...

Support Us

ޢީސާގެފާނުގެ ޤައުމަކީ ކޮބާ!

ކީރިތި ޤުރްއާނަކީ އިންސީންނަށާއި ޖިންނީންނަށް ގޮންޖައްސަވާ ބާވައިލައްވާފައި ފޮތެކެވެ. މާތްﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ! މާތްﷲ އިންސީންނަށާއި ޖިންނީންނަށް ގޮންޖައްސަވައި ވަޙީ ކުރެއްވިއެވެ. ((وَإِن كُنتُمْ فِي رَ‌يْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَ‌ةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُواالنَّارَ‌ الَّتِي وَقُودُهَا النَّاسُ وَالْحِجَارَ‌ةُ أُعِدَّتْ لِلْكَافِرِ‌ينَ- البقرة: 23-24- މާނައީ: ތިމަން ރަސްކަލާނގެ އަޅާއަށް (އެބަހީ:محمدގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآنއާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާ ފަދަ سورةއެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّهފިޔަވައި ތިޔަބައިމީހުންނަށް نصرދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަންގޮވައި، ގެނެސްބަލާށެވެ. ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ- އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެކުރެވޭނެއެވެ. (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافرންނަށްޓަކައެވެ.))

ކީރިތި ޤުރްއާނުގައި އައިސްފައިވާ ކޮންމެ ކަލިމައަކަށް ބެއްޔަސް އެއިންވެސް ފެންނަނީ މި ނުކުޅެދުންތެރިކަމެވެ. އެ ކަލިމައިގެ އިސްތިއުމާލުގެ މުހިއްމު ކަމެވެ. އެއިން ދޭހަވާ މާނައިގެ ހިމުންކަމެވެ.

މިސާލެއްގެ ގޮތުން ((قَوْمُ)) ނަގަމާ ހިނގާށެވެ. ކީރިތި ޤުރްއާން ކަށަވަރުކޮށްދޭ ގޮތުގައި ޢީސާގެފާނަށް ޤައުމެއް ނެތެވެ. އެހެން ނަބިއްޔުންނަށް ބަލާއިރު އެބޭކަލުންގެ ޤައުމުތަކާ މުޚާޠަބު ކުރައްވާފައި ވަނީ يا قوم (އޭ ޤައުމުގެ މީހުންނޭ) ވިދާޅުވެއެވެ. މިއީ ކީރިތި ޤުރްއާނުގެ ބަހަވީ މުޢުޖިޒާތެކެވެ. ސުބްޙާނަﷲ!

  • ނޫހުގެފާނާ ބެހޭގޮތުން ވަޙީ ކުރެއްވިއެވެ. ((لَقَد أَرسَلنا نوحًا إِلىٰ قَومِهِ فَقالَ يٰقَومِ اعبُدُوا اللَّهَ ما لَكُم مِن إِلٰهٍ غَيرُهُ- الأعراف: 59 – މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ.))
  • ހޫދުގެފާނު ވިދާޅުވިއެވެ. ((وَإِلىٰ عادٍ أَخاهُم هودًا ۚ قالَ يٰقَومِ  اعبُدُوا اللَّهَ ما لَكُم مِن إِلٰهٍ غَيرُهُ -هود: 50– މާނައީ: އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް، އެއުރެންގެ أخ هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ))
  • ޞާލިޙުގެފާނު ވިދާޅުވިއެވެ. ((وَإِلىٰ ثَمودَ أَخاهُم صٰلِحًا ۚ قالَ يٰقَومِ اعبُدُوا اللَّهَ ما لَكُم مِن إِلٰهٍ غَيرُهُ – هود:61– މާނައީ: އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ صالح ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.))
  • ލޫޠުގެފާނު ވިދާޅުވިއެވެ. (وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِنَ الْعَالَمِينَ – الأعراف:80– މާނައީ: އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟))

ހުރިހާ ނަބީބޭކަލުންނާ ބެހޭގޮތުން ބަސްފުޅުތައް އައިސްފައި ވަނީ މި ގޮތަށެވެ. މޫސާގެފާނު އެ ކަލޭގެފާނުގެ ޤައުމަށް ގޮވައިލައްވާފައި އާޔަތްތައް ވަރަށް ގިނައެވެ. މިސާލަކަށް މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَإِذ قالَ موسىٰ لِقَومِهِ يٰقَومِ إِنَّكُم ظَلَمتُم أَنفُسَكُم بِاتِّخاذِكُمُ العِجلَ فَتوبوا إِلىٰ بارِئِكُم – البقرة: 54– މާނައީ: އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް توبة ވާށެވެ!))

މޫސާގެފާނުގެ ޤައުމަކީ ބަނީ އިސްރާއީލު ބާގައިގެ މީހުންނެވެ. ނުވަތަ އިސްރާއީލުންގެ ދަރީންގެ ޤަބީލާތަކެވެ.

ޢީސާގެފާނު ވެސް ރަސޫލުކަމައިގެން ފޮނުއްވުނީ އިސްރާއީލުގެ ދަރީންގެ ގާތަށެވެ. އެހެނަސް އެއީ އެކަލޭގެފާނުގެ ޤައުމުކަމަކަށް ކީރިތި ޤުރްއާން ބުނެފައެއް ނުވެއެވެ. ކިއްވެގެން ހެއްޔެވެ؟

ޢީސާ ބިން މަރްޔަމުގެފާނުގެ ޙާލަތު ތަފާތެވެ.

ޢީސާގެފާނުގެ ނުވަތަ އަލްމަސީޙުގެ ނަންފުޅާއެކު (ޤައުމު) އައިސްފައެއް ނުވެއެވެ. އެކަލޭގެފާނުގެ ޚިޠާބުފުޅުގައި (އަހުރެންގެ ޤައުމު) އޭ ވިދާޅުވެފައިވާ ތަނެއް ޤުރްއާނަކުން ނުފެނެއެވެ. އެކަލޭގެފާނު ޤައުމޭ ވިދާޅުނުވެ ވިދާޅުވެފައި ވަނީ (ބަނީ އިސްރާއީލު)ންނޭވެ! ނުވަތަ އިސްރާއީލުގެ ދަރީންނޭވެ! އެވެ.

އަލްމަސީޙު ވިދާޅުވިއެވެ. ((وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ -المائدة: 72– މާނައީ: އަދި المسيح ވިދާޅުވިއެވެ. އޭ އިސްރާއީލު ގެދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ!))

އެހެން އާޔަތެއްގައި ވެއެވެ. ((وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ- الصف: 6– މާނައީ: އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ.))

މިމޭރުމުން ބަލާއިރު އެންމެ އާޔަތެއްގައި ވެސް ޢީސާގެފާނުގެ ޤައުމެކޭ ބުނާ އާޔަތެއް ނެތެވެ. (ޤައުމު) އާއެކު ޢީސާގެފާނުގެ ނަންފުޅު އައިސްފައިވާ ހަމައެކަނި އާޔަތަކީ އައްޒުޚްރުފު ސޫރަތުގެ 57ވަނަ އާޔަތެވެ. އެ އާޔަތަކީ ((وَ لَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ الزخرف: 57– މާނައީ: مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ.)) މި ބަސްފުޅުގައި އައިސްފައިވާ (ޤައުމު) އަކީ ޢީސާގެފާނުގެ ޤައުމުގެ ވާހަކައެއް ނޫނެވެ. އެއީ (ކަލޭގެފާނުގެ އެބަހީ: މުޙައްމަދުގެފާނުގެ) ޤައުމުގެ ވާހަކައެވެ. މި އާޔަތުގައި ޚިޠާބު ކުރެވޭ ފަރާތަކީ ކީރިތި ރަސޫލާ ﷺ އެވެ.

މި ވާހަކަތަކުން އެނގެނީ ޢީސާގެފާނަށް ޤައުމެއް ނުވާ ކަމެވެ. ސިއްރަކީ ކޮބައި ހެއްޔެވެ؟ ޢީސާގެފާނުގެ މައިކަމަނާއާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކުގައި އެ ކަމަނާ އެކަމަނާގެ ޤައުމަށް ނިސްބަތް ކުރެވިފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا – مريم: 27– މާނައީ: ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކައިގެންނެވެ.))

އެހެނަސް ޢީސާގެފާނު އެއްވެސް ޤައުމަކަށް ނިސްބަތް ކުރައްވައިފައެއް ނުވެއެވެ. ޢީސާގެފާނަށް ޤައުމެއް ނެތީ ހެއްޔެވެ؟ އާދެ! އިންސާނާ އަބަދުވެސް ނިސްބަތް ކުރެވެނީ އޭނާގެ ބައްޕައަށެވެ. ބައްޕަ ކޮންމެވެސް ޤަބީލާއަކަށް ރަށަކަށް ނުވަތަ ޤައުމަކަށް ނިސްބަތް ވާނެއެވެ. ދަރި ނިސްބަތް ވާނީ އެ ޤައުމަކަށެވެ. އެ ރަށަކަށެވެ. އެ ޤަބީލާއަކަށެވެ.

ނޫޙުގެފާނު ނިސްބަތްވެ ވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ބަފައިކަލުންގެ ޤައުމަށެވެ. އިބްރާހީމުގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ އެކަލޭގެފާނު ބަފައިކަލުން އާޒަރުގެ ޤައުމަށެވެ. ޤައުމަށް ނިސްބަތް ކުރެވެނީ މި ގޮތަށެވެ. މިހެންވެ މިތާނގައި އުފެދޭ ސުވާލަކީ ޢީސާގެފާނު ނުވަތަ އަލްމަސީޙު ނިސްބަތް ވަނީ ކާކަށް ހެއްޔެވެ؟

އެއްވެސް ޝައްކެއްނެތް ގޮތުގައި ޢީސާގެފާނު އެއްވެސް ޤައުމަކަށް ނިސްބަތްވެގެން ނުވެއެވެ. އެކަލޭގެފާނުގެ އުފަންވެ ވަޑައިގަތުމަކީ މުޢުޖިޒާތެކެވެ. ދުނިޔެއަށް ވަޑައިގަތީ ބަފައިކަލަކާ ނުލައެވެ. އެހެންވީމާ އެކަލޭގެފާނު އިސްރާއީލުގެ ދަރީންނަށް ނިސްބަތެއް ނުކުރެވޭނެއެވެ. މިހެންވެ "ތިމަންކަލޭގެފާނުގެ ޤައުމު" އޭ ވިދާޅެއް ނުވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ "އޭ އިސްރާއީލުގެ ދަރީންނޭވެ!" އެވެ.

ކީރިތި ޤުރްއާނުގައި މި ވަނީ އެ ޙަޤީޤަތެވެ. ކީރިތި ޤުރްއާން ބަޔާންކުރާ މި ޤަވާޢިދުން އިސްތިސްނާވެފައިވާ އެންމެ ޙާލަތެއް ވެސް ނެތެވެ.

މި މަންޠިޤުން ބަލާއިރު އާދަމުގެފާނުގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟ ކުޅަދުންވަންތަ ރަސްކަލާނގެ އާދަމުގެފާނު ހެއްދެވީ ބައްޕައަކާއި މަންމައަކާ ނުލައެވެ. އެކަލޭގެފާނު ހެއްދެވީ ވެލީންނެވެ. އާދަމުގެފާނުގެ ޤައުމުގެ ވާހަކަ ޤުރްއާނުގައި އައިސްފައިވޭ ހެއްޔެވެ؟

ކީރިތި ޤުރްއާނުގައި އާދަމުގެފާނުގެ ޤައުމުގެ ވާހަކައެއް ނެތެވެ. އެހެނަސް ކީރިތި ޤުރްއާނުގައި އައިސްފައި ވަނީ އާދަމުގެފާނުގެ ބޭފުޅުން (އާދަމުގެދަރީން)ގެ ވާހަކައެވެ. މި އިން ވެސް ޤުރްއާނުގެ އިޢުޖާޒު ހާމަވެގެން ދެއެވެ.

ބައްޕައަކާނުލައި މާތްﷲ ދެ މީހަކު ހައްދަވާފައި ވެއެވެ. އެއީ އާދަމުގެފާނާއި ޢީސާގެފާނެވެ.މި ޙަޤީޤަތް ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آدَمَ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ – آل عمران: 59– މާނައީ: ހަމަކަށަވަރުން، اللَّه ގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ.))

އާދަމުގެފާނާއި ޢީސާގެފާނުގެ ނަންފުޅު އެކުއެކުގައި ވާރިދުވެފައިވާ ހަމައެކަނި އާޔަތަކީ މި އާޔަތެވެ.

ކީރިތި ޤުރްއާނުގެ އިޢުޖާޒަށް ބައްލަވާލައްވާށެވެ! ބުނާނީ ކީކޭތޯއެވެ. سبحان الله ނޫންތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *