...

Support Us

22 ވަނަ ކޮވިޑް ޓެސްޓުން ސުޒެއިން ޕޮޒިޓިވްވީ ކީއްވެ؟

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް ޓެސްޓް ހެދި އާންމުންގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ހިމެނުމަކީ ފަހަރުގައި ވަރަށް އެކަށީގެންވާ ކަމެކެވެ. އޭނާ މިހާތަނަށް ވަނީ 22 ފަހަރު ކޮވިޑް ޓެސްޓް ހަދައިފައެވެ. އަދި އެންމެ ފަހުން ހެދި ޓެސްޓާއެކު ޕޮޒިޓިވް ނަތީޖާއެއް ލިބުމުން ސުޒެއިން މިހާރު ހުރީ ކަރަންޓީނުގައެވެ.

މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ފާއިތުވި 15 މަސް ތެރޭގައި ސުޒެއިން ހެދި ކޮވިޑްގެ 22 ޓެސްޓްގެ ތެރެއިން އަށް ފަހަރު ފިޔަވައި އެހެން ހުރިހައި ފަހަރަކުވެސް ޓެސްޓް ހަދައިފައި ވަނީ ރާއްޖޭގައެވެ. އަށް ފަހަރު ޓެސްޓް ހެދީ ގައުމީ ޓީމާއެކު މިދިޔަ މޭ/ޖޫންގައި ދުބާއީގައި ހުރިއިރުއެވެ. ރާއްޖޭގައި ހެދި 14 ޓެސްޓުގެ ތެރޭގައި ހިމެނެނީ މަގުމަތީ އުޅޭ މޯބައިލް ޓީމުތަކުން ބުނެގެން ހަދައިފައިވާ ޓެސްޓުތަކާއި، ހުސްވި މަހު މާލޭގައި ބޭއްވި އޭ.އެފް.ސީ ކަޕުގެ މެޗުތަކަށް ގަލޮޅު ދަނޑަށް ވަންނަން ވެގެން ހަދަން މަޖުބޫރުވި ޓެސްޓްތަކެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ސުޒެއިން ވަނީ އޭނާގެ ބައްޕަ ކޮވިޑަށް ޕޮޒިޓިވްވެގެން ބައްޕައާއެކު 23 ދުވަހު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ހޭދަކޮށްފައެވެ. ކޮވިޑް ޖެހިފައިވާ އެތައް ބަޔަކާއެކު ނިދައި، ކައިބޮއެހަދައި، ޑިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި އުޅެމުން އެ ފަހަރު ތިން ފަހަރަށް ޓެސްޓު ކުރުމުން ވެސް ދެއްކީ ނެގެޓިވް ކަމަށެވެ. އޭގެ ފަހުން އާއިލާގެ އިތުރު މެމްބަރުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންވެ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައި ވަނިކޮށް މިފަހަރު ކުއްލިއަކަށް ޕޮޒިޓިވްވުމުން ސުޒެއިނަށް ލިބުނީ ކުއްލި ސިހުމަކާއި ހައިރާންކަމެކެވެ.

އަންނަ މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޓީމުގެ ޕްރެކްޓިހަށް އަންނަ ހުކުރު ދުވަހު ގަތަރަށް ފުރާން ހަމަޖެހިފައި ވަނިކޮށް ސުޒެއިން އިއްޔެ އަމިއްލަ ގޮތުން ޓެސްޓެއް ހަދައިލީ ކުޑަކޮށް އުނދަގޫތަކެއް ހުރެގެންނެވެ.

ދުބާއީގައި ސުޒެއިން ކޮވިޑަށް ޓެސްޓް ކުރަނީ (27 މޭ 2021) -ފޮޓޯ: އެފް.އޭ.އެމް/ އެފް.ބީ

"އިއްޔެ ކުޑަކޮށް އުނދަގޫ ގޮތެއް ހުރީމާ ދަ ކްލިނިކުން ޓެސްޓް ކޮށްލީ. ރޭގައި ނަތީޖާ ލިބުނުއިރު ޕޮޒިޓިވް ކަމަށް ދެއްކީ. އެކަމަކު އެއްވެސް އުނދަގުލެއް މިހާރު ނެތް،" ސުޒެއިން ބުންޏެވެ. "ޕޮޒިޓިވް ވީ ކިހިނެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ. ޕޮޒިޓިވް ކަހަލަ މީހަކާ ވެސް ދިމަލެއް ނުވޭ."

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު ވިދާޅުވީ ސުޒެއިން ޕޮޒިޓިވްވުމުން، ގައުމީ ސްކޮޑުގެ ހުރިހައި މެމްބަރުން ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށާއި ހުރިހައި ނަތީޖާއެއްވެސް ނެގެޓިވް ކަމަށެވެ.

"ސުޒެއިނަކީ ޕްރެކްޓިހުގައި ވެސް މާސްކު ނަގާ ބޭފުޅެއް ނޫން،" ޖަވާ ވިދާޅުވިއެވެ.

ސުޒެއިން މިވަގުތު އެންމެ ކަންބޮޑުވަނީ ގައުމީ ޓީމާއެކު ގަތަރަށް ނުދެވޭތީއެވެ. އެއީ ދިވެހި ކޯޗެއްގެ މާލިމީކަމުގައި ގައުމީ ފުޓުބޯޅަ ޓީމު ކުރިމަތިލާ ފުރަތަމަ މުބާރާތަށް ވަރަށް މުހިންމު ދަތުރެއް ކަމުގައި ސުޒެއިން ދެކެއެވެ.

"ޓީމާއެކު ނުދެވޭތީ އަހަރެން ވަރަށް ދެރަވޭ. އެކަމަކު ކޮންމެ ކަމެއް ވެސް ވާނީ އޭގައި ކޮންމެވެސް އެހެން ރަނގަޅެއް އޮތީމާ ކަމަށް އަހަރެން ގަބޫލްކުރަނީ،" ސުޒެއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *