...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 9

ނުވަވަނަ ސިފަ: ދީލަތިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ ދީލަތިކަމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ދިލަތިކަމަކީ ކޮބާހެއްޔެވެ؟

އެއީ ހޭދަކުރުމާއި ރަނގަޅު ސިފަތަކުން މީސްތަކުންނަށް ހެޔޮކޮށްހިތުމެވެ.

އެއްދުވަހަކު މާތް الله ރުއްސުންލެއްވި عمرގެފާނު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަރަށް ގިނަ މުދާތަކެއް ގެންނެވިއެވެ. އެހިނދު އެކަލޭގެފާނު އެއްސެވިއެވެ. އޭ عمر ގެފާނެވެ! ތިބާގެ ގޭގެ މީހުންނަށްޓަކައި ދޫކުރީ ކިހާ ވަރަކަށް ހެއްޔެވެ؟ ވިދާޅުވިއެވެ. ދެބައިކުޅައެއްބައެވެ. އަދި މާތް الله ރުއްސުންލެއްވި أبو بكر ގެފާނުވެސް ވަރަށް ބައިވަރު މުދާތަކެއް ގެންނެވިއެވެ. އެހިނދު أبو بكر ގެފާނު އަރިހުން ކީރިތި ރަސޫލާ ﷺ އެއްސެވިއެވެ. އޭ أبو بكر ގެފާނެވެ! ތިބާގެ اهل ބައިތުންނަށްޓަކައި ދޫކުރީ ކިހާވަރަކަށް ހެއްޔެވެ؟ ވިދާޅުވިއެވެ. އެބައިމީހުންނަށްޓަކައި ދޫކުރީ الله އާއި އެاله ގެ ރަސޫލާއެވެ. (އައްތިރްމިޒީ،3675، ޞައްޙަޙަހޫ އަލްބާނީ އަބޫދާއޫދް 1678)

ދީލަތިކަމުގެ ސިފަ الله އަށް ނިސްބަތްވެއެވެ. ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ދީލަތި ސާހިބާއެވެ. شرف އާއި حسب އާއި نسب ގެ ގޮތުން އެންމެ މާތް ސާހިބާއެވެ. މީސްތަކުންގެ ތެރެއިން ވާ އެންމެ ބޮޑަށް ހޭދަކުރައްވާ އަދި އެންމެ ދީލަތި ސާހިބާ އެވެ. ރިވާވެގެން ވެއެވެ. އެއްފަހަރަކު އެކަލޭގެފާނުގެ އަރިހަށް އެހީއަކަށް އެދިގެން ދިޔަ މީހަކަށް ދެފަރުބަދަ ދެމެދު ފުރައިގެން ހުރި ބަކަރިތަކެއް އެއްކޮށް ދެއްވިއެވެ. އެމީހާ އެހުރިހާ ބަކަރިތައް ހިފައިގެން އެމީހާގެ ރަށަށް އެނބުރި ދިޔައެވެ. އަދި އުފަލުން ފޮޅެމުން ގޮސް ބުންޏެވެ. އޭ قوم ގެ މީހުންނެވެ. محمد ގެފާނަށް ތަބާވާށެވެ. އެހެނީ محمدގެ ފާނު މީހުންނަށް އެއްޗެހިތައް ދެއްވަނީ މީހަކު فقير ވެދާނެތީ ބިރުގަންނަން ޖެހޭ ފަދަ ގޮތަކަށް ނޫނެވެ. (މުސްލިމް)

މާތްالله ރުއްސުންލެއްވި عائشة ގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺގެ އަހުލުބައިތުން ބަކަރިއެއް ކަތިލެއްވިއެވެ. ފަހެ ކީރިތި ރަސޫލާ ﷺ އެއްސެވިއެވެ. އެއިން ބާކީ ހުރީ ކޮން އެއްޗެއްތޯއެވެ؟ عائشة ގެފާނު ދެންނެވިއެވެ. އޭތީގެ ބޮނބިފަޅީގެ މަސްކޮޅު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. حديث ކުރެއްވެވިއެވެ. އޭތީގެ ބޮނބިފަޅީގެ މަސްކޮޅު ފިޔަވައި އެހެން ހުރިހާ ތަކެއްޗެއް އެބަހުއްޓެވެ. (رواه الترمذي، (2470)، وصححه الألباني في مشكاة المصابيح، (1919).

ދީލަތިކަމުގެ ވައްތަރުތައް

  • اللهގެ حقގައި ދީލަތިވުން

مسلمން، اللهގެ حقގައި ދީލަތިވުމަކީ، الله އަށް އަޅުކަން އަދާކުރުމުގައި احسانތެރިކަމާއި އެކު އެއަޅުކަން އަދާކުރާ ކުރުމެވެ. އަދި ކޮންމެ އަޅުކަމެއްވެސް معرفةކޮށް އެގިގެން ހުރެ ކުރުމެވެ. އަދި އަމުރުކުރެއްވިގެންވާ ކޮންމެ ކަމެއް ކުރުމެވެ. އަދި نهى ކުރެއްވި ކޮންމެ ކަމެއް ނުކޮށް ދޫކޮށްލުމެވެ.

  • نبي އާގެ حقގައި ދީލަތިވުން

ކީރިތި ރަސޫލާ ﷺ ގެ حقގައި ދީލަތިވުމަކީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމެވެ. އަދި އެކަލޭގެފާނު ދެއްކެވި ތެދުމަގުން ހިނގުމެވެ. އަދި އެކަލޭގެފާނު ދެއްކެވި މަތިވެރި ނަމޫނާ އާއި އެއްގޮތަށް އުޅުމެވެ.

  • ތިމާގެ އަމިއްލަ نفسގެ حقގައި ދިލަތިވުން

مسلمން އެބައިމީހުންގެ އަމިއްލަ نفسގެ حقގައި ދީލަތިވުމުގެ މާނައަކީ ތިމާގެ نفس އާއިމެދު އިހާނާތްތެރި ނުވުމެވެ.

  • ތިމާގެ އާއިލާގެ حق ގައި ދީލަތިވުން

مسلم ން އެބައި މީހުންގެ عائلةގެ حقގައި ދީލަތިވުމަކީ ހޭދަކުރުމުގައްޔާއި ހެޔޮކޮށް ހިތުމުގައި އެބައމީހުންނަށް އިސްކަން ދިނުމެވެ. ކީރިތި ރަސޫލާ ﷺ ކުރެއްވެވިއެވެ. ތިބާ اللهގެ މަގުގައި ހޭދަކުރާ ދީނާރަކާއި އަދި ތިބާ އަޅުން އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި ހޭދަކުރާ دِينَار އަކާއި އަދި ތިބާ މިސްކީނަކަށް صدَّقْة ކުރާ دِينَار އަކާއި އަދި ތިބާ ތިބާގެ އާއިލާއަށް ހޭދަކުރާ دِينَار އަކާއި، މިހުރިހާ ހޭދައިގެ ތެރެއިން އެންމެ ބޮޑުވެގެންވާ اجر ހުށީ ތިބާ ތިބާގެ އާއިލާއަށް ހޭދަކުރި دِينَار ގެ މައްޗަށެވެ. (މުސްލިމް)

  • މީސްތަކުންގެ حقގައި ދީލަތިވުން

މީސްތަކުންގެ حقގައި ދީލަތި ވެވޭގޮތް ތަފާތު ވެގެންވެއެވެ. އެގޮތުން ހިނި މޫނަކާއިގެން މީހުންނާއި ބައްދަލުކުރުމަކީ ވެސް ދީލަތިކަމެކެވެ. މާތްاللَّه ރުއްސުންލެއްވި أبو ذرގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ތިމަންނައަށް حديثކުރެއްވިއެވެ. ތިބާ ހެޔޮކަންތަކުގެ ތެރެއިން އެއްވެސް ކަމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. އަދި އެއީ ތިބާގެ اخاއާއި ހިނިމޫނަކާއި އެކު ބައްދަލުކުރުން ކަމުގައި ވިޔަސްމެއެވެ. (މުސްލިމް)

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ.

މާތްالله ރުއްސުންލެއްވި جابرގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ކޮންމެ ފަދަ ހެޔޮކަމަކީ (ވެސް) صدقة އެކެވެ.

  • مسلمންގެ حقގައި ދީލަތިވުން

مسلمއަކުނަމަ އޭނާގެ اخ އާގެ حق ތައް ފުއްދާ ދިނުމުގައި ދީލަތިވާންޖެހޭނެއެވެ. އެގޮތުން مسلمންނަށް تعليم ދިނުމަށާއި ބޭސްފަރުވާ ފަދަ ކަންކަމަށް ހޭދަކުރަންޖެހެއެވެ. مسلمންގެ ރަށެއްގައި ވަބާއެއް ފެތުރިއްޖެނަމަ ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެނަމަ އެކަމަށް އެހީތެރިވާން ޖެހެއެވެ.

ދީލަތިވުމުގެ ފައިދާ

  • ދީލަތިވުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެކެވެ. އަދި ނަރަކައިން މުއްތި ވާކަމެކެވެ.
  • ދީލަތި ވުމަކީ މުދަލުގައި ގައި ބަރަކާތް ލެއްވޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މާތް الله ރުއްސުންލެއްވި أبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން ސަލާމާއި ސަލަވާތްލެއްވި ނަބީކަލޭގެފާނުގެ حديثކުރެއްވެވިއެވެ. ދެމަލާއިކަތް ބޭކަލުން ފައިބާވަޑާގެން ދުޢާ ނުކުރައްވާ ދުވަހެއްގައި އެއްވެސްއަޅަކަށް ދުވަހަކުވެސް ހެނދުނު ނުވެއެވެ. ފަހެ އެއިން އެއް މަލާއިކަތް ބޭކަލަކު دعاء ކުރައްވައެވެ. اللَّهُمَّ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! (ހެޔޮގޮތުގައި) ހޭދަކުރާ މީހާއަށް ގިނަ ކުރައްވާނދޭވެ! އަދި އަނެއް މަލާއިކަތް ބޭކަލަކު دعاء ކުރައްވަވައެވެ. اللَّهُمَّ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! (ހެޔޮގޮތުގައި) ހޭދަނުކޮށް ހިފަހަށްޓާ މީހާއަށް މަދުކުރައްވާނދޭވެ! (ބުޚާރީ، މުސްލިމް)
  • ދީލަތިކަމަކީ ދުނިޔޭގެعزة އާއި آخرة ގެ شرف ހާސިލުވާކަމެކެވެ. އަދި އެއީ قيامةއާއި ޖެހެން ދެން ނިމުމެއްނުވާ ރިވެތި ސަނާ ލިބިގެންވާ ކަމެކެވެ.
  • ދީލަތިކަމަކީ ބޮޑުވެގެންވާ ثوابއާއި ދަރުމަ ލިބެވެނި ކަމެކެވެ.

މާތް الله وحى ކުރެއްވިއެވެ. اللَّهގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثالއީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثالއެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّهއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.މާތް الله وحى ކުރެއްވިއެވެ. (ބަޤަރާ ސޫރަތުގެ 261)

މާތް الله وحى ކުރެއްވިއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثوابއާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. (ބަޤަރާ ސޫރަތުގެ 272)

މާތް الله وحى ކުރެއްވިއެވެ. "އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ." (ބަޤަރާ ސޫރަތް 274)

مسلمން ގެ މައްޗަށް އެދެވިގެންވަނީ ދީލަތިކަމުގެ ސިފަ އެބައިމީހުންގެ نفس ތަކުގައްޔާއި مجتمع ގައި އަށަގެންނެވުމެވެ. މާތް الله ރުއްސުންލެއްވި عبد الله بن مسعود، ކީރިތި ރަސޫލާ ﷺ ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ދެކަމެއްގައި މެނުވީ حَسَدَ ވެރިވުން ހުއްދަވެގެން ނުވެއެވެ. އެއީ މީހަކަށް الله سبحانه وتعالى މުދާ ދެއްވުމުން އެމީހާ އެމުދާތަށް حق މަގުގައި ހޭދަ ކުރާތަން ދެކެފައި ތިމާވެސް އެފަދަ މީހަކަށްވޭތޯ ވާދަކުރާ ވާދަކުރުމެވެ. އަދި (އަނެއް ކަމަކީ) މީހަކަށް الله سبحانه وتعالى علم މެއް ދެއްވުމުމުން އެމީހާ އެހެން މީހުންނަށް އެ علم އުނގަންނައިދޭތަން ދެކެފައި ތިމާވެސް އެފަދަ علم ވެރިއަކަށް ވޭތޯ ވާދަކުރާ ވާދަކުރުމެވެ. (ބުޚާރީ، މުސްލިމް)

مسلمންގެ މައްޗަށް އެދެވިގެންވަނީ ދީލަތިކަމުގެ ސިފަ އަށަގަނުމަށްޓަކައި އެކަމުގެ މައްޗަށް ޅަފަތުގައި نفس ތަމްރީނުކުރުމަށެވެ. އެގޮތުން މުދަލަކީ اللهގެ މުދާކަން نفسއަށް ބުނެ ދިނުމެވެ. އަދި نفسގެ ملك ވެރި ފަރާތަކީ اللهކަން އުގަންނާދިނުމެވެ. އަދި ދީލަތިވުމުގެ ސަބަބުން فقيرވެދާނެ ކަމުގެ ބިރުވެރިކަން نفس ން ދުރުކުރުމެވެ.

بخيلކަން

ބަޚީލުކަމަކީ ހަޑި މުޑުދާރު ސިފައެކެވެ. އެއީ الله ނުރުއްސަވާ ސިފައެކެވެ. އަދި އެންމެހާ މީސްތަކުންވެސް އެކަމުން ނަފުރަތުކުރާ ސިފައެކެވެ.

މާތް الله وحى ކުރެއްވިއެވެ. "اللَّه، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން އެއުރެންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެއުރެންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެއުރެންނަށްހުރި ނުބައިކަމެކެވެ. އެއުރެން ދަހިވެތިވި ތަކެތީން قيامةދުވަހުން އެއުރެންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ ملكވެރިކަންވަނީ اللَّه އަށެވެ. އަދި، اللَّهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލު ޢިމްރާން 180)

މާތް الله وحى ކުރެއްވިއެވެ. "އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި، ދަހިވެތިވުމަށް މީސްތަކުންނަށް أمرކުރާ މީހުންނެވެ. އަދި، اللَّه، އެކަލާނގެ فضلވަންތަކަމުގެ ތެރެއިން އެބަޔަކަށް ދެއްވާފައިވާ ތަކެއްޗާއި ކަންތައް ވަންހަނާކުރާ މީހުންނެވެ. كافرންނަށްޓަކައި، އިހާނަތްތެރި عذاب ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ." (އައްނިސާއު 37)

ހަރުބަހެއްގައި ވެއެވެ.

"ބަޚީލުމީހާގެ އެކުވެރިއެއް ނުހުންނާއެވެ."

"ދީލަތިމީހާގެ ކެއުމަކީ ބޭހެކެވެ."

"ބަޚީލުމީހާގެ ކެއުމަކީ ބަލިކަމެކެވެ."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.