ވިސްނާބަލާ ވުޖޫދުގެ މީ އޮތް ހަގީގަތޭ
ޖިސްމާ ފުރާނައިން ލިބިދޭ ސާފު އިބުރަތޭ
އަހަރެން ދުށީމެ ރީތި އުޑެއް ސާފު ނޫ އެހާ
އަހަރެން ދުށީމެ ތަރިތައް އެ އުޑުން ލިފިޔަޖަހާ
އަހަރެން ހޮވީމެ މާތައް ގުލްޝަންގެ ފަރިވިހާ
އަހަރެންގެ ތަރި ޝަބާބުގެ އޮއްސިއްޖެ އަދު ގަހާ
އަހަރެންނަކީ ދެކެން ހުރި އަހަރެންގެ އިބުރަތޭ
ކަނޑުގާ ޣަރާމުގާ ހިނގި ބޮޑުރާޅު އުފުލިއޭ
ކަނޑުގާ ދަމާ ދެ އޮއިވަރު ޖަޒުބާތު ހިލުވިއޭ
ކަނޑުގާ ތެމާ ނިކަން ސަތަހައިން ދޫލަ ފެތުރިއޭ
ކަނޑުގައި މެ ކުޑަވެފާ ބޮޑު ދިޔަވަރު ބަދަލުވިއޭ
ކަނޑުގައި ވަނީ އަޖާއިބު ފުން ސިއްރު އިބުރަތޭ
މޫސުން ހިނގައްޖެ ބަހާރުގެ ރުޅިން ފިލާ
މޫސުން އައީ ޚަރީފުގެ މާތައް މޮޅިން މިލާ
މޫސުމުގެ ކުލަ ބަދަލުކުރެއޭ އުޑުގެ ވައިވިލާ
މޫސުމުގެ މީ އުސޫލޭ ބަދަލެއް ނުވާ ހިލާ
މޫސުމުގެ ހޫނު ފިނި ކަމަކީ ތޫނު އިބުރަތޭ
ދުނިޔޭގެ އިއްޔެ ހުރި ދެލޮލެއް ހުޅުވި އަދު ނެތޭ
ދުނިޔޭގެ ސިއްރު ނޭނގޭ ހަމަ އެކަކު ނުމެ ނެތޭ
ދުނިޔޭގެ ކުނިގަނޑަށް އެދުމުގެ މިންވަރެއް ނެތޭ
ދުނިޔޭގެ ޒާތުގައި ހަމަ ކުޑަވެސް އަގެއް ނެތޭ
ދުނިޔޭގެ ކެހިތަކުން ލިބެނީ އަބަދު އިބުރަތޭ