...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ކާފަރުން ދިއްކޮށްލާ މަޤާމަކަށް ވުރެ ދިވެހީންގެ ކުރިމަތީގައި ﷲގެ ދީނުގެ އަގު މާ ބޮޑު

އ.ދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާދީއްތަ ދުވަހު އެމެރިކާ އަށް ފުރައިވަޑައިގަތުމުން ހިތަށް އެރިއެވެ. ރައީސް އެންމެ އިތުބާރު ކުރައްވާ މިނިސްޓަރަށް އިންޑިއާއިން ހޯދައިދިން މަޤާމްގެ މެޑަލް ޖައްސަވަން ކުރައްވާ ދަތުރުފުޅެކެވެ. އަނބިކަނބަލުން ފަޒްނާ އާއި ސަރުކާރުގެ މަތީފެންވަރުގެ ވަފްދަކާ އެކު ދިހަ ދުވަހުގެ އެމެރިކާ ދަތުރުފުޅެކެވެ. ހުރިހާ ހަރަދެއް ކުރަނީ އަޅުގަނޑެވެ. އަޅުގަނޑޭ މިދެންނެވީ ޓެކްސް ދައްކާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބައިތުލްމާލުގެ ހިއްސާ އަޅުނގަނޑަށްވެސް ވާތީއެވެ. ރައްޔިތުންގެ ހަރަދުގައި މިއޮށް ބޮޑު ވަފްދު އެމެރިކާ އަށް މިދަނީ ކީއްކުރަންތޯއެވެ؟ ޤައުމުގެ ހަރުމުދާކޮޅު ރަހުނުކޮށް ސުކޫކް ވިއްކައިގެން ކިރިޔާ ދެވެނީ ސަރުކާރު މުއައްޒަފުންގެ މުސާރައެވެ. އެވަރުންވެސް އިންޑިއާގެ ތައްޕާހަށް ވެއްޓިފައިވާ މިނިސްޓަރަކަށް ލިބުނު އ.ދގެ މަޤާމްގެ އުފާ ފާޅުކުރެއްވުމަށް ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި ބޮޑު ވަފްދެއް ދިހަ ދުވަހަށް އެމެރިކާއަށް ވަޑައިގަންނަވައިފިއެވެ. ކޮން ފަދަ ބޮޑު އިސްރާފެއްތޯއެވެ؟ ރައްޔިތުންނަށް ދިމާވެފައިވާ ބިކަ ހާލާމެދު އެއްވެސް ފަރުވާލެއްނެތް ރައީސެއްތޯއެވެ؟ ޝާހިދަށް ލިބިވަޑައިގެންނެވި އ.ދގެ މަޤާމަކީ ދިވެހި ރައްޔިތުން ފަހުރުވެރިވާންޖެހޭ އެއްޗެއް ކަމަށް ދައްކަންވެގެން ސަރުކާރުން މިކުރާ މަސައްކަތަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ކަމެކެވެ.

އ.ދގެ އާއްމު މަޖުލީހުގެ 76 ވަނަ ދައުރުގެ ރައީސަކަށް، އިންޑިއާގެ އެހީގައި އަބްދުﷲ ޝާހިދު ހޮވުމުން ފައިދާ ކުރާނީ އިންޑިއާ އަށާއި ޝާހިދަށާއި ރައީސް ސޯލިހަށެވެ. ދިވެހި ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް ލިބުން ފިޔަވައި ދިވެހި ރައްޔިތުންނަށް މިކަމުންވާ އެއްވެސް ކަމެއް ނެތެވެ. މަޤާމާ ހަވާލުވެ ވަޑައިގަތް ދުވަހު، އެމެރިކާގެ ނިއުޔޯކްގައި ހުންނަ ނަސާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ޚާރިޖީ ވަޒީރު ޝާހިދު ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ފައްޅީގެ އަޅުކަމުގައިވެސް ބައިވެރިވެވަޑައިގަތެވެ. އަދި ފައްޅީގައި ތަޤްރީރުވެސް ކުރެއްވިއެވެ. އަދި އެ ރަސްމިއްޔާތަށް ފަހު ފައްޅީގެ އިސް ފާދިރީއާ ވެސް ބައްދަލު ކުރެއްވިއެވެ.

މިއީ ގިނަ ދީނީ އިލްމުވެރީން އެއްބަސްވާ ގޮތުގައި ދީނީ ގޮތުން ހުއްދަވެގެންނުވާ، ޝިރުކުގެ އަމަލެކެވެ. ދުނިޔެވީ މަޤާމަކަށް ޓަކައި މި ދިވެހި އިސްލާމީ ޤައުމުގެ ޚާރިޖީ ވަޒީރު ނަސާރާ ފައްޅިއެއްގެ އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަކީ ދިވެހީންގެ މޫނުމަތީގައި ޝާހިދު ޖެއްސެވި ތަފާއްޔެކެވެ. މި ޤައުމުގައި އިސްލާމިކް މިނިސްޓަރަކު ހުންނެވިނަމަ ގައިމު މި ޝިރުކުގެ އަމަލު ކުށްވެރިކުރެއްވީހެވެ. ނަސާރާއިންނާއި ޔަހޫދީންނާއި ހިންދޫން ރުއްސައިގެން، އެމީހުންގެ ފައްޅީގައި އަޅުކަން ކުރުން މިސަރުކާރަށް އޯކޭ އެވެ. އެކަމަކު އިސްލާމް ދީނަށް އުޅޭ ދިވެހީންނަކީ "ހަރުކަށި ފިކުރު"ގެ ބައެއް ކަމަށް ދައްކައިގެން ޝާހިދާއި ރައީސް ސޯލިހު ކުޅުއްވަނީ ވަރަށް ހީލަތްތެރި، ނުލަފާ ގޭމެކެވެ. ރާއްޖޭގެ ސްކޫލް ކުދިންގެ އިސްލާމީ އަޤީދާ ބަލިކަށިވާ ގޮތަށް ސްކޫލްތަކުގެ އެސެމްބްލީގައި މިއުޒިކް ޖަހައި، ސްކޫލްތަކުން ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި މިޤައުމުގައި އިސްލާމްދީން ބަލިކަށި ކުރުމުގެ މަސައްކަތް އެޑިކޭޝަން މިނިސްޓަރ އައިޝަތު އަލީ ހެސްކިޔާފައި ކުރިއަށް އެބަގެންދެއެވެ. ޝާހިދަށް އ.ދގެ މަޤާމެއް ލިބިވަޑައިގެން ނަސާރާ ފައްޅިއެއްގައި އެކަމުގެ އުފާ ފާޅުކުރެއްވިއަސް މިއީ ދިވެހީން ފަހުރުވެރިވާންވީ ކަމެއް ނޫނެވެ. މިއީ ދިވެހީން ހިތާމަކޮށް ރޯންޖެހޭ ވަރުގެ ދަށުދަރަޖައިގެ ކަމެކެވެ.

ސިވިލް ސާވަންޓުންނަށް ހަމައަށް މުސާރަ ނުދެވެއެވެ. މުސާރައިގެ ނުވަތަ މަޤާމްގެ ކުރިއެރުމެއް ނުދެވެއެވެ. ޑޮކްޓަރުންނަށް ހައްޤު އިނާޔަތެއް ނުދެވެއެވެ. ދައުލަތުގެ ދަރަނި ހެސްކިޔާފަ ދަނީ އިތުރުވަމުންނެވެ. ޤައުމުގައި ޑްރަގް އިތުރުވެ، ހައްދުން ނެއްޓި، ޑްރަގްގެ އެންމެ ނުރައްކާތެރި ވައްތަރު މިހާރު ހިލޭވެސް ބަހާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ދާދި ފަހުން ވިދާޅުވިއެވެ. ޒުވާނުން ޑަރަގާއި ގޭންގް ހަނގުރާމާގައި ގަރަގު ވަނީ އެވެ. ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިންޑިއާ އަށް ޤައުމު އަޅުވެތިވެއްޖެއެވެ. އެވަރުންވެސް އ.ދގެ އާއްމު މަޖުލީހުގެ ރައީސް ކަމަށް ޝާހިދު ހޮވައި، އެމަޤާމަށް ދައުލަތުން އެތައް ހަރަދެއް ކުރަންޖެހި، ޝާހިދާއެކު އުފާ ފާޅުކުރެއްވުމަށް ރައީސް އާއި ބޮޑު ވަފްދެއް ދިހަ ދުވަހަށް އެމެރިކާ އަށް ވަޑައިގަންނަވައިފި އެވެ. ރައްޔިތުން އުފަލުން އަތްޖަހަންވީއެވެ.

ތިކަމެއް ނުވާނެއެވެ. އަތްޖަހާނެ ކަމެއް ނެތެވެ. އުފާކުރާނެ ކަމެއްވެސް ނެތެވެ. ވޯޓުދޭނެ ކަމެއް ވެސް ނެތެވެ. ތާއީދު ކުރާނެ ކަމެއް ނެތެވެ. މިއޮތީވާ ވެރިކަމެކެވެ. ޤައުމު ހަމަ ރަނގަޅަށްވެސް ދޮވެލައިފިއެވެ. ބައިތުލްމާލު ކައިހުސްކޮށްފިއެވެ. ޖުޑިޝަރީވެސް ބޮއްސުންލައިފައެވެ. ސިވިލް ސާވިސް އާއި ސިއްހީ ދާއިރާ ވެސް ބޮއްސުންލައިފައެވެ. ރަނގަޅަށް އެއްކަމެއްވެސް ނުކުރެވެއެވެ. ޤައުމުގެ ކުރިމަގު މުޅިން ބަނަވެ ނިމިއްޖެއެވެ.

ޝާހިދަށް ލިބިވަޑައިގެންނެވި މަޤާމްގެ ގޮތުން ނަސާރާ ފައްޅިއެއްގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. އަދި އެހިސާބުން ނުނިމޭނެއެވެ. އ.ދ އަކީ އެއްޖުންސުން ގުޅުން ހިނގުން ފަދަ އިސްލާމްދީނާ ފުށުއަރާ އެތައް ކަމެއް ހުއްދަ ކުރުމަށް ބާރުއަޅާ ޖަމްއިއްޔާއެކެވެ. ޝާހިދުގެ ޒައާމަތުގައި އ.ދ އިން އެފަދަ އެތައް ލާދީނީ ކަމެއް ފާސްކުރަން ޖެހޭނެއެވެ. އިސްލާމީ ދިވެހި ދަރިއަކު އެފަދަ ޖަމާތެއްގެ ރިއާސަތުގައި އިންނަވައިގެން އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރައްވައި، ނަސާރާއިންގެ ފައްޅިއަށް ވަޑައިގެން، ޔަހޫދީންގެ ފައްޅިއަށް ވަޑައިގެންނެވުމުން ދިވެހީން ހަމަ ފަހުރުވެރި ވާންވީ ތޯއެވެ؟ ނުވާނެއެވެ. މޯދީ އާއި ޝާހިދާއި ރައީސް ސޯލިހު އުފާ ކުރައްވާށެވެ. ދިވެހީން ތިބީ އިސްލާމް ދީނުގެ ދިފާއުގައި ތެދުވަން ތައްޔާރަށެވެ. ކާފަރުން ދިއްކޮށްލާ މަޤާމަކަށް ވުރެ ދިވެހީންގެ ކުރިމަތީގައި ﷲގެ ދީނުގެ އަގު މާ ބޮޑުވާނެއެވެ.