...

Support Us

ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން ކުލި ދައްކާން ފުލުހުން އެއްބަސްވެއްޖެ

ލ. މާވަށު ރައްޔިތުންގެ ޢިމާރާތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައި މާވަށު ޕޮލިޝް ސްޓޭޝަން ހިންގުމަށްފަހު އެންމެ ފަހުން ކުލި ދައްކާން ފުލުހުން އެއްބަސްވެއްޖެއެވެ. މި މައްސަލައިގައި މާވަށު ކައުންސިލާއި ފުލުހުންނާ ދެމެދު ޚުޞޫމަތެއް އުފެދިފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

އޮގަސްޓް 31، 2013 އިން ފެށިގެން މާވަށުގައި ޕޮލިސް އިސްޓޭޝަނެއް ގާއިމުކޮށް ހިންގަމުން އަންނަނީ، އެ ރަށު ރައްޔިތުންގެ "އަރާކުރި" ނަމަކަށް ކިޔާ ޢިމާރާތެއްގައެވެ. މި ޢިމާރާތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ދީފައިވަނީ ހިލޭސާބަހަށެވެ. ދެ އަހަރު ދުވަސް ހަމަވި އިރު ފުލުހުންނަށް މި މައްސަލައިގައި ވަކި ގޮތެއް ހަމަޖެހިފައިނުވުމާއި އަދި މި ކަމަށް ޓަކައި ވަކި ބިނާއެއް ޢިމާރާތް ކުރެވިފައި ނުވާތީ، ދެ ފަރާތުން ވާހަކަ ދައްކައިގެން އިތުރު އެއް އަހަރު، ކުލި ނުދައްކައި ހިންގާ ގޮތަށް މާވަށު ކައުންސިލުން އެއްބަސްވިއެވެ. ފަހުން މި އިތުރުކުރި އެއް އަހަރާއެކު ކުލި ނުހިނގާ ގޮތަށް ދޫކުރެވިފައި އޮތް (ތިން އަހަރު ދުވަހުގެ) މުއްދަތު 2016 އޮގަސްޓް 31 އަށް ވަނީ ހަމަވެފައެވެ.

އެ އިމާރާތަކީ ކުއްޔަށް ދޫކޮށްގެން ކައުންސިލަށް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ތަނަކަށް ވާތީ، ކުލި ނިހިނގާ ގޮތަށް އޮތް މުއްދަތު ހަމަވުމާއެކު މާވަށު ކައުންސިލުން އެދުނީ މަހަކު 15 ހާސްރުފިޔާގެ ކުއްޔެއް ތަނަށް ހަމަޖައްސައި އެ ކުލި ދައްކަމުން ގެންދިއުމަށެވެ. ނުވަތަ އެ ޢިމާރާތް އަގުމަގުކުރުމަށްފަހު ފުލުހުން އެ ތަން ގަތުމަށެވެ. ނުވަތަ ކައުންސިލުން ހިލޭ ދޫކުރާ ބިމެއްގައި ފުލުހުން ޢިމާރާތެއް އެޅުމަށް ފަހު ރައްޔިތުންގެ އިމާރާތް ދޫކޮށްލުމަށެވެ. ނަމަވެސް އިމާރާތް ދީފައި އޮތް މުއްދަތު ހަމަވެ އިތުރު ހަތަރު އަހަރު ވޭތުވެގެން ދިޔަ އިރު ވެސް ފުލުހުންނަށް އެކަމަށް އެއްވެސް ގޮތެއް ނުނިންމުނެވެ. ރަށު ކައުންސިލުން އެ ކައުންސިލްގެ ކޮންމެ ދައުރެއްގައި ވެސް މިކަން ޙައްލުކުރުމަށް ޓަކައި މަސައްކަތްކުރިއެވެ. ކައުންސިލުގެ ވަފުދުތައް މާލެ އައިސްގެން ކަމާބެހޭ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައެވެ. ހަމަޖައްސަވާނެ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ކުރިއެރުމެއް އޮތީ ނުލިބިއެވެ.

މި ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެންޕޭނުގައި މާވަށު ކައުންސިލުގެ މިހާރުގެ ރައީސް އަޙުމަދު މޫސާ ވަޢުދުވެވަޑައިގެންފައި އޮތީ، އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، އެ މައްސަލަ ކޮންމެވެސް އެއް ގޮތަކަށް ޙައްލުކޮށްދެއްވައި އެ ޢިމާރާތަކީ މާވަށު ކައުންސިލަށް އާމްދަނީ ލިބޭ ތަނަކަށް ހައްދަވާނެ ކަމަށެވެ. އެހެންކަމުން އޭނާ ކައުންސިލްގެ ރައީސްކަމާ ޙަވާލުވެވަޑައިގަތްފަހުން އެ މަސައްކަތް ފައްޓަވައިގެން ކުރިއަށް ގެންދަވާން ފެއްޓެވިއެވެ. ނަމަވެސް ވަކި ކުރިއެރުމެއް ލިބިވަޑައި ނުގަތުމުން ކައުންސިލްގެ ފަރާތުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ތިން ހުށައެޅުމެއް ހުށައަޅައި ކޮންމެވެސް އެއް ގޮތަކަށް މައްސަލަ ޙައްލުކޮށްދޭން އަލުން އެދުނީ ކަމަށް މާވަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށްމަށްފަހު، އެ މުއްދަތުގައި ވަކި ގޮތެއް ނުނިންމައިފި ނަމަ، ކޯޓަށް ދާންޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލުން ހުށަހެޅީ ކުރީންވެސް ހުށަހެޅި ތިން ގޮތެވެ. އެއީ އަރާކުރީގެ އަގެއް ކަމަށް ފުލުހުން އަގުކޮށްފައިވާ އަގަށްވާ ފައިސާ ދިނުމަށް ފަހު އެތަން ފުލުހުން މިލްކުކުރުމަށާއި، މަހުންމަހަށް ކުލި ދައްކާ ގޮތަށް ހަމަޖެއްސުމާއި ޢިމާރާތް ދުކޮށްލުމެވެ.

"ހަތަރު އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވާންދެން ހައްލުނުވެ، ދިގު ދެމިގެންދިޔަ ޚުޞޫމަތެއް މިހާރުވަނީ ޞުލްޙަވެރިކަމާއެކު ހަމަޖެހިފައި. ރައްޔިތުންގެ އަރާކުރި އިމާރާތަށް މަހަކު 15 ހާސް ރުފިޔާގެ ކުއްޔެއް ދެއްވާ ގޮތަށް ފުލުހުންނާއި މާވަށު ކައުންސިލާ ދެމެދު އެއްބަސްވެ މިހާރު ވަނީ ސޮއިކުރެވިފައި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. "މި އިމާރާތް މިހާރު ކުއްޔަށް ދޫކުރެވިފައިވަނީ 2021 ސެޕްޓެންބަރު 20ން ފެށިގެން ދެ އަހަރާއި ބައިގެ މުއްދަތަށް. މުއްދަތު ހަމަވުމުގެ ކުރީން ފުލުހުން ޢިމާރާތެއް ބިނާކުރެއްވުމަށް ޓަކައި ދިހަހާސް އަކަފޫޓުގެ ބިމެއް މާވަށުން ދޫކޮށްފައިވާނެ."

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، މި ޢިމާރާތަށް ކުލި ލިބޭ ގޮތް ހަމަޖެހުމަކީ އޭނާގެ އިންތިޚާބީ އެއް ވަޢުދަށް ވާތީ، އެ ވަޢުދު ފުއްދުނު ކަމަށް ޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށާއި އަދި އެ މުއްދަތުގައި "އަރާކުރި" އިމާރާތުން ރައްޔިތުންގެ އެކައުންޓަށް ޖުމުލަ ހަތަރުލައްކަ ފަންސާސް ހާސް ރުފިޔާ ޖަމާވާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް އުފާފުޅުވަނީ ފުލުހުންނާއި މާވަށު ކައުންސިލުގެ ރަސްމީ ގުޅުމަށް ބުރޫ ނާރާ ގޮތަކަށް ޞުލްޙަވެރިކަމާއެކު މި މައްސަލަ ޙައްލުވީތީ ކަމަށް ވެސް މާވަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *