Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އަޅުގަނޑުގެ ވޯޓު ދިވެހި ރާއްޖެއަށް!

ޕީ.އެން.ސީގެ ރައީސް އަބްދުލް ރަޙީމާ ބައްދަލުވެ، ދެތިން ސުވާލެއް ދަންނަވާލުމުގެ ފުރުސަތު އަޅުގަނޑަށް ދާދި ފަހުން ލިބުނެވެ. މިގޮތުން 2023ގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ޔާމީނަށް ރިއާސީ އިންތިޙާބްގައި ވާދަކުރެއްވޭނެ ކަމުގެ ކިހާވަރެއްގެ ޔަޤީން ކަމެއް އެބައޮތްތޯ ދެންނެވީމެވެ. އަދުރޭ ވިދާޅުވީ އެނޫން ގޮތަކަށް ވިސްނަންވެސް ބޭނުން ނޫން ކަމަށެވެ. މާނައަކީ ރައީސް ޔާމީނަށް 2023ގެ ރިއާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމެވެ!

ރިއާސީ އިންތިހާބަށް އަދި ދެ އަހަރު ދުވަސް އޮތް ކަމުގައި ވިއަސް އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް ވަރަށް ގިނަ ފަރާތްތަކުން، ސީދާކޮށްނާއި ނުސީދާކޮށް މިހާރުވެސް ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ނުކުރެއްވިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް 2023 ގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ޔަޤީނެވެ. މިހާރުވެސް ރައީސް ސޯލިހު ރާއްޖެތެރެއަށް އެ ކުރައްވާ ދަތުރުފުޅު ތަކަކީ ދުރާލައި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކުރައްވާ ކެމްޕެއިން ދަތުރުތަކެއްކަން ފާހަގަކުރެވެއެވެ. އެކި އަތޮޅުތަކަށް އެއާޕޯޓާއި ބްރިޖާއި ބަނދަރާއި ހޮސްޕިޓަލާއި އެފަދަ އެތައް ކަމެއްގެ ވައުދު ސަރުކާރުން ދަނީ ވަމުންނެވެ.

ރައީސް ޔާމީނާއި ރައީސް ސޯލިހުގެ އިތުރުން ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ ޤައުމުގެ ވެރިކަން ބޭނުންފުޅުވެފައެވެ. ނަމަވެސް ނަޝީދުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުންނާއި، އެމް.ޑީ.ޕީގެ ތެރޭގައި އުފެދިފައިވާ ދެބައިވުމުގެ ސަބަބުން ރައީސް ނަޝީދަށް ރިއާސީ އިންތިހާބެއް ކާމިޔާބު ކުރެއްވުން ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ ނަޝީދު މަސައްކަތް ކުރައްވަނީ ޤައުމުގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ކުރު މަގަކުން ބޮޑުވަޒީރުކަމުގެ މަޤާމް ލިބިވަޑައިގަންނަވާތޯ ކަމަށް ބެލެވެއެވެ.

ރިއާސީ އިންތިހާބުން ފެންނާނެ ކަމަށް ބެލެވޭ ހަތަރު ވަނަ ބޭފުޅަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ ފަރާތުން ކާނަލް މުހައްމަދު ނާޒިމެވެ. ނާޒިމް އުފައްދަވާ އެމް.އެން.ޕީއަކީ ސިޔާސީ ގޮތުން ހަރަދުކުރާނެ ފައިސާ ހުރެގެން ކުރިއަށް ގެންދާ ޕާޓީއެއް ކަމަށް ފެނެއެވެ. އަދި އެ ޕާޓީއަކީ ރައީސް ސޯލިހަށް އެމް.ޑީ.ޕީގެ ޓިކެޓް ލިބިވަޑައިނުގެންފި ނަމަ ރައީސް ސޯލިހަށް ރިއާސީ ޓިކެޓް ހޯއްދަވަން ރަޖިސްޓްރީ ކުރާ ޕާޓީއެއް ކަމަށްވެސް ވާހަކަ ދެކެވެއެވެ.

ރިއާސީ އިންތިހާބުން ފެންނާނެ ކަމަށް ބެލެވޭ ފަސް ވަނަ ބޭފުޅަކީ ޕްރޮފެސަރ ހަސަން އުޤައިލެވެ. އުޤައިލާ ފޯނުން ބައްދަލުވެ ދެކެވުނު ވާހަކައިގައި އުޤައިލް ވިދާޅުވެފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން ރިއާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި، ވާދަ ކުރައްވާނަމަ ކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. ދާދި ފަހުން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އުޤައިލް ވިދާޅުވެފައި ވަނީ ސިޔާސީ ދާއިރާއިން މަސައްކަތް ކުރެއްވުމަށް ކައިރި ކުރިމަގެއްގައި ރާއްޖެއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށެވެ.

ރިއާސީ އިންތިހާބުން ފެންނާނެ ކަމަށް ބެލެވޭ ހަވަނަ ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރ އަދި ޑީ.އެން.އޭގެ ފައުންޑަރ އުމަރު ނަސީރެވެ. އުމަރު ނަސީރުގެ ރިއާސީ ކެމްޕެއިންގެ މައިގަނޑު ސިޔާސަތުތަކެއް ކަމަށް ފެންނަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި، ގޭންގާއި ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތް ކުރުމެވެ. އުމަރު ނަސީރު ވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކަމުގެ ޓިކެޓް ލިބިވަޑައިގަންނަވާތޯ މީގެ ކުރިން ވަކާލާތު ކުރައްވާފައެވެ. ނަމަވެސް އެފަދަ ފުރުސަތެއް ލިބިވަޑައިނުގެންފި ނަމަ އަމިއްލަ ގޮތުން ނަމަވެސް ވާދަ ކުރައްވާނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

ރިއާސީ އިންތިހާބުން ފެންނާނެ ކަމަށް ބެލެވޭ ހަތް ވަނަ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. އިންތިހާބްގައި ޤާސިމް ވާދަ ކުރެއްވިއަސް، ސިޔާސީ މަލަމައްޗަށް ބަލާއިރު ޖުމްހޫރީ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރެވުމަކީ ނާދިރުކަމެކެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ އަމާޒަކަށް ވާނެ ކަމަށް ބެލެވެނީ ވާދަވެރި އިންތިހާބެއްގެ ދެވަނަ ބުރުގައި ކޯލިޝަނެއްގެ ތެރެއިން އަނެއްކާވެސް ސިޔާސީ ބާރުވެރިކަން ހޯދުމެވެ. އަދާލަތު ޕާޓީންވެސް ކުޅޭނީ ހަމަ އެ ދައުރެވެ. ކޯލިޝަންއެއްގެ ތެރެއިން ސިޔާސީ ބާރުވެރިކަމާއި ހައިސިއްޔަތު ހޯދުމެވެ. އަދި މިހާތަނަށް މަޖުލީހުގެ އެއްވެސް ގޮނޑިއެއް ލިބިފައި ނުވާ އެމް.އާރ.އެމްގެ ފަރާތުން ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް އުއްމީދު ކުރައްވާނީ ކޯލިޝަނެއްގެ ތެރެއިން ސަރުކާރުގެ ހިއްސާއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންފިނަމަ އިދިކޮޅު ކޯލިޝަންގެ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ހިމެނިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ރައީސް ވަހީދަކީ ސައުދީ ވަލީއަހްދާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވުމުން ސައުދީ އަރަބިއާގެ ތާއީދު ޑރ. ވަހީދަށް ލިބިވަޑައިގަތުމަކީ ދުރުކަމެއް ނޫނެވެ.

އަންނަ ރިއާސީ އިންތިހާބްގައި ވާދަކުރައްވަފާނެ ކަމަށް ބެލެވޭ އަށެއްކަ ބޭފުޅުންނަށް ބަލާއިރު އެންމެ ބޮޑު ވާދައެއް ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޔާމީން، ރައީސް ސޯލިހު އަދި ކާނަލް ނާޒިމެވެ. ދިވެހި ޤައުމަށް މިވަގުތު ދިމާވެފައިވާ ސިޔާސީ، އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އެންމެ އަވަސްކަމާއި، ކެރުމާ އެކީ މި މައްސަލަތަކާ ކުރިމަތިލައްވައި ހައްލު ކުރެއްވޭނެ ކަމަށް ބެލެވެނީ މިތިން ބޭފުޅުންގެ ތެރެއިން ކޮން ބޭފުޅަކަށްތޯއެވެ؟ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު އެންމެ ކަންބޮޑުވާ ޤައުމީ މައްސަލަ އެއް ކަމަށް ފެންނަނީ އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖޭގައި އިންތިހާއަށް ގަދަވުމުގެ ފުރުސަތު މިހާރުގެ ސަރުކާރުން ދީފައި އޮތް އޮތުމެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އިންޑިއާގެ ބާރު ދިވެހި ރާއްޖޭގައި ގަދަވަމުންދާ ރޭޓަށް ބަލާއިރު 2023 އަންނަންވާއިރު ރާއްޖެ އޮންނާނީ ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އިންޑިއާއަށް ދަރައި، އަޅުވެތިވެފައެވެ.

ރައްޔިތުން ކަންބޮޑުވާ އަނެއް މައްސަލައަކީ ސެކިއުލަރ ފިކުރަށް މި ސަރުކާރުން ބޮޑެތި ފުރުސަތުތަކެއްދީ، ހަރުކަށި ފިކުރަކީ ކޮބައިކަން ސީދާ ބުނެނުދީ، ހަރުކަށި ފިކުރާ ދެކޮޅު ކެމްޕެއިނެއްގެ ގޮތުގައި އިސްލާމް ދީން ބަލިކަށިވާ ފަދަ ކެމްޕެއިނެއް މިސަރުކާރުން ހިންގުމެވެ. ދީނަށް ފުރައްސާރަކުރާ ދިވެހި ޖަމްއިއްޔާތަކަށް އެކަށީގެންވާ ފިޔަވަޅު ނާޅައި، ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ސަރުކާރުގެ އިސް މަޤާމް ދޭތަން ވަރަށް ސާފުކޮށް އެބަފެނެއެވެ. އަދި ޤައުމުގެ ހަރު މުދާތައް ރަހުނުކޮށް ލޯނު ނެގުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓް ވަމުންދާތަން ވެސް އެބަފެނެއެވެ. އިގްތިސޯދު މެނޭޖް ނުކުރެވުމުން ހެސްކިޔާފައި އިންޑިއާއިން ލޯނުނަގައިގެން ޤައުމު ހިންގާތަން ފެންނަނީ ދަރަންޏަށް ނަގާ ފައިސާއިންނެވެ. މިވަގުތު ސަރުކާރުގައި ލާރި ހުއްޓަސް އިންޑިއާގެ ދަރަނީގެ ދަންތުރާގައި ޖެހޭނީ ކުރިމަގުގެ ޖީލުތަކެވެ. އެމް.ޑީ.ޕީގެ ސިޔާސީ ވަގުތީ ފައިދާ އަށް ޓަކައި ރާއްޖޭގެ ކުރިމަގު އަޅުވެތިކަމުގެ ތެރެއަށް ދޫކޮށްލާތަން ދަނީ ފެންނަމުންނެވެ.

މިފަދަ ތަފާތު ސަބަބުތަކާ ހެދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ. ޤާސިމާއި މައުމޫނާއި އިމްރާންގެ ތާއިދު އޮތަސް ރައީސް ސޯލިހަށް އިންތިޙާބު ކާމިޔާބު ކުރެއްވޭނެ ކަމަކަށް ނުބެލެވެއެވެ.

ނާޒިމަށް ބަލާއިރު، ނާޒިމްގެ ޕާޓީއަށް ސިޔާސީ، ޒުވާން ލީޑަރުން ގުޅެމުން ދާތަން ފެނުނަސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމަކަށް ނުބެލެވެއެވެ. އަދި އެހެން ބޭފުޅަކަށް ވެސް އެއްބުރުން މި އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަން ޔަޤީނެވެ. ސަބަބަކީ އަށެއްކަ ވަރުގަދަ ކެންޑިޑޭޓުން ވަރަށް ވާދަވެރިކަމާއެކު ކުރިމަތިލައްވާ އިންތިހާބެއްގެ ފުރަތަމަ ބުރުން އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތުން ނާދިރުކަމަށް ފެންނާތީއެވެ. ބޮޑު ސުވާލަކީ ވާދަވެރި މި އިންތިހާބަގައި އެންމެ ގިނަ ވޯޓު ހޯއްދަވާނީ ކޮން ދެ ކެންޑިޑޭޓުންނެއްތޯއެވެ؟ ދެވަނަ ބުރަކަށް ދާނީ މި ދެންނެވި ދެ ކެންޑީޑޭޓުންނެވެ. ރައީސް ޔާމީންވެސް އަދި ރައީސް ސޯލިހާއި ނާޒިމްވެސް އަދި ދެން ތިއްބެވި ކެންޑިޑޭޓުންވެސް އުއްމީދު ކުރައްވާނީ ޓޮޕް ދެ ޖާގައަށެވެ. ސަަބަބަކީ 2023ގެ އިންތިހާބް ދެވަނަ ބުރަކަށް ދާނެކަން ޔަޤީންވުމެވެ.

ޤައުމަށް ދިމާވެފައިވާ އިންޑިއާ އަށް އަޅުވެތިވުމުގެ މައްސަލަ އާއި، ޤައުމު ބަނގުރޫޓްވަމުން ދިއުމުގެ މައްސަލަ އާއި، ގޭންގާއި ޑްރަގްގެ ވަބާ ލުޔެެއް ނެތި އިތުރުވަމުން ދިއުމުގެ މައްސަލަ އާއި، ލާދީނީ ފިކުރު ބާރުވެރިވަމުން ދިއުމުގެ މައްސަލަ ހައްލު ކުރުމުގައި، ދެން އަންނަ ސަރުކާރަކުން، ވަރަށް ބުރަކޮށް، ވަރަށް ކެރިގެން މަސައްކަތް ކުރަން ޖެހޭނެކަން ޔަޤީނެވެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ އިންޑިއާގެ ކިބައަކުންވެސް އަދި ލާދީނީ ފިކުރަކުންވެސް މިޤައުމު ސަލާމަތެއް ނުވާނެއެވެ. ނާޒިމަކީ ސިޔާސީ ރަނގަޅު ޝަހުސިއްޔަތެއް ކަމުގައި ވިއަސް މިހާލަތުގައި ޤައުމު ކޮޅަށް ޖެހޭނެ ފަދަ ލީޑަރޝިޕެއް ދެއްކެވިދާނެ ކަމަކަށް ނުފެނެއެވެ. އަޅުގަނޑަކީ މީގެ ކުރިން ރައީސް ޔާމީނަށް ވަރަށް ފާޑުކިޔާފައިވާ މީހަކަށް ވިއަސް، އަދި މިހާރުވެސް އިދިކޮޅު ކޯލިޝަނާއި އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށް ވިއަސް، ދިވެހި ދަރިއެއްގެ ގޮތުން، ޤައުމަށްޓަކައި ދެންނެވެން އޮތީ، 2023 ގައި ޤައުމު ހަމަ މަގަށް އެޅުވިދާނެ ކަމަށް ފެންނަނީ ހަމަ ރައީސް ޔާމީނަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ވެސް އެކަން ކުރެއްވޭނީ ކުރީގެ މިޒާޖާއި، ކުރީގެ ސިސްޓަމަކަށް ނޫނެވެ. އާ މޫނުތަކެއް ލައިގެން، ކުރިއަށް ވުރެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރައްވައިގެންނެވެ. ޕްރޮފެސަރ އުޤައިލާއި އުމަރު ނަސީރާއި ނާޒިމް ފަދަ ބޭފުޅުންގެ އެހީތެރިކަންވެސް ހޯއްދަވައިގެންނެވެ. ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ހިންގައިގެންނެވެ.

ކަން އޮތީ މިހެން ކަމުގައި ވިއަސް ކުރިއަށް މިއޮތް ދެއަހަރު ދުވަހުގެތެރޭ މަންޒަރު އަދި ވަރަށް ގިނަ ގޮތްގޮތަށް ބަދަލު ވާނެއެވެ. ކޮންމެ ގޮތެއް ވިއަސް 2023 ގެ އިންތިހާބަށް އެންމެ ބޮޑު ހޭދައެއް ކޮށް، އެންމެ ބުރަކޮށް މަސައްކަތް ކުރާނެ ފަރާތެއް ހަމަ ޔަޤީނުންވެސް އެނގެއެވެ. އެއީ އިންޑިއާ އެވެ. އަދުރޭ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ދެހާސް ތޭވީހުގެ ރިއާސީ އިންތިހާބްގައި ވާދަ ކުރާނީ ދެ ފަރާތެކެވެ. އެއީ އިންޑިއާ އާއި ދިވެހި ރާއްޖެއެވެ. އަޅުގަނޑުގެ ވޯޓު، އިރާދަކުރެއްވިއްޔާ ލިބޭނީ ދިވެހި ރާއްޖެއަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
523

5 Responses

  1. ތި ފާޅުކުރީ ބުސްރީގެ ހިޔާލީ ވާހަކަ.
    ދިވެހިންގެ ވެސް އޮންނަނީ ޑިމޮކްރެޓިކަން އާ ރިޕަބްލިކަން. މާނަ އަކީ
    އެއްކޮޅުން އަންނި. އަނެއް ކޮޅުން ކޮންމެވެސް އެކަކު. ބަލާދެން.

  2. އިންޑިއާގެ އަޅުވެތިކަމުންނާއި ލާދީނީފިކުރާއި ޑްރަގްގެ ވަބާއިން އަހަރެމެންގެ ޅަދަރީންސަލާމަތްކޮށްދެވޭނެ ބަޔަކަށް އަހަރެންނާއި އަހަރެންގެ އާއިލާގެ 8 ވޯޓް ދޭނީ. އެމްޑީޕީއިން ވާދަކުރާ އެއްވެސް މީހަކަށް ވޯޓްދެވޭކަށްނެތް. މިރިޕޯޓަކީ ކަން ހިނގާނެގޮތާއި އަހަރެންގެ ވިސްނުމާއި އެއްގޮތް ރިޕޯޓެއް. ކެޔޮނިރުގެ މިރިޕޯޓުން ވަރަށް ގިނަ ބަޔަކަށް މި އިބްތިޚާބުގައި ގޮތް ނިންމަން އެނގޭނެ ކަމަށް ފެނޭ …

  3. ރާއްޖޭގެ ސިޔާސީ ޕާރޓީތަކުގެ ތެރެއިން އެއް ޕާރޓީގެ އެއްވެސް ވާހަކައެއް މިލިޔުމުގައި ނެތުމުގެ އުނިކަން ފާހަގަކުރެވޭ، އެއީ އެމް.ޓީ.ޑީ ،
    ދެން ފާހަގަކުރެވޭ އަނެއްކަމަކީ ފާއިތުވި އިންތިޚާބުތަކުގެ ތަފާސްހިސާބާއި ނަތީޖާ މިލިޔުމުގައި ހިމަނާފައިނެތުން،
    ލިޔުމުގެ ބޮޑު މަންޒަރަކީ އިންޑިޔާ ކަމަށް ދޭހަވޭ، މާޒީގައި ކަންހިނގާފައިވާ ގޮތަށް ބަލާނަމަ އަދި ރާއްޖޭގެ ވޯޓްލާ އާބާދީގެ ހޭލުންތެރިކަން އިތުރުވީ ވަރަކަށް ޑެލިވަރ ނުކޮށްދެވޭ ސަރުކާރުތައް ރިޕީޓްވުން ދާނީ ދުރުވަމުން ކަމަށްފެނޭ

  4. ގަބޫލް ކުރެވޭ ޚިޔާލެއް! ކެޔޮނިރުގެ އޮޢްޓަރު ހުރި ލިއުމެއް!!
    ޢަޅުގަނޑުގެ ޚިޔާލު:
    ބަރުލަމާނީގެ ބޭނުމެއް ނެތް!! ނަޝީދަކީ ސެކިއުލަރިޒަމަށް ތާއީދު ކުރާ ގައުމަށް ވުރެ ބޮޑަށް އެހެން ގައުމްތަކަށް ބަރޯސާވާ ބުއްދިއެއް ނެތް ފަރާތެއް..
    ސޯލިހު!! ޤައުމަށް ޣައްދާރެއް! ޢެކަށީގެންވާ ތަޢްލީމެއް ނެތުމާއި، މިޒަމާނަށް ހޭލެވިފައި ނެތުމާއި، އިންޑިޔާ އާއި ސެކިއުލަރިޒަމްގެ ވަބާއިން ގައުމް ސަލާމަތް ކޮށްދެވޭނޭ ފަދަ ގާބިލް ކަމެއް ނެތުމާއި، ދަރަނިން ގައުމް ކޮޅަށް ޖެހޭފަދަ ބުއްދިއެއް ނެތުމަކީ އޭނަ އަށް ނޫނެކޭ މިހާރުވެސް ބުނަންޖެހޭ ސަބަބު!
    ނާޒިމް، މީނާ އަކީ ގާބިލްކަން ހުއްޓަސް ނޫނެކޭ ބުނަންޖެހޭ ހާލަތުގައި ނޫނެކޭ ނުބުނެވޭ އަދި މަޖްލީހުގައިވެސް އިންޑިޔާ ކޮޅަށް ވިކިފައި ހުރި މީހެއް ކަމަށް ވުމާއި، ޤައުމަށް އިޚްލާސްތެރިކަން ނެތް މީހެއް ކަމަށް ވުން!!
    ޢުމަރު، ގާބިލް ކަން ހުރި ނަމަވެސް އަދި ޤައުމަށް ޢިޚްލާސްތެރި ވާނެ ކަމަށް ފެނުނަސް ސިޔާސީ މަސްރަހު އޮތް ގޮތުން ޥޯޓް ލިބޭފަދަ ޕްލެޓްފޯމެއްގެ ތެރެއިން ނޫނީ ނުހޮވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެބަ އޮތް.
    ޔާމީން، ތަޢްލީމާއި ތަޖްރިބާ އަކީ ޕްލަސް ޕޮއިންޓެއް! ގައުމުގެ މައްސަލަތައް ހައްލު ކުރުމަށް އަވަދިނެތި މަސައްކަތް ކުރެއްވި އަދީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް މިތަނުން ޖާގަ ނުދިން ވެރިއެއް!! ގައުމުގެ ސިޔާދަތަށް ރައްކާތެރިވި ރައްޔިތުންނަށް އެތައް ފަސޭހަ ހޯއްދަވައިދެއްވި ފަރާތެއް!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *