...

Support Us

ފޮޓޯ ފީޗަރ: ޒަމާންތަކަކަށްފަހު މާލެއިން ހާގޮވާން ފަށައިފި! އަޑުއަހާލަން ބޭނުންތަ؟

"މާލޭގައި ވެސް މިހާރު ހާ ގޮވައިހެއްޔެވެ؟" އާޓިފިޝަލް ބީޗުތެރޭގައި ކަސްރަތުކުރަން ހުރި، އުތުރުގެ ރަށަކަށް އުފަން އަނީސާ ހައިރާންވެފައި އަހައިލިއެވެ.

އިވޭ އަޑާއި ފެންނަ މަންޒަރުތަކުން އެ ސުވާލު އަނީސާ ނާހާންވީ ސަބަބެއްވެސް ނެތެވެ. ތަރައްގީގެ އޮއިވަރާއެކު މާލޭގެ ގެތައް ބުރިބުރިއަށް، މަތިމައްޗަށް އެރުމުގެ ސަބަބުން، މާލޭގައި ކުރިން ހުރި ކުކުޅު ކޮށިތައް ނެތިދިޔަތާ މިހާރު ކިތަންމެ ޒަމާނެކެވެ. ދިރޭ ކުކުޅެއް މާލެތެރެއިން ނުފެންނަތާނގައި އީދަށް ކަތިލާލަންވެސް ހާލެއް ކުކުޅެއް ނުލިބޭތާ މިހާރު ވީ ދުވަހެއް ބުނާކަށް ނޭނގެއެވެ. ރަށްރަށުގައި ހުރި ކުކުޅުތައް ވެސް، މާލޭގެ ވަފުދުތަކުން ގޮސް ކައިކައި ހުސްކޮށްފިތާ މިހާރު އެތައް ދުވަހެއްވެއްޖެއެވެ. އެކަމާ ހުރެ ހުރިހައި ރަށެއްގައިހެން ވެސް އާންމުކޮށް މިހާރު ކަނީ ފިނިކުރި ކުކުޅެވެ. އެހެންވެ ކިޔަވާ ކުދިން ވެސް ކުކުޅުހާ ދަސްކުރަނީ ފޮތްތަކުގައި ހުންނަ ފޮޓޯ ބަލައިގެންނެވެ. ހަމަ ލޮލަކުން އެސޮރުމެނެއް ނުދެކެއެވެ. އަމުދުން މާލޭގައި އުޅެބޮޑުވާ ޖީލެވެ.

އުފާވެރި ޚަބަރެއް

އެކަމަކު އުފާވެރި ޚަބަރަކީ މިއީއެވެ. މާލޭ ހެދިގޮނޑުދޮށް ނުވަތަ އާޓިފިޝަލް ބީޗުގައި ކުކުޅުހާތައް މިހާރު ބައިވަރު އެބައޮތެވެ. ފަތިސްވެގެން އަންނައިރު އެތަން ހީވަނީ ހަމަ ރާއްޖެތެރޭ ރަށެއްހެންނެވެ. ލިބިފައިވާ މިނިވަންކަމާއެކު ހާތައް، އެ ސޮރުމެންނަށް ގޮވުނު ރާގަކަށް ގޮވަމުންދަނީއެވެ. ގަސްތަކަށް ނިދަން އަރައިތިބި ފުރަތަމަ ހާ މިއަދު ގޮވައިލީ މެންދަމުން އަލިވެ 3:48 ގައެވެ. ބީޗުގެ ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި ގަދަޔަށް ނިދައިފައި ތިބި މީހުންނަށް އެކަމުން އުނދަގޫވެސް ވެއެވެ. އެކަމަކު ހާ ގޮވާތީއޭ ކިޔައިފައި އެ މީހުން އެތަނުން ތެދުވެގެން ދާކަށް ވެސް ބޭނުމެއް ނޫނެވެ. އަރަމުންއައި އިރު، އެ މީހުންނަށް ހޫނުކުރަމުންދިޔައިރު، ވަށައިގެން ހެދިފައި ހުރި ގަސްތަކުގެ ހިތްގައިމު ރޯޅިން އެހާ ފިނިކަންވެސް ލިބެއެވެ. ގުރާތައް ގޮވާ އަޑާއި ގޮނޑުދޮށަށް ރާޅުޖަހާ އަޑާއި މޫދުގައި މީހުން ކަސްރަތުކޮށް އުޅޭ އަޑުވެސް އިވެމުންދެއެވެ. އެކަމަކު ވެސް ނިދިން ހޭލާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ.

"މިއީ ކޮންބައެއް މިތާ ނިދައިފައި؟" އަނީސާ ސުވާލުކުރިއެވެ. އަނީސާ އަކީ ހުރިހައި ކަމަކާ ވެސް ބެހޭ މީހަކަށް ވާތީ، އެ ސުވާލުވެސް އޭނާ ކޮށްލީއެވެ. އެކަމަކު އެއީ ވެސް ހަމަ އަހަންޖެހޭ ސުވާލެކެވެ.

ހޮޅުއަށިތަކާއި ޖޯލިފަތިތަކާއި އުނދޯލިތައް ބީޗުގައި ހުންނަނީ ނިދާ އެނދުގެ ގޮތުގައި ބޭނުންކުރާކަށް ނޫނެވެ. އެކަމަކު މަޑުކޮށްލައި، ފިނިކޮށްލައި، އަނގަތަޅާލަން ތިބޭށެވެ. އެހެން ނަމަވެސް އެ ހުރިހައި އެއްޗެއްވެސް މިހާރު ވަނީ ނިދާ އެނދުތަކަކަށް ވެފައެވެ. ބައެއް މީހުން ނިދަން ތިބެނީ ބާލީހާއި ކަންނެޔޮވެސް ހިފައިގެންނެވެ. ޚާއްސަކޮށް ރޭގަނޑުއެވެ. އެއީ ގެދޮރު ނެތް ބައެއް ކަމެއް، ގެޔަށް ނުދެވިފައި ތިބި ޕާޓޭން ކަމެއް ނޭނގެއެވެ. މުޅިން ވެސް ލޯމެރިފައި ތިބޭ ޒުވާނުންނެވެ. އެކަމަކު އެ މީހުންނަށް ވެސް އަރާމުގައި ނިދާނުލެވިގެން އުޅެނީ ގުރާތަކާއި ހާތައް ގޮވާ އަޑުންނެވެ.

އާޓިފިޝަލް ބީޗަށް ދިރުން ލިބެނީ

އާޓިފިޝަލް ބީޗަށް ގުދުރަތީ ދިރުން ލިބެން ފަށައިފިތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަބަދުވެސް އެތާ ހުންނަ ރުކާއި ބޮޑެތި މިދިލި ގަހާއި ދިއްގާ ގަހާއި ހިރުނދު ގަސްތަކުގެ އިތުރުން، އެކި ކަހަލަ މާމެލާމެލި އަޅާ ގަސްތައް ވެސް މިހާރު ހުރީ ހައްދައިފައެވެ. ފެންފޯއް ރުކާއި ކުދިލުނބޯ ގަހާއި ގިތެޔޮ މިރުހާއި އެވަކާޑޯ އާއި ހީނާފަތާއި ބިލެތް ޅޮހާއި ކިއުކަމްބާ ވެޔޮވެސް އެތާ އެބަހުއްޓެވެ. އެ ހުރިހައި ގަސްތަކަކަށް ވެސް ވަނީ ދިރުން ލިބި، ހެދެން ފަށައިފައެވެ.

އާޓިފިޝަލް ބީޗަށް ދާ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ލިބޭނީ އެތަނުގައި ވަރަށް މިނިވަންކަމާއެކު އުޅެމުންދާ ކުކުޅުހާތައް ފެނުމުންނެވެ. އަނެއްކާ އަޖައިބުވާ ކަމަކީ އެސޮރުމެންގެ އޮޅުކަމެވެ. މީހުން ފެނުމަކުން ފިލަން ދުވާތަނެއް ނުފެނެއެވެ. މީހުން ޖޯލީގައި ތިއްބާ އައިސް ޖޯލިތައް ކައިރީގަ އާއި ޖޯލިމަތީގައިވެސް ތިބެއެވެ.

ފިޔޮށް ކުކުޅެއްވެސް ކުސްތަޅަތަޅައިފައި، ދަރިންފަތި ފަހަތުލައިގެން އެބައުޅެއެވެ. މީހުންގަނޑު ތެރޭގައި ވެސް އެސޮރުމެން އުޅެއެވެ. ކުކުޅު ކޮށިތަކެއްވެސް އެތާ އެބަހުއްޓެވެ. އެތަނުން ކައިބޮއެ ހަދައިގެން، އެ ސޮރުމެންގެ ސަރަހައްދުގައި އުފާވެރިކަމާއެކު އެ ސޮރުމެން އެބަ އުޅެތެވެ.

"ކުކުޅު ފެހުމާއި، ހިފުން މަނާ!" ބީޗުގައި ހުރި ގަހެއްގައި އިންޒާރުގެ ރަތް ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. އަދި ކުކުޅު ކޮށި ކައިރީގައި ވެސް އެހެން ޖަހައިފައި އޮތެވެ. ހީވާ ގޮތުން، ކުކުޅުތައް ފެނުމުން އެސޮރުމެން ފަހަތުން ދުވެ، އަދި ހިފައިހަދާ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކޮންމެވެސް ވަރަކަށް އެތާ އުޅެނީއެވެ. އާ އެއްޗެއް ފެނުމުން ވާގޮތެއް ކަންނޭނގެއެވެ. ހަމަ ޔަގީނުން ވެސް 15 ވަރަކަށް ކުކުޅުހާ ބީޗުގައި މިއަދު އުޅުނެވެ.

ބީޗުގައި ގެންގުޅެނީ ހަމައެކަނި ކުކުޅުހާލެއް ނޫނެވެ. އެތަނުގައި ބޮޑު މަސް ޓޭންކެއްވެސް އެބަހުއްޓެވެ. ވަރަށް ރީތި މަސްތައް އޭގައި އެބަހުއްޓެވެ. މަސްޓޭންކު އެންމެ ހިތްގައިމީ ދިއްލާލައިފައި ހުންނައިރު، ރޭގަނޑުއެވެ. ކުލަކުލައިގެ މަސްތައް ބަލައިފޫހިނުވެއެވެ. މޫދާ އެހާ ކައިރީގައި ހުރި އިރު، އެ ޓޭންކުން މުރަކައާއި ގާ ހިމެނޭ ގޮތަށް ކަނޑުގެ ދިރުންތައް ދައްކުވައިދޭނަމަ ހާދަހާވާ ހިތްގައިމުވީހޭ ހިތަށް އަރައެވެ. އެކަމަކު ލޮނުމަސް ޓޭންކު ބެލެހެއްޓުން އެއީ ވަރަށް ވެސް ބޮޑު ކަމެކެވެ.

ބީޗުގައި ގުރާކޮށްޓެއްވެސް އެބަހުއްޓެވެ. އޭގައި ތަފާތު ގުރާތައް އެބަހުއްޓެވެ. އަދި ސާމަރާ ދޫނީގެ އަންހެން ވައްތަރުގެ ދެ ދޫންޏެއްވެސް ކޮއްޓެއްގައި އެބަތިއްބެވެ. މިއީ ކުޑަކުޑިން ފިސާރަ ޝައުގުވެރިވާނެ ދޫނިތަކެކެވެ. ހަވީރުފިންޏަށް މިހާރުވެސް ވަރަށް ގިނަ ކުދިން ދޫނިތަކާއި މަސްތަކާއި ކުކުޅުތައް ބަލަން އެ ތަނަށް ދެއެވެ.

ބީޗަށް ދިރުން ގެނައީ ކޮންބައެއް؟

އާޓިފިޝަލް ބީޗުގައި މަސްޓޭންކު ހަދައި، ކުކުޅުހާ ގެންގުޅުމުގެ މަސައްކަތަކީ އެ ހިސާބުގަނޑުގެ ޒުވާނުންގެ ކަމެކެވެ. މަސްޓޭންކު ހަދައި، އެކި ކަހަލަ މަސް ގަނެ ހަދަނީ އެ ކުދިން އަމިއްލައަށެވެ. ހަމަ އެގޮތަށް ކުކުޅުހާ ގެންގުޅެ ބަލަހައްޓަނީ ވެސް އެކުދިން އަމިއްލައަށެވެ. އެކަމަށް އެ ކުދިންގެ ހިތުގައި އޮތް ލޯތްބަކުންނެވެ. ބީޗުގައި މަސް ޓޭންކު ހަދައިފައި ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. އެކަމަކު ބީޗުން ހާ ގޮވަން ފެށިތާ އަދި ވާނީ ދެތިން މަހެވެ. ދާދި ފަހަކުން ވަނީ ދެތިން ހާލެއް ބަޔަކު ކަތިލައިގެން ކާލައިފައެވެ. އެކަމަށް ތުހުމަތު ކުރަނީ ފުލުހުންގެ މައްޗަށެވެ. ނަމަވެސް ފުލުސް އޮފީހުން އެ ތުހުމަތު ދޮގުކުރެއެވެ.

ކުކުޅު ހާތައް ދިރިއުޅެމުން އެ ދަނީ އާޓިފިޝަލް ބީޗާ ގުޅިފައިވާ އެންމެ ކާރޫބާރޫ ބޮޑު، ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި ކަމަށްވާތީ، ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު އެސޮރުމެން ނުބެލެހެއްޓިއްޖެނަމަ، މަގުމައްޗަށް ނުކުމެ، ދުއްވާއެއްޗެއްގެ ދަށުވެ މަރުވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ. އަދި އަމުދުން ބުޅަލުގެ ޝިކާރައަކަށް ވިޔަނުދީ އެސޮރުމެން ސަލާމަތްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކުކުޅުހާލާއި އެހެނިހެން ދިރޭ ތަކެއްޗަށް ބީޗުން ހިޔާވަހިކަން ހޯދައިދީ ބަލަހައްޓާ ޒުވާނުން މި ހުރިހައި ކަމަކަށްވެސް ވިސްނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ޒުވާނުންގެ މަސައްކަތް އެ ގޮތުގައި ކުރިއަށް ދާނަމަ، ޒަމާންތަކަކަށްފަހު މާލެއިން ހާގޮވަން ފެށުން، އަޑު ކަނޑައިގެންދިޔަނުދީ ދެމެހެއްޓިދާނެއެވެ. އޭރުން އާނއެކެވެ. މާލޭގައި ވެސް އަބަދު ހާ ގޮވާނެއެވެ. އަޑު އަހާލަން ބޭނުމިއްޔާ މިރޭ ހިނގާބަލާށެވެ!

  • އިތުރު ފޮޓޯތައް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *