Support Us

ހޮޅުދޫ އަބްދުﷲ: ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު

"ޤައުމަށް އައި މިނިވަން ނޫރާނީ"ގެ އަޑެވެ. "ޖޯޝޭ ގެނައި މީ ޤައުމީ އުފާ"ގެ އަޑެވެ. އެއީ "އޯ ވަޒަނެ މީ ލޯބީ"ގެ އަޑެވެ. "ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ"ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް ދުވަހެކެވެ. މި ޤައުމަށް އެކަން މޭރުންވޭ ބާވައެވެ. އެ އަގުހުރި ޚިދުމަތްތައް ހަނދާން އެބަހުރި ބާވައެވެ. އަޅުގަނޑުމެންގެ އާދައަކީ ކޮންމެ ޚިދުމަތްތެރިއަކު ވެސް ވަކިވެވަޑައިގަތީމާ އެ ވާހަކަ ދެއްކުމެވެ. އެ ޚިދުމަތްތަކަށް މަލުގެ ހާރުތައް ވެދުންކުރުމެވެ.

ޢަބްދުﷲ ޙަސަން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޙަޔާތުގައި އެންމެ އުފާވި ދުވަހަކީ ދިވެހި ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ދުވަހެވެ. އެކަމަކު އެއީ 1981 ވަނަ އަހަރުއެވެ. ޢަބްދުﷲ ޙަސަންގެ ޤައުމީ ޚިދުމަތަށް މި ވަރު ފުދޭތޯއެވެ؟

މިއީ މާލޭގައި އަވަށު ކުލަބުތަކުން މިއުޒިކު ގުރޫޕްތައް ހަދައިގެން އުޅުނު ޒަމާން ނަމަތާއެވެ. މައްޗަންގޮޅީގެ ރާނީ ބައެވެ. ފަހުން އޯކިޑް ބައެވެ. އެ އަޑު އަހާހިތުން މީހުން ކެތްމަދުވެގެން އޭރު އުޅުނެވެ. މިއީ އޮލިމްޕިއަންސްގެ ދުވަސްވަރެއް ނޫނެވެ. އެހެންނަމަ އޮލިމްޕަހުން ސާބަހާއި ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އެ އަޑަށް ނުކެނޑުނީހެވެ. ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ ޅަފަތުގެ ދުވަސްވަރު ނަމަތާއެވެ. މިއުޒިކީ އެއްވެސް ޕްރޮގްރާމެއް އެ ރަން އަޑާނުލައި ފުރިހަމައެއް ނުވީހެވެ. މިއީ މާލޫދު ކިޔާ ޒަމާނެއް ނޫނެވެ. އެހެން ނޫންނަމަ މިއުރާޖު މާލޫދު ފަދަ މާލޫދު ޅެންތައް އެ އަޑުން ކެނޑިނޭޅި އިވޭނެއެވެ. ޚާއްޞަކޮށް ރަބީޢުލްއައްވަލް މަހުގެ 12 ވިލޭރޭގައެވެ.

އެ ޒަމާން ފަސްދީފިއެވެ. އެކަމަކު އެ އަޑާއެކު ޤައުމީ އަގުހުރި ތަރިކަތަކެއް ވާތީ ފެނެއެވެ. އަގު ނުކުރެވޭ ވަރުގެ ޤައުމީ ޚިދުމަތްތަކެއްގެ ދިގު ފީތާއެއް އެބައޮތެވެ. އޭރު ޢަބްދުﷲ ޙަސަނާ ނުލައި ކުރިއަށް ގެންދެވުނީ ކޮން ޤައުމީ މަޝްރޫޢެއް ބާއޭ ހިތަށް މިއަރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ލިޔަންކިޔަން ނުދަންނަ އެތައް ބަޔަކަށް "ހާޔާ، ށަވިޔަނި، ނޫނާ، ރާޔާ ބާ"އިން އަކުރުތައް ދަސްކޮށްދެއްވި މަޤުބޫލު ލަވަ ލިޔުންތެރިޔާއެވެ. "ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ"އޭ ވިދާޅުވެ އަސާސީ ކުލާސްތަކުގައި އުޅުނު ފަރާތްތަކަށް ހިތްވަރު ދެއްވި ކުޅަދާނަ ލަވަކިޔުންތެރިޔާއެވެ.

ޒަމާނީ ތަޢުލީމާއި އިޤްތިޞާދީ އާ ސިނާޢަތްތަކާއެކު ވަޒީފާގެ އާ ދޮރުތައް ހުޅުވެން ފެށި ދުވަސްވަރެއް ޢަބްދުﷲ ޙަސަން ދެކެވަޑައި ގެންނެވިއެވެ. އެއީ މަސްވެރިކަމާއި ދަނޑުވެރިކަމަކީ މާ ދަށްފަންތީގެ މަސައްކަތްތަކެއް ކަމަށް މުޖުތަމަޢުގެ ބައެއް މީހުން ދެކެން ފެށި ދުވަސްވަރެކެވެ. "ނުކިޔަވާ ކުއްޖާ ދާންޖެހޭނީ މަހަށޭ" ބުނަންފެށިއެވެ. އެ ގަބޫލުކުރުންތަކާ ދެކޮޅަށް ފެއްޓެވި ކެމްޕޭނުގައި މަސްވެރިންނާއި ދަނޑުވެރިން މޯޓިވޭޓްކޮށްދެއްވިއެވެ. އެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރެވޭ ގޮތަށް ތަރުހީބުގެ ލަވަތައް ކިޔުއްވިއެވެ. މަސްވެރިންނަށާއި ދަނޑުވެރިންނަށް ހިތްވަރު ދެއްވާ އުފަލުން ހެއްވާލަދެއްވިއެވެ. "އުޅެނީ މަހާ ގޮދާ، ފުމެނީ މަހާ ގޮދާ" އޭ ކިޔަމުން މަސްވެރިން ދޮށި އަޅަމުން ދިޔައެވެ. "ދަނޑަށް ދަނޑަށްދާން ދެން ހިނގާ"ށޭ ގޮވާލަމުން ގޭގެއިން ނުކުމެ ދަނޑުތަކަށް ގޮސް ބައިބަޔަށް ދަނޑުހެއްދިއެވެ. ތިމާވެށްޓަށް ހޭލުންތެރިކުރުވިއެވެ. އިސްލާހުވާން އެދޭ މީހުން ކަންކުރަންވީ ގޮތް ވެސް ވިދާޅުވެ ދެއްވިއެވެ.

ޢަބްދުﷲ ޙަސަން ލަވަ ނުކިޔުއްވާ ރޮނގެއްނެތެވެ. ޤައުމީ ޝުޢޫރުގެ ޗާލު ލަވަތަކެވެ. ދީނީ ރޫޙު އުފައްދައިދޭ ރީތި މަދަޙަތަކެވެ. ލޯބީގެ ސާފު މެސެޖުތަކެވެ. "ޢަސްރު އެދިޔައީ ގެއްލިގެން"ނޭ އެ ވިދާޅުވާ އަސަރުގަދަ ގޮތެވެ. "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގާ" ދިވެހިން ޖައްސުވައި ގައިދުކޮށްލެއްވި ގޮތެވެ. އެ އަޑު ސާފެވެ. ކޮންމެ އަކުރަކާއި ކޮންމެ ފިއްޔެއް ވިދާޅުވާގޮތް ރީއްޗެވެ. އަޑު މަޚްރަޖަ ނަލައެވެ. މިއުޒިކާއެކުގައާއި މިއުޒިކާ ނުލައި ވެސް ހީވަނީ ވިރުވާ އަޅާހެންނެވެ. މަތިން ތިރިއަށް އޮހެމުން ދާހެންނެވެ.

ޝައްކެއްނެތް ގޮތުގައި ޢަބްދުﷲ ޙަސަންގެ މި ޤައުމީ ޚިދުމަތުގައި ޅެންވެރިންނާއި ޝާއިރުންނާއި ޝާއިރާއިންގެ މުހިންމު ދައުރެއް އެބައޮތެވެ. ޚާއްޞަކޮށް މަޝްހޫރު ޝާއިރު އަލްމަރުޙޫމް ޔޫސުފް މުޙައްމަދު ފުޅު (އެދުރުބޭ) ގެ ނަންފުޅު ފާހަގަކޮށްލަން ޖެހެއެވެ. ދިވެހިރާއްޖޭގެ އަޑަށް ޢަބްދުﷲ ޙަސަން ކިޔުއްވައި ދެއްވި ގިނަ ލަވަތަކާއި ގިނަ މަދަޙަތަކަކީ އެދުރުބޭގެ ކުޅަދާނަ ފަންނުވެރި ޝާއިރީ ތަސްވީރުތަކެކެވެ.

ރާއްޖެއަށް ހޮޅުދޫ ޢަބްދުﷲ ގެ ނަން މަޝްހޫރު ދުވަސްވަރެއް އައެވެ. އާންމުންގެ ކުރިމަތީގައި އެ ނަން މަގުބޫލުވި ތަން ފެނުނެވެ. ޤައުމީ ކޮންމެ ގޮވާލުމަކަށް އިޖާބަ ދެއްވިއެވެ. އޭރު ލަވަ ކިޔުމުގެ ރޮނގުގައި ހުންނެވީ އެންމެ ކުރީ ސަފުގައެވެ. މިހާތަނަށް އެއަށްވުރެ ގިނައިން މަދަޙަ އާއި މައުލޫދު ޅެންތައް ކިޔުއްވި ބޭފުޅެއް ނެތެވެ. ޤައުމީ އެކިއެކި މުނާސަބަތުތަކަށް ހަދާފައިވާ ލަވަތައް އެންމެ ގިނައިން ވިދާޅުވީ ވެސް ހޮޅުދޫ ޢަބްދުﷲ އެވެ. ވަކި ފަންނަކުން އެއް ބޭފުޅަކަށް ޤައުމަށް ޚިދުމަތް ކޮށްދެވޭނީ މިހާކަތްހާވަރަށެވެ. ހޮޅުދޫ ޢަބްދުﷲ އަށް ކުރާނެ އިތުރު ތަޢުރީފެއް ނެތެވެ. އެއީ އަދިވެސް ޤައުމީ ރަން އަޑެވެ. އެ އަގުހުރި ޤައުމީ ޚިދުމަތުގައި ބަރަކާތް ލައްވާށިއެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *