Support Us

ބުޅަލުގެ ދަސްވެނިވުން

އެއްދުވަހަކު ޖުހާގެ ރައްޓެއްސަކު އޭނާގެ އޮޅު ބުޅާ ރީތިކޮށްގެން ހެދުން އަޅުވާތަން ފެނުމުން ޖުހާ ރަހުމަތްތެރިޔާ ގާތު އަހާލިއެވެ. "ރަހުމަތްތެރިޔާއެވެ. ތީ ކޮން ކަމެއް ހެއްޔެވެ؟ ތިޔަހާ ވަރަކަށް ކަލޭގެ ބުޅާ ތި ރީތި ކުރަނީ ކީއްވެގެން ހެއްޔެވެ؟"

ރަހުމަތްތެރިޔާ ވަރަށް ފަޚުރުވެރިކަމާއެކު ބުންޏެވެ. "މިއަދަކީ ވަރަށް ޚާއްސަ ދުވަހެކެވެ. މިއަދަކީ އަހަރެންގެ ބުޅާ ދަސްވެނިވެގެން، އެކަން އާ ކަމަކަށް ވުމުން، 'ގިނިސް ވާރލްޑް ރިކޯރޑްސް’ގެ ފަރާތުން އެމީހުންގެ ރެކޯޑު ފޮތުގައި އަހަރެންގެ ބުޅަލުގެ ވާހަކަ ލިޔެ ފޮޓޯނަގަން އަންނަ ދުވަހެވެ. މިއީ އަހަރެންގެ ބުޅަލަށް ނުވަތަ އަހަންނަށް އެކަނި ލިބޭ ފަޚުރެއް ނޫނެވެ. އަހަރުމެންގެ މުޅި ތައުލީމީ ނިޒާމަށް ވެސް، އަދި މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ވެސް ބޮޑު ފަޚުރެކެވެ. މީގެ ކުރިން ބުޅަލެއް ދަސްވެނިވެ ތަޚައްރުޖު ވެފައި އޮތީ ކޮން ގައުމެއްގެ ކޮން ތައުލީމީ މުއްސަސާއަކުން، ކޮން ތައުލީމީ ނިޒާމެއްގެ ތެރެއިން ހެއްޔެވެ؟ މިކަމުގެ ސަބަބުން އަހަރުމެންގެ ތައުލީމީ މުއައްސަސާތަކަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ބުޅަލަށް ލޯބިކުރާ މީހުން އެމީހުންގެ ބުޅާތަކަށް ސެޓިފިކެޓު ހޯދައިދިނުމުގެ ފުރުސަތު ލިބޭނެއެވެ. އެހެންވެ، ބުޅާ ކޯސްތަކުގެ ޕުރޮޑަކްޓުތައް ވިއްކައި އެއިން މާއްދީ ރަނގަޅު ފައިދާތަކެއް ހޯދޭނެ ނޫން ހެއްޔެވެ؟"

ޖުހާވެސް ރަހުމަތްތެރިޔާގެ ވާހަކައާ އެއްބަސްވިއެވެ. "ތިޔަ ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ތިޔައީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ހަމަ ރަނގަޅު ފައިދާތަކެއް ކުރާނޭ ކަމެކެވެ. މަވެސް ތިކަން ކުރަންވީ އޭ އެބަ ހިތަށް އަރައެވެ. ދާއިރާ ފުޅާކޮށް ކުއްތާއާ އަދިވެސް އޮޅުކޮށްގެން ގެންގުޅޭ އެހެން ޖަނަވާރުތަކާއި ދޫނިތަކާއި ސޫފިތަކަށް ވެސް ދަސްވެނިވުމުގެ ފުރުސަތު ހުޅުވާލެވިދާނެ ނޫން ހެއްޔެވެ؟ ވަރަށް ވެސް ބޮޑު މާކެޓެއް އޮތްހެން ހީވެއެވެ. ނަމަވެސް ތި ދަސްވެނިވުން އޮންނަނީ ކިހިނެއްކަން އޮޅުން ފިލުވަން އަހަރެން ބޭނުމެވެ. އެހެންވެ، ތިޔަ ކަމުގެ ތަފްސީލު ކިޔައި ދެވިދާނެ ހެއްޔެވެ؟"

ޖުހާގެ ރަހުމަތްތެރިޔާ ބުންޏެވެ. "ތިޔައީ އެއްވެސް ކަމެއް ނޫނެވެ. އަޑު އަހާށެވެ! އަހަރެންގެ ރަހުމަތްތެރިއެއްގެ ދަރިޔަކު ހަތަރު އަހަރުން ނިންމޭ ކޯހެއް ހަތަރު މަސް ދުވަހުން ނިންމި ވާހަކަ އަޑުއެހީމެވެ. ދެން އެ ރަހުމަތްތެރިޔާ ގާތު އެއީ ކިހިނެއްވާ ކަމެއްތޯ އަހާލުމުން އޭނާ ކިޔައިދިނެވެ. އެކަން ހިނގާ ގޮތަކީ ހަތަރު އަހަރުގެ މަސައްކަތް ކުރުކޮށްލަނީއެވެ. އަދި އެކި ބައިތައް އެއްފަހަރާ ކިޔެވޭ ގޮތް ވެސް ހަދަނީއެވެ. އަދި ކިޔަވަން ޖެހޭ ކޯސް ބައެއް ފަހަރު ކިޔަވާ ދަރިވަރަށް ތައްޔާރުވެސް ކޮށްލެވެން އޮވެއެވެ. މިފަދަ ގޮތަކަށް ކިޔަވަން ގަސްދުކުރާ ކުދިން، ކޮލެޖަށް ހާޒިރުވާކަަށް ނުޖެހެއެވެ. ގޭގައި ތިބެގެން އެކުދިންގެ މަސައްކަތް އެކުދިންނަށް ކުރެވެއެވެ. އަދި އަވަހަށް ނިންމާލެވޭ ކޯހެއްކަމުން، އެހެން މީހުންގެ އެހީ އެކުދިންނަށް ހޯދުމުގެ ފުރުސަތު ވެސް އޮވެއެވެ. އެހެންވެ، އެހެން މީހުން ލައްވާ ކިޔަން ޖެހޭ އެއްޗެހި ކިޔުއްވައި، ލިޔަން ޖެހޭ ލިޔުންތައް ލިިޔުއްވޭނެއެވެ. ދެން މިގޮތުގެ މަތިން ކަންތައްކޮށް، ހުރިހާ މަސައްކަތެއް ނިންމާލުމުން، ބޮޑު ހަފުލާއެއް ބާއްވައި އެކުދިންނަށް ސަނަދު ދެވި، އެކުދިންގެ ކަރުގައި، ރަން ހާރެއް ފަދައިން، އެ ސަނަދު އަޅުވާލެވެއެވެ. ފެންނަ ކޮންމެ މީހަކަށް އެކުދިން ވަނީ ދަސްވެނިވެފައިކަން އެނގޭނެ ނޫން ހެއްޔެވެ؟ އަދި ތައުލީމު ދޭ ފަރާތާއި ތައުލީމު ލިބޭ ފަރާތާއި ދެފަރާތް ވެސް ތިބެނީ ހިތް ހަމަޖެހިފައެވެ. އެއްބަޔަކަށް މުހިއްމީ ފައިސާއެވެ. އެ ފައިސާ އެމީހުންނަށް ލިބެއެވެ. އަނެއް ބަޔަކު ބޭނުމީ ކަރުދާސް ކޮޅެކެވެ، ސެޓުފިކެޓެކެވެ. އެމީހުންނަށް އެކަރުދާސްކޮޅު ލިބެއެވެ."

"ދެން ތިކަމާ ބުޅަލުގެ ދަސްވެނިވުމާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟" ޖުހާ އެއްސެވެ.

ރަހުމަތްތެރިޔާ ޖުހާ ގާތު ބުންޏެވެ. "މިކަން އަހަންނަށް އެނގުމުން، އަހަރެން ހިތަށް އެރީ މިއީ ކިޔަވައި ދަސްވެނިވުމުގައި ވަރަށް ވެސް މޮޅުގޮތެއް ކަމުގައެވެ. އެހެނީ މި ފަދަ ކޯސްތައް ފުރިހަމަ ނުކުރެވޭނޭ ބަޔަކު ނޫޅޭނޭކަމެވެ. އިންސާނުން ކީއްކުރަން ހެއްޔެވެ! ޖަނަވާރުންނާ ދޫނި ސޫފާސޫތްޕަށްވެސް މިކަން ކުރެވޭނެއެވެ. އެހެންވެ، އަޖުމަ ބަލާލުމުގެ ގޮތުން އަހަރެންގެ ބުޅާ އެ ފަދަ ކޯހެއްގައި ރަޖިސްޓަރީ ކުރީއެވެ. އަދި ބުޅާކުރަން ޖެހޭ ލިޔެކިޔުމުގެ މަސައްކަތް ކުރާނޭ ބަޔަކު ހޯދައި އެމީހުން ލައްވާ އެކަން ކުރުވީ އެވެ. އަދި ހަތަރު އަހަރުން ނިންމާލެވޭ ކޯސް ހަތަރު މަހުން ނިންމާލެވުނީއެވެ."

ޖުހާ ވަރަށް އުފާވެފައި ބުންޏެވެ. "ސާފު ވެއްޖެއެވެ. އަހަރެން ވެސް މިދަނީ އަހަރެންގެ ގާމާދޫނީގެ ދަސްވެނިވުމުގެ ކަންތައް ހަމަޖައްސާށެވެ. އަދި އެހެނިހެން ޖަނަވާރުންނާއި ސޫފާސޫފީގެ ދަސްވެނިވުމުގެ މަސައްކަތުގެ އޭޖަންޓަކަށް އަހަރެން ވާނަމެވެ."

މިހެން ބުނެ ޖުހާ، އޭނާގެ ގެއާ ދިމާއަށް ހަލުވިކަމާއެކު ހިނގައިގަތެވެ. އަދި ޖުހާގެ ރަހުމަތްތެރިޔާ އޭނާގެ އޮޅު ބުޅާ ރީތި ކުރުމުގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ފޮޓޯ ހަފުލާއަށް ތައްޔާރު ވުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

3 Responses

  1. މުޅިޤައުމުު ކަހަލަގޮތަކަށްް އޮތީީ ބުޅަލުގެެ ދަސްވެނިވުމުންް ދަސްވެނިވެގެންް މިހާރުު ވަރަށްް ފެންވަރުގަަ ކޮންމެެ ކަމެއްވެސްް ކުރުމަށްް އޮތީީ އެންމެބޮޑަށްް ތައްޔާރަށްް ކޮންމެެ މަޤާމެގައިި ރާއްޖެއިންް ބޭރުު އެޑްވަޒަރުންް ހުރުންް ލާޒިމްް ކުރުވާާ ހަމަޔަށްް ވާސިލްް ވެވިއްޖެެ އެއީވެސްް ލައްކަަ މިންވަރެއްނޫންތޯޯ

  2. ރަނގަޅު އެއްކަމެއްވެސް މި ޤަޢުމަކު މިހާރު ނުހިނގާ. ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް ނެތް!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *