...

Support Us

ނުރައްކާތެރިކަން ބޮޑު ހަތިޔާރު ނެތް ސަރަޙައްދަކަށް މެދުއިރުމަތި ހަދަންޖެހޭ: ސަލްމާން ރަސްގެފާނު 

ނުރައްކާތެރިކަން ބޮޑު ހަތިޔާރުނެތް ސަރަޙައްދަކަށް މެދުއިރުމަތި ހެދުމަށް ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ރޭ ދުނިޔެއަށް ގޮވައިލައްވައިފިއެވެ. ސަލްމާން ރަސްގެފާނު މި ކަމަށް ގޮވައިލެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އދގެ ޢާއްމު ޖަމްޢިއްޔާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ބެހޭ އެއްބަސްވުމަށް އީރާނުން ކަށަވެތިނުވާތީ އެކަމާމެދު ރިޔާޟް ކަންބޮޑުވާ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެއްކަމަށް ބުނާބުނުމާއި ޢިރާނުގެ ޢަމަލުތަކާ ތަޢާރުޟުވެއެވެ.

ނަފުރަތްތެރިކަމާއި އެކަހެރިކަމުގެ މަތީގައި ބިނާކޮށްފައިވާ ޙައްދުފަހަނަޅައިދިޔުމުގެ ފިކްރާއި އިންސާނުންނާއި ވަޠަނު ފުޑުފުޑުކޮށް ހަލާކު ކުރާ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ސުޢޫދީން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް ސުޢޫދީ ރަސްގެފާނު ވިދާޅުވިއެވެ.

"ނިރުބަވެރި ޖަމާޢަތްތަކަށް އެހީވާ ނުވަތަ ޙިމާޔަތްދޭ ފަރާތްތަކާ ދެކޮޅަށާއި ހަލަބޮލިކަން ފަތުރާ ތަންތަން ހަލާކުކުރާ އެންމެހާ ވަސީލަތްތަކާ ދެކޮޅަށް ތެދުވުމަށް" ސަލްމާން ރަސްގެފާނު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދުގައި މިހާރު ބޭއްވެމުންދާ "ފުރަތަމަ ވާހަކަދެއްކުންތައް" ކާމިޔާބުވުމަށް އޭނާ އެދިވަޑައިގަންނަވައެވެ. ބައިނަލްއަޤްވާމީ ޝަރްޢީ ޤާނޫނުތަކަށް ޢަމަލުކުރުމާއި، ދާޚިލީ ކަންތައްތަކާ ނުބެހުމާއި، ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުމާއި، ނިރުބަވެރި ޖަމާޢަތްތަކަށާއި މިލިޝިޔާ ޖަމާޢަތްތަކަށާއި، މަޒްހަބީ ޖަމާޢަތްތަކަށް ވާގިވެރިވުމާ ދުރުހެލިވުން މަތީގައި ބިނާކުރެވޭ ގުޅުމެއް ޤާއިމުކުރުމަށް ބޭނުންވާ އިތުބާރު ބިނާކުރުމަށް ޓަކައި މި ބޭއްވެމުންދާ ވާހަކަދެއްކުންތަކުން ފާހަގަ ކުރެވޭ ފަދަ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ ގެ ޢާއްމު ޖަމްޢިއްޔާގެ 76ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. "ބޮލިސްޓިކް މިސައިލުންނާއި ޑްރޯނުންނާއި ލޯންޗު ބޮންތަކުން ދިފާޢުވުމުގެ ޝަރްޢީ ބާރަކީ އަހުރެންގެ ޤައުމަށް ވެސް ލިބިފައިވާ ޙައްޤެކެވެ."
ސަލްމާން ރަސްގެފާނު ވަރަށް ބާރުލައްވައި ވިދާޅުވިއެވެ. "ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތެއްގެ ސަރަޙައްދުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމުކޮށްދޭ ދާއިމީ ޢަދްލުވެރި ޙައްލެއް ހޯދަން ވަނީ ޖެހިފައެވެ. "ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި މި ދައުލަތުގެ ވެރިރަށަކަށް އިރުމަތީ ޤުދްސު ވާންޖެހޭނެއެވެ.

ސަލްމާން ރަސްގެފާނު ފާހަގަކުރެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާއަކީ އދ ގެ ބާނީންގެތެރޭގައި ހިމެނޭ ޤައުމެކެވެ. ބައިނަލްއަޤްވާމީ ޞުލްޙައާއި އަމްނު ރައްކައުތެރިކުރުމަށް ޓަކައި ސޮއިކުރެވިފައިވާ ސޭން ފްރޭންސިސްކޯގެ މުޢާހަދާގައި ސުޢޫދީ ޢަރަބިއްޔާއިން ހިފަހައްޓަމުންދާކަމަށް ރަސްގެފާނު ވިދާޅުވިއެވެ. އަރާރުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށާއި ޤައުމުތަކުގެ ސިޔާދަތަށާއި މިނިވަންކަމަށް އިޙްތިރާމު ކުރުމަށާއި ޤައުމުތަކުގެ ދާޚިލީ މަސްއަލަތަކާ ނުބެހުމަށް މި މުޢާހަދާ ގޮވައިލާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ބައިނަލްއަޤްވާމީ މުޖްތަމަޢާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރަން ޖެހިފައިވާކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނު ކޮރޯނާ ޖާއިޙާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ކޮރޯނާއިން ސާބިތުވެ އެނގުނީ ދެމެހެއްޓެނިވި ދުޅަހެޔޮކަމަކަށް ޓަކައި ޖަމާޢީ ގިއުގަނޑެއްގެތެރޭގައި އެއްބާރުލާން ޖެހިފައިވާ ކަމެވެ." ކޮރޯނާ ވަބާއިން އަރައިގަތުމަށް ޓަކައި ބައިނަލްއަޤްވާމީ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ސުޢޫދީ ޢަރަބިއްޔާއިން 500 މިލިއަން ޑޮލަރު ދީފައިވާނެކަން އޭނާ ހާމަކުރެއްވިއެވެ. އަދި ޤައުމުތަކުން ކޮރޯނާ ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީވުމަށް ޓަކައި އިތުރު 300 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

ސުޢޫދީ ރަސްގެފާނު ވިދާޅުވިގޮތުގައި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ފެންވަރުގައި ސުޢޫދީ ޢަރަބިއްޔާއަކީ 2021 ގައި އެންމެ ބޮޑަށް އިންސާނީ އެހީއާއި ތަރައްޤީއަށް އެހީވެދިން ޤައުމެވެ. އެ ރަސްގެފާނު ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް އެހީވެދިން ތިންވަނަ ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރަމުންދާ ނުބައި އަސަރުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. "ރިޔާޟުން ސަރަޙައްދަށާއި ދުނިޔެއަށް ބޭނުންވާ އިސްނެގުންތަކެއް ވަނީ ނަގައިފައެވެ. އޭގެތެރޭގައި ފެހި ސުޢޫދިޔާގެ އިސްނެގުމާއި ފެހި މެދުއިރުމަތީގެ އިސްނެގުމާއި ކާރބަން އިޤްތިޞާދު ކުރުމާ ބެހޭ އިސްނެގުން ވެއެވެ."

ސުޢޫދީ ރަސްގެފާނު އެ ޤައުމުގެ 2030ގެ ތަޞައްވުރާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި މި ތަޞައްވުރުގެ އަމާޒަކީ ފާގަތިކަން ތަނަވަސްކޮށްދިނުމާއި މިހާރަށްވުރެ މާތް އިޤްތިޞާދީ ޞިނާޢަތެއް ޤާއިމު ކުރުމެވެ. މި ކަމުގެ ސަބަބުން ސުޢޫދީ އިޤްތިޞާދު މޫލަވެރި އިޤްތިޞާދަކަށްވެ ދުނިޔެއާއެކު އެއްބާރުލާ މުޖްތަމަޢަކަށް ސުޢޫދީ މުޖްތަމަޢު ހެދުމެވެ. މި ތަޞައްވުރާ އެއްގޮތަށް ވޭތުވެދިޔަ ފަސް އަހަރުގެތެރޭގައި ވަރަށް ބޮޑު ރާސްތާއެއް ކަޑައްތު ކުރެވިފައިވާ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ސިޔާސަތުގައި ސުލްޙަ މަސަލަސްކަމަށާއި ހަމަޖެހުންމަތީގައި ޤައުމުތައް އޮތުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ވާހަކަދެއްކުމަށާއި ސުލްޙަވެރި ޙައްލެއް ގެނައުމަށް މަސައްކަތް ކުރުމަށް އިސްކަންދެއެވެ. ދާއިމީ ތަރައްޤީއަށާއި ޤައުމުތަކުގެ ރައްޔިތުން މިއަދަށްވުރެ ރަނގަޅު މާދަމާއަކަށް ޓަކައި ކުރާ މަސައްކަތަށް ތާއީދުކޮށް ހިތްވަރުދޭ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.