Support Us

އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފަޔާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

23:00

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަދި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަމުން އަންނަ އަހުމަދު ފަޔާޒު (ދިގުފަޔާ) ވަރަށް ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެއެވެ. ރީޖަނަލް އެއާޕޯޓްސްގައި މަސައްކަތް ކުރާ ފަޔާ ނިޔާވިއިރު ހުރީ އޮފީހުގެ މަސައްކަތެއްގައި ހޯރަފުށީ އެއާޕޯޓުގައެވެ.

އުމުރުން 49 އަހަރުގައި ފަޔާ ނިޔާވިއިރު ދެ އަނބިންނާއި ފަސް ކުދިން އެބަތިއްބެވެ.

އިސްކޮޅުން ދިގު ފަޔާ ވަނީ 1989 އިން 2001 އާ ހަމައަށް އެންމެ މަތީ ފެންވަރުގައި ވެލެންސިއާ އާއި ޔޫތަށް ބާސްކެޓް ކުޅެފައެވެ.

ފަޔާ (ވ) އަދި އަބްދުﷲ އާމިރު

ފަޔާއާއެކު ވެލެންސިއާ އަށާއި ޔޫތަށް ބާސްކެޓް ކުޅެ އަދި ފަހުން ބާސްކެޓް އެސޯސިއޭޝަން ހިންގެވުމުގައި އިސް ރޯލެއް އަދާކުރެއްވި އަބްދުﷲ އާމިރު ވިދާޅުވީ "ގެއްލިގެން އެ ދިޔައީ މޮޅު ކުޅުންތެރިއެއް އަދި ގާތް އެކުވެރިއެއް" ކަމަށެވެ. (މ. ޖޯޖިޔާ ފަޔާ އާއި މ. ރުބިކަން އަބްދުﷲ އާމިރުގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ.)

"ވަރަށް ގާތް މީހެއް އަބަދުވެސް ފަޔާއަކީ. ކުޑައިރުއްސުރެ އެއްކޮށް އުޅެމުން އައިސް އެއްކޮށް ކުޅެވެސް ހެދީ. މިހާރު ވެސް އަބަދުވެސް ކޮފީ އަށް ގޮސް ހަދަން،" އަބްދުﷲ އާމިރު މިރޭ ވިދާޅުވިއެވެ.

ފަޔާއަކީ އަލިފާން ނިއްވާ މީހެއްގެ ގޮތުގައި އެއާޕޯޓްސް ކޮމްޕެނީގައި 31 އަހަރު ވަންދެން ހިދުމަތްކުރި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ފަޔަރ ފައިޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ދާދި ފަހަކުން ރީޖަނަލް އެއާޕޯޓްސް އަށް ބަދަލުވެފައި ވެސް އެ ތަނުގައި ވެސް ބަލަހައްޓަމުން އަންނަނީ އަލިފާން ނިއްވުމާ ބެހޭ ބައެވެ. ހޯރަފުށީގައި ހިންގާ ފަޔަރ ފައިޓިންގެ ކޯހެއްގައި ކިޔަވައިދިނުމަށް ފަޔާ އެ ރަށަށް ދިޔައީ އިއްޔެ ހަވީރެވެ.

1994 ވަނަ އަހަރުގެ ގައުމީ ބާސްކެޓް ތަށި ޔޫތު ސްޕޯޓްސް ކްލަބަށް ހޯދައިދިނުމަށްފަހު ފަޔާ (8) އެހެން ކުޅުންތެރިންނާއެކު ރަން މެޑަލް އަޅުވައިގެން

"މިރޭ ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން އުޅުނު. ފަހުން ބެލިއިރު ކޮޓަރިތެރެއަށް ވެއްޓިފައި އޮތީ. ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައި،" ފަޔާގެ ކުއްލި މަރާ ބެހޭ ގޮތުން އޭނާގެ އެކުވެރިއަކު ބުންޏެވެ.

ފަޔާގެ ޖަނާޒާ މާދަމާ (9 އޯގަސްޓް)ގެ މެންދުރު ނަމާދަށްފަހު އާސަހަރާގައި ބޭއްވުމަށްޓަކައި އޭނާގެ ހަށިގަނޑު މިރޭ ދަންވަރު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

One Response

  1. انالله وانااليه راجعون
    اللهم اغفرله ورحمه اللهم ثبته عندالسؤال فى القبر ويوم القيامة. امين! يارب العالمين!ثم امين!
    މާތް الله މަރުހޫމުގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި! امين!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *