...

Support Us

ކޮލަމް މާޒީ: އަތުކުށް- 15

އަޅުގަނޑު ލިޔަމުން ގެންދާ "އަތުކުށް" ސިލްސިލާ ތަންކޮޅެއް ދޭތެރެ ދުރުވެލުމަށް ފަހު މިއަދު މި ފާހަގަކޮށްލަނީ "ވަރުގަދަ އަތުކުށެއް"ގެ ވާހަކައެވެ. ބައެއް ބޭފުޅުން އަޅުގަނޑާ ޚިޔާލު ތަފާތުވެދާނެ ފަދަ "ކުށެކެވެ." ދަންބެރަށްވުރެ ތަގުޑި ދިގު ނުކޮށް މައުޟޫޢާއިގެން ކުރިއަށް ދާނަމެވެ.

މި ދިޔަ ސެޕްޓެންބަރު ތިންވަނަ ދުވަހު އަޅުގަނޑު އުޅުނީ މާލެއިން ބޭރުގައެވެ. އެހެން ރަށެއްގައެވެ. އެ ރަށު މިސްކިތަކުން އިއްވި "ދީނީ ވަޢުޡެއް"ގައި އަޅުގަނޑަށް "އިވުނު" ދެ ޖުމުމުލައެއް އަޅުގަނޑުގެ ސަމާލުކަމަށް އައީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެއަކަސް އެ މައުޟޫޢާއި އެ ޙާލަތާއި އިޖުތިމާޢީ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު އެ ދެ ޖުމުލައިގައި ބޭނުންކުރެއްވި މުހިންމު ލަފުޒުތަކާ އަޅުގަނޑުގެ ޒަމީރު އިޢުތިރާޒުކުރީއެވެ. އަދިވެސް ކުރަނީއެވެ. އެ ދެ ޖުމުލައަކީތޯއެވެ؟ ވިދާޅުވެލައްވާށެވެ!

އެ ޢިބާރާތުގައި ހިމެނޭ ދެ ޖުމުލައަކީ "މިއަދު ސަލާންޖެހުމުގެ ފަންނު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ސަލާންޖެހުމުގެ ހުނަރުތައް ވަނީ އީޖާދުކޮށްފައެވެ." މިއީއެވެ. މި ދެ ޖުމުލައަށް ބަހަވީ ނަޒަރަކުން ވިސްނާއިރު، މައްސަލައެއް ފެނިވަޑައި ނުގެންފާނެއެވެ. ނަމަވެސް އިޖުމާޢީ މިންގަނޑާއި އަދުގެ ޙާލަތަށް ރިޢާޔަތްކުރާއިރު އެ ދެ ޖުމުލައިން ފެނުން "ފަންނު"އާއި "ހުނަރު"ތަކާއި "އިޖާދު" ފަދަ ލަފުޒުތައް އެ ފަދަ ވަޢުޒެއްގައި ގެންނާކަށް ކަމަކު ނުދެއެވެ.

އާދޭހެވެ! ސަލާންޖެހުމުގެ ނުބައި އާދައަކީ "ފަންނެއް" ކަމަށް ބަޔަކު ގަބޫލު ކުރިޔަސް މުޖުތަމަޢުގެ ގިނަ މީހުން އެ ނުބައި އާދައާ މެދު ދެކެނީ ނަފުރަތުގެ ނަޒަރަކުންނެވެ. ނައްސި ގޮތަކަށެވެ. އެއީ ފަންނާއި ހުނަރުކަމަށް މާނަކުރުމަކީ އެކަމަށް ހިތްވަރު ދިނުން ކަމަށް ވެދާނެއެވެ. ނަމަވެސް އެ ވާޢިޡުގެ ނިޔަތަކީ އެއީ ނޫންކަން ވެސް ދެނެހުރީމެވެ.

އެހެންވީ އިރު ހަމަ އެ ވާހަކަ އެ ދެ ޖުމުލައިގައި އެ މާނަ ދޭހަވާ ގޮތަށް، އެކަމަށް ހިތްވަރު ނުދޭ ފަދަ ލަފުޒުތަކެއް ބޭނުންކޮށްގެން،  ނުވަތަ ޖުމުލައެއް އިތުރުކޮށްގެން، ގެނެވިދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ދެ ޖުމުލައިގެ އުސްލޫބާއި ތަރުތީބަށް ބަދަލު ނުގެނެސް ދެތިން ލަފުޒަކަށް ގެންނަ ބަދަލަކުން އެ ދެ ޖުމުލަ އިޞްލާޙުކޮށްލެވިދާނެއެވެ. މުޖުތަމަޢުގެ ރޫޙާއި ވިންދާ ޚިލާފު ނުވާ ގޮތަކަށެވެ. އަޅުގަނޑު ނަމަ، އެ ދެ ޖުމުލަ އެ އުސްލޫބުގައި ލިޔާނީ އަންނަނިވި ގޮތަށެވެ. "މިއަދު ސަލާންޖެހުމުގެ ވައްޓަފާޅި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ބަލި ވަނީ އެހާމެ ބޮޑަށް ފެތުރިފައެވެ. ސަލާންޖެހުމުގެ އާ އުކުޅުތައް ވަނީ ދަސްކޮށްފައެވެ."

އަޅުގަނޑު މި ގެނައި ބަދަލާއެކު އެ ދެ ޖުމުލައިން ދޭން ބޭނުންވާ މެސެޖު މާ ރީތިކޮށް ފޯރުކޮށްދެވޭ ނޫންތޯއެވެ. އާދޭހެވެ. ސަލާންޖެހުމަކީ އަޅުގަނޑުގެ ނަޒަރުގައި "ބައްޔެކެވެ." އިޖުތިމާޢީ ބައްޔެކެވެ. އެކަންކުރާން ބޭނުންކުރާނީ ހުނަރެއް ނޫނެވެ. އެއީ އުކުޅެވެ. މަކަރެވެ. އުކުޅުތައް އީޖާދުކުރީކީ ނޫނެވެ. އާ އުކުޅުތައް ދަސްކުރީއެވެ.

ވީމާ ސަލާންޖަހާން ހިތްވަރު ނުލިބޭ ފަދަ ބަސްކޮށާރެއް ބޭނުންކޮށްގެން ބޭނުންވާ މެސެޖު، އަހާން ތިބި މީހުންނަށް ފޯރުކޮށްދެވިދާނެއެވެ. އެ ބަދަލު ގެނެވިދާނެ ގޮތުގެ ބައެއް މިސާލު އަޅުގަނޑު އިސްކޮށް ދަންނަވައިލައިފައި އެވަނީއެވެ. މި ބަދަލާމެދު ތިޔަ ބޭފުޅުންގެ ނަޒަރަކީ ކޮބައިތޯއެވެ؟ އަދަބީ ކަންކަމުގައި ވެސް ޚިޔާލަކީ ހަމަ ތަފާތު އެއްޗެއް ނޫންތޯއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.