...

Support Us

ދަމުނަމާދުގެ އަހައްމިއްޔަތު

ކީރިތި ރަސޫލާ ﷺ ޙަދީސްފުޅުގައިވާ ((قيام الليل)) އަކީ ބަލިމަޑުކަމުން ހަށިގަނޑު ރައްކައުތެރިކޮށްދޭ ކަމެކޭ "އޮތް ބަސްފުޅުގެ ޢިލްމީ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ މިކަމުގެ މައްޗަށެވެ.

1- قيام الليلގެ ވަގުތަކީ ރޭގަނޑުގެ ސަޙަރުގެ (ރޭގަނޑުގެ އެންމެފަހު ދަން ނުވަތަ އެންމެފަހު ތިން ގަޑިއިރުގެ) ވަގުތެވެ. މި ވަގުތަކީ ހަށިގަނޑުގައި އުފައްދާ ކޯޓިޒޯން އުފައްދާ މިންވަރު މަދުވެގެންދާ ވަގުތެކެވެ. އެހެންކަމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް އިތުރުވެގެން ދިޔުމުން ހަށިގަނޑަށް ރައްކައުތެރިކަން ލިބެއެވެ. ހަމަ އެފަދައިން ލޭގެ ޕްރެޝަރ ކުއްލިއަކަށް މައްޗަށް ދިޔުންވެސް ކުޑަވެގެންދެއެވެ. އަދި ހިތަށް އަންނަ ޙަމަލާތަކުންނާއި ސިކުނޑިއަށް އަންނަ ހިމޭންކަމުން ވެސް ރައްކައުތެރިކަން ލިބެއެވެ. ހަމަ މިމޭރުމުން ބަލައި އިރު قيام الليل އަކީ ލޮލުގެ ލޭހޮޅިތަކުގައި ލޭ ގަނޑުވުމުން ރައްކައުތެރިކޮށްދޭ ކަމެކެވެ. ލޮލުގެ ބައެއް ނާރުތަކުގައި ލޭގަނޑުވާ ގޮތް ދިމާވަނީ ނިދާފައި އޮތުމުގެ ސަބަބުން ލޭހިގުމުގެ ދުވެލި ދަށަށް ދިޔުމާއި، ދިޔާއެއްޗެހި ބުއިން މަދުވުމުގެ ސަބަބުން ނުވަތަ ދިޔާއެއްޗެހި ހަށިގަނޑަށް ލިބުން މަދުވުމުގެ ސަބަބުންނެވެ. ނިދާފައި އޮތުމުގެ ސަބަބުން ބައެއް ފަހަރަށް ނޭވާލުމަށްވެސް އުނދަގޫ ވެދާނެއެވެ. މިކަމުގެ ސަބަބުން ބޮލުން ލޭ ހިތަށް އަނބުރާ ގެނައުމަށް ދަތިވެދާނެއެވެ.

2- قيام الليل އަކީ ހުޅުތަކުގެ ފަރުވާއެކެވެ. އެއީ ނަމާދުގައި ކުރެވޭ ޙަރަކާތްތަކާއި ވުޟޫކުރާއިރު ގުނަވަންތައް މަޑުމަޑުން މާލިސް ކުރެވޭތީއެވެ.

3- 1992ވަނަ އަހަރު އެމެރިކާގެ ޑަކްޓަރުންތަކެއް ލިޔުއްވާފައިވާ ފޮތެއް ބުނާ ގޮތުގައި ރޭގަނޑު ދަންވަރު ނިދިން ތެދުވެ އަތްފައި ފެނުން މާލިސްކޮށްލައިގެން، ކޮޓަރިތެރޭގައި ކުޑަކޮށް ހިނގާލައި ލުއި ކަސްރަތުތަކެއް ކޮށްލައި ފުންކޮށް ނޭވާލުމަކީ ޞިއްޙީ ވަރަށް ބޮޑެތި ފައިދާތަކެއް އެކަމުގައި ހުރި ކަމެކެވެ. މިފޮތުގެ މުޞައްނިފުންނަކީ ޣައިރުމުސްލިމުންނެވެ. މި ފޮތުގައި މި ޑަކްޓަރުން ކުރަން ވިދާޅުވި މި ކަންތައްތަކަކީ قيام الليلގެ ވަގުތުގައި ވުޟޫކޮށްގެން ނަމާދުކުރުން ފަދަ ކަންތައްތަކެއް ނޫންތޯއެވެ؟ ޑަކްޓަރުންގެ މި ހޯދުންތަކާއި ނަޞީޙަތްތަކުގެ ކުރިން އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ މި ނަޞީޙަތް ވަނީ ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ހަށިގަނޑާ ދުރަށް ބަލިމަޑުކަން ފައްސާލައިކަމެކެވެ.))

4- قيام الليل އަކީ ހަށިގަނޑުގައި އުފެދޭ ޓްރައިގްލިސެރައިޑްސް (Triglycerides) ސަރުބީ ހަށިގަނޑުން މަދުކޮށްދޭ ކަމެކެވެ.

5- قيام الليل އަކީ ހަނދާން ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންކަމުން ޑަކްޓަރުން ބުނާގޮތުގައި قيام الليلގެ ސަބަބުން އެލްޒަމިއަރ ބަލިން  ރައްކައުތެރިކަން ލިބޭނެއެވެ. އަދި ޤުރްއާން ކިޔެވުމާއި ޛިކްރުކުރުމާއި ތަސްބީޙަ، ތަޙްމީދު ކުރުމުގެ ސަބަބުން ހާސްކަމާއި ފިކްރުބޮޑުވުމާއި ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތަކުން ވެސް ރައްކައުތެރިކަން ލިބޭނެއެވެ. ކީރިތި ޤުރްއާނުން އެނގޭ ފަދައިން އިސްތިޣްފާރުކުރުމަށް އެންމެ ރަނގަޅުވަގުތަކީ  ސަޙަރު (ނުވަތަ ހާރުދަމުގެ) ވަގުތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((كَانُوا قَلِيلاً مِّنَ اللَّيْلِ مَا يَهْجَعُونَ- وَبِالأَسْحَارِ هُمْ يَسْتَغْفِرُونَ- الذاريات: ١٧– ١٨– އެއުރެން ނިދާއުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާކުރެތެވެ.))

6- قيام الليل އަކީ ހިތަށް ޙަމަލާ އައުމާއި ސިކުނޑިއަށް ސްޓްރޯކް ޖެހުން މަދުކޮށްދޭ ކަމެކެވެ. އެއީ ހާރުދަމުގައި ސާފު އޮކްސިޖަން ހުންނަ ވައި ނޭވާލުމަށް ލިބޭނެތީއެވެ. ދުވާލުގެ ވަގުތުތަކުގައި ކާރުޚާނާތަކުންނާއި ދުއްވާއެއްޗެހިން އަރާ ދުންތައް ރޭގަނޑު ހާރުދަމުގައި އެރުން ވަރަށް މަދުވާނެއެވެ.

ހިތުގެ ބަލިތަކާބެހޭ ޑަކްޓަރުންގެ ޓީމަކުން ހަތްއަހަރާއި ބައި ވަންދެން ކުރި ދިރާސާތަކެއް ބުނާގޮތުގައި ނުވަ ގަޑިއިރު ނިދާ އަންހެނުންގެ ތެރެއިން 70 އިންސައްތަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ޕްރޮބަބިލިޓީ ވަރަށް ބޮޑެވެ. "ސްޓްރޯކް" ނަމަކަށް ކިޔާ މަޖައްލާގައި ޝާޢިއުކޮށްފައިވާ މި ދިރާސާ ބުނާގޮތުގައި 1166 އަންހެނަކު މި ދިރާސާގައި ބައިވެރިވިއެވެ. މި ދިރާސާ ބުނާގޮތުގައި މި ބާވަތުގެ ސްޓްރޯކް ޖެހެނީ ސިކުނޑިއަށް ލޭ ގެންދާ ހޮޅިއެއް ބެދުމުގެ ސަބަބުން އޮކްސިޖަން ނުލިބިގެންނެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ދުލިތައް މަރުވާން ފަށައެވެ. ޑަކްޓަރުން ކަށަވަރުކޮށްދޭ ގޮތުގައި ހިސާބަށް ވުރެ ގިނައިރު ނިދުމަކީ ހިތުގެ މަސައްކަތް ގަޑުބަޑުކުރާ ކަމެކެވެ. ހިތާއި ސިކުނޑި ތާޒާކޮށްލުމަށްޓަކައި ރޭގަނޑު މެންދަމުގެ ފަހުން ބައިގަޑިއެއްހާ އިރަށް ތެދުވެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާ ގޮތުގައި قيام الليل އަކަށް ވާނީ ރޭގަނޑު ނިދާލައިފާ މެންދަމުގެ ފަހުން ތެދުވެ އަޅުކަންކުރުމުންނެވެ. މީގެ 14 ސައްތަ އަހަރު ކުރިން މާތްﷲ އެކަލާނގެ ރަސޫލާއަށް އަންގަވަނީ ކީކޭތޯއެވެ؟ މާތްﷲ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الْمُزَّمِّلُ- قُمِ اللَّيْلَ إِلاَّ قَلِيلا- نِصْفَهُ أَوِ انقُصْ مِنْهُ قَلِيلا- أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلا- إِنَّا سَنُلْقِي عَلَيْكَ قَوْلا ثَقِيلا- إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْءًا  وَأَقْوَمُ قِيلا المزمل: 1–6- މާނައީ: އޭ ފޭރާންތައް ގައިކޮޅުގައި އޮޅުއްވައިގެން އޮންނެވި ކަލޭގެފާނޭވެ! ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ. ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެއީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއް އުނިކޮށްލައްވާށެވެ. ނުވަތަ އެއަށްވުރެ އިތުރުކޮށްލައްވާށެވެ. އަދި ލަސްލަހުން ޤުރްއާން ކިޔަވައި ވިދާޅުވާށެވެ. ހަމަ ކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބުރަދަން ހުރި ބަހެއް ބާވައިލައްވާހުށީމެވެ. ހަމަ ކަށަވަރުން، ނިދުމަށްފަހު ރޭއަޅުކަން ކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ، ނަމާދުގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.))

ކީރިތި ރަސޫލާ ﷺ އަކީ މިކަމުގައި ރިވެތި ނަމޫނާއެކެވެ. ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވެއްޖައުމަށް ދާންދެން ރޭގަނޑު އަޅުކަންކުރެއްވިއެވެ. އެކަލޭގެފާނުގެ އިސްވެދިޔަހާ ފާފަތަކާއި ކުރިއަށް އޮތްހާ ފާފަތައް ފުއްސަވާދެއްވާފައިވާ ވާއިރު ތިޔަގޮތަށް ތިޔަހާ ބުރަކޮށް އަޅުކަން ކުރައްވަނީ ކީއްވެގެންތޯ  ޢާއިޝަތުގެފާނު ރަސޫލުﷲގެފާނާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވިދާޅުވީ ((ފަހެ ތިމަންކަލޭގެފާނު މާތްﷲ އަށް ޝުކްރުވެރިވާ އަޅެއްކަމުގައި ވެވަޑައިނުގަންނަވަންވީ ހެއްޔެވެ؟))

ރަސޫލުﷲގެފާނު ދަމުނަމާދަށް ތެދުވެވަޑައިގެން ދަތްޕުޅު އުގުޅުއްވަވާ ވުޟޫ ކުރައްވައެވެ. އެއަށްފަހު މާތްﷲ އަންގަވާފައިވާ މިންވަރަށް ނަމާދު ކުރެއްވިއެވެ. މިއަދު ޢިލްމުވެރީން މިގޮވައިލަނީ ހަމަ މިކަމަށް ނޫންތޯއެވެ. ތަފާތަކީ މުސްލިމުން އެކަންތައް މިކުރަނީ މާތްﷲ އަންގަވައިގެން އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ. އެކަމަކު އެމީހުން ރޭގަނޑު ތެދުވަނީ ދުނިޔަވީ މަންފާއަކަށް ޓަކައެވެ. އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައެވެ.

މާތްﷲ ރުއްސުންލެއްވި ސަހްލު ބިން ސަޢުދުގެ އަރިހުން ވާރިދުވެފައިވެއެވެ. ((ޖިބްރީލުގެފާނު ކީރިތިރަސޫލާ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ! މުޙައްމަދުގެފާނޭވެ! އެދިވަޑައިގަންނަވާ ގޮތަކަށް ދިރިއުޅުއްވާށެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނެ ބޭކަލެކެވެ. އަދި ބޭނުންފުޅު ކަމެއް ކުރައްވާށެވެ. ފަހެ، ހަމަ ކަށަވަރުން އެ ޢަމަލުތަކަށް ޖަޒާ ލިބިވަޑައިގަންނަވާނެއެވެ. ލޯބިފުޅުވާން ބޭނުންފުޅުވާ ކޮންމެ މީހަކު ދެކެ ލޯބިފުޅުވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންނާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. މުއުމިނާގެ ޝަރަފަކީ قيام الليل ކަން ދެނެވަޑައިގަންނަވާށެވެ. އޭނާގެ ޢިއްޒަތަކީ މީސްތަކުންގެ ކިބައިން އެއްޗަކަށް ބޭނުން ނުވުމެވެ.- متفق عليه-))

ސާލިމު ވިދާޅުވާ ގޮތުގައި މިބަސްފުޅަށް ފަހު ޢަބްދުﷲ ބިން ޢުމަރު ރޭގަނޑުގައި ވަރަށް ކުޑައިރުކޮޅަކަށް މެނުވީ އަވަހާރަފުޅެއް ނުލައްޕަވައެވެ.

7- ރަސޫލުﷲގެފާނަށް ރޭގަނޑުގެ އަޅުކަމުގައި ހިމެނޭ ޞިއްޙީ ފައިދާތައް އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟ މިއީ އެކަލޭގެފާނުގެ ތެދުވެރިކަމާއި އެކަލޭގެފާނުގެ ރިސާލަތުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެއް ނޫންތޯއެވެ؟

މި ޒަމާނުގައި ދިރާސާތައް ކުރާ މީހުން މިކަންތައް މިކުރަނީ އިސްލާމްދީނަށް ނަޞްރުދޭކަށް ނޫނެވެ. އަދިކީއްތޯއެވެ. އެމީހުން ވީވަރަކުން މަސައްކަތްކޮށްފައިވަނީ، ކުރަނީ، އަދި ކުރާނީ އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރެވޭތޯއެވެ.

8- ރޭގަނޑުގައި އަޅުކަން ކުރާނީ ދެ ރަކްޢަތުން ދެ ރަކްޢަތުން ސުންނަތް ނަމާދެއް ކުރާގޮތަށެވެ. ނިޔަތްގަންނާނީ ރޭއަޅުކަމުގެ (ނުވަތަ قيام الليل  ގެ) ދެރަކްޢަތް ކުރަމެވެ. ދެ ރަކްޢަތުން ސަލާންދެމުން އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ނަމާދުކުރަންވީއެވެ. އަދި ޤުރްއާން ކިޔެވުމާއި ތަސްބީޙަ ކިޔުމާއި ޛިކްރުކުރާންވީއެވެ.

9- ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ( إِنَّ فِى الْجَنَّةِ غُرفَاً يُرَى ظَاهِرُهَا مِنْ بَاطِنِهَا، وَبَاطِنُهَا مِنْ ظَاهِرِهَا.فَقَالَ أَبُو مُوسَى الأَشْعَرِىُّ: لِمَنْ هِىَ يَا رَسُولَ اللَّهِ؟ قَالَ: لِمَنْ أَلاَنَ الْكَلاَمَ، وَأَطْعَمَ الطَّعَامَ، وَبَاتَ لِلَّهِ قَائِمًا وَالنَّاسُ نِيَامٌ.- رواه الطبرانى والبيهقى والحاكم وابن حبان– ހަމަކަށަވަރުން ސުވަރުގޭގައި އެތެރެއިން ބޭރު ފެންނަ، އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިކޮޅުތަކެއް ވެއެވެ. އަބޫ މޫސަލް އަޝްޢަރީ ދެންނެވިއެވެ. ﷲގެ ރަސޫލާއޭވެ! އެއީ ކޮން ބަޔަކަށްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ރިވެތިބަސް ބުނާ މީހުންނަށާއި، ފަޤީރުންނަށް ކާއެތިކޮޅު ދޭމީހުންނަށާއި، މީސްތަކުން ނިދައިފައި ތިބޭއިރު އަޅުކަންކުރަން ތެދުވެ އުޅޭ މީހުންނަށެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *