Support Us

ނޫޙުގެފާނުގެ އަނބިކަނބަލުން

ނޫޙުގެފާނު އަނބިކަނބަލުންގެ ނަންފުޅަކީ "ވާލިހަތު" ކަމަށް ބުނެވެއެވެ. އެހެން ރިވާޔަތެއް ބުނާގޮތުގައި ޖިބްރީލުގެފާނު ކީރިތި ރަސޫލާއަށް ބަޔާންކޮށް ދެއްވިގޮތުގައި ނޫޙުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ "ވާޣިލަތު" އެވެ. ލޫޠުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ "ވާލިޢަތު" އެވެ.

މުސްލިމުންނަށް މި ދެ ބޭކަނބަލުންގެ ވާހަކަ ކީރިތި ޤުރްއާނުން ފެނެއެވެ. މާތް ﷲ އައްތަޙްރީމު ސޫރަތުގައި ވަޙީ ކުރެއްވިއެވެ. ((ضَرَبَ اللَّهُ مَثَلًا لِلَّذينَ كَفَرُوا امرَأَتَ نوحٍ وَامرَأَتَ لوطٍ ۖ كانَتا تَحتَ عَبدَينِ مِن عِبادِنا صٰلِحَينِ فَخانَتاهُما فَلَم يُغنِيا عَنهُما مِنَ اللَّهِ شَيـًٔا وَقيلَ ادخُلَا النّارَ مَعَ الدّٰخِلينَ ‎- التحريم : 10- نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެ ބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمرގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެ ބޭކަނބަލުންނަށްޓަކައި، އެ ދެ ބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަ މީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!))

ޤިޔާމަތް ދުވަހުން އެއްވެސް މީހަކަށް އެހެން މީހެއްގެ ފުށުން ފައިދާއެއް ނުކުރާނެތެވެ. މި ކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ. ފިރިމީހާ މޮޅުވެގެން އަނބިމީހާއަށް އަދި އަނބިމީހާ މޮޅުވެގެން ފިރިމީހާއަށް ފައިދާއެއް ނުކުރާނެއެވެ. އެ ދުވަހުން ކޮންމެ މީހަކަށް ވެސް ފައިދާ ކުރާނީ އެމީހަކު ކުޅަ މަސައްކަތަކުންނެވެ.

ނޫޙުގެފާނަކީ އެންމެ ފުރަތަމަ ރަސޫލާ ކަމަށް ގިނަ ޢިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާއަށް އެކަނި އަޅުކަން ޚާލިޞް ކުރުމަށް އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމަށް ގޮވައިލެއްވިއެވެ. ބުދަށް އަޅުކަން ކުރުން އީޖާދު ކުރި މި ޤައުމުގެ މީހުންނަށް ﷲއަށް އަޅުކަން ޚާލިޞް ކުރުމަށް ގޮވައިލެއްވުމުގައި ނޫޙުގެފާނު 950 އަހަރު ހޭދަކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((لَقَد أَرسَلنا نوحًا إِلىٰ قَومِهِ فَقالَ يٰقَومِ اعبُدُوا اللَّهَ ما لَكُم مِن إِلٰهٍ غَيرُهُ إِنّى أَخافُ عَلَيكُم عَذابَ يَومٍ عَظيمٍ- الأعراف: 59- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.)) ނޫޙުގެފާނު ވަރަށް ކެތްތެރިކަމާއި ސާބިތުކަމާއެކު ﷲގެ ދީނަށް ގޮވައިލެއްވުމުގައި  ކުރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވި ގޮތްތައް ބަޔާން ކުރައްވައި ﷲ ޖައްލަ ޝައުނުހޫ ވަޙީ ކުރެއްވިއެވެ. ((قالَ رَبِّ إِنّى دَعَوتُ قَومى لَيلًا وَنَهارًا ‎﴿٥﴾‏ فَلَم يَزِدهُم دُعاءى إِلّا فِرارًا ‎﴿٦﴾‏ وَإِنّى كُلَّما دَعَوتُهُم لِتَغفِرَ لَهُم جَعَلوا أَصٰبِعَهُم فى ءاذانِهِم وَاستَغشَوا ثِيابَهُم وَأَصَرّوا وَاستَكبَرُوا استِكبارًا ‎﴿٧﴾‏ ثُمَّ إِنّى دَعَوتُهُم جِهارًا ‎﴿٨﴾‏ ثُمَّ إِنّى أَعلَنتُ لَهُم وَأَسرَرتُ لَهُم إِسرارًا‎- نوح: 5-9- އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެ މީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ.))

ނޫޙުގެފާނުގެ އަނބިކަނބަލުން

ނޫޙޫގެފާނު 950 އަހަރު ރެއާއިދުވާލު ﷲގެ ދީނަށް ގޮވައިލެއްވުމުގައި ހޭދަކުރެއްވިއިރު އެކަލޭގެފާނުގެ އަނބިކަނބަލުންގެ ސިޔާސަތަކީ ކޮބައި ހެއްޔެވެ؟ ނޫޙުގެފާނު ވާލިހަތާ ކާވެނިފުޅު ބައްލަވައިގަތީ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީންނެވެ. އޭނާއަކީ ނޫޙުގެފާނުގެ ޤައުމުގައި ނަސަބުވެރި ޙަސަބުވެރި ބާރުވެރި އަންހެނެކެވެ. ނޫޙުގެފާނު ﷲގެ ދަޢުވަތު ފެށްޓެވީ އެކަލޭގެފާނުގެ ޢާއިލާއިންނެވެ. ވާލިހަތު މި ދަޢުވަތަށް އިޖާބައެއް ނުދިނެވެ. އޭނާ ހުންނެވީ މަގުފުރެދިފައިވާ މީހުންނާއެކުގައެވެ. ނޫޙުގެފާނުގެ ދަޢުވަތު ޤަބޫލުނުކުރުމުގެ އިތުރަށް އޭނާ މަސައްކަތް ކޮށްފައި ވަނީ ކާފިރުންނާއެކު ނޫޙުގެފާނަށް ގޯނާކޮށް ދުއްތުރާ ކުރުމުގައެވެ. އޭނާ އިސްކަންދިނީ އުޚްރަވީ ޙަޔާތަށްވުރެ ބޮޑަށް ދުނިޔަވީ ޙަޔާތަށެވެ.

ނޫހުގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނަށް ޚިޔާނަތްވިއެވެ. އެކަލޭގެފާނުގެ ސިއްރުތައް ބޭޒާރު ކުރިއެވެ. އޭނާގެ ހިތްވަނީ ޝިރްކުން ތަޅުލެވިފައެވެ.

ނޫޙުގެފާނުގެ އަނބިކަނބަލުންގެ ނިމުން

ނޫޙޫގެފާނުގެ ދަޢުވަތަށް އިޖާބަ ނުދިނުމުން ﷲ ތަޢާލާ އެކަލޭގެފާނުގެ ޤައުމު ހަލާކު ކުރެއްވީ ވަރުގަދަ ޠޫފާނަކުންނެވެ. ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ސަލާމަތް ކުރެއްވުމަށް ޓަކައި ﷲގެ އަމުރުފުޅަށް ނޫޙުގެފާނު ނައުކޮޅެއް ބެންނެވިއެވެ. ﷲގެ ޢަޒާބު ފޮނުއްވުމަށް އިރާދަ ކުރެއްވި ހިނދު ނޫޙުގެފާނަށް އެ ނަވަށް އަރާވަޑައިގަތުމަށް އެންގެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މި ނަވަށް އެރުމާ ދެކޮޅު ހެދިއެވެ. އޭނަ ސާބިތުވެ ހުރީ ކާފިރުންނާއެކުގައެވެ. އޭނާ ކާފިރުންނާއެކު ޣަރަޤުވެގެން ހަލާކުވެގެން ދިޔައީއެވެ. މާތްﷲ އަންގަވާފައިވާ ފަދައިން އޭނާއަކީ ނަރަކަވަންތަ ވެރިއެކެވެ.

ނޫޙުގެފާނުގެ އަނބިކަނބަލުންނަކީ ހެވާއި ޙައްޤުފެނި އެކަމާ ދެކޮޅު ހެދި މީހެކެވެ. އެއީ މާތްﷲގެ ނިޢުމަތްތަކަށް ޙަރާންކޯރުވި މީހެކެވެ.

ނޫޙުގެފާނުގެ އަނބިކަނބަލުން ޚިޔާނަތްތެރިވެފައި ވަނީ އެކަލޭގެފާނުގެ ދަޢުވަތަށެވެ. އޭނާއަކީ ނޫޙުގެފާނުގެ ޒަވާޖީ ޙަޔާތަށް ޚިޔާނަތްތެރިވި އަންހެނެއް ނޫނެވެ. ފާޙިޝް ޢަމަލުތަކަށް އަރައިގެން މީހެއްނޫނެވެ. އޭނާއަކީ ﷲގެ ރިސާލަތާ ދެކޮޅުހެދި މީހެކެވެ. ﷲގެ ރަސުލާއަށް ފުރައްސާރަކޮށް ﷲގެ ދަޢުވަތަށް ފުރަގަސްދިން މީހެކެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ނޫޙުގެފާނުގެ ޚިޔާނަތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެއެވެ. ﷲގެ ރަސޫލުބޭކަލުންނަށް ޚިޔާނަތްތެރިވި ދެ މީހެއްގެ ވާހަކަ ބަޔާން ކުރެއްވި ބަސްފުޅުގައެވެ. މީސްތަކުންނަށް ޖައްސަވާފައިވާ މިސާލެއްގެގޮތުގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((ضَرَبَ اللهُ مَثَلًا لِلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ- التحريم: 10 – نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!))

ނޫޙުގެފާނުގެ އަނބިކަނބަލުންނަކީ ކާފިރެކެވެ. ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ނޫޙުގެފާނަކީ މޮޔަ ބޭކަލެކޭ ކިޔައިން މި އަންހެނާ ވާހަކަތައް ފަތުރަމުން އެކަލޭގެފާނާ މީސްތަކުންނާ ދެމެދަށް ހުރަސްއަޅަމުން ދިޔައެވެ. މި ބަސްފުޅުން އެނގެނީ ޤިޔާމަތް ދުވަހުން ޞާލިޙު ނަބީބޭކަލުންގެ ސަބަބުން ވެސް އެހެން މީހުންނަށް ފައިދާއެއް ނުލިބޭނެކަމެވެ. ކޮންމެ އިންސާނަކީ ވެސް މުސްތަޤިއްލު މީހެއްކަމެވެ. އެމީހަކު ކުރި ކަމަކަށް މެނުވީ ޒިންމާވާކަށް ނުޖެހޭނެއެވެ. މުފައްސިރުން ވިދާޅުވާގޮތުގައި މައްކާގެ މުޝްރިކުން ބުންޏެވެ. މުޙައްމަދުގެފާނު އަހުރެމެންނަށް ޝަފާޢަތްތެރިވެ ވަޑައިގެން ދެއްވާނެއެވެ. އެހިނދު މާތްﷲ އެންގެވިއެވެ. އެކަލޭގެފާނު ވެ ވަޑައިގަންނަވާ ޝަފާޢަތަކުން މައްކާގެ މުޝްރިކުންނަށް ފައިދާއެއް ނުކުރާނެއެވެ. الله تعالى ވަޙީ ކުރެއްވިއެވެ. ((وَكُلَّ إِنْسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنْشُورًا، اقْرَأْ كِتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ، مَنِ اهتَدىٰ فَإِنَّما يَهتَدى لِنَفسِهِ ۖ وَمَن ضَلَّ فَإِنَّما يَضِلُّ عَلَيها ۚ وَلا تَزِرُ وازِرَةٌ وِزرَ أُخرىٰ ۗ- الإسراء: 13- 15- އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ.(އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ نفس ގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ نفس ގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *