Support Us

[އަނެކާ ތިމާ ދެކޭ ގޮތަށް ބަލައިގެން އޭނާޔާ މެދު ކަންކުރާށެވެ!]

ކުޑަހުސޭނު ރަށުތެރޭގައި ބާކީވެގެން ދަމާކަނޑަން ދުވާތީ، އޭނާގެ ދައްތަ ކަންބޮޑުވެގެން ކޮށްލައިދިން ކަމެކެވެ. ކުޑަހުސޭނަށް ފިހާރައެއް ގަންދިނީއެވެ. ފިހާރަޔަކީ ފެށުމުގައި ވަރަށް އާދައިގެ، ކާޑު ކޮޅަކާއި ލުނބޯމިރުސް ވިއްކާ ޒާތުގެ ގަމުތެރޭ ފިހާރައެކެވެ. ކުޑަހުސޭނަށް އޭނާގެ ދައްތަ ވަރަށް ކުޑަ އަގަކަށް އެ ފިހާރަ ގަންދިން އިރު، ފިހާރައިގެ ނަމުގައި ހެޔޮވަރު ސައިޒުގެ ދެތިން ދަރަނި އޮތެވެ. މިނެކިރާ ކުއްޖާޔަށް މުސާރަ ނުދެވޭތާވެސް ދެތިން މަސް ވެއްޖެއެވެ. މިކަހަލަ ޙާލެއްގައި އޮތް ތަނަކާ ކުޑަހުސޭނު ޙަވާލުވީ، އޭނާގެ ދައްތަ ދިން ލަފަޔާއި ނަސޭހަތުގެ މައްޗަށް ބަރޯސާވެ ހުރެގެންނެވެ. އަދި ކުޑަހުސޭނުވެސް އެއިރު ހުރީ ފިހާރަޔާ ހަމަ ގާތްގަނޑަކަށް އެއް ޙާލުގައި ކަމަށް ވާތީއާވެސް އެކުގައެވެ. ދައްތަގެ ފިރިމީހާގެ ޢާއިލާޔަކީ ރަށުގައި ކަމުވޮށިގެންވާ ޢާއިލާއެއް ކަމަށް ވެފައި، ފިހާރަ ހިންގުމުގައި ދައްތަޔާއި ދައްތަގެ ފިރިމީހާގެ ޢާއިލާގެ އެންމެން ކުޑަހުސޭނަށް އަތްބާރު އަޅައިދޭނޭ ކަމުގެ ޔަޤީންކަންވެސް ދީފައި އޮތީމައެވެ.

ކޮންމެއަކަސް، ފިހާރަ ހިންގަން ފަށައިފިއެވެ. ފިހާރަޔަށް ފުރަތަމަ މުދާ ހޯދީ ދަރަންޏަށެވެ. އެކަމުގައި ރައްޓެހި އެކި ވިޔަފާރިވެރީން ގާތަށް ހިނގައި، ކުޑަހުސޭނަށް ބަންދުވެފައި ހުންނާނޭކަން ޔަޤީން އެތައް ދޮރެއް ހުޅުވައިދިނީ ދައްތަގެ ފިރިމީހާއެވެ. ކުޑަހުސޭނުގެ ރަށުމީހަކު އޭނާޔަށް އިތުބާރު ނުކުރާ ތާނގައި، ވަގަށް ގޮވާ ނަގައި ތާނގައި، ބާޒާރުމަތީގައިވެސް ކުޑަހުސޭނަކީ އެއްވެސް މީހަކު ބަލައިގަންނަ މީހަކަށް ނުވާތީ، މުދާ ނެގީ ޅިޔަންބޭބެ އެވެ.

ކޮންމެއަކަސް، ފިހާރަ ލިބުމާއެކު، ޅިޔަން ބޭބެގެ ނަމުގައި ބާޒާރުމަތީ ބޮޑެތި ފިހާރަތަކުން ގަނޑުކޮށް މުދާ ނަގައިގެން ޕިކަޕުގައި ގެނެސް ހަރުގަނޑުތަކުގައި އަތުރައި، ތަން ފޮޅައި ސާފުކޮށް، މިހުރިހައި ކަމެއް އެއިރު ކުރަނީ ކުޑަހުސޭނެވެ. ދަންފަޅިބަހައިގެން ސޭޓުކަން ކޮށްދެނީ  ޅިޔަންބޭގެ ދެތިން ކޮއްކޮއެވެ. އެކުދީން ސްކޫލަށް ދާންޖެހޭ ގަޑިތަކުގެ ބޭރުންނެވެ. މުސާރަޔަކާ ނުލައި ހަމަ ހިލެއެވެ. އެކުދީންނަކީ ނަގުދު ފައިސާގެ ހިސާބު ހަދައިލައި، ވިކުރާ ބަލަހައްޓައިލައި، މިހެން އުޅެވޭވަރު ވެފައި ތިބި ކުދީންނަށް ވާތީ، އެކަންވެސް ދައްޗަކާ ނުލައި ކުރިޔަށް ދިޔައެވެ.

ދުވަސްކޮޅެއް ފަހެވެ. ކުޑަހުސޭނާއި ދައްތަގެ ފިރިމީހާގެ ޢާއިލާގެ ހިންމަތާއި މިންނަތުން ފިހާރަ ވަރަށް ކުރިޔަށް ހިނގައްޖެއެވެ. ކުޑަކުޑަ ބޮންޖެއް ކަހަލަ ތާކުން ފެށި ފިހާރަ، މައި މަގެއްގައި ހުރި ބޮޑު ތާކަށް ބަދަލުވެއްޖެއެވެ. ގިނަ މީހުން ވަންނަ، ތަނުގެ ނަން ދޫދޫމަތީން ކިޔައިލައި އުޅޭވަރުގެ ތާކަށްވެސް ވެއްޖެއެވެ. ކަންކަން އެހިސާބަށް ތަރައްޤީވީއިރު، ފިހާރައިގައި ހިލޭ ސޭޓުކަން ކުރަން އުޅުނު ކުދީން އިތުރަށް ކިޔަވަން ބޭނުންވެގެން ރާއްޖޭން ބޭރަށް ފުރައިގެން ހިނގައްޖެއެވެ. ފިހާރައިގައި މިހާރު ތިބެނީ ކުޑަހުސޭނު އުތުރުކަރައިން ގެނެސް ވަޒީފާދީގެން ގެންގުޅޭ ދެތިިން މީހުންނެވެ. ބާޒާރުމަތީގައި ގަނޑުކޮށް މުދާވިއްކާ މީހުންގެ ބޭނުމެއްވެސް ކުޑަހުސޭނަކަށް މިހައިރަކު ނެތެވެ. އޭނާޔަކީ މިހައިރު ރާއްޖެޔަށް މުދާ އެތެރެކުރާ މީހުންގެ ގިންތީގައި ހިމެނޭ މީހެކެވެ. ފިހާރަ ހުޅުވި އިރު ބޭރުބަހަކުން ލިޔެފައި އޮންނަ އެއްޗެއް އެކޮޅުކޮޅުން ފެނުނަސް ނޭނގޭ ކުޑަހުސޭނު މިހައިރު އިނގިރޭސިބަހުންވެސް ޒާތަކަށް ނަމަވެސް ވާހަކަދައްކައެވެ. މިހުރިހައި ކަމެއްގައި އެހައިތަނަށްވެސް ކުޑަހުސޭނަށް މަގުދައްކައިދޭން އުޅުނީ ހަމަ ދައްތަޔާއި ޅިޔަންބޭބެ އެވެ.

އަނެއްކާވެސް ދުވަސްކޮޅެއް ފަހެވެ. ކުޑަހުސޭނުގެ ފިހާރަ އަނެއްކާވެސް ބޮޑުވެއްޖެއެވެ. ކުރީން އެއީ އެއް ފިހާރައެވެ. މިހައިރު އެއީ ރަށުގެ އެކި ހިސާބުގައި ހުރި ދިހަވަރަކަށް ފިހާރައެވެ. އެހުރިހައި ފިހާރަތައް އެއްފަހަރާ ހިންގައި ބެލެހެއްޓުމަކީ ދަތި ކަމަކަށް ވާތީ، ދައްތަ ކުޑަހުސޭނަށް ދެން ލަފާދިނީ ކުންފުންޏެއް ހަދައިގެން، ކުންފުނި ހިންގަން އިސް މަޤާމުތަކަށް މީހުން ލާށެވެ. އަދި އެމީހުން ލައްވައި ފިހާރަތަށް ހިންގުވާށެވެ. އަދި ކުޑަހުސޭނު ކުންފުނީގެ ބޮޑުމީހާގެ މަޤާމުގައި އިންނާށެވެ. ދައްތަގެ ލަފަޔާ އެއްގޮތަށް އެކަންވެސް ކުރިޔަށް ގެންގޮސް، ކުންފުނި ހަދައިގެން ހިންގަންފެށިއިރު، ދައްތަގެ ލަފާ ނާހައި ކުޑަހުސޭނު ދެ ކަމެއް ކޮށްލިއެވެ. އެއީ، ފިހާރައިގައި ސޭޓުކަން ކުރަން އުތުރުކަރައިން ގެނައި ތިންމީހުން ކުންފުނީގެ އިސް މަޤާމުތަކަށް ލުމެވެ. އަދި ވިޔަފާރީގެ ކަންކަމާ ދައްތަގެ ފިރިމީހާ މަޑުމަޑުން ދުރުކޮށްލުމެވެ. ތިމާ އެހައި އެހީވެގެން ފެށި ކަމަކުން ތިމާ ދުރަށް ލިޔަސް އެއީ ކަމެއް ނޫންކަމަށް ޅިޔަންބޭބެ ބެލިއެވެ. އެހެންނަމަވެސް، ދައްތަގެ ލަފާ ނުހޯދައި ބިދޭސީން ނަގައި މަތިފަޑިމަތީގައި ބައިތިއްބައިފިކަން ޅިޔަންބޭބެޔަށް އެނގުނީމައި، އޭނާ އެވާހަކަ އޭނާގެ އަންހެނުން  ގާތު ބުނެފިއެވެ.

ފިރިމީހާ ދެއްކި ވާހަކަތައް އަޑުއަހައިފައި، ކުޑަހުސޭނުގެ ދައްތަ ޖަވާބުގައި ބުންޏެވެ. ”ތިޔަކަން ތިޔަހެން ވެއްޖެކަން އަހަރެންނަށް އެނގުނުތާ ދެތިން ދުވަހެއް ވެއްޖެ. އަހަރުމެން މިއީ ކުޑަހުސޭނަށް މިހައިރު އެހައި މުހިންމު މީހުނެއް ނޫން. ކުޑަހުސޭނަށް އަހަރުމެން މިހައިރު ފެންނާނީ މުސްކުޅި ޚިޔާލުގެ ކަޓު މީހުން ގޮތުގައި. އޭނާ ނަގައި ކޮޅަށް ޖަހައިދިނީ އަހަރުމެން ކަމެއް ހަދާނެއް ނުހުންނާނެ. އެހެންވީމައި، މިވަގުތަށް އެންމެ ރަނގަޅުވާނީ، ކުޑަހުސޭނު އަހަރުމެން ތަޞައްވުރު ކުރާ ޙައްޘިއްޔަތުން، އޭނާ އަހަރުމެން ދެކޭ ސިފައިގައި، އޭނާގެ ކުރިމަތީގައި އަހަރުމެން ދައްކާ ވާހަކަޔާއި ކުރާ ޢަމަލުތައްވެސް ބެހެއްޓިއްޔާ. އަހަރެންގެ ބައްޕަ އަހަރެންނަށް ދެއްވި ނަސޭހަތެއް އޮވޭ. އެއީ، ދުނިޔެއުޅޭއިރު އަނެކާ ތިމާ ދެކޭ ގޮތް ދެނެގަނެގެން، އެގޮތް ބަލައިގެން އޭނާޔާ މެދު ކަންކުރާށޭ. މީހަކު ދަރިފުޅު ދެކެނީ މޮޔައެއް ކަމަށް ވަންޏާ، އެމީހާ ކުރިމަތީގައި އުޅެންވާނީވެސް މޮޔަކަށް ހެދިގެންނޭ ބުނުއްވި. އަހަރެން މިހައިރު ކުޑަހުސޭނަށް ހަދަނީ އެހެން.“

ދުވަސްތައް އޮވެގެން ދެއެވެ. ކުޑަހުސޭނުގެ ކުންފުނިވެސް މާބޮޑު މައްސަލަޔެއް ކުރިމަތިނުވެ ހިނގަމުންދިޔައެވެ. ކުރިޔާ އަޅައިބަލާއިރު ކުޑަ ތަފާތަކާ ލައިގެންނެވެ. އެތަފާތަކީ، ކުޑަކުޑަ ފިހާރައިން ފަށައިގަނެގެން ކުންފުނި ހެދުމާ ހަމަޔަށް އައިއިރު  އެފެނުނު  ކުރިއެރުން ބުރަކިޖެހުނު  ކަމެވެ. އަހަރު ނިމިގެން ކުންފުނި ހިސާބުކޮށް ބެލިއިރު، މީގެ ދެއަހަރު ކުރީން ކުންފުނީގެ ވިިޔަފާރި ހިނގިވަރަށް މިއަހަރުވެސް ހިނގިކަމާއި، ފައިބެއަހަރު ވީ ފައިދާ މިއަހަރުވެސް ވީކަން ކަރުދާހުގައި ފެންނަން އޮތެވެ. މިއީ ކުޑަހުސޭނަށް ފެނުނު ވަރެވެ. ކުޑަހުސޭނުގެ ދައްތަގެ ދެމަފިރީންނަކީ މިހައިރު އެ ވިޔަފާރިޔާ އެހައި ގާތް ބަޔަކަށް ނުވިޔަސް، އެމީހުންނަށް އިތުރު ކަމެއް ފެނެއެވެ. އެއީ، ކުޑަ ފިހާރައިގެ ސޭޓުކަން ކުރާން ދެތިން ގަމީހަކާއި ސޫޓުކޭސްގަނޑަކާ ހިފައިގެން އުތުރުކަރައިން އައި ދެ ސޭޓުން މިހައިރު މުއްސަނދީންނަށް ވެފައި ތިބިކަމެވެ. އެމީހުންގެ ކަރައިގައި އެމީހުންގެ އަމިއްލަ ފިހާރަ ހުރިކަމާއި، އެމީހުންގެ ސޯލް އެޖެންޓުކަމުގައި ބައެއް ބާވަތުގެ މުދާވެސް ކޮންޓޭނަރުން ރާއްޖެޔަށް އެތެރެކުރެވޭ ކަމެވެ.

ބިދޭސީ ސޭޓުންގެ ކަންކަން ގޮސްފައި އޮތް ހިސާބު ޅިޔަންބޭބެޔަށް އެނގުމުން، އޭނާޔަކަށް މަޑަކުން ހަމަ ނުހުރެވުނެވެ. ކުޑަހުސޭނަށް ހައެއްކަ ފަހަރު ފޯނުކުރީމައިވެސް ފޯނަށް ޖަވާބު ނުދިނީމައި، ބައްދަލުކޮށްލަން ބޭނުންވާހަކަ ލިޔެފައި އެސް.އެމް.އެސް ފޮނުވައިފިއެވެ. ކުޑަހުސޭނު ”ބިޒީ“ ކަމުން އެހައި ފަސޭހައި ބައްދަލެއްނުވާނޭ ދެތިން ފަހަރު ބުނީމައިވެސް ދޫނުކޮށް ހިފަހައްޓައިގެން، އެންމެފަހުން އެޕޮއިންޓްމަންޓެއް ލިބިއްޖެއެވެ. ބޮލުން ނައްޓައިނުލެވިގެން ދޭކަހަލަ ގޮތަކަށެވެ.

ޅިޔަންބޭބެ ކުޑަހުސޭނު ގާތު ވާހަކަދެއްކީ ވަރަށް ހިތްހެޔޮކޮށް، އިޚްލާޞްތެރިކަމާ އެކު، ހެޔޮއެދިގެންނެވެ. އެބޭބެޔަކަށް އެނޫން ގޮތެއް ނުވެސް އޮންނާނެއެވެ. ކުޑަހުސޭނަށް ބާޒާރުމަތީގައި ލިބިފައި އޮތް ލަޤަބަކީ ”ދަމާކަނޑާ ލަޓޯފަޓޯ ދަރަނިބޯ“ ކަމަށް ވެފައި އޮއްވައި، އެބޭބެގެ ރައްޓެހީން ގާތު ކިޔައިގެން، ބޭބޭ ޖާމިނުވެގެން، ބޭބެގެ ނަމާއި އަބުރާއި ޤަދަރު ރަހުނުކޮށްގެން ކުޑަހުސޭނަށް ހޯލްސޭލް އަގުގައި އެންމެ ފުރަތަމަ މުދާ ހޯދައިދީ ހެދީ އެ ބޭބެއެވެ. ބާޒާރުމަތީގައި ކުޑަހުސޭނު މީހަކަށް ހަދައިދިނީ ހަމަ އެ ޅިޔަންބޭބެއެވެ. އެހެންކަމުން، މިއަދު ކުޑަހުސޭނަށް ނޭނގި ހުއްޓައި ލަނޑެއް ލިބިދާނެތީ، ބިދޭސީ ސޭޓުން ކަން ކުރާ ގޮތުގެ ވާހަކަ ބޭބޭ އޭނާޔަށް ކިޔައިދީފިއެވެ. އަދި ތަންކޮޅެއް ބޮޑަށް އެމީހުންނަށް ބަލައިގެން އުޅެން ކުޑަހުސޭނަށް ނަސޭހަތްވެސް ލައިދެވިއްޖެއެވެ.

ބޭބެ ދެއްކި ވާހަކަތަކުގެ ޖަވާބުގައި ކުޑަހުސޭނު ބޭބެޔަށް ދިނީ އެންމެ ޖަވާބެކެވެ. އެއީ، ”ބޭބޭ، ބޭބެމެންނަކަށް މިހައިރަކު ވިޔަފާރިޔެއް ނޭނގޭނެ. މިހައި ބޮޑަށް ތަރައްޤީވެފައި މިއޮތް ދުނިޔޭގައި ކަން ހިނގާ ތަހުޒީބު ގޮތްތަކެއްވެސް ނޭނގޭނެ. އަހަރެން އިހަށް ބޭބެމެންގެ ނަސޭހަތް ޤަބޫލުކުރިޔަކަސް މިހައިރަކު ދެން ބޭބެމެން ކިޔައިދޭ އެކަހަލަ އެއްޗިހި ޤަބޫލުކުރާކަށްވެސް ނުޖެހޭނެ. ބޭބެމެން ކުދިކުދި ވިޔަފާރި ކޮށްކޮށް ތިއްބައި އަހަރެން މިއަދު މިހުރީ މިރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންނާ އެކީގައި ރެސްޓޯރަންޓަށް އަރައިލައި، އެމީސްމީހުން ބާއްވާ ޕާޓީތަކަށް ގޮސްލައި، އެމީހުންނާ އެކީ ރާއްޖޭން ބޭރަށް މަޖަލަށާއި ވިޔަފާރިޔަށް ދަތުރުކޮށްލައި އުޅޭ މީހަކަށް ވެފައި. މިހައިރު މިއީ ބޭބެމެން ކިޔައިއުޅުނު ގޮތަށް ކުޑހުސޭނެއް ނޫން. މިއީ މިސްޓަރހުސައިން، ބިޒިނަސްމޭން. ބޭބެމެންނަށްވެސް ކުލެވާ ކޮށް މޫޥް ކުރަން އަންޑަޝްޓޭންޑު ވީނަމަ، ބޭބެވެސް މިއަދު ހުންނާނީ ތިޔަ ހުރި ހިސާބަކު ނޫންކަން ބޭބެޔަށްވެސް އެނގޭނެ. އެކަމަކު… ބޭބެ ދެން މަގޭ ވިޔަފާރިޔާ ނުބެހޭ، އިނގޭ! އެހެންނޫނަސް، ބޭބެމެން ދައްކާ މޮޔަ ވާހަކަ އަޑުއަހާކަށް މިއަދަކު އަހަރެންނަކަށް ވަގުތު ބޭކާރު ކުރެވޭކަށްވެސް ނެތް. އަހަރެންގެ ރަށު ފެމެލީގެ ދެ ޕީ.އެޗް.ޑީ އެކުސްޕާޓުން އިނިގިރޭސިވިލާތުން ކިޔަވައިގެން އައިގޮތަށް މިހައިރު އަހަރެންނާ މީޓުކުރަން އެބަ އާދޭ. ބޭބެ ދެން އިހަށް ގޮސްލާ! ބޭބެ ހެޕީ ކޮށްލަން އަހަރެން ބޭބެއާއި ދައްތަޔާ ދެމަފިރީންނަށް ދިހަވަރަކަށް ހާސްރުފިޔާ ހަދިޔާއަކަށް މިއަދު ފޮނުވާނަން. އެވަރުން ވާނެ ދޯ؟“

ކުޑަހުސޭނުގެ ޅިޔަންބޭބެ އޭނާގެ އަންހެނުން ގާތުގައި އެދުވަހު ކަން ހިނގައިދިޔަގޮތް ކިޔައިދީފިއެވެ. އަދި ކުޑަހުސޭނުގެ ހުރި ބޮޑާ    ކަމާއި ތަކައްބުރުކަމުގެ ވާހަކަޔަށް ބާރުލައިފައި، އޭނާ ފޮނުވާ ދިހަހާސް ރުފިޔާ އަނބުރާ ފޮނުވައިިލަން އަންހެނުންގާތު އެދުނެވެ. އެވަގުތުވެސް އޭނާގެ އަންހެނުން އޭނާޔަށް ދިނީ ކުރީދުވަހުވެސް ދިން ކަހަލަ ޖަވާބެކެވެ. ”ނޫނޭ! ނޫނޭ! ކުޑަހުސޭނަށް މިއަދު ދިހަހާސް ރުފިޔާއަކީ ސަލާންޖަހާ މީހަކަށް މަގުމަތިން ކޮށްލާ ޚައިރާތަކަށް ވިޔަސް، އަހަރުމެންނަށް ހާދަ ބޮޑު އެއްޗެކޭ! ހަމަގައިމުވެސް، ހަތަރު ފަސް ފަހަރަކު ރެސްޓޯރަންޓަށް ޖައްސައިލެވޭނެ، ދޯ؟ ފޮނުވައިފިއްޔާ ވާނީ ހިފަން! ކުޑަހުސޭނު މިއަދު އަހަރުމެން އެ ދެކެނީ ބޭކާރު، މުސްކުޅި ޚިޔާލުގެ، ދުނިޔެއުޅެން ނޭނގިފައި ތިބި ބިކާރީންގެ ގޮތުގައި. ބައްޕަގެ ނަސޭހަތުގައި އޮތް ގޮތަށް، އޭނާ އަހަރުމެން ދެކޭ ގޮތަށް އަހަރުމެން އޭނާގެ ކުރިމަތީގައި އަމިއްލަ ނަފުސު ތަމްސީލު ކުރަންވާނީ.“

އަނެއްކާވެސް ހަތަރު ފަސް އަހަރެއް ފާއިތުވެ ހިނގައްޖެއެވެ. މިސްޓަރ ހުސައިން، ބިޒިނަސްމޭން، އަކީ މިހައިރު މަހުޖަނުންނާ އެއްހަމައިގައި ހިމެނޭ ކަމަށް އަމިއްލަޔަށް ނަމަވެސް ދެކޭ މަހުޖަނެކެވެ. ފިހާރަތަކުގެ އިތުރުން އޭނާޔަކީ މިހައިރު ރިޔަލް އެސްޓޭޓް ބިޒިނަސްމޭނެކޭވެސް އޭނާގެ ކާޑުގައި އަމިއްލަޔަށް ލިޔެފައި އޮވެއެވެ. ކަން މިހެން އޮއްވައި އޭނާގެ އެފަދަ ބޮޑު ދުނިޔެ އޭނާގެ ބޯމައްޗަށް ހަމަ ކުއްލިޔަކަށް ކުނޑިކުނޑިވެގެން ފައިބައިގެންފިއެވެ. އޭނާ އެންމެ ގާތް ކޮށްގެން ގެންގުޅުނު، އުތުރުކަރާ ސޭޓުން ކުރެ ދެ ސޭޓުން، މިހައިރުގެ ގޮތުންނަމަ ދެ ޑިރެކްޓަރުން، އޭނާގެ ވިޔަފާރީގެ ބޮޑުބައި ހިފައިގެން އެމީހުންގެ ރަށަށް އަނބުރާ ހިނގައްޖެއެވެ. ދުވަހަކުވެސް އަނބުރާ ނާންނަ ގޮތަށް، އޭނާޔަށް އަންގައިވެސް ނުލައެވެ. އެތައް މިލިޔަން ރުފިޔާގެ އެތައް ދަރަންޏެއްވެސް މިސްޓަރ ހުސައިން، ބިޒިނަސްމޭން، ގެ ބޮލުގައި އަޅުވާފައެވެ!

މިސްޓަރ ހުސައިން، ބިޒިނަސްމޭން، ކުޑަހުސޭނަށް އަލުން ވާކަށް މާކަ ގިނަދުވަހެއް ނުނަގައެވެ. އެކުގައި އިހު އުޅުނު މަހުޖަނުންނަކަށްވެސް މިއަދަކު އޭނާއެއް ނުފެނެއެވެ. އެއިން މީހަކާ ބައްދަލުކުރަން ދިޔަޔަސް ބައްދަލެއްވެސް ނުވެއެވެ. ބާޒާރުމަތީގައިވެސް މިއަދު އޭނާޔަކީ ހަމަ އަނެއްކާވެސް ”ދަމާކަނޑާ ލަޓޯފަޓޯ ދަރަނިބޯ“އެވެ. ކުޑަހުސޭނަށް ދައްތަޔާއި ޅިޔަންބޭ މަތިން ހަނދާންވީ އެހިސާބުންނެވެ.

ކުޑަހުސޭނު ދައްތަޔާއި ޅިޔަންބޭބެޔާ ބައްދަލުކުރަން އެމީހުން އުޅޭ ދެރަވަރުގެ ގެގަނޑަށް ދިޔައެވެ. އަދި ވީގޮތާއި، ވެގެން އުޅޭ ގޮތާއި، ވާން ބޭނުން ގޮތްވެސް އެ ދެމަފިރީންނަށް ކިޔައިދޭން ފެށިއެވެ. ކުޑަހުސޭނުގެ ވާހަކަ ނުނިމެނީސް އޭނާގެ ދައްތަ އެވާހަކަ މެދުކަނޑައިލިއެވެ. އަދި ބުންޏެވެ. [އެކޮއި ކުޑަހުސޭނާ! ހަނދާން ވޭތަ، އެއްކަލަ ކުޑަކުޑަ ފިހާރަގަނޑު ހިންގަން ފެށިތަނާ، އެއްވައްތަރުގެ މުދާ ގެނެސްގެން އެ މުދަލުން ތިންހަތަރު ވައްތަރުގެ މުދާ ހަދައިގެން ވިއްކާނޭގޮތް ބޭބެ ބުނެދިން ދުވަސް؟ ހަނދާންވޭތަ ބޭބެގެ ނަން ވިއްކައިގެން ކުރެޑިޓަށް މުދާ ހޯދި ދުވަސް؟ އެކަމަކު މިއަދު ކީއްކުރާނީ؟ ދައްތަމެން މިތިބީ މުސްކުޅިވެފައި. ކޮއްކޮމެން ކިޔާގޮތަށް އައުޓް އޮފް ޑޭޓް ވެފައި. ބޭބެމެން ދައްތަމެންނަކަށް މިހައިރަކު ވިޔަފާރިޔެއް ނޭނގޭނެ. ތަރައްޤީވެފައި މިއޮތް ދުނިޔޭގައި ކަން ހިނގާ ތަހުޒީބު ގޮތްތަކެއްވެސް ނޭނގޭނެ. ކަލޭ އިހަށް އަހަރުމެންގެ ނަސޭހަތް ޤަބޫލުކުރިޔަކަސް މިހައިރު ދެން އަހަރުމެން ކިޔައިދޭ އެކަހަލަ އެއްޗިހި ޤަބޫލުކޮށްގެން ވާނީ ގޯސް ކަންނޭނގެ. މިއަދަކު ދައްތަމެންނަކަށް ދެން ނެތް ކޮއްކޮޔަށް ބުނެދެވޭ އެއްޗެއް، ކޮށްދެވޭނޭ ކަމެއް. މިތަނުން ބޮނޑިބަތްކޮޅެއް ކައިލައިގެން ދެން އިހަށް ގޮސްލާ، އިނގޭ؟]

ކުޑަހުސޭނު ޒާތަކަށް އިނދެފައި ނިކުމެގެން ދިޔަތަނުން އަމިއްލަ ފިރިމީހާޔާ މުޚާޠަބްކޮށް ކުޑަހުސޭނުގެ ދައްތަ ބުނެލިއެވެ. [އޭނާ އަހަރުމެން ދުށީ މުސްކުޅިވެ، ގަރަންޓީހަމަވެފައި ތިބި ބިކާރީންގެ ގޮތުގައި. އަހަރުމެން އޭނާގެ ކުރިމަތީގައި ވާންވާނީވެސް އެކަހަލަ މީހުންނަށް. ދެން އަބަދުވެސް ވާނީ އެހެން. އަހަރުމެން ދެނެއް އިހަށް އުޅުނު ގޮތަށް އޭނާޔައިގެން އެވަރަކުން ނޫޅޭނަން، އަޅެ ނޫންތަ؟ ބައްޕަގެ ނަސޭހަތުގައި ބުނުއްވި ގޮތަށް! އޭނާ އަހަރުމެން ދުށް ގޮތަށް އަހަރުމެން އޭނާގެ ކުރިމަތީގައި އުޅެން ވާނީ.]