Support Us

ސުޒެއިން ކޮވިޑުން ސަލާމަތްވެގެން ގަތަރަށް ގޮސް ޓީމާ ހަވާލުވެއްޖެ

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ކޮވިޑުން ސަލާމަތްވެގެން ގަތަރަށް ގޮސް މިއަދު ޓީމާ ހަވާލުވެއްޖެއެވެ. ސުޒެއިން ޓީމާ މި ގުޅުނީ މި މަހު 10 ގައި ޓީމު ދޯހާ އަށް ފުރަން އުޅެނިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން ކަރަންޓީނުގައި މަޑުކުރުމަށްފަހު، ދެ ދުވަސް މަތިން ތިން ފަހަރަށް ޓެސްޓްކޮށްގެން ނަތީޖާ ނެގެޓިވްވުމުން، ރޭގެ ފްލައިޓުން ގަތަރަށް ގޮހެވެ.

ގައުމީ ޓީމު ތައްޔާރުވަމުން މި އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 1-16އަށް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށެވެ. ސަރަހައްދުގެ ފަސް ގައުމު ވާދަކުރާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރާއްޖެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާއެވެ.

ގަތަރު އެއާވޭސްގައި ރޭ ދޯހާއަށް ދަތުރުކުރަމުން، "އަދިވެސް"އާ ފޯނުން ވާހަކަ ދައްކަމުން ސުޒެއިން ބުނީ "ޓީމާ އަލުން ގުޅެވޭތީ ވަރަށް އުފާކުރަން" ކަމަށެވެ.

"ޓީމާ އަލުން ގުޅެވޭތީ ވަރަށް އުފާކުރަން. ހުރިހައި ކަމެއް ވެސް ވަރަށް ރަނގަޅަށް އަދި ދަނީ. އެހެންވެ މުބާރާތާ ދޭތެރޭ ވަރަށް އުންމީދު އެބައޮތް،" ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ)ގެ ބެލުމުގެ ދަށުން ދޯހާގައި ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދިޔައީ އޭނާ ތައްޔާރުކުރި ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި އޭނާ ގޮސް އެންމެ ފަހުގެ ތައްޔާރީތައް ވާނެ ކަމުގައި ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ ގަތަރުގެ ދެވަނަ ޑިވިޝަންގެ ޓީމަކާއެކު މިއަދު ޕްރެކްޓިސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި ޓީމުގެ ފެންވަރު ބަލައިލުމަށް މި މެޗަކީ ވަރަށް މުހިންމު މެޗަކަށް ވާނެ ކަމަށެވެ.

ތަމްރީނު ދަތުރަށްފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނެ ދުވަހެއް އަދި ފައިނަލްނުވާ ކަމަށް ސުޒެއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް