...

Support Us

ކޮލަމް މާޒީ: "މާވަޓާ" އަލުން ދިރުވައި އާލާކުރާން ޖެހިފައި

ހައްދުންމަތީ މާވަށަށް "މާވަށް" ކިއިފައިވަނީ އެ ރަށް ކޮންމެ ދިމާއަކުން ފެނުނަސް ހަމަ އެއް ދިގު މިނެއްގައި މަލަ ފެންނާތީ ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެއީ ކުރީން ވަށްކޮށް އޮތް ރަށަކަށް ވާތީ އެ ނަން ކިޔުނީއެވެ. ފަހުން ތިން ފަރާތަކުން ގިރަމުން ގޮސް ތިން މުއްޔަކަށް ވީއެވެ. ނަމަވެސް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އެ ރަށުގައި އޮންނަ ބޮޑު ކަނޑޫފަލަކާ ގުޅިގެން ކިޔިފައިވާ ނަމެކެވެ. "މާވަށް" މި ލަފުޒުގެ މާނައަކީ "ކަނޑޫފާ އޮންނަ ރަށް" ކަމަށް ވެއެވެ.

މާވަށުގެ ނަން ކިއިފައިވާ ގޮތާ އެންމެ ގާތް ގޮތަކީ ފަހުން މި ދެންނެވީއެވެ. އެއީ ކަނޑުފާ އޮންނަ ރަށެވެ. މި ކަން އަޅުގަނޑަށް ޔަގީންވީ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އަޅުގަނޑު ގާތު ދާދިފަހުން ވިދާޅުވި ވާހަކަފުޅަކުންނެވެ. އަޝްރަފް އަޅުގަނޑާ ގުޅުއްވައި މާވަށުގައި ކަނޑޫ ފަލެއް އޮވޭތޯ ސުވާލުކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ވަރަށް ބޮޑު ކަނޑޫ ފަލެއް ކުރީން މާވަށުގައި އޮތެވެ. މިހާރު އެތާނގައި ހުރީ ދެތިން ކަނޑޫގަހެކެވެ. ކަނޑޫގަސްތައް ހުރިތަން އަދިވެސް ހަމަ ކިސަޑު ބިމެއްގެ ގޮތުގައި އެބަ އޮތެވެ. އޭނާ އެ ސުވާލުކުރެއްވި ސަބަބަކީ މާވަށަށް ހުވަދުއަތޮޅު މީހުން ކިޔަނީ "މާވަޓާ" ކަމަށް ވެފައި، އަޝްރަފު ވިދާޅުވާ ގޮތުގައި ހަގީގަތުގައި "މާވަޓާ"އަކީ ކަނޑުލުގެ ވަކި ބާވަތަކަށް ކިޔާ ނަމަކަށް ވާތީއެވެ. އެހެންވީމާ "މާވަޓާ"އަކީ ކަނޑޫފާ އޮންނަ ރަށަށް ވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. މި ފަދަ ޓަވިޔަނިތައް މިހާރު މި ހުންނަނީ ށަވިޔަނި ސުކުނަށް ބަދަލުވެފައެވެ. ހުވަދު އަތޮޅުގެ ބަސް ދިރާސާކޮށްލުމުން މިކަން ވަރަށް ރީތިކޮށް ހާމަވެއެވެ.

މާވަށުގައި މި ދެންނެވި "މާވަޓާ" ގަސްތައް ހުރި ތަން މިހާރު ކޮބައިބާވައެވެ!؟ މިއީ މި ޖީލުގެ ވަރަށް ގިނަ ބަޔަކު ކޮށްފާނެ ސުވާލެކެވެ. އެތަން، މާވަށު ކަނޑޫފާ، 1980ގެ އަހަރުތަކުގެ ތެރޭގައި ވެސް މާވަށުގައި އޮތެވެ. ވަރަށް ގަސް ބޯ ބޮޑު ކަނޑޫ ފަލެކެވެ. ގަސް ގިނަ ކަމުން ދުވާލު މެންދުރު ވަގުތުގައި ވެސް އެ ގަސްތަކުގެ ތެރެއަކަށް އަތްވެއް ނުދެއެވެ. އެ ތަނަށް އަޅުގަނޑު ކިތަންމެ ފަހަރަކު ވަދެ ކަނޑޫ ބިނދެ ހެދީމެވެ. މާވަށު މީހުން އެ ތަނަށް ކަނޑޫފަލެކޭ ނުކިޔައެވެ. ކިޔައި އުޅުނީ "ކަނޑުލުތެރެ"އެވެ. އަޅުގަނޑު މީހަކާ އިން ފަހުން ވެސް އަންހެނުންނާއެކު ވެސް "ކަނޑުލުތެރެ"އަށް ގޮސް ބައިވަރު ކަނޑޫ ބިނދެގެން ކަނޑުލު ބޯކިބާ އަޅައި ވެސް އުޅުނީމުއެވެ. އޭރު އެއީ މާވަށު މީހުން ކާ ވެސް އެއްޗެކެވެ. ހިތި ފިލުވައި ފެނުކައްކައިގެން ހުނިލައިގެން ގަރުދިޔަ އަޅައިގެން ނުވަތަ ހަކުރު ލައިގެން މޮޑެގެން ކައި ހަދައެވެ. އަދި ކަނޑުލު ފޮނި ބޯކިބާއަކީ އާދަޔާ ޚިލާފަށް މީރު، މަޝްހޫރު ބޯކިބަލެކެވެ.

މާވަށު ކަނޑޫފާ ނުވަތަ ކަނޑުލުތެރެއަކީ، މިއަދުގެ ޒުވާނުން ކިޔާ ގޮތުންނަމަ "ކިލާގަނޑަކީ"، މާވަށުގެ ތާރީޚާ ސަގާފަތާ ގުޅިފައިވާ މުހިންމު ތަނެކެވެ. ނަމަވެސް ތަނުގެ މުހިންމުކަން ވިސްނައިދޭނެ ބަޔަކު ނެތުމުގެ ސަބަބުން އެ ތަނަށް އިހުމާލުވެވުނީއެވެ. ނުވަދިހައިގެ އަހަރުތަކާ ހަމައަށް އައި އިރު އެ ތަނުން އެއްވެސް ކޮންޓްރޯލެއް ނެތި، އެ މީހަކު ބޭނުން ވަރަކަށް ގަސް ކަނޑަމުން ގޮސް މުޅި "ކަނޑުލުތެރެ" ހުސްވީއެވެ. ކަނޑޫފާ އުވުނީއެވެ. "ކިލާގަނޑަކަށް" ވީއެވެ. ކުރީން ވެސް ދެންނެވި ފަދައިން ދެތިން ކަނޑޫގަސް ނޫނީ މިއަދު އެތަނަކުން ފެންނާކަށް ނެތެވެ. މި އަދު އެތަނުން ފެންނަނީ އެކި މީސްމީހުން އިންދައި ހައްދާ ކޭލާއި ރުކާއި މި ބާވަތުގެ ގަސްގަހާގެހީގެ ބާވަތްތަކެވެ.

ކޮންމެއަކަސް މާވަށުގެ ނަމާއި މި ކަނޑޫފަލާ ގުޅި، ލައިމެހިފައިވާލެއް ބޮޑުކަމުން ކަނޑޫފާ އަލުން ދިރުވައި އާލާކުރުމަކީ ކުރާންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން އެކަމުގެ މުހިންމުކަން ބޮޑެވެ. ކުރީން އެއީ ރޭރާއި އިވައިހުދާއި މި ނޫނަސް ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ވާސައެކެވެ. ނަމަވެސް މިއަދު އެ ތަނުން ދޫންޏެއް ނުފެނެއެވެ. ހަމަގައިމުވެސް އަޅުގަނޑަކަށް ނުފެނުނެވެ. އެހެންކަމުން ތިމާވެށީގެ ގޮތުން، ޤުދުރަތީ ދިރުންތައް އާލާކުރުމުގެ ގޮތުން، އެއީ މުހިންމު ތަނެކެވެ. ތާރީޚީ ގޮތުން އެއީ ރަށުގެ ނަމާ ގުޅިފައިވާ މުހިންމު ތަރިކައެކެވެ. ސަގާފީ ގޮތުން ބަލާއިރު، ކަނޑުލުން ހަދާ ކާތަކެތި ޚާއްޞަކޮށް ކަނޑުލު ފޮނިބޯކިބާ އެއީ، "ލާމު ގޮޅަރިހަ" ފަދައިން މާވަށުގެ ވަރަށް ޚާއްޞަ އެއްޗެކެވެ. އިޤުތިޞާދީ ގޮތުން ބަލާއިރު ކަނޑުލަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ވާތީ ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސުމުގައި "ކަނޑުލުތެރެ"އިން މުހިންމު ދައުރެއް އަދާކޮށްދޭނެއެވެ. އަދި މި ޒަމާނުގެ ގޮތަށް ވަކި ރޭވުމެއްގެ ދަށުން އެތަން ފަރުމާކޮށް ތަރައްގީ ކުރެވިއްޖެ ނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ވެސް އެ ތަނުން ނަފާ ހޯދިދާނެއެވެ.

އަޅުގަނޑުގެ އުންމީދު އެބަ އޮތެވެ. ދާދިފަހުން މާވަށުގެ މުއައްސަސާތަކާ އަތޮޅު ކައުންސިލުގެ ފަރާތުން ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެއްގައި އަޅުގަނޑަށް ވެސް ބައިވެރިވެލުމުގެ ފުރުޞަތު ލިބުނެވެ. އެހެންކަމުން އެ ބައްދަލުވުމުގައި، މާވަށު ކަނޑޫފާ އަލުން ދިރުވައި އާލާކުރުމުގެ ގަސްތާއި ރޭވުމެއް އޮތްކަމަށް މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވި ވިދާޅުވުމަކީ ލިބުނު އުންމީދެކެވެ. އެހެންކަމުން އެ ރޭވުން ހަގީގަތަކަށް ވާތަން ދުށުމުގެ އިންތިޒާރުގައި އެބަހުރީމެވެ.

ކޮންމެއަކަސް "ކަނޑޫފާ އޮންނަ ރަށް" އެއީ ހަގީގަތުގައި ވެސް ކަނޑޫފަލެއް އޮންނަ ރަށަކަށް ވާން އެބަ ޖެހެއެވެ. މާވަށް މާވަށަކަށް ވާނީ އޭރުން ނެވެ. "މާވަޓާ" އަލުންބަލުން ދިރުވައި އާލާކޮށް އެ ތަން ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ، ދެމެހެއްޓޭނެ ރޭވުމެއް ރޭވި އެ ރޭވުން ތަންފީޒުކުރެވިގެންނެވެ. މި ކަމަށް ފައްސިކޮށް އިންތިޒާރުކުރަމާތޯއެވެ!