Support Us

ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ ކުރެހުމެއް

ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ

އއ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ޓޫރިސްޓް ގެސްޓް ހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމަށް ސްޓެލްކޯ އިން އަބަދުވެސް އިސްކަންދޭ ކަމުގައި އެ ކުންފުނިން ބުނެއެވެ.

މިވަގުތު ރަސްދޫއަށް ކަރަންޓު ދެނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކު ކަމަށާއި އެ އިންޖީނުގެއަކީ ކުރިޔަށް އޮތް ތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނަކަށް ވާތީ މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ ފަސް މެގަވޮޓްގެ ކަރަންޓު އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.

ޖުލައި މަހުގެ ތެރޭގައި މަސައްކަތް ފެށި އާ އިންޖީނުގެ އިމާރާތް ކުރެވެމުންދަނީ ހިދުމަތަށް ބުރޫ ނާރާގޮތަށް، މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ. އާ އިންޖީނުގެ އަކީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި، ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށް ކަމަށާއި އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އަދި އޮންލައިން މޮނިޓަރިންގ އާއި ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމުގައި ވެސް ސްޓެލްކޯ އިން ފާހަގަކުރެއެވެ.

"މި ކުންފުނީގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް މިކުންފުނިން ރަސްދޫގައި ދެވިގެންދިއުން،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *