...

Support Us

ބާޖުމަރާ ދުވަސްވީ އަންހެނެއްގެ ވާހަކަ

ރާއްޖޭގައި ހުންނަ އެންމެ ދުވަސްވީ އަދި އެންމެ ބާރާއި ނުފޫޒުގަދަ އެއް ބޭންކަކީ ބޭރު ގައުމެއްގެ ދައުލަތީ ބޭންކެވެ. އެއްދުވަހަކު މުސްކުޅިވަރެއްގެ އަންހެނަކު ދަބަހަކަށް ފައިސާތަކެއް އަޅައިގެން އެ ބޭންކަށް ދިޔައެވެ. ދެން، ބޭންކުގެ ކައުންޓަރު ދޮށުގައި އިން މުވައްޒަފުގެ ކިބައިން ބޭންކުގެ މެނޭޖަރާ ބައްދަލުކުރަން އަންހެން މީހާ އެދުނެވެ. އެވަގުތު ކައުންޓަރު ދޮށުގައި އިން އަންހެން މުވައްޒަފު ވަރަށް އަދަބުވެރިކަމާއެކު އަންހެން މީހާ ގާތު ބުންޏެވެ. "ބޭންކު މެނޭޖަރަކީ ވަރަށް އަވަދިނެތި އުޅުއްވާ ބޭކަލެކެވެ. އޭނާއާ ބައްދަލުވެވޭނީ ކުރިން އެޕޮއިންޓުމެންޓު ހަދައިގެންނެވެ."

ނަމަވެސް، ކުރުނުކޮށް އަންހެން މީހާ ބުނަމުން ގެންދިޔައީ އޭނާ އަތުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ހުރި ކަމާއި އެފައިސާ ބޭންކުގައި ބެހެއްޓުމަށްޓަކައި ބޭންކުގައި އެކައުންޓެއް ހުޅުވަން އޭނާ ބޭނުންވާ ވާހަކައެވެ. އަދި މިކަމާ ބެހޭ ގޮތުން ސީދާ މެނޭޖަރާ ވާހަކަދައްކަން އޭނާ ބޭނުން ކަމެވެ. ކޮންމެ އަކަސް، އަންހެން މީހާގެ އުނދަގޫ ބޮޑުވުމުން، އެންމެ ފަހުން، އަންހެން މުވައްޒަފު އެތެރެއަށް ގޮސް މެނޭޖަރު އަރިހުގައި އަންހެން މީހާގެ ވާހަކަ ނަންގަތެވެ. ދެން، އަންހެން މީހާ އެތެރެއަށް، މެނޭޖަރު އަރިހަށް ގެނައުމަށް، މެނޭޖަރު ބުނުއްވިއެވެ.

އަންހެން މީހާ މެނޭޖަރު ކޮޓަރިއަށް ވަނުމުން މެނޭޖަރު އޭނާއަށް ބުނުއްވިއެވެ. "ކަމަނާ ބޭނުންވެލައްވަނީ ކޮން ކަމެއްތޯއެވެ؟" ޖަވާބުގައި އަންހެން މީހާ މެނޭޖަރަށް ނަންގަތެވެ. އަހަރެންގެ މި ދަބަހުގައި ހުރި މި މިލިޔަނެއްހާ ރުފިޔާ ބޭންކުގައި ރައްކާކުރުމެވެ. އެއީ އެއްވެސް މައްސަލައެއް ނޫންކަމާއި އެކަމާ ބެހޭ މުވައްޒަފަށް ގޮވާލައްވައިގެން އެކަން ހަމަޖައްސައިދެއްވާނޭ ވާހަކަ މެނޭޖަރު ބުނުއްވިއެވެ. އޭގެ އިތުރުން، އެހެން ވާހަކައެއް ވެސް މެނޭޖަރު އަންހެން މީހާ ގާތު ބުނުއްވިއެވެ. އެހާ ގިނަ ފައިސާ ހިފައިގެން މަގުމަތީގައި އެ އުމުރުގެ ޟައީފު ކަނބަލަކު އުޅުމަކީ ބުއްދުވެރި ކަމެއްތޯ މެނޭޖަރު އަންހެން މީހާ ކުރެން އެއްސެވިއެވެ. އަދި ވެސް މެނޭޖަރު ސުއާލުކުރެއްވިއެވެ. ކަނބުލޭގެ ތިހާ ގިނަ ފައިސާ ހޯދަނީ އަޅެ ކޮން މަސައްކަތެއް ކޮށްގެން ހެއްޔެވެ؟

މެނޭޖަރުގެ ސުއާލުގެ ޖަވާބުގައި އަންހެން މީހާ މެނޭޖަރަށް ނަންގަތެވެ. "އަޅުގަނޑަކީ ބާޖުމަރައިގެން ފައިސާ ހޯދާ މީހަކީމެވެ. މިކަމުގެ ހަގީގަތާއި އަދި މިއީ ކިހާ ފައިދާ ހުރި ކަމެއްކަން ދައްކާލުމުގެ ގޮތުން މެނޭޖަރާ ވެސް އަޅުގަނޑު ބާޖުމަރާފާނަމެވެ." އެކަމަށް، މެނޭޖަރު ތައްޔާރަށް ހުންނެވި ނަމަ، މެނޭޖަރުގެ، އުރަވަޅީގައި ވައްކޮށް ކަހަލަ ގޮތަކަށް އޮންނަ ދެ ގުޅަ، މާދަމާ ދިހައެއް ޖަހާއިރު އޮންނާނީ ހަތަރެސްކަން އެއްޗެއްގެ ގޮތުގައި ކަމަށް ބުނެ، މެނޭޖަރާ އަޅުގަނޑު ބާޖުމަރާފާނަމެވެ. އަޅުގަނޑު މިބުނާހެން ކަންތައް ވެއްޖެ ނަމަ، މެނޭޖަރު އަޅުގަނޑަށް އެއްލައްކަ ރުފިޔާ ދެއްވަން ބުނުއްވާށެވެ! ނުވެއްޖެ ނަމަ އަޅުގަނޑު މަނިކުފާނަށް އެއްލައްކަ ރުފިޔާ އަރުވާނަމެވެ.

މެނޭޖަރު ހިތާހިތާ ބުނުއްވިއެވެ. މިއީ ވަރަށް ފަސޭހައިން ލިބެން އޮތް ފައިސާއެކެވެ. އެހެންވެ، ދޫކޮށްލައިގެން ނުވާނެއެވެ. ކޮންމެ އަކަސް މެނޭޖަރު، އަންހެން މީހާއާ ބާޖުމަރަން ނިންމަވައި، އަނެއް ދުވަހުގެ ދިހައެއް ޖަހާއިރު، އޭނާގެ އެ ބައި ހަތަރެސްކަން އެއްޗަކަށް ބަދަލުވެއްޖެ ނަމަ، އަންހެން މީހާއަށް އެއްލަކަ ރުފިޔާ ދޭން އެއްބަސްވެލެއްވިއެވެ. އަދި، އެހެން ނުވެ، ހަމަ ކުރިންވެސް އޮންނަ ގޮތަށް ވައްކޮށް އޮވެއްޖެ ނަމަ މެނޭޖަރަށް އެއްލައްކަ ރުފިޔާ ދޭން އަންހެން މީހާ އެއްބަސްވިއެވެ. މިއީ ބޮޑު އަދަދެއްގެ ފައިސާ އޭގައި އެކުލެވޭ ވިޔަފާރިއަކަށްވާތީ، އަދުލުވެރި ގޮތެއްގައި ކަންތައްތައް ދޭތޯ ހެއްކެއްގެ ގޮތުގައި ވަކީލަކު ބަހައްޓަން އެދޭ ކަމާއި، އަދި އެފަދަ ވަކީލަކު ގެނައުމުގެ އިޒުނަ ދެއްވުމަށް މެނޭޖަރު އަރިހުން އަންހެން މީހާ އެދުނެވެ. މިއީ ހަމަ އެންމެ ރަނގަޅު ކަމެއްކަމަށް ފެނިލައްވައި، މެނޭޖަރު އެކަމާ އެއްބަސްވެލެއްވިއެވެ.

އަނެއް ދުވަހު ދިހައެއް ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން އަންހެން މީހާ ހުރީ ބޭންކުގައި، މެނޭޖަރު ކޮޓަރީގައެވެ. ކައިރީގައި އަންހެން މީހާގެ ވަކީލު ވެސް ހުއްޓެވެ. ކޮންމެ އަކަސް ދިހައެއް ޖެހުމުން މެނޭޖަރު ފަޓުލޫނު ބާލުއްވާފައި އެތަން އޮތް ގޮތް ދެއްކެވިއެވެ. ފެންނަ ފެނުމުގައި ވަކެވެ. ނަމަވެސް، ޔަގީންކޮށްލުމުގެ ގޮތުން، މެނޭޖަރު އަރިހުން އަންހެން މީހާ އެދުނީ، ކައިރިވެ، އޭގައި އަތްލައި ރަނގަޅަށް ބެލުމުގެ އިޒުނައަށެވެ. ލަދުން ހުރެ ނަމަވެސް، ދާދި ފަސޭހައިން ލިބެން އޮތް ބޮޑު އަދަދެއްގެ ފައިސާމަތިން ހިތަށް އަރާފައި، އެކަމާ މެނޭޖަރު އެއްބަސްވެލެއްވިއެއެވެ. ދެން، މެނޭޖަރުގެ އެބައި އަންހެން މީހާގެ އަތަށް ލިޔެވެ. އާދެ، ހަތަރެސްކަންތޯ ނުވަތަ ވައްތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. އެވަގުތު މެނޭޖަރަށް ފެނުނީ މޭޒުދޮށުގައި އިށީނދެ އިން އަންހެން މީހާގެ ވަކީލު މޭޒުމަތީ ބޯ ތަޅާ ތަނެވެ. ދެން، ހައިރާންވެ، މެނޭޖަރު އަންހެން މީހާ ކުރެން އެއްސެވިއެވެ. ކަނބުލޭގެ ވަކީލު އަނެއްކާ އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނަ މޮޔަވީ ހެއްޔެވެ؟ ޖަވާބުގައި މުސްކުޅި އަންހެނާ ބުންޏެވެ. "އެއީ އެހެންވެގެން އުޅޭ ގޮތެއް ނޫނެވެ. މާތް ވަކީލު ސާހިބާއާ ވެސް އަޅުގަނޑުވަނީ ބާޖެއްމަރާފައެވެ. މިއަދު ދިހައެއް ޖަހާއިރު ރަށުގެ އެންމެ ދުވަސްވީ އަދި އެންމެ ބާރުގަދަ އެއް ބޭންކުގެ މެނޭޖަރުގެ މިބައި، އަޅުގަނޑު އަތަށްލުމަށް ބުނެ ބާޖުމެރި މެރުމެކެވެ. އެކަން އަޅުގަނޑު ކޮށްފި ނަމަ ވަކީލު ބުނީ އަޅުގަނޑަށް އެއް މިލިޔަން ރުފިޔާ ދޭނޭ ކަމެވެ! މިހާރު، އަޅުގަނޑު ކުރާ މަސައްކަތާއި އަދި އެކަމުގެ ފައިދާ އެނގިލައްވައިފި ނޫންތޯއެވެ؟" ދެން، އޭނާގެ އެކައުންޓު ހުޅުވުމުގެ މަސައްކަތް ނިމިއްޖެތޯ ބައްލަވައިދެއްވުމަށް ވެސް އަންހެން މީހާ މެނޭޖަރު އަރިހުގައި ނަންގަތެވެ.