Support Us

ރަންކިޔުން- ސަގާފަތަށް އަންނަ ޒަމާނީ ބަދަލެއް

ކައިވެނީގެ ރަނުގެ މިންވަރު ކަނޑައަޅާ ބުނުމަށް މީގެ ކުރިން ޚާއްޞަ ހަފުލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތައް ބާއްވާ އުޅުމަކީ ދިވެހީންގެ ސަގާފަތުގައި އޮތްކަމެއް ނޫނެވެ. އެކަމަކު މިހާރު ތަފާތެވެ. ރަންކިޔުން މިހާރު ވެފައި ވަނީ ކައިވެންޏާ ގުޅިގެން އެންމެ ފުރަތަމަ ބާއްވާ އަދި އެންމެ ކުލަގަދަ އެއް ހަފުލާއަށެވެ. އެއީ ދެ ފަރާތުގެ ޢާއިލާގެ އެންމެ ގާތް މީހުން ބައިވެރިވާ ވަރަށް ތާރީޚީ ވަގުތުކޮޅެކެވެ.

ރަންކިޔުމަކީ އިންނަން އުޅޭ ފިރިހެން މީހާ، އަންހެން މީހާއަށް ޝަރުޢީ ގޮތުން ދޭންޖެހޭ ފައިސާ ނުވަތަ މުދަލުގެ މިންވަރު އަންހެން މީހާ ކަނޑައަޅާ ބުނުމެވެ. މިކަން މީގެކުރިން ކުރާގޮތް މިއޮތީ ބަދަލުވެފައެވެ. ނޫނީ މި ދަނީ ބަދަލުވަމުންނެވެ. ކުރީ ޒަމާނުގައި ރަންކިޔަމުން އައީ ފިރިހެން މީހާ ފޮނުވާ ދެ ހެކިވެރިއަކު އަންހެން މީހާ ކައިރިއަށް ގޮސް، އެ ކައިވެންޏަށް އެދި މިވެނި މީހަކު ފޮނުވައިގެން ރަންކިޔުވަން އައި ވާހަކަ ބުނުމުން އަންހެން މީހާ ރަން ކިޔާގޮތަށެވެ. އެ ވަގުތަކީ އަންހެން މީހާ ކައްކަން ބަދިގެތެރޭގައި އުޅޭ ވަގުތަކަށް ވެދާނެއެވެ. ފެންވަރައިގެން ނުކުންނަ ވަގުތަކަށް ވެސް ވެދާނެއެވެ. ކުނިކަހަން ނޫނީ އެއްޗެހި ދޮންނަން އުޅޭ ވަގުތަކަށް ވެސް ވެދާނެއެވެ. އޮފީހުން ގެއަށް އަންނަ ގަޑިއާ ވެސް ދިމާވެދާނެއެވެ. ފިރިހެން މީހާއާމެދު ރުހޭ ކަމަށް ވާނަމަ ހެކިވެރިން ކޮންމެ ވަގުތަކު އަޔަސް އަންހެން މީހާ ރުހޭ ބަސްދީ ރަންކިޔައެވެ.

ރަންކިޔުމަކީ ރަށުތެރެއަށް އެ ކައިވެނީގެ ޚަބަރުތައް ފެތުރެން ފަށާ ހިސާބެވެ. އޭގެ ކުރިން ދެ މީހަކު ލޯބީގެ ގޮތުން ކިތަންމެ ދުވަހަކު ގުޅިގެން އުޅުނަސް މުޖުތަމަޢުން އެހާ ސީރިއަސް ވާހެނެއް ހިޔެއް ނުވެއެވެ. ތެޔޮނާށި ކާޅު ޖަހައިގަލެއް ގިނަކަމުން ކަމަށް ވެސް ވެދާނެއެވެ.

ޒަމާނީ ރަންކިޔުމުގެ ހަފުލާ އަންނަނީ ދިވެހި ސަގާފަތަށް ފެންދެމުންނެވެ. ރަން ކިޔުމުގެ ހަފުލާތަކުގެ އެންމެ ޚާއްޞަ ސިފައަކީ ދިވެހި ސަގާފީ ހެދުމުގައި އެ ހަފުލާ ބޭއްވުމެވެ. ޒަމާނާ އެއްގޮތަށް ބޭރުގެ ވައްޓަފާޅިތަކަށް ކައިވެނި ޕާޓީތައް ބަދަލުވެފައިވާ ދުވަސްވަރެއްގައި ރަންކިޔުމުގެ ހަފުލާތައް މިގޮތަށް ބޭއްވުމަކީ ހެޔޮ ފާލެކެވެ. ރަންކިޔާ ހަފުލާތައް ދިވެހީންގެ ސަގާފީ ހެދުމެއްގައި ބޭއްވުމަށް ދިވެހި ޒުވާން ޖޯޑުތައް އިސްނެގުމަކީ އުފާކުރަންޖެހޭ ކަމެކެވެ. އަންހެންވެރިން ދިވެހި ލިބާހާއި ދިގު ހެދުން ނުވަތަ ފާސްކުރި ހެދުމުގައެވެ. ފިއްތިބުރިއާއި ހެދުންބުރިއާއި ކަނޑިއްކާއި ފޭލީގައެވެ. ފިރިހެންވެރިން ފޭއްޔާއި މުންޑާއި ދިވެހިވަންތަ ގަމީހުގައެވެ. ރަންކިޔާ ހަފުލާތައް ސަގާފީ ހެދުމެއްގައި ބޭއްވުމަކީ ދިވެހީން ދިވެހި ސަގާފަތަށް ލޯބިކުރާކަމުގެ ހެއްކެކެވެ. އަދި މިއީ ބޭރުން ފެންނަ ކަންކަން ދިވެހި ވައްޓަފާޅިއާ އެއްގޮތަށް ދިވެހީންނަށް ބަލައިގަންނަން އެނގޭކަމުގެ ހެއްކެކެވެ. މިގޮތުން ވެސް ދިވެހީންގެ ތެރޭގައި ކުރެވޭ ކައިވެނިތަކުގެ އުމުރު ދިގުވެ ވަރި މަދުވެ އާއިލާތައް ބާއްޖަވެރި ވެއްޖެނަމަ އެއީ އަދި މާ ފައިދާ ހުރި ކަމެކެވެ. އެކަން އެނގޭނީ ތަންކޮޅެއް ފަހުންނެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

ފޮޓޯތައް: މީސްމީޑިއާއިން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނަމުން 100ޕަސެންޓް މުސްލިމް މި ގައުމުގައި އާގޮތަކަށް ކަމެއްކުރާއިރު އެންމެ ފުރަތަމަ ބަލަންޖެހެނީ އެއީ އިސްލާމްދީނުގާ ހުއްދަ ކަމެއްތޯ. އެހެން ނޫނީ އެކަމެއް ކޮށްގެން ނުވާނެ. ހުޓުވަންޖެހޭ ފަރާތްތަކުން ހުއްޓުވަންވެސް ޖެހޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *