...

Support Us

ހިތަދޫ ނޫރާނީ ސްކޫލްގެ ދަރިވަރުންކޮޅެއް އާ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރަނީ.. -ފޮޓޯ: ނޫރާނީ ސްކޫލް/ އެފް.ބީ

ލިޔަންކިޔަން ދަސްކުރުމަށް އެންމެ ފުރަތަމަ ގޮވައިލީ އިސްލާމްދީން

މިއަދު، 8 ސެޕްޓެންބަރުގައި މުޅި ދުނިޔެ ފާހަގަކުރާ ދުވަހަކީ އާދެ! ލިޔަންކިޔަން ދަތުމުގެ ދުވަހަކީ، ލިޔަންކިޔަން ނުދަތުމުގެ ވަބާއިން ދުނިޔެ ސަލާމަތް ކުރުމަށް ޓަކައި ފާހަގަކުރާ މުހިއްމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ މުޖްތަމަޢުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައެވެ. ޤައުމު ތަރައްޤީކޮށް އާރާސްތު ކުރުމަށް ބޭނުންވާ ހޭލުންތެރިކަން އުފައްދައި ފެތުރުމަށްޓަކައެވެ.

ތަޢުލީމާއި ޢިލްމާއި ސަޤާފަތާ ބެހޭ އދގެ ޖަމްޢިއްޔާ (ޔެނެސްކޯ) އިން 1966ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށާއި ތަހްޒީބަށް ލިޔަންކިޔުން މުހިއްމު ބަހާއަކަށް ވާތީއެވެ.

ޔުނެސްކޯއިން މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކަށް ޝިޢާރެއް ކަނޑައަޅައިގެންނެވެ. މިގޮތުން 2021ގެ ޝިޢާރު ގުޅުވާލައިފައި ވަނީ  އިންސާނާގެ ނާރެސް ދުޅަހެޔޮ ކުރުމަށް ޓަކައި ސުމޭކީ ވަޅުގަނޑު ތިލަކުރުމާއެވެ. މިއީ މިއަދު ދުނިޔެއާ ކުރިމަތިވެފައިވާ ކޮރޯނާ ޖާއިޙާއާ ގުޅުވާފައިވާ ޝިޢާރެކެވެ.

ދިރާސާތަކާއި ތަފާސްހިސާބުތައް ބުނާގޮތުގައި ދުނިޔޭގެ އާބާދީގައި ހިމެނޭ 15 އަހަރުން މަތީގެ މީހުންނަށް ބަލާއިރު ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ ލިޔަން ކިޔަން ނުދަންނަ ބައެކެވެ. އެއީ ގާތްގަނޑަކަށް 815 މިލިއަން މީހުންނެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް ޓަކައި އދން ކަނޑައަޅާފައިވާ 2030ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ލިޔަންކިޔަން ނުދަތުން ފުހެލުމަކީ އަސާސީ ޢުންޞުރެކެވެ. ދުނިޔޭގެ ޒަޢީމުން 2015ވަނަ އަހަރު ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާގައި ކިޔެވުމާއި ކިޔަވާދިނުމުގެ ފެންވަރު ރަނގަޅު ކުރުން ހިމެނެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ހަތަރު ވަނަ ލަނޑުދަނޑި އަމާޒު ކުރެވިފައި ވަނީ ލިޔަންކިޔަން ދަސްކޮށްދިނުމަށެވެ.

ލިޔަންކިޔަން ދަސްކޮށްދިނުމަށް އެންމެ ފުރަތަމަ ގޮވައިލީ ދީނަކީ އިސްލާންދީން

ލިޔަންކިޔަން ދަސްކޮށްދިނުމަށް 1966ގައި އދން ގޮވައިލުމުން، އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ދުނިޔެ ޤަބޫލު ކުރިއެވެ. އެހެނަސް މީގެ ސާދަ ސައްތަ އަހަރު ކުރިން އަޅުގަނޑުމެންގެ ލޮބުވެތި ދީން އިސްލާންދީން ވަނީ މި ކަމަށް ގޮވާލައިފައެވެ. މި ދީނުގެ ރިސާލަތުގެ ފުރަތަމަ މެސެޖަކީ ((اقرَأ بِاسمِ رَبِّكَ الَّذى خَلَقَ ‎﴿١﴾‏ خَلَقَ الإِنسٰنَ مِن عَلَقٍ ‎﴿٢﴾‏ اقرَأ وَرَبُّكَ الأَكرَمُ ‎﴿٣﴾‏ الَّذى عَلَّمَ بِالقَلَمِ ‎﴿٤﴾‏ عَلَّمَ الإِنسٰنَ ما لَم يَعلَم [1] – މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.)) ކީރިތި ޤުރްއާނުން ބާވައިލެއް ފުރަތަމަ ކަލިމަ އަކީ ((اقرَأ)) ކަމުގައި ވުމަކީ އިސްލާމީ އުންމަތަށް ލިބޭ ޝަރަފެއްކަން ކަށަވަރެވެ.

މިއީ އިސްލާމީ އުއްމަތް ތަޢުލީމީ އުއްމަތަކަށް ވާން ޖެހޭނެކަމުގެ އިޢުލާނެވެ. އުއްމަތުގެ ދަރިން ޢިލްމު އުނގެނުމަށް ގޮވައިލެއްވި މަތިވެރި އިލާހީ ނިދާއެވެ. މާތް ﷲ އަންގަވަނީ "يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ[2]– މާނައީ: ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ލިޔަންކިޔަން ނުދަތުން ޢާއްމުވެފައިވާ ޒަމާނެއްގައި ﷲ ތަޢާލާ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ބާވައިލެއްވި މުސްލިމުންގެ ދުސްތޫރުގައި،  ކީރިތި ޤުރްއާނުގައި، މުސްލިމުންނަށް ލިޔަންކިޔަން ދަސްކުރުމަށް ގޮވައިލެއްވީތީއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ މި ބަސްފުޅުގައި އުނގެނުމުގައި ހިމެނޭ ދެ ޢުންޞުރު (ކިޔުން)އާއި (ލިޔުން) ގެންނަވާފައި ވެއެވެ.

ހިތަދޫ ނޫރާނީ ސްކޫލްގެ ދަރިވަރުންކޮޅެއް އާ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރަނީ.. -ފޮޓޯ: ނޫރާނީ ސްކޫލް/ އެފް.ބީ

ކިޔުމުގެ މުހިއްމުކަން

އާދެ! ކިޔުމަކީ ޢިލްމުގެ ތަޅުދަނޑިއެވެ. އަދި ކިއެއްތޯއެވެ؟ އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި ވެސްމެއެވެ. ލިޔަންކިޔަން ނުދަންނަ އުންމަތަކީ އެ އުންމަތުގެ ޙާޒިރާއި ކުރިމަގު ވަކިކުރަން ނުދަންނަ އުންމަތެކެވެ. އެއީ އެ އުންމަތުގެ މާޒީން ޢިބްރަތް ދެނެގަންނަން ނޭނގޭނެ އުންމަތެކެވެ. އެއީ އެ އުންމަތުގެ އުޞޫލުތައް އޭގެ މޫތަކާ ހަމައަށް ދެމިގެން ނުދާނެ އުންމަތެކެވެ. ލިޔަންކިޔަން ނުދަންނަ ކޮންމެ އުންމަތަކީ މަރުވެފައިވާ އުންމަތެކެވެ.

އިސްލާންދީން ލިޔަންކިޔުމަށް މި ފަދަ އިސްކަމެއް ދީފައިވަނީ މިހެންވެގެންނެވެ. ކީރިތި ޤުރްއާނުގައި (ޤަލަމު)ގެ ނަންދެވިފައިވާ ސޫރަތެއް އޮތްކަން ފަޚްރަކަށް ވެއެވެ.

ކީރިތި ރަސޫލާ ﷺ ރަސޫލުކަމައިގެން މާތްﷲ ފޮނުއްވީ ލިޔަންކިޔަން ނުދަންނަ ބައެއްގެ ގާތަށެވެ. އެކަލޭގެފާނު މި އުއްމަތް ލިޔަންކިޔަން ދަންނަ ތަޢުލީމުޔާފުތާ އުއްމަތަކަށް ބަދަލުކުރެއްވިއެވެ. اللَّهُ عَزَّ وَجَلَّ ވަޙީ ކުރައްވަނީ ((هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِين([3])– މާނައީ: أمّى ންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آية ތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهر ކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.))

ކީރިތި ރަސޫލާ ﷺ މުޖްތަމަޢުގައި ތަޢުލީމު ފެތުރުއްވުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔަވާ ދެއްވުމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވިއެވެ. ޚުދް އެކަލޭގެފާނު އެކަމުގައި އިސްވެ ބައިވެރިވެ ވަޑައިގަތެވެ. ބަދްރު ހަނގުރާމައިގައި ހައްޔަރުވި މުޝްރިކުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންގެ ފިދްޔައެއްކަމުގައި ކީރިތި ރަސޫލާ ﷺ ހެއްދެވީ މުސްލިމުންގެ ތެރެއިން 10 މީހަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. މި ޢަމަލުފުޅުން ދޭހަވާ ވަރަށް ގިނަ މާނަތަކެއް ވެއެވެ. އޭގެތެރޭގައި އެއްކަމަކީ އިންސާނާގެ މިނިވަންކަމާ ލިޔުމާއި ކިޔުމާ ގުޅިފައިވާ މިންވަރެވެ.

ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތް ލިޔަންކިޔަން ދަންނަ އުންމަތަކަށް ހެއްދެވުމަށް ކުރެއްވި މި މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވީ ހޭލުންތެރި، ޢިލްމުވެރި އުފެއްދުންތެރި އުއްމަތެއް  ދޮންވެ ފައްކާވުމެވެ. ކީރިތި ރަސޫލާ ﷺގެ އަރިހުގައި ލިޔަންކިޔަން ދެނެވަޑައިގަންނަވާ ޞަޙާބީންނަށް މަތިވެރި މަޤާމެއް ދެއްވާފައި ވެއެވެ. މާތްﷲ ރުއްސުން ލެއްވި ޒައިދު ބުނު ޘާބިތުގެފާނަކީ މިކަމުގައި ފާހަގަކޮށްލެވޭ ޞަޙާބީއެކެވެ. އެކަލޭގެފާނަށް ވަޙީގެ ކާތިބުކަމުގެ އިތުރަށް ރަސޫލާގެ އަރިހުގައި މުތަރްޖިމެއްގެ ދައުރުވެސް ލިބިވަޑައިގަތެވެ. މާތް ﷲ ރުއްސުން ލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ މަޝްވަރާ މަޖިލީހުގައި އިބްނު ޢައްބާސުގެފާނު ފަދަ ހަގު ޞަޙާބީންނަށް މަތިވެރި މަޤާމެއް ލިބިވަޑައިގަތީ އެބޭކަލުންގެ ޢިލްމުގެ ސަބަބުންނެވެ.

މުސްލިމުންގެ ހިތްތަކުގައި ޢިލްމު އުނގެނުމުގެ ލޯބީގެ އޮށް އިންދިގެން ދިޔައީ މި ގޮތަށެވެ. މި އޮށްތަކުން ފެޅި ގަސްތައް ބިޔަވެގެންގޮސް މުޅި ދުނިޔެއަށް ފެތުރުނު ޢިލްމުގެ ނޫރާނީ ގަސްތަކުން ފޮޅުނު މާމެލާމެލިން ހުވަދުލައި މީހުން ބިނާކޮށް އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވެގެން ދިޔައެވެ.ތަރްޖަމާ ކުރުމާއި ފޮތްތައް ލިޔެ ޝާއިޢުކޮށް އައު އީޖާދުތައް ކުރި ބޮޑު ޙަޟާރަތެއް އުފެދުނެވެ. މި އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. ސުލްޙަ މަސަލަސްކަން ޤާއިމުވިއެވެ. އެއްވެސް ތަޢައްޞުބެއްނެތި އިންސާނީ އެއްބަނޑު އެއްބަފައިކަމުގެ މާޙައުލުގައި އެންމެންނަށް  ދިރިއުޅެވުނެވެ.

އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އިންދަން ޖެހޭ އެންމެ މާތް އެއް އޮށަކީ ކިޔުމަށް ލޯބި ޖެއްސުވުމެވެ. ޢިލްމުން ގަހަނާ އެޅިގެންވާ ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ އޭރުންނެވެ. ފޮތުން ދަސްވާ ރީތި ޖުމްލަތަކާއި ކަލިމަތައް ފަށްފަށްކޮށް އެކުދީން ލައްވާ ކިޔުއްވަން މައިންބަފައިންނާއި މުދައްރިސުން ބާރު އަޅުއްވަންވާނެއެވެ. އޭރުން އެކުދިންގެ މަޢުލޫމާތުގެ އުދަރެސް ފުޅައުވެ، ވިސްނުން ތޫނުވެ، ބަސްކޮށާރު މުއްސަނދިވެގެންދާނެއެވެ. ހަރުބަހެއް ބުނާގޮތުގައި ހުރިހާ ޒަމާނެއްގައި ވެސް އެންމެ ރަނގަޅު އެކުވެރިއަކީ ފޮތެވެ. ލިޔުންތެރިކަމުގައި ކުރިއަރައި ދެވޭނީ ކިޔުންތެރިންނަށް ވެގެންނެވެ. ފޮތް ގިނައިން ކިޔާނަމަ ބަސްތެރިކަން ރީތިވެ ވިސްނުމާއި ފިކްރު ގުޅި ސީދާވެގެން ދާނެއެވެ. މާތްﷲ ރުއްސުންލެއްވި އިބްނު އަބީ ޣައްސާން ވިދާޅުވިއެވެ. ((ތިބާ އުނގެނެމުންދާނަމަ ތިބާއަކީ ޢާލިމެކެވެ. ތބާ އެކަމާ ދުރުހެލިވެއްޖެނަމަ ތިބާ ޖާހިލުވެދާނެތެވެ.))

ﷲ ޢައްޒަ ވަ ޖައްލަ އާދަމުގެފާނުގެ މާތްކަމާއި ޝަރަފުވެރިކަން މަލާއިކަތުންނަށް ދެއްކެވީ އެކަލޭގެފާނަށް މާތް ﷲ އުނގަންނަވާދެއްވި ޢިލްމުންނެވެ. އެކަލޭގެފާނަށް އަދަބު ތަޢުޡީމު އަދާކުރަން މާތްﷲ މަލާއިކަތުންނަށް އަމުރު ކުރެއްވީ މި ޢިލްމުގެ ޤަދަރު ބަޔާންކޮށްދެއްވުމަށް ޓަކައެވެ.

ކިޔުމަކީ ޢިލްމު ޙާޞިލުކުރުމުގެ މަގެވެ. ކިޔަން ނޭނގޭނަމަ އިންސާނާއަށް އެއްވެސް އެއްޗެއް ދަހެއް ނުވާނެއެވެ. މި ބިންމަތީގައި އިންސާނާ ލެއްވީ ކޮން ޙިކްމަތަކަށް ޓަކައި ކަމެއް ނޭނގޭނެއެވެ. ﷲއަށް އަޅުކަން ކުރާނެ ގޮތެއް ﷲއަށް ކިޔަމަން ގަންނާނެ ގޮތެއް، މި ބިން އާރާސްތު ކުރާނެ ގޮތެއް ނޭނގޭނެއެވެ.މަތިވެރި އަޚްލާޤުތައް ދަސްވެ މީސްތަކުންނާއެކު ތަވާޞުލު ކުރެވޭނީ ކިޔަން އެނގިގެންނެވެ. ސުމޭކުގެ ޒަމާނުގައި ތޫނުފިލި ފޯނުތަކާއެކު މުޢާމަލާތު ކުރާން އަޅުގަނޑުމެންނަށް މި އެނގެނީ ކިޔަން އެނގޭތީއެވެ.

ކިޔުމަކީ އަޅުގަނޑުމެން، އުދަރެސް ހަނި ފިޔަސް ކުޑަ ޢާލަމަކުން އުދަރެސް ފުޅައި ފިޔަސް ތަނަވަސް ޢާލަމަކަށް ގެންގޮސްދޭނެ ކަމެކެވެ. ކިޔުމުގެ ޤާބިލުކަމަކީ މާތް ﷲ އިންސާނާއަށް ދެއްވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އަގު ބޮޑު ނިޢުމަތެކެވެ. ކިޔުމަކީ އިންސާނާގެ ކުރިމަތީގައި ސަޤާފަތްތަކުގެ ދޮރުތައް ހުޅުވައިދޭ ކަމެކެވެ. އެއީ އޭނާގެ މުނިފޫހިކަން ފިލުވައިދޭ މިތުރެކެވެ.އެއީ އޭނާ ޚިޔާލާއި ފިކްރު ދާއިރާއަށް ގެންގޮސްދޭ އުޅަނދެވެ. އޭނާގެ ވިސްނުން ތަނަވަސްކޮށްދޭ އޭނާގެ ފަހްމު ފުންކޮށްދޭ ވަސީލަތެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّمَا الْعِلْمُ بِالتَّعَلُّمِ [4]– ހަމަ ކަށަވަރުން ޢިލްމު އޮތީ ކިޔެވުމުގައެވެ.))

[1]  –  العلق : 1-5

([2]) المجادلة : 11 .

([3]) الجمعة : 2 .

[4]  – أخرجه البخاري معلقاً بصيغة الجزم وأخرجه موصولاً الطبراني (١٩/٣٩٥) (٩٢٩)، والبيهقي في «المدخل إلى السنن الكبرى» (٣٥٢) مطولاً

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *