...

Support Us

ރައީސް ޞާލިޙު އދ.ގައި ދެއްވި ތަޤުރީރުގައިވާ މައުނަވީ އަސަރު

ފުރަތަމަ ވަޑައިގެންނެވީ ތާރީޚުގެ ތެރެއަށެވެ. މީގެ 56 އަހަރު ކުރިއަށެވެ. ދިވެހީންނަށް މިނިވަންކަން ލިބުނު ލިބުމާއެކު އދ.ގެ މެންބަރަކަށް ވާން އުޅުނު ދުވަސްވަރަށެވެ. އެ ދުވަސްވަރު ރައީސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތައް ލޫދެމުން، ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާނެއްގެ ގޮތުގައެވެ. ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އދ.ގެ 76 ވަނަ އާންމު މަޖިލިހުގެ ޖަލްސާގައި 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ދެއްވި ތަޤުރީރު އެތައް ގޮތަކުން ދިވެހީންނަށް ޚާއްޞައެވެ. 2006 ވަނަ އަހަރަށްފަހު ދިވެހީންގެ ފަޚުރުވެރި މާދަރީ ބަހުން އެ މަޖިލިހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ތަޤުރީރުކުރެއްވީތީ އެކަންޏެއް ނޫނެވެ. އެ ދުވަހަކީ ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަށްވީތާ 56 އަހަރު ފުރުނު ތާރީޚީ ދުވަހަށް ވެސް ވީތީއެވެ. އަނެއް ކަމަކީ އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތުގައި ދިވެއްސަކު އިންނެވި އިންނެވުމެވެ. ރައީސްގެ ވާހަކަފުޅު ފެއްޓެވީ އެ މަޖިލިހުގެ ރިޔާސަތު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވިކަން ފާހަގަކުރައްވައި މަރުޙަބާ ދަންނަވަމުންނެވެ.

މި ތާރީޚީ ޖަލްސާ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރު، އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި މީގެ 56 އަހަރު ކުރިން ރާއްޖެ ބަލައިގަތުމާމެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން އުފެއްދި ސުވާލުތަކަށް ޖަވާބަކަށް ފުދެއެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާއި މެންބަރު ޤައުމަކަށް ކުފޫ ހަމަވޭތޯ އޭރު ސުވާލު އުފެއްދިއެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ދިވެހިބަހުން ވާހަކަ ދައްކަވާއިރު އެ މަޖިލިހުގެ ރިޔާސަތުގައި އިންނެވީ ދިވެއްސެއްކަމަށެވެ. ދިވެހީން ކުފޫ ހަމަވާކަން ރައީސް ބަޔާންކޮށް ދެއްވީ އެހެން މޭރުމަކުންނެވެ. ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް އެންމެ ފަހި، ފަސޭހަ އަދި ފަރިތަ ބަހުންނޭ އެވެ. އެ ވަގުތުކޮޅު އެ މަނިކުފާނު ސިފަކުރެއްވީ ޤައުމު ކުޑަޔަސް، ދިވެހީން ކުޑަނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތުކޮޅެއްގެ ސިފައިގައެވެ.

ދުނިޔޭގެ އަދުގެ ހާލަތު ރައީސް ބަޔާންކުރެއްވުމުގައި އަސަރާއި ރިހުން ހުއްޓެވެ. ފާހަގަކުރެއްވީ ކޯވިޑް-19އިގެ ޢާލަމީ ބަލިމަޑުކަން މުޅި އިންސާނިއްޔަތު ފަހަށް ޖައްސާލި ގޮތެވެ. މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ގިނަވެ ބޮޑުވަމުންދާގޮތެވެ. ދުނިޔޭގެ އާބާދީ އިތުރުވެ މީސްގިނަވަމުންދާއިރު، ބަލިމަޑުކަމާއި ހައިހޫނުކަމުން އުފައްދާ ބަނަވިލާތައް ކެހިގެން ނުދާކަމެވެ. ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ ޓެރަރިޒަމްކަމެވެ. އެއީ އިންސާނީ ޙަޔާތުގެ ރީތި ތަޞްވީރުގެ ނުފުށުން ފެންނަ މިއަދުގެ މަންޒަރުކަމެވެ.

މުޅި ދުނިޔެ ތަޙައްމަލުކުރަން ޖެހުނު ކޯވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހިރާއްޖޭގެ ހާލަތު ވެއްޓިގެންދިޔަ އަނދިރި ފުން ވަޅުގަނޑާއި އެ ވަޅުގަނޑު އަރައިގަތުމުގައި ދިވެހީން ހޯދި ކާމިޔާބީ ދުނިޔެއާ ރައީސް ހިއްސާކުރެއްވިއެވެ. ކޯވިޑް-19ގެ ބިރުވެރިކަމާއެކު ދިވެހި ޤައުމުން ލީ ފުން ނޭވާ ސިފަކޮށްދެއްވިއެވެ. އަދި މިއަދު އެ ހާލަތުން އަރައިގަނެ ދުނިޔެއަށް ރާއްޖެއިން ކިޔަމުންދާ މަރުޙަބާ ތަކުރާރުކުރެއްވިއެވެ.

އދ.ގެ އާންމު މަޖިލިހުގައި ދިވެހިރާއްޖޭން ތަކުރާރުކޮށް ދައްކާ އެއް ވާހަކައަކީ ތިމާވެށީގެ ވާހަކައެވެ. ތިމާވެށީގެ ވާހަކަ މިފަހަރު ރައީސް ދެއްކެވީ ޢިލްމީ ދިރާސާތަކާއި ޙަޤީޤަތްތަކުގެ މައްޗަށެވެ. ތަފާތު ގޮތަކަށެވެ. އައި.ޕީ.ސީ.ސީގެ ރިޕޯޓާ ހަވާލާ ދެއްވާ ރައީސް ދެއްވީ އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރެވެ. ކުރަންޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމައަށް ފަސްކުރެވެން ނެތްކަމުގެ ބިރުވެރި ޚަބަރެވެ. ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ ތަސައްވުރު ކޮށްދެއްވިއެވެ. އަދި ދިވެއްސަކަށް ދިރިނޫޅެވި – ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެކަން ހަނދާންކޮށް ދެއްވިއެވެ. ދިވެހިރާއްޖޭގެ ވުޖޫދީ ނުރައްކާގެ

މި ޙަޤީޤަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މަޢުޞޫމް ކަރުދާސްތަކެއް ރައީސް ދައްކާލެއްވިއެވެ. އެއީ ދިވެހި ތުއްތުކުދިންތަކެއް ރައީސަށް ލިޔެފައި ހުރި ސިޓީތަކެކެވެ. އެއީ އެކުދިންވެސް ހެދި ބޮޑުވެ ޙަޔާތުގެ އުންމީދުތައް ފުރިހަމަކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލިހަށް ހުށަހަޅައިދިނުން އެދި ރައީސަށް ލިޔެފައި ހުރި ސިޓީތަކެކެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާއެވެ.

ތިމާވެށީގެ ވާހަކަފުޅަށްފަހު ރައީސް ދެން ބައްލަވާލެއްވީ ޓެރަރިޒަމުގެ ނުރައްކާތެރިކަމަށެވެ. ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށެވެ. ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތް ނުވިކަން އެނގުނު ހާދިސާއަށެވެ. މި އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ބިމުގައި ދެވުނު ބޮޑު، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއްކަމަށެވެ. އަދި އެފަދަ ޙަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކެން ދިވެހީން ނުތިބޭނެކަމަށެވެ.

އދ. އާންމު މަޖިލިހުގައި ދިވެހި ސަރުކާރާއި ރައްޔިތުން މިތިބެނީ ފަލަސްޠީނާ އެކުގައިކަން ދިވެހިރާއްޖެއިން ހާމަކުރާތާ އެތައް އެދުވަހެކެވެ. އެހެންނަމަވެސް ރައީސްގެ މި ތަޤުރީރުގައި އެ ވާހަކަ ގެންނެވިގޮތް ތަފާތެވެ. އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ޙައްޤުތައް ތަކުރާރުކޮށް ނިގުޅައިގަންނަކަން ފާހަގަކުރެއްވިއެވެ. އ.ދ.ގެ ޢާންމު މަޖިލީހާއި، ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި، ނިންމުނު ނިންމުންތައް ގިނަކަން ފާހަގަކުރެއްވިއެވެ. އެކަމަކު ރައީސް ވިދާޅުވީ މަދު އެއްޗަކީ، އަދި އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްޠީނުގެ ޙައްޤުކަމަށެވެ. ދިވެހިން ބޭނުންވަނީ އ.ދ.އިންނާއި، މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުންކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން، ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ މުޅި ދުނިޔެއާ ރައީސް ސުވާލުކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ދެއްވުމުގައި ދުނިޔެއިން ދިވެހިރާއްޖެއަށް ކުރެއްވި އިތުބާރަށް މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޝުކުރު ދަންނަވަމުންނެވެ. އިންސާނިއްޔަތަށް އަދިވެސް އޮތް އެންމެ ބޮޑު އުންމީދަކީ އ.ދ. ކަމަށާއި ދުނިޔޭގެ ޞުލްޙަވެރި ޙައްލާއި، މަސަލަސްކަމުގެ ސައްލާ އުފެދެނީ އދ އިން ކަމުގައި ވިދާޅުވަމުންނެވެ. ހުރިހާ އިންސާނުންގެ ހުރިހާ ފަންތިއާއި، ގިންތިއާއި މިންތީގެ މުގޫ ހިފަހައްޓަނީ އެ މަރުކަޒުންކަން ހާމަކުރައްވަމުންނެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ނަލަ ލިޔުމެއް. އަހަރެން ވެސް ރައީސްގެ ވާހަކަފުޅު އަޑުއެހިން. ޅިޔުންތެރިޔާގެ ކަންފަތާ ހިތް ވަރަށް ތޫނު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *