...

Support Us

ފައިސާ އަޅާ ގަހުގެ ވާހަކަ

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހާލިއެވެ. ދުވަސް ގަނޑެއްކޮށްލާފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި ކަލާމުކޮށް ހާލުއަހުވާލު ބަލައިލަން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟

ނުރުހުމުގެ ޗޮކެއް ކަނޑާލާފައި މަލާމާތުގެ ރާގެއްގައި ހައްވަ ދައިތަ ބުންޏެވެ. ހާލުއަހުވާލު ބަލާލަން ރައްޓެހިން އަންނަނީ ފަސްއަހަރުން އެއް އަހަރު ދޯއެވެ؟ މިދިޔަ އަހަރު، ތަގޭ ބަލިވެ، ދެންމެ ދެންމެ މަރުވެދާނެހެން ހީވެގެން އުޅުނު އިރު، އަދި ރަށު އެންމެން މިގެއަށް ތަގޭ ހާލު ބަލަން އައިރު މާރިނު ކޮބާ ހެއްޔެވެ؟ މާރިނު އުޅުނީ ހަމަ ގަދަފަދަކޮށް ހެޔޮހާލުގަ ނޫން ހެއްޔެވެ؟ އެގޭން މިގެއަށް އަންނަން ފަސް މިނިޓަށް ވުރެ ގިނައިރެއް ނުނަގާނެއެވެ. އެދުވަހު ނައިސްފައި މާރިނުގެ މިއަދުގެ ތި އައުމަކީ ރަހުމަތްތެރިކަމުގެ ޒިޔާރަތެއް ކަމުގައި މަށެއްވާ ގަބޫލެއް ނުކުރާނަމެވެ.

ހައްވަދައިތަގެ ވާހަކަ އަޑުއަހާލާފައި އަލިފުޅުބޭ ކުޑަކޮށް ވިސްނާލިއެވެ. އަދި، އިތުރު އެއްޗެއް ބުނުމުގެ ކުރިން، މާޒީގެ ދުވަސްތަކުގެ މަތިން ހަނދާންކޮށްލިއެވެ.

އަލިފުޅާއި މާރިނަކީ އެއްދުވަސްވެރެއްގެ އެއް އުމުރެއްގެ ދެމީނުންނެވެ. ކުޑައިރުގެ ދެ ރައްޓެހިންނެވެ. އިސްކޫލުގައި ވެސް އުޅުނީ ވަރަށް ގާތްކޮށެވެ. އުޅެބޮޑުވީ އެކުގައެވެ. ހަޔާތުގެ ކަންތައް ނިޔާކުރި ގޮތުން، އަލިފުޅުބޭ އުޅުނީ ރަށުގައި މަހަށްދާށެވެ. ރަށު އިސްކޫލު ނިންމާފައި މާރިނު ދިޔައީ މާލެއަށް އިތުރަށް ކިޔަވާށެވެ. އަދި އެއަށް ފަހު ބޭރަށް ގޮސް ކިޔަވައިގެން މޮޅުވެގެން، އަހަރުތަކެއްކޮށްފައި ރަށަށް އެނބުރި އައެވެ. އަދި، ރަށު އޮފީހުގައި މަސައްކަތް ކުރަން ފެށިއެވެ. އޭރު ރަށު ބޮޑު ކަތީބަކަށް ހުރީ މާރިނު މަންމަ ފަރާތު ތިމާގެ މީހެއް ކަމަށް ވުމުން، ރަށު އޮފީހުން ރަނގަޅު ވަޒީފާއެއް ހޯދުމަކީ މާ އުނދަގޫ ކަމަކަށް މާރިނަކަށް ނުވިއެވެ. ދެން، އޮފީހުގައި މަސައްކަތްކުރަމުން އައިސް، ވަޒީފާގެ ކުރިއެރުން ލިބި، އެންމެ ފަހުން ރަށުގެ ކަތީބުކަން ވެސް ލިބުނެވެ. އަދި، އޮފީހުގައި ސާޅީހަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، މުސްކުޅިވުމުން، އިސްތިއުފާދީ ވަޒީފާ ދޫކޮށްލީއެވެ. ވަޒީފާއިން ވަކިވިއިރު، މިހާރު، ރަށު އެންމެން ވެސް ކިޔާ ގޮތުންނަމަ، މާރިނުބޭ ހުރީ ވަރަށް ބޮޑު މަހުޖަނަކަށް ވެފައެވެ. މިލިޔަނުން މިލިޔަނުން ރުފިޔާއާއި ޑޮލަރާއި ފައުނު މާރިނުބޭގެ ގޭގައި ބަހައްޓާފައި ހުންނަ ތިޖޫރިއެއްގައި ރައްކާކުރެވިފައި ހުރި ކަމުގެ ވާހަކަ ރަށުތެރޭ އެންމެން ވެސް ދައްކައެވެ.

އަލިފުޅުބޭ ވެސް މިހާރު ހަތްދިހައިގެ އަހަރުތަކަށް އެޅިފައި ހުރިއިރު، މަސްވެރިކަން ދޫކޮށްލާފައި ގޭގައި އަންހެނުންނާއެކު އުމުރުގެ އަސުރުގެ ޒަމާނުގެ ދުވަސްތައް ގުނަމުންދަނީއެވެ. މުސްކުޅިންނަށް ސަރުކާރުންދޭ ފައިސާއާއި ދަރިންގެ ވެސް އެހީގައެވެ. މާބޮޑު ތަނަވަސް ކަމެއް ނެތް ނަމަވެސް، ސަލާން ނުޖަހާ، ހިތް ހަމަޖެހިގެން އުޅެވޭ ވަރުވެއެވެ.

މާރިނުބެއާއި އަލިފުޅުބެއަކީ ކުޑައިރުގެ ރައްޓެހިން ކަމުގައި ވިޔަސް، ބޮޑުވެ މީހުނާ އިނދެ ކުދިން ލިބި، ދިރިއުޅުމެއް ފެށިގެން ދިޔަ ދުވަސްވަރު، ދެމީހުންގެ ދާއިރާ ތަފާތުވުމުން އެކަކު އަނެކަކާ މާ ބޮޑު ގުޅުމެއް ބޭއްވޭ ގޮތެއް ނުވެއެވެ. ރުޅިއަކުންނޭނެވެ. ދާއިރާ ތަފާތުވެފައި، އަދި، ފަހުން، ދެމީހުންގެ އިޖުތިމާހީ ހާލަތާއި މުޖުތަމައީ މަގާމުވެސް ތަފާތުވުމުންނެވެ. މަހުން ފައިބައިގެން އަންނައިރު، އަތިރިމަތިން ފެންނަ ފަހަރެއްގައި ނިތްއަރުވާލުމުގެ އިތުރުން މާބޮޑު ވާހަކައެއް އަލިފުޅުބޭ މާރިނަކާ ނުދައްކައެވެ. އަލިފުޅުބޭމެންގެ ގެއަކީ ވަރަށްވެސް އާދައިގެ ގެއަކަށް ވުމުން އެގެއަކީ، މާރިނު މެންފަދަ ރަށުގެ ވެރިންނާއި ފައިސާވެރިން އާންމުކޮށް ޒިޔާރަތްކޮށް އުޅޭ ގެއަކަށް ވެސް ނުވެއެވެ.

ކޮންމެ އަކަސް ހައްވަދައިތަގެ ސުއާލާ މެދު، އަލިފުޅުބޭ ވިސްނާލިއެވެ. އޭނާ އެބުނީ ދޮގެއް ނޫނެވެ. މިގެއަކީ މާރިނު އެއްގޮތަކަށް ވެސް އައިސް އުޅޭ ގެއެއް ނޫނެވެ. އަލިފުޅުބެ ހިތާހިތާ ބުންޏެވެ. އެހެންވެ، ހައްވައަށްވެސް އެބުނި އެއްޗެއް ބުނެވިދާނެތާއެވެ؟ ދެން، ހައްވަދައިތައާ މުޚާތަބުކޮށް އަލިފުޅުބޭ ބުންޏެވެ. އާނއެކެވެ! މާރިނު މިއަދު އައީކީ ކޮންމެހެން ހާލުއަހުވާލު ބަލާލައި ކަލާމުކޮށްލާކަށް ނޫނެވެ. ރަށުގެ ހުރިހާ ގެއަކަށް އެނގެންޖެހޭ މުހިއްމު ވާހަކައެއް އަންގައިދޭށެވެ. އިހަށް ދުވަހު ރަށުގެ ބޯހިމެނުން ކުރިއަށް ގެންދިޔައިރު، ރަށުގެ މުއްސަނދިކަމާއި ތަނަވަސްކަން ހުރީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން، ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަތުގައި ހުރީ ކިހާ ފައިސާއެއްކަން ބުނަން ޖެހުނު ނޫން ހެއްޔެވެ؟ އެހެންވެ، މާރިނު ވެސް އޭނާ އަތުގައި ހުރި ފައިސާގެ ވާހަކައާއި އެ ފައިސާ ގުނައި އަދަދުކޮށް، އެ އަދަދު ބޯހިމެނުމުގެ ފޯމުގައި ލިޔުނެވެ. ވަރަށް ވެސް ތެދުވެރިކަމާއެކު، އޭނަގެ އަތުގައި، ފައިސާގެ ދެތިން ވައްތަރަކުން ސަތޭކަ މިލިޔަން ހުރި ވާހަކަ ލިޔުނެވެ. ރުފިޔާއިންނާއި ޑޮލަރުންނާއި އަދި ފައުނުންވެސް ސަތޭކަ މިލިޔަން ހުރި ވާހަކަ އޭނާ ހާމަކުރިއެވެ.

އަލިފުޅުބޭގެ ވާހަކަ އަޑުއަހައިފައި ހައްވަދައިތަ ބުންޏެވެ. ދެން މިގެއަށް އައިސް، ތަގޭ ގާތު އެވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި އަލިފުޅު ބުންޏެވެ. އޭނާ އަންނަން ޖެހުނީ މިހެން ވެގެންނެވެ. އޭނާ އަތުގައި ހުރި ފައިސާގެ އަދަދުތައް ބޮޑު ކަމުން، ބޯހިމެނުމުގައި މަސައްކަތް ކުރާ އޮފިޝަލުން ވިދާޅުވީ، ބޯހިމެނުމުގެ މައުލޫމާތުތައް އާންމުކުރުމުން، އެހާ ގިނަ ފައިސާ މާރިނު ހޯދި ގޮތަކާ ބެހޭ ގޮތުން، ރަށުގެ މީހުން ފާޑުފާޑުގެ ވާހަކަދައްކަން ފަށާފާނެކަމެވެ. އެހެންވެ، ބޯހިމެނުމުގެ މައުލޫމާތުތައް އާންމުކުރުމުގެ ކުރިން، ރަށު އެންމެންގެ ބުއްދި ވެސް ގަބޫލުކުރާނޭ ފަދަ ގޮތެއްގައި، މާރިނު އެ ފައިސާ ހޯދީ ކިހިނެއްކަން ރަށުގެ ކޮންމެ ގެއަކަށް ގޮސް ކިޔައިދިނުމަށް ބޯހިމެނުމުގެ މަސައްކަތްކުރި އޮފިޝަލުން މާރިނަށް ލަފާދިނެވެ. އެހެންވެ، މިގެއަށް ވެސް އައިސް އަހަންނަށް އެވާހަކަ ވަރަށް ރަނގަޅަށް ސާފުކޮށް ކިޔައިދިނީއެވެ. އަހަރެންގެ ބުއްދި ގަބޫލުކުރާ ގޮތަކަށެވެ. މާރިނުބޭ އެގެއަށް އަންނަން ޖެހުނު ގޮތުގެ ހަގީގީ ސަބަބު، ހައްވައަށް އަލިފުޅުބޭ ކިޔައި ދިނެވެ.

އެހެން ވެއްޖިއްޔާ މާރިނު އެފައިސާ ހޯދީ ކިހިނެއް ހެއްޔެވެ؟ އަހަރެން ގާތުވެސް އަޅެ ނިކަން ބުނެބަލާށެވެ. އޭރުން އަހަރުމެންގެ ފުތަކަށް ވެސް، ހަލާލު ގޮތުގައި ފަސޭހައިން ފައިސާ ހޯދައި މުއްސަނދިވެވިދާނޭ ގޮތް ކިޔައި ދެވޭނެ ނޫން ހެއްޔެވެ؟ ހައްވަދައިތަ އަލިފުޅުބޭ ގާތު ބުންޏެވެ.

ދެން އަލިފުޅުބޭ ބުންޏެވެ. މާރިނުގެ ވާހަކައިގެ ޚުލާސާއަކީ އޭނާގެ ނަސީބު ރަނގަޅުވުމެވެ. އޮފީހުގައި މަސައްކަތް ކުރަމުން، ލިބޭ މުސާރައިން ދެކޮޅު ޖެއްސެނީ ހަމަ ކިރިޔާއޭ އޭނާ ބުންޏެވެ. އެހެންވެ، އިތުރު އާމްދަނީ އެއް ހޯދުމުގެ ގޮތުން ކޮންމެ ވެސް ކަމެއް ކުރުމުގެ ފިކުރު ކުރި ވާހަކަ މާރިނު ބުންޏެވެ. ނަމަވެސް، އޮފީހުގައި މަސައްކަތްކޮށްފައި ދެން އިތުރު ކަމެއް ކުރާނޭ ވަގުތެއް ނޯންނަ ކަމަށް ވެސް މާރިނު ބުންޏެވެ. ދެން އެހެން އުޅެނިކޮށް އެއްރެއަކު މާރިނަށް ހުވަފެނެއް ފެނުނީއެވެ. އެ ހުވަފެނުގައި ފަގުޑިއެއް އަޅުއްވައިގެން ހުންނެވި ބޭކަލަކު އިރުޝާދުދެއްވީ ގޭގައި ފައިސާގެ ތިން ގަސް އިންދުމަށެވެ. ރުފިޔާ އަޅާ ގަހަކާއި ޑޮލަރުއަޅާ ގަހަކާއި ފައުނުއަޅާ ގަހެކެވެ. ދެން އެގޮތަށް އޭނާ ކަންތައް ކުރިއެވެ. އަދި މިތިން ގަސްވީ އަހަރު ދެކޮޅު ވިހާ މީހަކަށް ވުރެވެސް ރަނގަޅަށް ދުވާލު ދެކޮޅު މޭވާ ގަންނަ ތިންގަހަށެވެ. ދެން، މާރިނު ކޮންމެ ދުވަހަކު ހެނދުނު ތެދުވެފައި ތިން ގަހުން ފައިސާގެ މޭވާ ބިނދެއެވެ. ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަދި އޮފީސް ނިންމާފައި އައިސް، ހަވީރުވެލުމުން، އަނެއްކާވެސް ތިންގަހުން މޭވާ ބިންނަނީއެވެ. ހަމަ ރުފިޔާއާއި ޑޮލަރާއި ފައުނެވެ. އަހަންނަށް އެތަނުން ގަހެއްގެ ފޮޓޯއެއްވެސް ދެއްކިއެވެ. ދެން، ސަރުކާރުގެ ވަޒީފާއިން އިސްތިއުފާދޭން ދެން، މިގޮތަށް، ފައިސާގެ އެ ތިންގަހުން ފައިސާ ބިނދެ ފައިސާ އެއްކުރީއެވެ. އަދި، ގެއަށް ތިޖޫރިއެއް ގެނެސް ގަސްތަކުން ލިބުނު ހުރިހާ ފައިސާއެއް ރައްކާކޮށްފައި ބެހެއްޓީއެވެ. މާރިނު ކިޔައިދިން ގޮތުގައި، ވަރަށް ވެސް އަޖައިބުކުރުވަނިވި ކަމެއް ދިމާވިއެވެ. އޮފީހުގެ ވަޒީފާދޫކޮށްލާފަ އައި ދުވަހު، ތިން ގަސް ވެސް ހުރީ މިލާ މޯޅިވެފައެވެ. ފަތްތަކާ ގޮފިތައް ވެސް މުޅިން ހިކި، އަނަރޫފަވެފައެވެ. ދެން އެންމެ ފަހުން، ތިންގަސް ވެސް މަރުވީއެވެ. ނަމަވެސް، މާރިނު އުފާވެސް ކުރިއެވެ. ސަބަބަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި، ފައިސާ ބިނދެ އެއްކުރެވުނީތީއެވެ. އަދި، އޭނާގެ ތިޖޫރީގައި ކޮންމެ ވައްތަރަކުން ސަތޭކަ މިލިޔަން ޖަމާކުރެވުނީތީއެވެ. ދެން، އަހަންނަށް ވެސް ވިސްނުނެވެ. ހައްވަދައިތަ ގާތު އަލިފުޅުބޭ ބުންޏެވެ. މާރިނު މުއްސަނދިވީ ފައިސާގެ މިގަސްތަކުން ލިބުނު ފައިސާގެ މޭވާއިންތާއެވެ. މާރިނު ކަންތައް އެކުރީ ރަނގަޅަށެވެ. މިވާހަކަ ރަށު އެންމެނަށް ކިޔައިދިނުމުން މާރިނު މުއްސަނދިވީ ގޮތް އެންމެނަށް ވެސް ސާފުވާނެއެވެ. އަދި، މާރިނު މުއްސަނދިވުމުގައި އެއްވެސް ގޯހެއް ނެތްކަން ވެސް އެންމެން ގަބޫލުކުރާނެއެވެ. މިކަމާ ބެހޭ ގޮތުން ހައްވަގެ ބަހަކީ ކޮބާ ހެއްޔެވެ؟ އަލިފުޅުބޭ ހައްވަދައިތަ ކުރެން އަހާލިއެވެ.

މާރިނު އެކިޔައި ދިނީ ހަމަ ހަމަބުއްދި ގަބޫލުކުރާ ވާހަކައެކެވެ. ހައްވަ ދައިތަ ބުންޏެވެ. މޮޔައެއް ނޫނީ މިފަދަ ހަމަޖެހޭ ވާހަކައަކަށް އިންކާރެއް ނުކުރާނެއެވެ. އަހަރެން އެންމެ އުފާކުރަނީ އަހަރުމެންގެ ރަށުގައި އަހަރުމެންގެ ތެރޭގައި މޮޔައިން ނޫޅޭތީއެވެ. އަހަރުމެން އެންމެންނަކީ ވެސް ހަމަ، ސަލާމަތުގެ ސިކުނޑިތަކެއް، ލިބިފައިވާ ބަޔަކަށްވާތީއެވެ. އިއްޔެ އަހަރުމެންގެ ސިކުނޑިތަކަށް، ނުވަދިހަ މިލިޔަނަކީ ފައްސަތޭކަ މިލިޔަނަށް ވުރެ ބޮޑު އަދަދެއްކަން ވިސްނުނެވެ. ކުރީ ދުވަހު، އަޅުވެތިކަމަކީ މިނިވަންކަން ކަމުގައި ވެސް އަހަރުމެންނަށް ގަބޫލުކުރެވުނެވެ. ދެ ޕަންސެންޓުގެ އިންޓަރެސްޓު ދައްކަން ޖެހޭ ލޯނު ނެގުމުން އެ ދަރަނި ނުދެއްކި ދަރަނިވާން ޖެހޭ އިރު، ހަ ޕަސެންޓު ނޫނީ އަށް ޕަސެންޓުގެ އިންޓަރެސްޓުގެ ލޯނަކީ މާ ފަސޭހައިން ދައްކާލެވޭ ލޯނެއްކަން ވެސް އަހަރުމެންނަށް ގަބޫލުކުރެވެއެވެ. އާނއެކެވެ! މިކަންކަމީ ސާފު ސީދާ ތެދުކަމާ މެދު ކުޑަވެސް ޝައްކުކުރުމަކާ ނުލައި، އަހަރުމެންގެ ސިކުނޑިތައް މިކަންކަން ބަލައިގަނެ ތެދުކުރެއެވެ. އެހެންވީމާ، ދުވާލު ދެއިރަށް ފައިސާ ގަންނަ ގަސްގަސް ހެދޭނޭކަން ވެސް މިއަދު އަހަރުމެންނަށް ގަބޫލުކުރަން ދަތިވާނީ ކީއްވެ ހެއްޔެވެ؟ އަހަރުމެންގެ ސިކުނޑީގެ ތަނަވަސްކަމާއެވެ! އަހަރުމެންގެ ހަކީމުވެރި ވެރިޔާ އެވިދާޅުވީ ހަމަ ހައްގު ތެދުފުޅެކެވެ. އަހަރުމެން މިތިބީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ ހަމަ އެއް ސަފުގައެވެ. އަހަރެން ބުނާނީ އަހަރުމެން މިތިބީ އެފަދަ ގައުމުތަކުގެ މީހުންނަށް ވުރެ ވެސް އެއް ދަރަޖަ މަތީގައި ކަމެވެ. އެމީހުންނާ ޚިލާފަށް، އަހަރުމެންގެ ސިކުނޑިތަކަށް، އާދައިގެ އިންސާނުންގެ ހަމަ ބުއްދި ގަބޫލު ނުކުރާނޭ ކަންތައްތައް ގަބޫލުކުރުމުގެ ގާބިލުކަމާއި ތަނަވަސްކަން ލިބިފައިވެއެވެ. އެހެންވީމާ އަހަރުމެންނަކީ އާދައިގެ މީހުންނެއް ނޫނެވެ! އެއަށްވުރެ މޮޅު ބައެކެވެ. މިކަމުގެ ހުރިހާ މޮޅެއް ހައްގުވަނީ އަހަރުމެން ކައިއުޅޭ ހުސްބުޅީގައި ގަންނަ މަސްކަމަށް ވެސް ވެދާނެއެވެ! ޝުކުރުގެ ކޮޅެއްވެސް ނެތެވެ! ހައްވަދައިތަ ދެކޭ ގޮތް ބުނެ އޭނާ ވާހަކަކޮޅު ނިންމާލިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.