ސިވިލް ކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ގދ. ފިޔޯރީ މީހެއް ހޯދުމަށް އޭނާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ފިޔޯރީ، ބްލޫހެވަން، ޢަބްދުﷲ ޖުމްރާން، 31، އެވެ.
ފުލުހުން ބުނީ ޖުމްރާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ޖުމްރާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.