...

Support Us

އެ  މަންޒިލް

އެއީ ދުވަސްތަކެއްގެ ކުރިން އަހަރެން އުޅުނު މަންޒިލެވެ.

އެއީ އާދަޔާ ޚިލާފު އުފާތަކަކުން ހިތް އުފަލުން ފޮޅުވި އުފާވެރި މަންޒިލެވެ.

ހުސް އުފަލެވެ.

ހުސް ހިނިތުންވުމެވެ.

ހުސް ހުނުމާއި ސަމާސާއެވެ.

އެނޫން އެއްވެސް އެއްޗެއް ތަޖުރިބާ ނުކުރާ އަހަރެންގެ ހިތުގެ މަންޒިލެވެ.

 

އެންމެ ސާފު ހަނދުވަރު އަހަރެން ދުށީ އެ މަންޒިލުންނެވެ.

އެންމެ ލޭފަވެތި ހިނިތުންވުން އަހަރެން ދުށީ އެ މަންޒިލުންނެވެ.

އެންމެ މީރު ހުވަނދުގެ ވަސް އަހަރެންނަށް ދުވީ ވެސް ހަމަ އެ މަންޒިލުންނެވެ.

ހުސްމީރުވަހެވެ.

ހުސްމީރު ރަހައެވެ.

ހުސް އަރާމެވެ.

ހުސް އުފަލެވެ.

ހުސް ލައްޒަތެވެ.

 

އެ މަންޒިލުގެ ދާނުގައި އަހަރެން ނިދީ ހިމޭންކަމުގެ ނާނާގެ އަޑު އަހަމުންނެވެ.

އޯގާވެރި ފިރުމުންތަކާއި ލޯބިވެތި ބޮސްދިނުންތަކުން މިޒާޖު ތާޒާކުރުމުގައެވެ.

ކަންބޮޑުވުންތައް ފިލުވުމުގައެވެ.

ހިތުގެ މިސްރާބު އެ މަންޒިލްގެ ހިމޭން އައްސޭރިތަކާއި ރޯޅިތަކާ ގުޅުވަމުންނެވެ.

ހުސް އަރާމެވެ.

ހުސް ފިރުމުމެވެ.

ހުސް ރަހުމާއި ހަމްދަރުދެވެ.

 

ދުވަސްތަކަކަށް ފަހު ޚަރީފެއްގެ ހޫނުކަން ވެރިވިއެވެ.

އެ މަންޒިލް ވީރާނާވިއެވެ.

އެ ރަބީޢު ފިލާއްޖެއެވެ. އެ ބަހާރު މިލާއްޖެއެވެ.

ހިތްދަތިކަމުގެ ނަޣުމާތައް ވަށައިގެން އިވޭ ފަޅުކަމެއް ނޫން އެހެން އެއްވެސް އިހުސާސެއް އެ މަންޒިލަކުން އަހަންނަކަށް ނުވެއެވެ.

ބަޔާން ކުރާން ދަތި މާނޭވާތަކެއް ގެ އަޑު ކަންފަތްދޮށުން ދާއިމީ އަޑެއްގެ ގޮތުގައި ގުގުމައެވެ.

އެ މަންޒިލް ބުނާކަހަލައެވެ! އެ މަންޒިލްގެ އަޑު އިވޭ ކަހަލައެވެ!

 

"އޭ އަހަރެންގެ ހިތުގެ ލައްޒަތާއެވެ! ފުރާނައިގެ އަރާމާއެވެ! ޖަޒުބާތުތަކުގެ ދިރުމާއެވެ! ވިންދުތަކުގެ އަޑާއެވެ!

ތިބާއަށް އަޑު އިވޭހެއްޔެވެ! އަހަރެން އަދު ނެތީމެވެ! އަހަރެންގެ ނޭވާގެ އަށު އެބަ އިވޭހެއްޔެވެ! އަހަރެން ތިބާއަށް އެދި މިއެދޭ އެދުމުގެ އަޑު އެބަ އިވޭހެއްޔެވެ! އަހަރެންގެ އަޑުގެ އަޑާއި މި ކެކުޅޭ ކެކުޅުމުގެ އަޑު އެބަ އިވޭހެއްޔެވެ!

ނީވުނަސް  ފަރުވާލެއް ނެތެވެ!

ތިބާއަށް މަޢާފެވެ!

ތިބާއަށް މަޢާފެވެ!

ތިބާއަށް މަޢާފެވެ!“

 

ދުވަސްތަކެއްގެ ފަހެވެ.

އަހަރެން އެ މަންޒިލެއްގައި އެތައް ހާސްވަގުތެއް ހޭދަ ކުރި ބަހާރީ މަންޒިލް ފެނުނެވެ.

ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

މިއީ އަހަރެންގެ ހިތަށް ވަރަށް ތަދުވާ ހިސާކެވެ. އެ މަންޒިލެއްގައި ހާސް ހަނދާންތަކެއް ފޮރުވިފައިވާ މަންޒިލްގެ ހިސާބެވެ!

 

އިއްޔެގެ އެ މަންޒިލް އަދު ފެންނަނީ ވީރާނާވެފައި ފަޅު ގެއެއް ހެންނެވެ.

ހަނސުވަރެއް ނެތް ކަޅުފޮއި ރޭގަނޑެއް ހެންނެވެ.

ދިރުން ކެނޑި ދައުރުވުން ހުއްޓި ގަނޑުވެފައިވާ ކަޅާއި ހުދުގެ މަންޒަރެއް ހެންނެވެ.

 

އެމަންޒިލުގެ މަސްތާނަވީ އުފަލާއި ހަނދުވަރު ފަދަ ހިނިތުންވުންތައް އަދަކު ނެތެވެ.

އެ އުފާތަކާއި އެ ބަހާރީ ޒަމާން މުޅީން ފިލާއްޖެއެވެ.

ދެން އޮތީ ކެތްކޮށްލުމެވެ.

އެ މަންޒިލްގައި އަހުރެން ލީ ފަދަ އުފާވެރި ނޭވާތައް ދެން އަހުރެން ލާނީ އެ މަންޒިލުގެ ހަގީގީ އުފާތަކުގެ ގާތުގައެވެ.

ހިމޭންކަމާ އެކުއެވެ. ލޭފަވެތިކަމާ އެކުއެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *