...

Support Us

”އެހެންޏާ ނުލާހިކު ރަނގަޅު ޚިޔާލު ފާޅުކޮށް އުޅެފައި، މިހައިރު…؟“

މިފަހަރު މިދަންނަވަނީ ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. އަޅުގަނޑަށް ނިސްބަތް ކުރައްވައި ކޮންމެވެސް ބޭފުޅަކަށް ވިދާޅުވެވުނު އެއްޗެއްގެ ޖަވާބުގައި އެ ބޭފުޅާޔަށްވެސް، އަދި މިވާހަކަ އައްސަވާ އެހެން ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވައިލާ ވާހަކައެކެވެ.

އަޅުގަނޑަކީ އެތައް ޒަމާނެއްވަންދެން ޤައުމީ ޚިދުމަތުގައި އުޅެފައި، ކުއްލިޔަކަށް ދިމާވި ޞިއްޙީ ސަބަބަކަށްޓަކައި އިސްތިޢުފާ ދީފައި މަޤާމުން ދުރަށް ދިޔަ މީހަކީމެވެ. އެހެންކަމާއެކު، ރާއްޖޭގެ ރިޓަޔަރމެންޓު ޕެކެޖުތައް ހަމަޖެހިފައި ހުންނަ ގޮތްތަކުން ކުރެ ގޮތަކާ ލައްވައި ނުލާތީ، ޞިއްޙީ ގޮތުންް ކިތަންމެ ނިކަމެއްޗަސް، އަނގަޔާއި އަތާ ދިމާވޭތޯ ބަލަން ކަށީގެ މަދުން ހިތްވަރު ނެރެގެން ގަދައަޅައި މަސައްކަތް ކުރާ މީހަކީމެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަދި އިންޞާފަށް ނުވިޔަސް، އަޅުގަނޑަށް މި ދިމާވި ހިތާމަވެރި ގޮތަކީ އަރައިގެން އަންނަ ޒުވާން ޚިދުމަތްތެރީންނަށް ހުރި އިންޒާރުގެ ނުއަތު މިސާލަކަށް ވިޔަސް، އަޅުގަނޑު މިހައިތަނަކަށް އަދި އެ ވާހަކައެއް މިގޮތަކަށް ނުދައްކަމެވެ. އަދި މިހައިރުވެސް އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ އަޅުގަނޑަށް ފުރުޞަތު ލިބުނު މިންވަރަކުން، ފުރުޞަތު ދެއްވި މިންވަރަކުން ޤައުމަށް ޚިދުމަތް ކޮށްދެވޭތޯއެވެ.

ކަން މިހެން އޮތަސް، އަޅުގަނޑަކީވެސް އިންސާނަކަށް ވާތީ، އަޅުގަނޑުގެވެސް އޮންނަނީ ހިތަކަށް ވާތީ، އަޅުގަނޑާ ދޭތެރޭވެސް ކުޑައިމީސްކޮށް ޢަމަލުކުރެވުމުން އަޅުގަނޑަށްވެސް އަސަރުތަކެއް ކުރާނެއެވެ. އަދި އަޅުގަނޑުގެވެސް އަމިއްލަ ނަފުސަށް ކުރާ ޤަދަރެއް އޮންނާނެ ކަމާއި، އަޅުގަނޑަކީވެސް އިންސާނީ ޙުރުމަތާއި އިޙްތިރާމުން ތޯލާއެއްގެ މިންވަރު ނަމަވެސް ޙައްޤު މީހެއްކަން  ދަންނާނެ މިންވަރަށް ދުނިޔެތެރެޔަށް ލޯހުޅުވިފައި ތިބިކަމަށް ތިމާމެން އަމިއްލަޔަށް ބުނާ ފެންވަރުގެ މީހުން އަޅުގަނޑާ ދޭތެރޭ ޤަޞްދުގައި ފަރުވާކުޑަކޮށްލައި، އިހާނާތްތެރިކޮށް ހިތީމައި، އަޅުގަނޑުގެ ހިތުގައި އެ ބަޔަކާމެދު ނަފުރަތުގެ ކުޑަ މިންވަރެއް ނަމަވެސް އުފެދިދާނެ، ދެއްތޯއެވެ؟

އައްސަވާށެވެ! ވިދާޅުވާށެވެ! މިއީވެސް ވާހަކައެކެވެ.

ދުވަހަކީ މީލާދީ ސަނަތުން 2021ވަނަ އަހަރު،ޔަޢުމީ ހަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވީ އަންގާރަދުވަހެވެ. އަޅުގަނޑު އިނީ ކޮންމެ ދުވަހަކުވެސް އިންނަ ފަދައިން ހޭބޯނާރައި މަސައްކަތުގައެވެ. މިހެން އިންދައި، ގަޑިން މެންދުރު ބާރަ ޖަހައިފިއެވެ. އެކަން އަޅުގަނޑަށް ނޭނގި އިންދައި ހޭވެރިކަންވީ އަޅުގަނޑުގެ ފޯނު އެގަޑީގައި ކުއްލިޔަކަށް ރިންގުވާން ފެށީމައެވެ. ކާކުތޯ ގުޅަނީ ބަލައިލިއިރު، ފޯނުން ފެންނަން އޮތީ ނުދަންނަ ނަންބަރެކެވެ. އަނހާ، މިއޮތީ އަޅުގަނޑުގެ ރަޙުމަތްތެރި ޒާތުގެ، ’ހިފޭނޭ ގޮތެއް ނެތް ސްކޭމް ފޯނުކޯލް‘ ކުރުމުގެ މާހިރެއް،  ފޯޖުރުލިޝްލާމް ގެ ނަމުގައި ނަގައިފައިވާ ސިމްކާޑަކުން ފޯނުކޮށްފައިތާއޭ އަޅުގަނޑު ހިތަށް އެރިއެވެ. އޭނާ ވައުވައްދައިލައިގެން ސަމާސާކޮށްލާނީއޭ ހިތައި ފޯނަށް ރަނގަޅަށް ބަލައިލިއިރު، މިއީ އަދި އެކަހަލަ ކޯލެއްހެނެއް ހީއެއް ނުވިއެވެ. ފޯނު ނަންބަރަށް ބަލައިލީމައި އެއީ މޯބައިލަކުން އަންނަ ކޯލެއް ނޫންކަން އެނގުނެވެ. އެހެންކަމާއެކު، އަޅުގަނޑު ފޯނަށް ޖަވާބު ދީފީމެވެ.

”އައްސަލާމް ޢަލައިކުމް! ތިއީ ކޮން ބޭފުޅެއްތޯ؟ ވަޙީދުތޯ؟“ އަންހެން އަޑެކެވެ. އޭނާގެ އަމިއްލަ ނަފުސުގެ މުހިންމުކަން އާދައިގެ މިނަށްވުރެ ތަންކޮޅެއް ރަނގަޅަށް ވިސްނިފައި ހުރި ކަހަލަ ރާގެއް އެ އަޑުގައި ހިފައިފައި ހުއްޓެވެ. އެއީ ބޮޑާ ތަކައްބުރުކަމެކޭ ނުދަންނަވާނަމަވެ. އެކަމަކުވެސް، އަޑުގައި އެކަހަލަ އަބުއިކަމެއް ނެތެކޭވެސް ނުދަންނަވާނަމެވެ. އެހިސާބުން އަޅުގަނޑުގެ ސިކުނޑީގައި މިހައިރަކަށް އައިސް އަބަދުވެސް ހޭލައި އޮންނަ ’ޑިޖިޓަލް އެލާރޓް އެލާމް‘ އަޅުގަނޑަށް އިންޒާރެއް ދީފިއެވެ. ވަޙީދުއޭ، ސަމާލުވާށޭ ބުނެފިއެވެ.

ތިޔައިގެތެރެއިން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މީސްމީހުންނަށް ފޯނުކޮށްގެން އެކި ވައްތަރުގެ މަކަރު ހަދައިގެން ފައިސާ ހޯދުމަކީ މިހާރަކަށް އައިސް ޢާންމުވަމުން ދާ ކަމެކެވެ. އަދި އެކަން އެ ކުރާ މީހުންނަކީ، މިހައިތަނަށް އިވިފައި ހުރި ވާހަކަތަކަށް ބަލާއިރު، ޤާނޫނުގެ ދިގު އަތް ފޯރާ ހިސާބަށްވުރެ ދުރުގައިވެސް ތިބޭ ބައެކެވެ. އެހެންކަމުން، އެމީހުންގެ ކިބައިން ސަލާމަތްވުމަކީ މިޒަމާނުގައި ރާއްޖޭގައި ވަރަށް ރަނގަޅަށް ދޮންވެ ފައްކާވަމުންދާ، ފަރުދީ ޒިންމާއޭ ކިޔޭ މޭވާގެ ތެރޭގައި ހިމެނޭ މޭވާއެއްކަން އެންމެންވެސް ދަންނަފަދައިން އަޅުގަނޑުވެސް އެކަން ދަންނަމެވެ. އަޅުގަނޑުގެ ބުއްދި އަޅުގަނޑަށް އިންޒާރު އެދިނީ އެހެންވެއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ފަރާތުން ޢާންމުންނަށް ފޯނުކޮށް، އެކި ކަންކަމު ވާހަކަދައްކައި ހަދަން މިހައިރު ތިބޭ މީހުންނަކީ ނުހަނު އަގުބޮޑު ތަމްރީނު ޕުރޮގުރާމުތަކުގައި ބައިވެރިކުރުވައިގެން ތަމްރީނު ކޮށްފައި ތިބޭ މީހުންނެވެ. އަދި އެއިން މީހަކު ޢާންމުންގެ މީހަކަށް ފޯނުކުރާއިރު، ފަށާނީ ސަލާމުން ކަމަށްވެފައި، ދެން ބުނާނީ މިއީ މިވެނި އޮފީހެއްގެ މިވެނި މަޤާމެއްގައި ހުރި މިވެނި މީހެކޭ ކަން އަޅުގަނޑު ދަންނަމެވެ. އެހެންކަމުން، ޢާންމުންގެ މީހަކަށް ފޯނުކޮށްފައި އެންމެ ފުރަތަމަވެސް ތިއީ މިވެނި މީހެއްހޭ އެހީމައި،  ޝައްކުގެ އެކި ވަރުވަރުގެ ރަތްކުލައިގެ ދިދަ ނެގި، ރަތް ބޮކި ދިއްލި، އިންޒާރުގެ ރަނގަބީލެއް އަޅެ ނާޅާނެ ތޯއެވެ؟ އަޅާނޭކަން ޔަޤީނެވެ.

ނަސީބު ރަނގަޅުކަމުން، އަޅުގަނޑުގެ ކުރިމަތީގައި އެވަގުތު ހުރީ އިންޓަރނެޓާ ގުޅިފައި ހުރި، ކޮމްޕިޔުޓަރެކެވެ. އެހެންވީމައި، ފޯނުކުރި ކުއްޖާޔަށް މަޢުލޫމާތު ހިމެނޭ ޖަވާބެއް ދިނުމުގެ ކުރީން، ވަގުތު ހޯދުމުގެ ދެތިން ހޫނހޫނ އަޅުވައިލުމުގެ ތެރެއިން ދިރާގުގެ އީ-ޑައިރެކްޓަރީން އެ ފޯނުނަންބަރު ބަލައިލައިފީމެވެ. ކަން ވީ ހީކުރި ގޮތަކަށް ނޫނެވެ. އެ ނަންބަރަކީ ހަމަ ޙަޤީޤަތުގައިވެސް އޭނާ އެބުނި ރަސްމީ އޮފީހުގެ ނަންބަރެކެވެ! އެކަމަކު… އެވަރުގެ އޮފީހަކުން، އަޅުގަނޑު ކުރިން ދެންނެވި ތަމްރީނުވެސް ހަމަ ކަށަވަރުން ހަދައިފައި ހުންނާނޭ ކުއްޖަކު، އެހެން ހަދައިފާނެ ކަމަކަށް… އެކަމަކު، ދެން އެހެންވެސް އެވީ، ދެއްތޯއެވެ! ދެން މިހިސާބުން އަޅުގަނޑު މިތާނގައި އަސްލާ ވަރަށް ގާތްކޮށް މިނަކަލު ކޮށްލަނީ އަޅުގަނޑާ އޭނާޔާ ދެމެދު ކުރެވުނު މުޢާމަލާތު ހިނގައި ދިޔަ ގޮތެވެ.

އަޅުގަނޑު: އަޅުގަނޑަކީ ތިޔަ ވިދާޅުވާ މީހާކަން ނުވަތަ ނޫންކަން ތިޔަ ބޭފުޅާޔަށް ދެންނެވުމުގެ ކުރީން، ވިދާޅުވެދެއްވަފާނަންތޯ ތިޔައީ ކޮންތާކުން ކޮން ބޭފުޅެއްކަން؟

އޭނާ: މިއީ (މިވެނި އޮފީހަކުން މިވެނި ނަމެއް ކިޔާ ކުއްޖެއް)

އަޅުގަނޑު: އާދެ! މިއީ ވަޙީދު. ކޮން ކަމަކާތޯ ތިޔަ ގުޅުއްވައިލައްވަނީ؟

އޭނާ: އެއީ ސިޓީއެއް ޙަވާލު ކޮށްލަން ވެގެން. ކޮންތާކުތޯ މިއަދު އުޅުއްވާނީ؟

އަޅުގަނޑު: މިއަދު އަޅުގަނޑަށް ފަހަރުގައި އެކި ތަނުގައި އެކި ގަޑީގައި އުޅެންވެސް ޖެހިދާނެ. ތިޔަ ވިދާޅުވާ ސިޓީއަކީ ވަރަށް އަވަހަށް އަޅުގަނޑު އެޔަށް ސަމާލުކަން ދޭންޖެހޭ އެއްޗެއްތޯ؟ އެނގިވަޑައިގަންނަވާތޯ އެއީ ކޮން ކަމަކާ ބެހޭ ސިޓީއެއްކަން؟

އޭނާ: އެއީ ވަޙީދު މިތަނަށް ލައްވައިފައި އޮތް ސިޓީއެއްގެ ޖަވާބު.

އެހިސާބުން އެ ވީގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. އޭނާ އެ ބުނި ސިޓީއަކީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު އަޅުގަނޑު އެ އޮފީހަށް ފޮނުވި ސިޓީއެކެވެ. ދުވަސްވަރަކީ ހިރާސް ބޮޑު މީހުން ގޭގައި ތިބެގެން އޮންލައިންކޮށް ކުރެވެން ހުރި ހުރިހައި ކަމެއް އެމަގުން ކުރަން ކަމާބެހޭ ފަރާތުން އަންގަަވައިފައިވެސް އޮތް ދުވަސްވަރަކަށް ވާތީ، އެ ސިޓީ އަޅުގަނޑު ފޮނުވީވެސް އީމެއިލް މެދުވެރިކޮށެވެ. ސިޓީގައި އަޅުގަނޑު ހުށައެޅީވެސް ވަކި ބާވަތެއްގެ ޚިދުމަތެއް ކޮށްދޭން އަޅުގަނޑުވެސް ތައްޔާރަށް ހުރި ވާހަކައެވެ. އަޅުގަނޑު ވަރަށް ފަރިތަ ދާއިރާޔަކުން، ތަޖުރިބާވެސް ހުރި ދާއިރާޔަކުން ޚިދުމަތްކޮށްދޭން  ތައްޔާރަށް ހުރި ވާހަކައެވެ. އެ ސިޓީގެ ޖަވާބު ނުލިބި ގިނަދުވަސްވީމައި، ދެން ޖަވާބެއް ނުލިބޭނޭ ކަމަށް  އަޅުގަނޑު ނިންމިތާވެސް މަސްދުވަހަށްވުރެ ގިނަވެފައި ވަނިކޮށް، އެ ސިޓީގެ ވާހަކަ އެ އޮފީހުން ފުރަތަމަ ފަހަރަށް މިދައްކަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ސިޓީގައި އަޅުގަނޑުގެ ޚިދުމަތް ހުށައަޅައިފައި އޮތް ކަންތައް އަޅުގަނޑާ ނުލައި އެހެން ބަޔަކު ލައްވައި ކުރުވަން 7 އޮގަސްޓުގައި އެ އޮފީހުން ނިންމިތާވެސް މަސްދުވަހަށް ވުރެ ގިނަވީއިރުވެސް ޖަވާބެއް ނުދީ އޮވެފައި، ދެން މިހައިރު ހަމަ ކުއްލިޔަކަށް…

އެ ހިސާބުން އަޅުގަނޑުގެ ހިތަށް އެރީ އެންމެ އެއްޗެކެވެ. އެއީ އެއޮފީހުގައި އުޅޭ، އަޅުގަނޑުގެ ޒަމާންވީ ރައްޓެއްސެއް ގާތު ’ކަންކަން މިހައިރު ހާދަ ބަދަލުވެއްޖޭ، ސިޓީއެއް ލިޔަސް މާވެވަށް ވެއްޓުނު ގެރީގެ ފާތިހާފަރީއްކޮޅަށް ކެއްކި ގެރީގެ ހަނދާންވެސް ނެތޭހާ ދުވަސް ވާއިރުވެސް ޖަވާބެއްވެސް ނާދެޔޭ‘ މިހެން މަޖަލަކަށް ބުނެވިގެން ވީ ކަމަކަށް ވެދާނެޔޭވެސް އަޅުގަނޑުގެ ހިތަށް އެރިއެވެ.

އަޅުގަނޑަކީ އަޅުގަނޑު އުޅޭ ތަނާއި އުޅޭނެކަން ޔަޤީންވާ ތަންތަން ގޮތްނޭނގޭ މީހުންނަށް އެހައި ފަސޭހައިން ބުނެދޭ މީހަކީމެއް ނޫނެވެ. ގަވައިދުން ގޮސްއުޅޭ ތަންތަނަށްވެސް ދެދުވަހު އެއްމަގަކުން ދާ މީހަކީމެއް ނޫނެވެ. އެއީ ޢުމުރުން ވަރަށް ޒުވާން އިރު، ދާޚިލީ ހަނގުރާމައެއްގެ މެދުގައި ބޭރޫތުގައި އުޅުނީމައި ކަށީގައި ހިފައިފައި ހުރި ’ސްޓްރީޓް ސްމާޓްސް‘ ކަމަށް ބައްލަވާށެވެ.  ކޮންމެއަކަސް، މިކަމާއި މަތީގައި ދެންނެވި ތާރީޚުތަކަށް ބަލައިފައި، އަޅުގަނޑު އެ ކުއްޖާޔާ ދެން ދެއްކި ވާހަކަ އަސްލާ ވަރަށް ގާތްކޮށް އަނެއްކާވެސް މި ދަންނަވަނީއެވެ.

އަޅުގަނޑު: އާދެ! އެނގިއްޖެ. އެ ސިޓީއަކީ މިހައިރު މުއާލާތް ކެނޑިފައި އޮތް ސިޓީއެއް. ސިޓީ ލީތާ ދެމަހެއްހައި ދުވަސް ފަހުން  ދެން ދެއްވާނެ ޖަވާބުވެސް އަޅުގަނޑަށް އެބަ ވިސްނޭ. އަދި ހަމަ އެޔާއެކު، އަޅުގަނޑު ސިޓީ ފޮނުވައިފައިވެސް އެ އޮތީީ އީމެއިލް އިން. ޖަވާބުވެސް ހަމަ އެމަގުން އީމެއިލް އިން ފޮނުއްވާލަ ދެއްވައިފިއްޔާ އަޅުގަނޑަށް މާ ރަނގަޅު. އެއިރުން ތިކޮޅުގެ ޕިޔޯނަށްވެސް ދަތުރެއް މަދުވީ. އަޅުގަނޑުވެސް ވަކި ގަޑިއެއްގައި ސިޓީއާ ޙަވާލުވާން ގޭގައި ނުހުރެ ފަރުޖެހޭނެ. އެ ގޮތް މާ ރަނގަޅު ނޫންތޯ؟

އޭނާ: ލައްބަ!

އޭނާ އެގޮތަށް އެއްބަސްވެގެން ފޯނު ބާއްވައިފިއެވެ. އަޅުގަނޑުވެސް އެ ދުވަހުގެ ކޮންމެވެސް ގަޑިއެއްގައި އީމެއިލް ބަލައިލާނީއޭ ހީކޮށްފައި އަޅުގަނޑު އެވަގުތު ކުރާން އިން މަސައްކަތަށް އެނބުރިއްޖައިމެވެ. އެ ހިސާބުންވެސް މިވާހަކަ މިހައި ތަފްޞީލްކޮށް ލިޔާކަށް އަޅުގަނޑު ހިތަކަށް ނާރައެވެ. އެކަމަކު، އެ ހިސާބުން އެކަން ނުނިމުނީމައި…  ވިދާޅުވަމުން ގެންދަވާށެވެ.

މީގެ ކުރީން އެ ކުއްޖެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ކުއްޖާޔާ އަޅުގަނޑާ ދެމެދު ކުރެވުނު މުޢާމަލާތާއި އެއްބަސްވި އެއްބަސްވުމުގެ ވާހަކަ ދެއްކިތާ ބައިގަޑިޔެއްހައިރު ފަހެވެ. ކުއްލިޔަކަށް އަޅުގަނޑުގެ ފޯނު ރިންގުވާން ފަށައިފިއެވެ. އަޅުގަނޑު އެ ފޯނުވެސް ނަގައިފީމެވެ. ފޯނުން ވާހަކަދެއްކި މީހާ ތަންކޮޅެއް އަމުރުވެރި ގޮތަކަށް އަޅުގަނޑު ގާތު ބުނީ، އޭނާ އެހުރީ މިވެނި އޮފީހަކުންދިން ސިޓީއެއް ޙަވާލުކުރަން އައިސް އަޅުގަނޑުގެ ގޭގެ ދޮރުމަތީގައި ކަމަށެވެ. އަދި ޙަވާލުވާން ތިރިޔަށް ފޭބެން އޮތިއްޔާ ފައިބަންވެސް އަންގައިފިއެވެ. އަޅުގަނޑު އެވަގުތު އިނީ ގޭގައެވެ. އެހެންނަމަވެސް އަޅުގަނޑަށް އެވަގުތުވެސް އިނދެވުނީ އިންޓަރނެޓުން ބަޔަކު އަތުން މަސައްކަތެއް ލިބޭތޯ ކުރަން ފެށި މުހިންމު މުޢާމަލާތެއް ކުރަން ކަމަށްވާތީ، ފޭބެން ނެތް ވާހަކަޔާއި، އެ ސިޓީގެ ކަންތައް އެހެން ގޮތަކަށް މިހައިރު ހަމަޖެހިފައި އޮތް ވާހަކަ ބުނެފީމެވެ. އެކަމަކު އެ ހަމަޖެހުން ހަމަޖެހިފައި އޮއްވައިވެސް އަޅުގަނޑުގެ ފޯނު ނަންބަރު ދީފައި ގޭދޮށަށް ފޮނުވީދޯއޭ އަހަން ހިތަށް އެރިޔަސް އެހެނެއް އަހައެއްނުލަމެވެ.

ތިން ހަތަރު ގަޑިއިރު ފަހުން އީމެއިލް އަތުވެއްޖެއެވެ. ޙަޤީޤަތުގައި މި ވާހަކަ މިހައި ތަފްޞީލްކޮށް ލިޔުމުގެ މައިގަނޑު ފެންނަން އޮތީ އީމެއިލްއާ އެކު އޮތް ލިޔުމުން އަޅުގަނޑަށް ފެނުނު އެއްޗިހި ތަކަކުންނެވެ. އެއީ ކޮންކޮން ކަންތައްތަކެއް ތޯއެވެ؟ ވިދާޅުވަމުން ގެންދަވާށެވެ:-

– އެ އޮފީހަށް ސިޓީ އަޅުގަނޑު ފޮނުވީ ރަސްމީ ސިޓީއެއްގައި ހުންނަންވާ ހުރިހައި ކަމެއް ފުރިހަމަކޮށްފައެވެ. އަޅުގަނޑުގެ ނަމާއި، އެޑްރެހާއި، ސޮޔާއި، މިހުރިހައި އެއްޗެއްވެސް އޭގައި އޮންނާނެއެވެ. އެކަމަކު ޖަވާބުގައި ލިބުނީ ’މީހުން ފޮނުވާ ސިޓީގެ ޖަވާބު‘ މިކަހަލަ ސުރުޚީއެއް އަޅައިފައި އޮތް ކަރުދާހެކެވެ. ދެ ޖުމުލައެއްގެ ކުރު ’ޖަވާބެއް‘ އޭގައި އޮތެވެ. ދެން އޭގައި އޮތީ އެ އޮފީހުގެ ތައްގަނޑެއް ޖަހައިފައި، އެ ތައްގަނޑުގެ މަތީގައި މާރަނގަފަޅިއެއްހެން ހީވާ ކުރެހުމެއް އަތުބުރަށް ފަސޭހަ ގޮތަކަށް ކުރަހައިލައިފައެވެ. ލިޔުމުގައި ނަންބަރެއް އޮތަކަސް އެ ނަންބަރު ތަރުޖަމާކުރަން އެނގޭނީވެސް އެ އޮފީހުގައި އުޅޭ ބަޔަކަށެވެ. ލިޔުން ފޮނުވީ އެ އޮފީހުގެ ކޮން ސެކްޝަނަކުން ކަން، އެއީ ކާކު މަސްއޫލިއްޔަތު އުފުލައިގެން ފޮނުވި އެއްޗެއްކަން ލިބޭ މީހާޔަށް އެނގޭނޭ އެއްވެސް ގޮތެއް ނެތެވެ. މީހަކު ވަރަށް މަސައްކަތް ކޮށްގެން ވަރަށް އިޙްތިރާމާއެކު ރަސްމީ ސިޓީއެއް ފޮނުވީމައި އެ އިޙްތިރާމު… ދެން އަދި އިތުރަކަށް އެއްޗެއް ނުދަންނަވާނަމެވެ.

– ލިޔުމުގައި އޮތް ގޮތުން ސިޓީ އަޅުގަނޑު ލިޔުނީ 18 ޖުލައި 2021 ދުވަހުއެވެ. ސިޓީ ލިބުނު ކަމަށް އޮތީ، އޭގެ ފަހުން ތިންވަނަޔަށް ވީދުވަހު، 21 ޖުލައި 2021 ވީ ދުވަހު އެވެ. މި ލިޔުން އަޅުގަނޑު ލިޔުމުގެ މައިގަނޑު އެއް ސަބަބަކީ އެއީއެވެ. އެއީ ތެދެކެވެ. ސިޓީ އަޅުގަނޑު ލިޔެ، އޭގައި ތާރީޚު ޖެހީ 18 ޖުލައިގައި އެދުވަހުގެ ތާރީޚެވެ. އީމެއިލް ގެ ޛަރީޢާއިން ސިޓީ ފޮނުވީވެސް ހަމަ 18 ޖުލައިގެއެވެ. ފޮނުވީވެސް އެ އޮފީހުގެ މައި އީމެއިލް އަށެވެ. 18 ޖުލައި އަކީ އާދީއްތަ ދުވަހެކެވެ. ދެން މިއޮތްފަދަ ޑިޖިޓަލް ޒަމާނުގައި އެ އީމެއިލް ހަމަ އެދުވަހު ’ޑެލިވަރ‘ވެއްޖެ ކަމަށް އަޅުގަނޑުގެ އީމެއިލް ސަރވިސްއިން ފެންނަން އޮތަސް، އެ އީމެއިލް އެ އޮފީހަށް ލިބުނީ ރަސްމީ ބަންދު ނޫން 3 ދުވަސް ފަހުންކަމަށް ލިޔުމުން ވިދާޅުވީމައި… ދެންވެސް އިތުރަކަށް އެއްޗެއް ނުދަންނަވާނަމެވެ.

– ސިޓީޔަށް ދެއްވި، މުނާސަބުކަމާއި މުއާލާތް ކެނޑިފައިވާ ޖަވާބު ދެއްވި ތާރީޚު ކަމަށް ލިޔުމުގައި އޮތީ 14 ސެޕްޓެމްބަރ 2021 އެވެ. ޖުލައި 18 ގައި ލީ ސިޓީއެއްގެ ޖަވާބު، އަދި ޢަމުދުން އޮގަސްޓުމަހުގެ ކުރީކޮޅު އެ އޮފީހުން ނިންމަވައިފައިވާ ކަމަކާ ބެހޭ ޖަވާބު، ސެޕްޓެމްބަރު މަހުގެ 14 ވަނަދުވަހު އަޅުގަނޑަށް ފޮނުއްވުމުގައި އެ ދޭތެރެއިން ނިންމަވަން ވަގުތު ހޭދަވާނޭ އިތުރު އެއްވެސް ކަމެއްވެސް ނޯންނާނެއެވެ. ދެން އެހެންވިއްޔާ… ދެންވެސް ދަންނަވާނެ އެއްޗެއް އަޅުގަނޑަކަށް ހަމަ ނޭނގެއެވެ.  ދެއްވައިފައި އޮތް ޖަވާބަކީ، ޙާލަތައި، ބަސްމަގާއި، ތާރީޚުތަކަށް ބަލާއިރު، ކޮންމެވެސް ބަޔަކު އަޅުގަނޑަށް ޖެއްސުމަށް ދިން ޖަވާބެކޭ ބަޔަކަށް ބުނެވުނަސް، އަޅުގަނޑު އެހެނެއް ނުދަންނަވާނަމެވެ.

އަޅުގަނޑު ދަންނަވަން އޮތް ވާހަކަތައް ދެން ދަންނަވާނަމެވެ.

އަޅުގަނޑު އެ ސިޓީ އެ އޮފީހަށް ލިޔުނީ އަޅުގަނޑުގެ ފުށުން ޤައުމީ ޚިދުމަތެއް ކުރުމުގެ ފުރުޞަތަކަށް އެދިއެވެ. އަޅުގަނޑުގެ ފުށުން އެ ޚިދުމަތް ބޭނުންފުޅު ނޫންނަމަ، އެކަން ބޭރުތެރެއިން އަޅުގަނޑަށް އެނގެންދެން މަޑުނުކުރައްވައި، މިވަގުތަކު ކަލޭގެ ޚިދުމަތެއް އަދި ބޭނުމެއްނޫނޭ ވިދާޅުވެފައި ޖުލައިމަހު ނޫނީ އޮގަސްޓުމަހު ޖަވާބެއް ދެއްވުނު ނަމަ އަޅުގަނޑުގެ ހިތެއް ކިލަނބެއް  ނުވީހެވެ. އެކަމަކު ސިޓީގެ ޖަވާބު ލަސްވެގެން އެ އޮފީހުގެ މުވައްޒަފެއް ގާތު ނުސީދާ ކަހަލަ ގޮތަކަށް މުޅީން އެހެން ވާހަކައެއްގެ ތެރެއިން ނަމަވެސް ބުނެވުނީމައި، ދެން އެއްޗަކަށް އެއްޗެއް ފޮނުވާ މިސާލުން ސެޕްޓެމްބަރުމަހު ޖަވާބެއް ފޮނުވީމައި… ދެރަވަރު ދެއްތޯއެވެ؟ އަދި ފޮނުވި ޖަވާބުގެ ޢިބާރާތުގައިވެސް އޮތީ، މިހައިރު އެކަން މިވެނި ގޮތަކަށް ނިމިފައިވާ ވާހަކަ ބުނަމޭ، މިހެންނެވެ. އެކަން އެގޮތަށް ނިމުނުކަން އަޅުގަނޑަށްވެސް އެއިރު އޮތީ އެނގި ނިމިފައެވެ. ޖަވާބު ދިންއިރު އެކަން އަޅުގަނޑަށް އެނގިފައި އޮތްކަންވެސް ޖަވާބު ދިން މީހަކަށް މާ ރަނގަޅަށް އެނގޭނެއެވެ. ދެން އެކަން އެގޮތަށް އެ ޢިބާރާތުން ބަޔާން ކުރުމުގެ މަޤްޞަދަކީ… ދެން އިތުރު އެއްޗެއް މިތާނގައި ދަންނަވާކަށް ނެތީމެވެ!

ދުނިޔެ މިއޮތީ ނުހަނު ނާޒުކު ފައްތަރެއްގެ މަތީގައެވެ. ޤައުމުގެ ނަވުގެ ހުންގާނުގައި ތިއްބެވި ބޭފުޅުންނާއި، ގަލަށް ވިދާޅުވާން ދިރުނބާކޮޅުގައި ތިއްބެވި ބޭބޭފުޅުންނާއި، އިދިކޮޅުގައިވެސް ފައުޅުގައި ތިއްބެވި ލީޑަރުން އެތިބަ އުޅުއްވަނީ ޤައުމުގެ މަޞްލަޙަތު ކުރިޔަށް ނެރުއްވައިގެން މަސައްކަތްޕުޅު ކުރައްވާށެވެ. އަޅުގަނޑުމެން ކަހަލަ، ގައިބާރު ދެރަވެލައި، ޢުމުރުން ދުވަސްވެލައި، މިހެން ވެފައި ތިބި، ކުރީގެ އިޚްލާޞްތެރި ޚިދުމަތްތެރީންވެސް މަސައްކަތްކުރަމުން މި ގެންދަނީ ކުރެވުނު ޚިދުމަތެއް ދަރުމަޔަށް ނަމަވެސް އަދިވެސް ކުރެވޭތޯއެވެ. އަޅުގަނޑު މި ފޮނުވި ސިޓީއާ މެދު ކަން ކުރެވުނު ދެރަވަރު ގޮތަކީ، އަޅުގަނޑު ފޮނިވި ސިޓީގެ ކަންތަކާ އަޅުގަނޑާ މެދު ތަންކޮޅެއް ނުމީސްކޮށް ކަން ކުރެވުނީ އެބޭބޭފުޅުންގެ ފަރާތްޕުޅުން އައި ކަމެއް ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަމެވެ. ހީއެއް ނުވެސް ކުރާނަމެވެ! އެހެން ނަމަވެސް…

އަޅުގަނޑު ދެކޭ ގޮތުގައި، މި ދެންނެވި ސިޓީގެ މުޢާމަލާތުގައި އަޅުގަނޑާ ދޭތެރޭ މިހައި ކުޑައިމީސްކޮށް ކަންކަން ހިނގައި މިދިޔައީ، ތަނާއި ޒަމާނާއި ޙާލަތަށްވުރެ އަމިއްލަވަންތަކަން ކުުރިޔަށް ނެރޭން އުޅެން ހަދައިގެން، ނުވަތަ އަތުކުށެއް ޖެހިގެން، ނުވަތަ ބަހައްޓަންވާވަރަށް ފަރުވާ ނުބެހެއްޓިގެން އުޅޭ މީހެއްގެ ފުށުން ވީ ކަމަކުން ކަމަށް ވެދާނެއެވެ. ނުވަތަ އާދައިގެ މީހާޔަކީ އެހައި ބޮޑު އަހުމިއްޔަތެއް ކޮންމެހެން ދޭން ޖެހޭ މީހެއް ނޫނޭ ހީވެގެން އުޅޭ ޒާތުގެ ޖޫނިއަރ ނުވަތަ އެޔަށްވުރެ މަޤާމުން ތަންކޮޅެއް މަތި ނަމަވެސް  ޢާންމު ރައްޔިތުންގެވެސް ޙުރުމަތެއް އޮންނަކަން އަދި ދަސްނުވާ ޒާތުގެ މީހެއް ނުވަތަ ބައެއްގެ ފަރާތުން ކަމަށްވެސް ވެދާނެއެވެ. މަތީގައި އެހެރަ ތާރީޚުތަކަށް ނިކަން ބައްލަވާށެވެ. މިދަންނަވާ އެއްޗެއް ފިސާރި ރަނގަަޅަށް އެނގިވަޑައިގަންނަވާނެއެވެ.

އަޅުގަނޑެއް ދެނެއް މަތިންބައިންޖެހިގެން ޚިދުމަތެއް ކުރާކަށް ހުށައެއް ނުއަޅާނަމެވެ. ދަލުބޭރުން ޖެހިގެނެއް ނުދުވާނަމެވެ. އެހެންވީމައި، އަޅުގަނޑު މިހައިރު ތަންތާނގައި އެއްޗެއް ނުބުނެ، އަނގަމަޑުންލައިގެން އިންނަން ފެށީމައި، ”އެހެންޏާ ނުލާހިކު ރަނގަޅު ޚިޔާލު ފާޅުކޮށް އުޅެފައި، މިހައިރު…؟“ މިހެން ވިދާޅުނުވާށެވެ. އަޅުގަނޑު ގާތު އިޙްތިރާމާއެކު އެއްޗެއް އައްސަވައިފިއްޔައި، ސުވާލެއް ކުރައްވައިފިއްޔައި، އިޚުލާޞްތެރި ޖަވާބެއް ކޮންމެ ބޭފުޅަކަށްނަމަވެސް އަރުވާނަމެވެ. އެހެންނަމަވެސް، އަމިއްލަޔަށް އިސްނަގައިގެން ޚިދުމަތްކޮށްދޭކަށް މިދުވަސްވަރަކު ދެން ހުށައަޅާކަށް ނުއުޅޭނަމެވެ. އެހެން އުޅޭކަށް މިދުވަސްވަރަކު ހަމަ ނުކެރޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.