بن عبد العزيز ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ. އޭނާ ކުށެއް ނުކުރެއެވެ. އޭނާ ސުވާލުކުރީ ތިމަންނައަކީ މޮޔައެއް ހެއްޔެވެ؟ ތިމަންނަ ނޫނެކޭ ބުނެ جوابދީފީމެވެ. ދަންނައެވެ. މި مقام ގައި عمر بن عبد العزيزގެ ރުޅިވެރިކަމަށް ވުރެ حلم ވެރިކަން އެވަނީ އިސްކުރައްވައިފައެވެ. (މުޚުތަޞަރު މިންހާޖުލްޤާޞިދީން 237)

حلم ވެރިކަމަކީ ކޮބާ؟

އެއީ نفسގެ މައްޗަށް ގަދަވުމެވެ. އަދި ރުޅި ދިރުވައިލުމެވެ. އަދި ނަފުރަތު ލޯތްބަށް ބަދަލުކުރުމެވެ. އަދިނުބައި ކަމުގެ ބަދަލުގައި ހެޔޮކަން އިސްކުރުމެވެ.

حلم ވެރިކަމުގެ ސިފަ الله އަށް ނިސްބަތްވެގެންވެއެވެ. އެއީ حليم ވަންތަ اله އެވެ. އެހެނީ އެ خلق ގެ ތަކުންގެ ފާފަތައް ދެކެދެނެވޮޑިގެންވެއެވެ. އެ اله ގެ އަމުރުތަކަށް އުރެދޭ އުރެދުން ބައްލަވައިވޮޑިގެންވެއެވެ. ނަމަވެސް عذاب ދެއްވުމުގައި އަވަސްވެވޮޑިގެން ނުވެއެވެ. އަދި އަޅުތަކުންނަށް توبة ވުމަށް مدة އަކަށް ފަހު مدةއެއް ދެއްވަމުން ގެންދަވައެވެ. މާތް الله ކުރެއްވިއެވެ. وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ. މާނައީ:- އަދި، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ حليمވަންތަ، ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! (ބަޤަރާ ސޫރަތް 235)

حلم ވެރިކަމުގެ ސިފަ نبى ބޭކަލުންނަށް ވެސް ލިބިގެންވެއެވެ. سيدنا ابراهيم عليه السلام އާ މެދު الله وحي ކުރެއްވިއެވެ. إِنَّ إِبْرَاهِيمَ لَأَوَّاهٌ حَلِيمٌ މާނައީ:- ހަމަކަށަވަރުން، إبراهيمގެފާނީ، دعاءކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ. (ތައުބާ 114)

سيدنا اسماعيل عليه سلام އާ މެދު الله وحي ކުރެއްވިއެވެ. فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ. މާނައީ:- ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި) حلمވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި خبر އެކަލޭގެފާނަށް ދެއްވީމެވެ. (سورة الصافات :101.)

ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންގެ ތެރެއިންވާ އެންމެ حلمވެރިކަން ބޮޑު ސާހިބާއެވެ. މީސްތަކުންގެ ފުށުން ލިބުނު ހުރިހާ އަނިޔާތަކާއި ދުއްތުރާތަކުގެ މައްޗަށް ރުޅިވެތިކަމުގެ ބަދަލުގައި حلمވެރިކަން އިސްކުރެއްވިއެވެ.

حلم ވެރިކަމަކީ الله ގެ ރުއްސެވުން ހާސިލުވާކަމެކެވެ. ކީރިތި ރަސޫލާ ﷺ ބޭކަލަކަށް އިޝާރާތް ކުރެއްވިއެވެ. އެ ޙަދީޘުގައި ވެއެވެ. عَنِ ابْنِ عَبَّاسٍ رَضيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ لأَشَجِّ عبْدِ الْقَيْس: «إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللَّهُ: الْحِلْمُ وَالْأَنَاة» މާތްاللَّه އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّهِ بن عَبَّاسٍ ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ أشَجِّ عبْدِ الْقَيْس އަށް حديث ކުރެއްވިއެވެ. ހަމަކަށަވަރުން ތިބާގެ ހަށިގަނޑުގައި ދެ ޚަޞީލަތްވެއެވެ. އެދެ ޚަޞީލަތަށް اللَّه سبحانه وتعلى ލޯބިވެތިވެވޮޑިގެންވެއެވެ. އެއީ حلم ވެރިކަމާއި އަދި ކަންތައް ނިންމުމުގައި އަވަސްވެނުގަތުމެވެ. (މުސްލިމް 25)

حلمވެރިކަމަކީ ސުވަރުގެ ހާސިލުވާ ކަމެކެވެ. نبي އާ صلى الله عليه وسلم  حديثކުރެއްވިއެވެ.عَنْ مُعَاذِ بْنِ أَنَسٍ رضي اللَّه عنه أَنَّ النَّبِيَّ صَلّى اللهُ عَلَيْهِ وسَلَّم قَالَ: «مَنْ كظَمَ غيظاً وهُو قَادِرٌ عَلَى أَنْ يُنْفِذَهُ، دَعَاهُ اللَّهُ سُبْحانَهُ وتَعالَى عَلَى رُؤُوسِ الْخلائقِ يَوْمَ الْقِيامَةِ حَتَّى يُخَيِّرَهُ مِنَ الْحُورِ الْعِينِ مَا شَاءَ»، މާތް الله ރުއްސުންލެއްވި مُعاذ بْنِ أَنَسގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ބަދަލަށް ބަދަލުހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ހާލުގައިވެސް ބަދަލަށް ބަދަލު ނުހިފާ ރުޅިމަތަކޮށްގަންނަ މީހާ قيامة ދުވަހުން الله سبحانه وتعالى މީސްތަކުންގެ މެދަށް ނެރުއްވަވައި ސުވަރުގެ އިން އެމީހަކު ބޭނުން ވައްތަރެއްގެ حور العين ކަނބަލަކު ގެންދިއުމުގެ ފުރިހަމަ إختيار ދެއްވާނެތެވެ. (އަބޫ ދާވޫދު 4777، އައްތިރްމިޒީ 2021، އަލް ޖާމިޢުއްޞަޢީރް ގައި ޙަސަނުގެ ދަރަޖަ އަލްބާނީ ދެއްވި 6522)

حلم ވެރިކަމަކީ دشمنން އެކުވެރީންނަށް ބަދަލު ކުރެވޭ ސިފައެކެވެ. މާތް الله وحىކުރެއްވިއެވެ. ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ. މާނައީ:- އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާއި އޭނާއާ ދެމެދުގައި عداوةތެރިކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ. (فصلت: 34)

حلم ވެރިކަމުގެ އިދިކޮޅު ސިފައަކީ ރުޅިއިސްކުރުމުގެ ސިފައެވެ. ރުޅިއަކީ نفس ގެ ހަމަޖެހުން ގެއްލިގެންދާ ކަމެކެވެ. އެއީ اخلاقى ހުތުރު ސިފަ އެކެވެ. حديث އެއްގައި ވާރިދުވެފައިވެއެވެ. عَنْ أَبِي هُريْرَةَ رَضيَ اللَّهُ عنهُ أَنَّ رَجُلاً قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أوْصِنِي، قَالَ: «لَا تَغْضَبْ»، فَردَّدَ مِراراً قَالَ: «لَا تَغْضَبْ»، މާތް الله ރުއްސުންލެއްވި أَبو هُريْرَة ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން މީހަކު  ސަލާމާއި ސަލަވާތް ލެއްވި ނަބީކަލޭގެފާނަށް ދެންނެވިއެވެ. (އޭ الله ގެ ރަސޫލާއެވެ.)  ތިމަންނައަށް ކޮންމެވެސް ކަހަލަ ރަނގަޅު وصية އެއް ކޮށްދެއްވާށެވެ. (ދަންނައެވެ. އެހެންރި ވާޔަތެއްގައި މި މީހާ ބުނިކަމަށް ރިވާވެގެންވެއެވެ. އެ ޢަމަލެއްކުރުމުން ފަސޭހަކަމާއެކު ސުވަރުގެއަށް ވަދެވިގެންދާ ފަދަ عمل އެއް ތިމަންނައަށް ބުނެދެއްވާށެވެ. އަދި މާބޮޑަށް އުނދަގޫވާ ކަހަލަ ކަމެއް ކުރުމަށް ތިމަންނައަށް ނުޖައްސަވާށެވެ. އެއިރުން ފަހަރެއްގައި ތިމަންނައަށް އެކަމެއް ނުކުރެވިދާނެއެވެ.) حديث ކުރެއްވިއެވެ. ތިބާ ރުޅި އިސްނުކުރާށެވެ. ރާވީ ވިދާޅުވިއެވެ. މި މީހާއަކީ މާބޮޑަށް ތަންދޮރު ފިލާފައިވާ މީހަކަށް ނުވާތީ ތަކުރާރުކޮށް ތިމަންނައަށް وصية އެއް ކޮށްދެއްވާށޭ ބުނެބުނެ ހުއްޓެވެ. އެއިން ކޮންމެ ފަހަރެއްގައިވެސް އެކަލޭގެފާނު حديث ފުޅު ކުރައްވައެވެ. ތިބާ ރުޅި އިސްނުކުރާށެވެ. (ބުޚާރީ 6116)

ރުޅިވެރިކަމުގެ ދެވައްތަރުވެއެވެ. އެއީ حقގޮތުގައި އަންނަ ރުޅިއާއި باطل ގޮތުގައި އަންނަ ރުޅިއެވެ. حق ރުޅިއަކީ الله حرام ކުރައްވާފައިވާ ކަމަކަށް އަރައިގަނެވޭތަން ދެކޭ ހިނދު އެކަމަށް އިންކާރުކޮށް އަންނަ ރުޅިއެވެ. އެގޮތުން ކޮންމެ އަނިޔާވެރިކަމަކާ ދެކޮޅަށް އިސްކުރާ ރުޅިވެސް އޭގެތެރޭގައި ހިމެނެއެވެ. އެއާއި خلاف އަށް އިސްކުރެވޭ ރުޅިއަކީ باطل ގެ ރުޅި އެކެވެ.

ރުޅީގެ ފަރުވާ

އެކެއް: أَعْوذُ بِاللّهِ مِنَ الشَّيْطَانِ الرَّجِيمِ ކިޔުމެވެ. عَنْ سُلَيْمانَ بْنِ صُرَدٍ رَضِيَ اللَّهُ عَنْهُ قَالَ: كُنْتُ جَالِساً مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَرَجُلَانِ يَسْتَبَّانِ، وَأَحدُهُمَا قَدِ احْمَرَّ وَجْهُهُ وَانْتفَخَتْ أَوْدَاجُهُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنِّي لَأَعْلَمُ كَلِمةً لَوْ قَالَهَا لَذَهَبَ عنْهُ مَا يَجِدُ، لَوْ قَالَ: أَعْوذُ بِاللّهِ مِنَ الشَّيْطَانِ الرَّجِيمِ ذَهَبَ عنْهُ مَا يَجِدُ»، فَقَالُوا لَهُ: إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «تَعَوَّذْ بِاللِّهِ مِنَ الشَّيْطَان ِالرَّجِيمِ»، މާތް الله ރުއްސުންލެއްވި سُلَيْمان بْنِ صُرَد ގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. (އެއްދުވަހަކު) ތިމަންނަ ކީރިތި ރަސޫލާ ﷺގެ އަރިހުގައި އިށީނދިގެން އިނީމެވެ. އަދި ދެމީހަކު ހަޑިހުތުރު އެއްޗެހި ގޮވާ ހެދި މަންޒަރު ދުށީމެވެ. އަދި އެތަނުން އެކަކު ހުރީ ރުޅި އައިސްގެން ގޮސް މޫނުގެ ކުލަ ރަތްވެފައެވެ. އަދި ކަރުގެ ނާރުތައް ހުރީ ފުއްޕައިގެން ގޮސްފައެވެ. ފަހެ (އެ މަންޒަރު ދެކެވަޑައިގެންފައި) ކީރިތި ރަސޫލާ ﷺ އަރިހުގައި ތިއްބެވި ބޭކަލުންނަށް حديثކުރެއްވިއެވެ. ތިމަންކަލޭގެފާނަށް އެފަދަ ކަލިމައެއް އެބައެނގެއެވެ. އެމީހާ އެކަލިމަ ކިޔައިފިއްޔާ އޭނާގެ ރުޅި ވަގުތުން މަޑުވެގެން ހިނގައިދިޔައީހެވެ. އޭނާ أعوذ بالله من الشيطان الرجيم ކިޔައިފިނަމަ އޭނާގެ ރުޅި ވަގުތުން މަޑުވެގެން ހިނގައިދާނެއެވެ. މިހެން حديث ކުރެއްވުމުން އަރިހުގައި ތިއްބެވި ބޭކަލުން އެމީހާއި ދިމާލަށް ބުނެފޫއެވެ. ކީރިތި ރަސޫލާ ﷺ މިހިރަ حديث ފުޅުކުރައްވަނީ ތިބާ أعوذ بالله من الشيطان الرجيم ކިއުމަށެވެ. (ބުޚާރީ،މުސްލިމް)

ދޭއް: ހުރި ހަރަކާތުން އެހެން ހަރަކާތަކަށް ބަދަލުކުރުމެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. «إِذَا غَضِبَ أَحَدُكُمْ وَهُوَ قَائِمٌ فَلْيَجْلِسْ، فَإِنْ ذَهَبَ عَنْهُ الْغَضَبُ وَإِلَّا فَلْيَضْطَجِع»، މާނައީ:- ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއަތުވެއްޖެނަމަ، އެހިނދު އެމީހަކުހުރީ ކޮޅަށްކަމުގައިވަނީނަމަ ފަހެ އިށީންނާށެވެ. ފަހެ ރުޅި މަޑުވެގެން ނުގޮސްފިނަމަ ފަހެ އޮށޯންނާށެވެ. (އަޙްމަދު10565، އަބޫދާވޫދް 4782، މިޝްކާތުލް މަޞާބީޙުގައި އަލްބާނީ ޞައްކަމަށް ވިދާޅުވި 5114)

ތިނެއް: ބުނެވެއެވެ. وضوء ކުރުން ނުވަތަ ފެންވެރުމެވެ. ދަނެއު، މި މަޢުޟޫޢުގެ ދަށުން ލިޔެކިޔަވޭ ޙަދީޘެއް އޮވެއެވެ. ނަމަވެސް އެއީ ބަލިކަށި ޙަދީޘެކެވެ. ސަމާލުކަމަށްޓަކައި އެ ޙަދީށް އިޝާރާތް ކޮށްލާނަމެވެ. އެއީ އަންނަނިވި ޢިބާރަތެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. «إن الغضب من الشيطان، وإن الشيطان خلق من النار، وإنما تُطْفَأ النار بالماء، فإذا غضب أحدكم فليتوضأ». މާނައީ:- ހަމަކަށަވަރުން ރުޅި ވަނީ شيطان އާގެ ކިބައިންނެވެ. އަދި ހަމަކަށަވަރުން شيطان އާ އުފެދިފައިވަނީ އަލިފާނުންނެވެ. އަދި ހަމަކަށަވަރުން އަލިފާން ނިއްވާލާ އެއްޗަކީ ފެނެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ރުޅި އަތުވެއްޖެނަމަ ފަހެ وضوء ކުރުންހުއްޓެވެ. (އަބޫދާވޫދް 4784، މިޝްކާތުލް މަޞާބީޙުގައި އަލްބާނީ ވިދާޅުވީ ޟަޢީފު ޙަދީޘެއްކަމަށެވެ. 5113)

އިސްވެ ބަޔާންކުރެވުނު ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމަށް އަލް މުޙައްދިޘް އަލްބާނީ ވިދާޅުވިއެވެ. އެހެންކަމުން ވުޟޫ ކުރުމަކީ ރުޅީގެ ފަރުވާއެއް ކަމަށް އެ ޙަދީޘުން ސާބިތުނުކުރެވެއެވެ. ނަމަވެސް ވުޟޫކުރުމަކީ އޭގެ ޒާތުގައި ފައިދާ ހުރި ކަމަކަށް ވާތީވެ ވުޟޫކުރުމުގައި ހުރަހެއްނުވެއެވެ.

ހަތަރެއް: ތިމާގެ نفس އަށް حلم ވެރިވާން ދަސްކޮށްދީން އެކަމަށް ތަމްރީނުލި ބިގަތުމެވެ. އެއީ ރުޅީގެ އެންމެ ބޮޑު ފަރުވާއެވެ.

މީގެ އިތުރުން ވެސް ބައެއް ކަންތައްތައް ކުރުމަށް އިލްމުވެރިން އިރުޝާދު ދެއްވާފައިވެއެވެ. އެގޮތުން ހަނުހުރުމާއި، الله ގެ ގުދުރަތްތެރިކަން ހަނދާނަށް ގެނައުމާއި މީސްތަކުންނަށް މާފުކުރުކުރުމާއި ރުޅިމަތަކުރުމުގެ މައްޗަށް ހުރި ދަރުމަ ހަނދާނަށް ގެނައުމާއި، الله ގެحضرةން ހިލްމުވެރިކަން ލިބުމަށް އެދުމާއި އަދި ރުޅިމަތަކުރުމުގެ ތައުފީގަށްއެދި ދެންނެވުން ފަދަ ކަންކަން ހިމެނެއެވެ.