Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 10

ދިހަ ވަނަ ސިފަ: އެހެންމީހުންނަށް އިސްކަން ދިނުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ އެހެން މީހުންނަށް އިސްކަން ދިނުމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

އެހެން މީހުންނަށް އިސްކަން ދިނުމަކީ ކޮބައިހެއްޔެވެ؟

އެހެން މީހުންނަށް އިސްކަންދިނުމަކީ ތިމާގެ ބޭނުމަށްވުރެ އެހެން މީހުންގެ ބޭނުމަށް އިސްކަންދިނުމެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»، މާނައީ: މާތް الله ރުއްސުންލެއްވި أَنَسގެ ފާނު ކީރިތި ރަސޫލާ ﷺ ގެ ކިބައިން ރިވާކުރެއްވެވިއެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. ތިމާގެ އަމިއްލަ ނަފްސަށް އެދޭ ފަދަ ރަނގަޅު ގޮތްތައް ތިމާގެ أخا އަށްޓަކައި ނޭދޭހާ ހިނދެއްގައި ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. (ބުޚާރީ 13، މުސްލިމް 45)

އެހެން މީހުންނަށް އިސްކަން ދިނުމުގެ ބައެއް ނަމޫނާ

يرموك ހަނގުރާމައިގައި حذيفة العدوي ނަމަކަށް ކިޔުނު صحابى ބޭކަލަކު އެބޭކަލަކުގެ ބޮޑުބޭބެގެ ދަރިކަލަކުފެނޭތޯ ލަޝްކަރު އެއްވި މައިދާނަށް ވަޑައިގަތެވެ. އަދި އެބޭކަލަކު ފެނިއްޖެނަމަ ފެންފޮދެއް ދޭނަމޭ ހިތާ އެކުގައި ފެންފޮދެއްވެސް ގެންދެވިއެވެ. އެމައިދާން ހޯއްދަވަމުން ގެންދަވަނިކޮށް ދެކެވަޑައިގަތީ އެބޭކަލަކު ޒަޚަމްވެފައި ވަނިކޮށެވެ. އަދި އެބޭކަލެއްގެ އަރިހުން ފެންފޮދެއް ހިތްބަވާނެތޯ ސުވާލު ކުރެއްވިއެވެ. އެބޭކަލަކު "އާނއެކޭ" ވިދާޅުވިއެވެ. އަދި އެބޭކަލަކު ފެންފޮދު ހިތްޕަވަން ތައްޔާރުވިތަނާ ދުރުން ބޭކަލަކު "އައްދިޔޯއި އޭ" ގޮވާލި އަޑު އިވިވަޑައިގަތެވެ. އެހިނދު ފެންފޮދު ނުހިއްޕެވިއެވެ. އަދި އެބޭކަލެއްގެ ކާރިއަށް ވަޑައިގެން އެބޭކަލަށް ފެންފޮދު ދެއްވުމަށް އިޝާރާތް ކުރެއްވިއެވެ. ދެން ފެންފޮދު ހިފައިގެން އެބޭކަލެއްގެ ކައިރިއަށް ދެވުނުއިރު އެއީ މާތް الله ރުއްސުންލެއްވި هشام بن العاص އެވެ. އަދި އެބޭކަލަކަށް ފެންފޮދު ދޭން ތައްޔާރުވިތަނާ ދުރުން އެހެން އެބޭކަލަކު ގޮވާލިއަޑު އިވުނެވެ. އެހެންކަމުން އެބޭކަލަކު ވެސް ފެންފޮދު ނުހިއްޕެވިއެވެ. އަދި އެއަޑު އުފުލި އެބޭކަލެއްގެ ކައިރިއަށް ގޮސް އެބޭކަލަކަށް ފެންފޮދު ދިނުމަށް އިޝާރާތް ކުރެއްވިއެވެ. ފެންފޮދު ހިފައިއިގެން އެބޭކަލެއްގެ ކައިރިއަށް ދެވުނުއިރު އެބޭކަލަކު އަވަހާރަވެއްޖެއެވެ. ދެން އަވަސްއަވަހަށް އެނބުރި هشام بن العاص ގެ ކައިރިއަށް އައިއިރު އެބޭކަލަކު އޮންނެވީ އަވަހާރަވެފައެވެ. ދެން އެއަށްވުރެ ހަލުއިކޮށް ބޮޑުބޭބެގެ ދަރިފުޅު ކައިރިއަށް ދިޔައިރު އެބޭކަލަކު ވެސް އޮތީ އަވަހާރަވެފައެވެ. (ނަޞަބުއްރާޔާ 2/372) (انا لله وانا اليه راجعون) މިއިން ދޭހަވަނީ އެއިން ކޮންމެ ބޭކަލަކުވެސް ތިމާގެ نفسއަށްވުރެ އިސްކަން ދެއްވީ ތިމާގެ أخا އަށް ކަމަށެވެ.

އެއްފަހަރަކު ބޭކަނބަލަކު ކީރިތި ރަސޫލާ ﷺ އަށް ރިދާއެއް هدية ކުރެއްވިއެވެ. އަދި އެވަގުތަކީ އެކަލޭގެފާނަށް އެފަދަ ރިދާއަކަށް ނުހަނު ބޭނުންވެފައި ވީ ވަގުތެކެވެ. އެހެންކަމުން އެކަލޭގެފާނު އެރިދާ ތުރުކުރެއްވިއެވެ. އަދި اصحابންގެ ތެރެއިން ބޭކަލަކަށް އެރިދާ ފެނުނެވެ. އަދި ވިދާޅުވިއެވެ. އޭ الله ގެ رسول އެވެ. ތިޔަ ރިދާކޮޅު ކިހާ ރީތި ހެއްޔެވެ! ތިޔަ ރިދާ ތިމަންނައަށް ދެއްވަންވީ ނޫންހެއްޔެވެ؟ އެހިނދު ކީރިތި ރަސޫލާ ﷺ އެރިދާ ބޭއްލެވުމަށްފަހު އެ صحابى އަށް ދެއްވިއެވެ. އެކަމުގެ މައްޗަށް އެ صحابى އާ މެދު ބައެއް اصحاب ން ހިތްޕުޅު ހަމަނުޖެހުނެވެ. އަދި އެ صحابى އަށް ވިދާޅުވިއެވެ. ތިބާ އެރިދާކޮޅު ކީރިތި ރަސޫލާ ﷺ ތުރުކުރެއްވުމަށް ދޫކުރެއްވިނަމަ ކިހާ ރަނގަޅު ވީހެއްޔެވެ؟ އެކަލޭގެފާނު ވަނީ އެފަދަ ރިދާއަކަށް ނުހަނު ބޭނުންފުޅުވެފައެވެ. އެ صحابى ވިދާޅުވިއެވެ. މާތް الله ގަންދީ ހުވާކޮށް ބުނަމެވެ. ތިމަންނަ އެރިދާކޮޅު ހޯދީ ތިމަންނަ ބޭނުންކުރާކަށް ނޫނެވެ. ތިމަންނަ އެހޯދީ ތިމަންނަގެ ކަފުނަށް ބޭނުންކުރުމަށެވެ. (ބުޚާރީ 6036)

އިސްކަންދިނުމުގެ ވައްތަރުތައް

1-މީސްތަކުންގެ ރުހުމަށްވުރެ ބޮޑަށް މާތް اللهގެ ރުއްސެވުމަށް އިސްކަންދިނުން.

ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކުގައްޔާއި ކުރައްވާ ކަންތަކުގައި މީސްތަކުންގެ ރުހުމަށްވުރެ ބޮޑަށް މާތް اللهގެ ރުއްސެވުން ލިބޭތޯ މަސައްކަތް ކުރަން ޖެހެއެވެ. ސިޔާސީ ލީޑަރެއްގެ ކާމިޔާބަކީ އެއީއެވެ. އެއިރުން ކުރާއެއްވެސް ކަމެއްގައި ލިބޭ ނަތީޖާއެއްގެ މައްޗަށް ދެރެވެ ހިތާމަކުރާކަށެއް ނުޖެހޭނެއެވެ. މާޔޫސް ކަމެއް ނުލިބޭނެއެވެ. އަދި ކިއެއްތަ! މުސްލިމަކުނަމަ އެންމެ އިސްކަމެއްދޭނީ ވެސް މާތް الله ގެ ރުއްސެވުމަށެވެ. މާތް الله ރުއްސުންލެއްވި معاوية بن أبي سفيان ސިޓީފުޅެއް މާތް الله ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ފޮނުއްވިއެވެ.އަދި ވިދާޅުވިއެވެ. ކަމަނާތިމަން ކަލޭގެފާނަށް ވަޞީއްޔަތެއް ލިޔުއްވާށެވެ.އަދި ދިގުނުކުރައްވާށެވެ. އެހިނދު އެކަމަނާ ލިޔުއްވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރައްވަނިކޮށް  ތިމަންއަޑުއެހީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «مَنِ الْتَمَسَ رِضَا اللَّهِ بِسَخَطِ النَّاسِ رَضِيَ اللَّهُ عَنْهُ وَأَرْضَى عَنْهُ النَّاسَ، وَمَنِ الْتَمَسَ رِضَا النَّاسِ بِسَخَطِ اللَّهِ سَخِطَ اللَّهُ عَلَيْهِ وَأَسْخَطَ عَلَيْهِ النَّاسَ» މާނައީ:- މީހަކު މީސްތަކުން ނުރުހުނު ކަމުގައިވިއަސް الله ގެ ރުއްސެވުން އެދިގެން (ކަމެއް ނިންމައިފިނަމަ) އެމީހަކަށް الله ގެ ރުއްސެވުން ލިބެއެވެ. އަދި މީސްތަކުންގެ ރުހުންވެސްލިބެއެވެ. އަދި މީހަކު الله ނުރުއްސެވި ކަމުގައިވިއަސް މީސްތަކުންގެ ރުހުން އެދިގެން (ކަމެއް ނިއްމައިފިނަމަ) އެމީހަކަށް الله ނުރުއްސަވައެވެ. އަދި މީސްތަކުންގެ ރުހުންވެސްނުލިބެއެވެ. (އިބްނު ޙައްބާން 276، އަލްބާނީ ޞައްޙަކަމަށް ވިދާޅުވި)

2-ދުނިޔެއަށްވުރެ އާޚިރަތަށް އިސްކަންދިނުން

މީހަކަށް އާޚިރަތަށް އިސްކަން ދެވޭ ކަމުގެ އެންމެ ބޮޑު ދަލީލަކީ އެމީހަކު ދުނިޔަވީ ކަންތައް މަދުކުރުމެވެ. (މުރާދަކީ އެކަމުގެ ސަބަބުން އެހެން މީހުންނަށް ފުރުޞަތު ބޮޑުކުރުމެވެ. އެހެން މީހުންނަށް އިސްކަން ދިނުމެވެ.) عَنِ عَبْدِ اللهِ بْنِ مَسْعُودٌ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اسْتَحْيُوا مِنَ اللَّهِ حَقَّ الْحَيَاءِ»، قَالَ: قُلْنَا: يَا رَسُولَ اللهِ إِنَّا لَنَسْتَحِي وَالْحَمْدُ لِلَّهِ، قَالَ: «لَيْسَ ذَلِكَ، وَلَكِنَّ الاسْتَحْيَاءَ مِنَ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظِ الرَّأْسَ وَمَا وَعَى، وَالْبَطْنَ وَمَا حَوَى، وَلْتَذْكُرِ الْمَوْتَ وَالْبِلَى، وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا، مَنْ فَعَلَ ذَلِكَ فَقَدِ اسْتَحْيَا مِنَ اللَّهِ حَقَّ الْحَيَاءِ» މާތް الله ރުއްސުންލެއްވި عبد الله بن مسعودގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. الله އަށް ލަދުވެތިވުން حق ގޮތުގައި ލަދުވެތިވާށެވެ. ތިމަންމެންދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެން الله އަށް ލަދުވެތިވަމެވެ. އެކަމަށްޓަކައި الله އަށް حمد ހުއްޓެވެ. حديث ކުރެއްވިއެވެ. الله އަށް حق ގޮތުގައި ލަދުވެތިވުމަކީ ތިޔަބައިމީހުން ތިޔަ ދެކޭގޮތެއްނޫނެވެ. ނަމަވެސް الله އަށް حق ގޮތުގައި ލަދުވެތިވުމަކީ (الله ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމުންނާއި އެކަލާނގެފިޔަވައި އެހެންފަރާތަކަށް ސަޖިދަ ކުރުމުންނާއި ކަންދެއްކުމަށް ނަމާދުކުރުމުންނާއި އެކަލާގެ ނޫން އެހެން ފަރާތަކަށް ލެބިގަތުމުން) ބޯރައްކާތެރިކުރުމާއި އަދި ބޮލާއި ގުޅިފައިވާ (ލޮލާއި ދުލާއި ކަންފަތް ފަދަ) ގުނަވަން ތަކުން ހުއްދަނޫން ކަންތައްތައް ނުކުރުމެވެ. އަދި ޙަރާމް ތަކެތީން ބަނޑު ރައްކާތެރި ކުރުމާއި އަދި ބަނޑާ ގުޅިފައިވާ ގުނަވަންތަކުން އެބަހީ ފަރުޖާއި ފަޔާއި އަތާއި ހިތުގެ ގުނަވަނުން ފާފަނުކުރުމެވެ. އަދި މަރު ހަނދާން ކުރުމާއި އަދި ތިމާ މަރުވެފައި ޤަބުރުގައި ފަނާވެފައި އޮންނާނެ ގޮތުގެ ސޫރަ ހިތަށް ގެނައުމެވެ. އަދި آخرة އެދޭ މީހާ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލުމެވެ. ފަހެ މިކަންތައްތައް ކޮށްފި މީހާ الله އަށް حق ގޮތުގައި ލަދުވެތިވެގެންފިއެވެ. (ތިރްމިޒީ 2458، ޙަސަނުގެ ދަރަޖަ އަލްބާނީ ދެއްވި އަލް ޖާމިޢުއްޞަޢީރް 935)

3-ބައެއް ފަހަރު ތިމާގެ މުދަލުން އެހެން މީހުންނަށް އިސްކަންދިނުން

އެއްފަހަރަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ މީހަކު އައެވެ. އަދި ކާއެއްޗަކަށް އެދުނެވެ. އެހިނދު ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ގެއަށް ކާއެއްޗެއް ހޯދުމަށް ފޮނުއްވިއެވެ. ނަމަވެސް ފެންފިޔަވައި އިތުރު އެއްޗެއް އެކަލޭގެފާނުގެ ގެއަކު ނެތެވެ. ދެން ކީރިތި ރަސޫލާ ﷺ اعلان ކުރެއްވިއެވެ. މިމީހާގެ މިރޭގެ މެހުމާން ދާރީ އާއި حوال ވާނީ ކާކު ހެއްޔެވެ؟ އެހިނދު انصارى ބޭކަލުންގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ތިމަންނަ އެކަމާ حوال ވެގެންފީމެވެ. ދެން އެމީހާ ގޮވައިގެން ގެއަށް ވަޑައިގަތެވެ. އަދި އަނބިމީހާ ކުރެން އެއްސެވިއެވެ. ކަބުލޭގެ އަތުގައި އެމީހާއަށް ދޭނެ ކާއެއްޗެއް އެބަވޭ ހެއްޔެވެ؟ އެކަބުލޭގެ ދެންނެވި އެވެ. ކުދީންނަށް ކިރިޔާ ފުދޭވަރުގެ ކާއެތިކޮޅެއް ނޫނީ އިތުރު އެއްވެސް އެއްޗެއް ނެތެވެ. އެ صحابى އެންގެވިއެވެ. ކުދީން ލޮއްސަވާ ނިންދަވާ ލާށެވެ. އަދި އެކާއެތިކޮޅު މެހުމާނަށް ތައްޔާރު ކުރައްވާށެވެ. އަދި އެމެހުމާނު ކާން އިށީނުމުން ވޮތް ނިންވާށެވެ. އަދި އެގޮތަށް ކަންތައް ކުރެވުނެވެ. އެ صحابى އިންނެވީ އެ އަނދިރިކަމުގެ ތެރޭގައި އޭނާވެސް ކަނީ ކަމަށް ހަދާހަދާ ހަފާއަޑު އަގައިން އިއްވަ އިއްވައެވެ. އެންމެ ފަހުން އެމެހުމާނު ބަޑުފުރާ ކައި ނިންމިއެވެ. އަދި އެ صحابى އާއި އޭނާގެ އަންހެނުންނާއި ކުދީން  ބަނޑުހައި ހޫނުކަމުގައި މުޅި ރޭގަނޑު ހޭދަ ކުރެއްވިއެވެ. ފަތިސް ވުމުން އެ صحابى ގޮވައިގެން އައި މެހުމާނު ކީރިތި ރަސޫލާ ﷺ އަރިހަށް ވަޑައިގަތެވެ. އަދި ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ރޭގައި ތިބާގެ ދެމަފިރިކަބަލުން އެމެހުމާންދާރީ އަދާ ކުރެއްވެވި ގޮތާމެދު الله ރުއްސަވާ ވޮޑިގަތެވެ. ދެން އެކަމުގެ މައްޗަށް ކީރިތި قران ގެ آية  ބާވާ ލެއްވުނެވެ.) وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (سورة الحشر: 09. މާނައީ:- އަދި އެއުރެންގެ ކުރީގައި، المدينةގައި ވަޒަންވެރިވެ، إيمانކަމުގައި قائمވެތިބި أنصارން، އެއުރެންގެ ގާތަށް هجرةކުރި مهاجرންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجرންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصارން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفسގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.

އިސްކަން ދޭން ނުޖެހޭ ކަންތައްތައް (ނުވަތަ އިސްކަން ދޭން ޖެހޭ ޝަރުތުތައް)

  1. ތިމާގެ ދިރިއުޅުމަށް ހުރަކަށް ވާގޮތަށް އެހެން މީހަކަށް އިސްކަންދިނުމެއްނުވެއެވެ.
  2. ތިބާގެ ވަގުތު ބޭކާރުވެގެންދާގޮތަށް އެހެން މީހަކަށް އިސްކަންދިނުމެއްނުވެއެވެ.
  3. އަޅުކަމެއްގެމައްޗަށް ނުވަތަ ހެޔޮކަމެއްގެމައްޗަށް އެހެން މީހަކަށް އިސްކަންދިނުމެއްނުވެއެވެ.

4.އިސްކަންދެވޭ ކަމަކީ ޙަރާމް ކަމެއް ނުވަތަ މަކްރޫހަ ކަމެއްކަމުގައިނުވުމެވެ.

އެހެން މީހުންނަށް އިސްކަންދިނުމުން ލިބޭ ފައިދާތައް:

  1. الله ގެ ޘަނާ ޙާޞިލުވުން
  2. الله ގެ ލޯބިލިބުން
  3. އީމާންކަން ފުރިހަމަވުމަށް މަގުފަހިވުން
  4. މުޙައްމަދު ނަބީކަލޭގެފާނުގެ އަޚްލާޤުން ސިފަލިބުން
  5. ދުނިޔެމަތީން ރީތި ޘަނާ ލިބުން
  6. ރީތި އަޚްލާޤް ލިބުން
  7. ރިޒުޤުގައި ބަރަކާތްލެއްވުން
  8. އިޖުތިމާޢީ ގުޅުން ބަދަހިވުން