Support Us

ތަސްވީރެއް ކިޔައިދޭ ވަހަކަ: ކަންނެއް ކިނބުލަކާއި ފިނިހަކެއް

ތަންކޮޅެއް ކުރީގެ ލިޔުމެއްގައި ފާހަގަކޮށްލެވުނު ފަދައިން، ތަސްވީރު ތަސްވީރު މާނަކޮށް އެއިން ފޯރުކޮށްދޭ މެސެޖަކީ ކަނޑައެޅިގެން މިއޭ ބުނުން ބައެއް ފަހަރު ދަތިވެއެވެ. ތަސްވީރު ތަސްވީރު ބަލާބެލުމުގައި މީހުންގެ ނަޒަރު ތަފާތުވުމެވެ. އެހެންވެ، ބައެއް ފަހަރު ހަމަ އެއް ތަސްވީރަކީ ވެސް ތަފާތު ގޮތް ގޮތަށް މާނަކުރެވޭ އެއްޗަކަށް ވެއެވެ. މިއީ މައްސަލައެއް ނޫނެވެ. އަދި ކިއެއްތަ؟ ތަސްވީރު ތަސްވީރު ވިސްނައިގަތުމުގައި އެކިއެކި ރޮނގުވަޅުތަކުން ބަލައި، ގިނަ މާނަތަކެއް ތަސްވީރުން ލިބިގަނެވޭ ކަމެކެވެ.

ކަަން އޮތީ މިގޮތަށް ކަމަށް ވިޔަސް، ތިރީގައި ފެންނަން އޮތް ތަސްވީރާ މެދު އެއްޗެއް ބުނެލަން ގަސްދުކުރަމެވެ. އެއީ ފަހަރެއްގައި ވެސް މި މައްސަލައާ ބެހޭ އެންމެ ފަހުގެ ބައެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ނަޒަރުން، ތަސްވީރު މާނަކުރެވޭނެއެވެ.

އެންމެ ފުރަތަމަ ތަސްވީރު ސިފަކޮށްލަމާ ހެއްޔެވެ؟ ތަސްވީރުން ފެންނަނީ ކިނބުލަކާއި ފިނިހަކެއްގެ ތިން ސޫރައެކެވެ. ފުރަތަމަ ސޫރައިގައި ފެންނަނީ ކިނބޫ އޭގެ އަނގަ ތަންމިނަށް ހުޅުވާލައިގެން އިންތިޒާރުގައި އޮތް ތަނެވެ. ފިނިހައް އޭގެ ފިނިހަކު، މަޑު، ދުވެލީގައި، ކިނބޫގެ ނަޒަރުގައި، އޭގެ އަނގައާ ދިމާއަށް ފިރުކެމުން އަންނަނީއެވެ.

ދެވަނަ ސޫރައިގައި ވެސް ކިނބޫ އޮތީ އޭގެ އަނގަ އެއްކޮށް ހުޅުވާލައިގެންނެވެ. ފިނިހައް ކިނބުލާ ކައިރިވަމުން ދެއެވެ. ތިންވަނަ ސޫރައިގައި ކިނބޫ އޮތީ ބަނޑަށް މަރުވެ، ކަށްޓަށް ވެފައެވެ. ފިނިހަށް އޭގެ ދުވެލީގައި ކުރިއަށް ދެއެވެ.

މި ތަސްވީރު ބުނެދޭ ވާހަކައަކީ ކޮބައިބާވައެވެ؟ އަޅުގަނޑަށް ހީވަނީ މި ތަސްވީރު ބުނާ ވާހަކައަކީ ކަންކަން ކުރަން އެދޭ ނަމަ، އަމަލީ ގޮތުން އެކަން ކުރަން އުޅެން ޖެހޭނޭ ކަމެވެ. ކަމެއް ބޭނުންވެއޭ ހިތުލައި، އެކަން އަމިއްލައަށް ވާނެއޭ ހީކޮށްލައިގެން ހުރުމަކުން އެކަމެއް ނުވާނެއެވެ. އެހެން ހުންނަން ވެއްޖެ ނަމަ، ޖެހޭނީ ކިނބުލަށް ޖެހުނު ދަތުރެވެ. ފިނިހައް ކާލުމުގެ އެދުމުގައި އޮވެ، އެކަން ނުވެ، މަރުވެ ދިޔުމެވެ.

މިއީ އަޅުގަނޑުމެންގެ ފަރުދީ އަދި ޖަމާއީ ހަޔާތުން ވެސް ފެންނަ މަންޒަރެވެ. ވަކިވަކި މީސްމީހުން، ބައެއް ފަހަރު، މުޅި ދުނިޔެ ތިމަންނައާ އިދިކޮޅޭ ބުނެ، އެމީހުންގެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް ނުކޮށް، އަމިއްލަ ހާލަތު އަމިއްލައަށް ބަދަލުވާނޭ ކަމަށް ހީކޮށްގެން ތިބުމެވެ.

ޖަމާއީ ހަޔާތުން ވެސް މި މަންޒަރު ފެނެއެވެ. ޖަމާއީ ހަޔާތޭ ބުނެ މި އިޝާރަތް ކުރަނީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަޔާތަށެވެ. އެކަމުގައި މުޅި ޖަމާއަތުގެ މަސްލަހަތު އެކުލެވޭ މުޅި މުޖުތަމައުގެ ހަޔާތަށެވެ. މިސާލެއްގެ ގޮތުން ވާހަކައެއް ލިޔެލާނަމެވެ. ގައުމުގެ މުޖުތަމައީ ހަޔާތް އިސްލާހު ކުރުމުގެ ބާރާއި އެކަން ކުރުމުގެ ވަސީލަތްތައް އެމީހުންގެ އަތްމަތީގައި އޮތް އިސް މީސްމީހުންގެ ފަރާތުން އިވޭ، މި ބާވަތުގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މިފަދަ އިސް މީހަކު ގައުމާ މުޚާތަބުކޮށް އަހަރުމެން ބޭނުންވަނީ ޒިންމާދާރު މުވާތިންނޭ ބުނެފާނެއެވެ. އެހެން ބުނުމުން އެކަން އަމިއްލައަށް ވެދާނޭ ހެން ހީވާ ކަހަލައެވެ. އެކަން ކުރުމަކީ ތިމާމެންގެ އަމިއްލަ ވާޖިއްބެކަން ހަނދާން ހުރި ކަމެއް އެފަދަ ބަސްތައް ބުނާ މީހުންގެ ވާހަކައަކުން ދޭހައެއް ނުވެއެވެ. މިހެން ބުނެފަައި، އެކަން ކުރާނީ ކިހިނެއް ކަމާއި އެކަން ކުރުމުގެ މަރުހަލާތަކެއް އޮތް ނަމަ އެއީ ކޮބައިކަމާއި އަދި، އެކަން ކުރުމުގެ މިވެނި މަރުހަލާއަކަށް މި މަޝްރޫއު ހިނގައްޖެކަން ވެސް ބުނެދޭން ޖެހެއެވެ.

ނަމަވެސް، ކަންހިނގާތަން ފެންނަނީ މިހެންނެއް ނޫނެވެ. ފެންނަ މަންޒަރަކީ، މިފަދަ 'މޮޅު' ބަހެއް ބުނެލާފައި، ވާޖިބު އަދާކުރެއްވިއްޖެ ކަމަށް ބަލައި، ގައުމުގެ ޖަމާއީ ހަޔާތް ކުރިއަށް ގެންދިޔުން ބިނާވަނީ ކުޅިވަރާއި މަޖަލުގައި ކަމަށް ދެކި، ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގުމުގެ ބަދަލުގައި، ބޮޑެތި ޚަރަދުތައްކޮށް ސިޔާހީ ދަތުރުތައް ކުރާތަނެވެ. ނޫނީ، ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ބޮޑެތި މުސާރައިގެ ވަޒީފާތަށް ބަހާލުމެވެ. ވެރިކަމަކީ ގައުމު ބިނާ ކުރަން ލިބޭ ފުރުސަތެއް ނޫނެވެ. ކުޅިމަޖާ ނަގައި ލިބެން އޮތް އެންމެ ބޮޑު މާލީ ފައިދާއެއް ނަގަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މިއީ ހަގީގަތް ކަމަށް ވެއްޖެ ނަމަ، ގައުމުގެ ހާލަތަކީ ކިބުލުގެ ހާލަތެވެ. ގައުމީ ހަޔާތް އަމިއްލައަށް އިސްލާހުވާނެކަން ބަލައި، އެކަން ހާސިލުކުރުމަށްޓަކައި އަޅަން ޖެހޭ އަމަލީ ފިޔަވަޅު ނޭޅި، ތަސްވީރުން ފެންނަ ކިނބުލަށް ދިމާވި ހެން، ގައުމުގެ ޖަމާއީ ހަޔާތް، އާދެ، މުޅި ގައުމު ފުނޑުފުނޑުވެ، މަރުވެ، ނެތި ދިޔުމެވެ.