...

Support Us

ހިކުމަތުގެ ބަސްކޮޅެއް

މިއީ އިމާމު ޝާފިއީގެ ޅެމެއްގެ ތަރުޖަމާއެކެވެ. އިމާމު ޝާފިއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150 ޣައްޒާގައެވެ. އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރު މިސުރުގައެވެ. އިމާމު ޝާފިއީ ބޮޑަށް މަޝްހޫރުވެފައިވަނީ ފިގުހު އިލްމުވެރިއެއްގެ ގޮތުގައިއެވެ. އިސްލާމީ ފިޤުހީ މަޒުހަބެއްގެ މުއައްސިސެއްގެ ގޮތުގެއެވެ. ކީރިތި ޤުރުއާނާއި ހަދީހުގައިވާ އިސްލާމީ އެކިއެކި ހުކުމްތަކާ ގުޅޭ ނައްސުތަކުގެ މާނަކަޑައަޅައިލުމަށްޓަކައި އުސޫލުތަކެއް، ހަމަތަކެއް، އެކުލަވާލެއްވި މުޖައްދިދެއްގެ ގޮތުގައެވެ. މީގެ އިތުރުން އިމާމު ޝާފިއީ އަކީ ޅެންވެރިޔެއްވެސް މެއެވެ. އިމާމު ޝާފިއީގެ ޅެންތަކުގެ ތެރޭގައި ހިކުމަތުގެ ޅެންތައް ގިނައެވެ. އަދި އެކަލޭގެފާނުގެ ބައެއް ޅެންބައިތު ހަރުބަސްބަހުގެ ގޮތުގައިވެސް ކިޔައި އުޅެއެވެ. އިމާމު ޝާފިއީގެ މަޝްޙޫރު ޅެންބައިތުތަކުގެ ތެރެއިން މިބައިތުކޮޅު ހިމެނެއެވެ. މި ދެ ބައިތުގައި އިމާމު ޝާފިއީ ވިދާޅުވަނީ އަދަބުވެރިކަމާއި ގޮތެއް ފޮތެއް ނެތްމީހާގެ ވާހަކަތަކަށް ރައްދު ނުދިނުމަށެވެ.

يخاطبني السفيه بكل قبح فأكره أن أكون له مجيبا

يزيد سفاهة وأزيد حلما كعود زاده الإحراق طيبا

"އެއްވެސް އަދަބުވެރިކަމެއް ހޭވެރިކަމެއް ނެތް މީހަކު އަހަންނާ މުޚާތަބުކޮށް ހަޑިހުތުރު އެއްޗެއް ބުނެފިނަމަ އޭނައަށް ރައްދެއް ދިނުމަކަށް އަހަރެންގެ ހިތެއް ނުރުހޭނެއެވެ. އެފަދަ މީހެއްގެ އަމަލުތަކުން، އޭނަގެ އަދަބުވެރިކަމާއި ގޮތެއްނެތްކަން އިތުރަށް ފާޅުވެގެންދާނެއެވެ. އަދި އަހުރެންނަށް އުނިކަމެއް ލިބުމުގެ ބަދަލުގައި އަހުރެންގެ ރުޅިމަޑުކަމާއި ޚުލްގު ހެޔޮކަން އިތުރަށް ފެނިގެންދާނެއެވެ. މީގެ މިސާލަކީ ބޮކަރުގެ މިސާލެވެ. ބޮކަރު އެނދި ވަރަކަށް އެއިން ދުވާނީ މީރުވަހެވެ. ހަމަ އެހެންމެ އަދަބު ކުޑަ ގޮތެއްފޮތެއް ނެތް މީހަކު ކިޔާ އެއްޗަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދިކިޔެއް ހެއްޔެވެ، އެކަމަށް ކެތްކުރެވިއްޖެނަމަ ފެނި ފާޅުވެގެން ދާނީ ތިމާގެ އަޚުލާގުގެ މާތްކަމެވެ."

އަދި ކިޔެވުމުގައި ކުރިއަށްދާން ބޭނުންވާ ކުދީންނަށް ނަސޭހަތްތެރިވެ ކުށްފާފަކުރުމުން ދުރުހެލިވުމަކީ ކިޔެވުމުގައި ކުރިޔަށްދިޔުމަށް އެހީތެރިވާނެ ކަމެއްކަމުގައި މިދެބައިތުގައި ވިދާޅުވެފައެވެ.

شكوت إلى وكيع سوء حفظي فأرشدني إلى ترك المعاصي

وأخبرني بأن العلم نور ونور الله لا يعطى لعاصي

"ތިމަންގެ އުސްތާޒު ޝައިޚު ވަކީއު ގާތު ތިމަންނަގެ ހިތްކޮށިވެ ހިތަށް އެއްޗެތި ނަގައިގަތުމުގެ ބާރު ކުޑަކަމުގެ ޝަކުވާކުރީމެވެ. ދެން ޝައިޚު ތިމަންނައަށް ނަސޭހަތްތެރިވެލެއްވީ ކުށްފާފަތަކުން ދުރުހެލިވުމަށެވެ. އަދި ޝައިޚު ވިދާޅުވިއެވެ. އިލްމުވެރިކަމަކީ މާތްﷲގެ ފަރާތުން ލިބޭ ނޫރެކެވެ، އަލިކަމެވެ. އަދި ކުށްފާފަ ކުރާ މީހާއަށް މާތް ﷲގެ ނޫރުން އަލިކަން ލިބުމެއް ނުވެއެވެ."

އަދި ޒަމާން ބަދަލުވެ ކަންތައްތައް ގޯސްވެއްޖެކަމަށް ބުނެ ޝަކުވާކުރާން މީހުންނާ މުޚާތަބުކޮށް، ބަދަލުވެ ގޯސްވެފައިވަނީ ޒަމާން ނޫންކަމާއި އަދި ބަދަލުވެ ގޯސްވެފައިވަނީ ހަމަ އަހަރުމެންކަމަށް އިޝާރަތްކުރައްވާ ވިދާޅުވެފައިވެއެވެ.

نعيب زماننا والعيب فينا وليس لزماننا عيب سوانا

نهجو ذا الزمان بغير ذنب ولو نطق الزمان لنا لهجانا

وليس الذئب يأكل لحم ذئب ويأكل بعضنا بعضا عيانا

"ޒަމާނުގެ އުނިކަންތައްތަކާއި އައިބުތައް އަހަރުމެން ފާހަގަކޮށް ކިޔައި އުޅެމެވެ. ނަމަވެސް އުނިކަމާއި އައިބުތައް ހުރީ ހަމަ އަހަރުމެންގެ ކިބައިގައެވެ. ޒަމާނަށް ކުރިމަތިވެފައި އޮތްނަމަ ހަމަ އެކަނިއޮތް އައިބާއި އުނިކަމަކީ އަހަރުމެންނެވެ. ޒަމާނުގެ އެއްވެސް ކުށެއް ނެތް އިރު ވެސް އަހަރުމެން ޒަމާނަށް އެއްޗެހި ކިޔައި ހަޖޫކިޔައި ހަދަމުއެވެ. ޒަމާނަށް ވާހަކަ ދެއްކުމުގެ ބާރު ލިބިގެންވީނަމަ އަހަރުމެންގެ އައިބުތައް ފާހަގަކޮށްދީ ބުނާނެއެވެ. (އަހަރުމެން އިންސާނުން ވަނީ ވަލު ކުއްތާއަށް ވުރެވެސް ދަށުދަރަޖައަކަށް ވެއްޓިފައެވެ.) ވަލުކުއްތާވެސް އެކަތި އަނެކަތި މަރާ އޭގެ އަމިއްލަ މަހެއް ކައެއް ނޫޅެއެވެ. ނަމަވެސް އަހަރުމެން އިންސާނުން، ރޯމާ ދުވާލު، އެންމެންގެ ކުރިމަތީ މިއޮތްގެން މީހުން މަރާ އެކަކު އަނެކަކުގެ މަސް ކައިހަދަނީއެވެ."

އިމާމު ޝާފިއީގެ ޅެންތައް އެއްކުރެވި ފޮތެއްގެ ސިފައިގައި ޝާއިއު ކުރެވިފައިވެއެވެ. "ދީވާނުލް އިމާމުއްޝާފިއީ"ގެ ނަމުގައެވެ. ތިރީގައި ތަރުޖަމާ ކުރެވިފައިވާ ޅެން ނެގިފައި ވަނީ މި ދީވާނުންނެވެ.

*****

دع الأيــــام تـفـعــل مـــــا تــشـــاء وطـب نفسـاً إذا حكـم القضـاء

ކުރާނެކަމެއް ކުރާން ދުވަސްތައް ދޫކޮށްލާށެވެ. (ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ދާއިރު ދިމާވެދާނެ ދެރަކަމާ ނޫނީ ހިތާމަވެރި ކަމަކާ މެދު ފިކުރުކޮށް ކަންބޮޑު ނުވާށެވެ.) އަދި މިންވަރުފުޅު ކަޑައަޅާ ނިޔާއާއި މެދު ރުހި ހިތްހަމަޖައްސައިލައިގެން ހުންނާށެވެ.

ولا تـــجـــزع لــحــادثــه الـلــيــالــي فــمـــا لـــحـــوادث الــدنــيــا بـــقـــاء

ދުނިޔޭގައި ދިމާވާ މުސީބާތްތަކާއި (ކުރިމަތިލައި ތަހައްމަލު ކުރުމުގައި) ކެތްކުޑަވެގެން ނުދާށެވެ! އެހެނީ ދުނިޔޭގައި ދިމާވާ މުސީބާތްތަކަކީ ދެމިހުންނާނެ ކަންކަމެއް ނޫނެވެ.

وكن رجلاً عن الأهـوال جلـداً وشـيـمـتــك الـسـمـاحــة والـــوفـــاء

ބޮޑެތި މުސީބާތްތައް ކުރިމަތިވާ ވަގުތުތަކުގައި ވެސް އެކަންކަން ތަހައްމަލުކޮށް ކެތްކުރާ މީހަކަށް ވާށެވެ. އަދި މިފަދަ ވަގުތުތަކުގައިވެސް އިނބަގެ ތަބީއަތަކީ ދީލަތިކަމާއި ވަފާތެރިކަން ކަމުގައި ހަދާށެވެ.

وإن كثـرت عيوبـك فـي البرايـا وسَــرَّك أنْ يـكـون لـهـا غـطــاء

މީސްތަކުންގެ ކުރިމަތީގައި އިނބަގެ އައިބުތައް ކިތަންމެ ގިނަކަމުގައި ބެލެވުނަސް މި އައިބުތައް (ފޮރުވައި) މަތިއަޅައިދޭނެ ކަމެއް އޮތްކަމާމެދު އިނބަ ހިތްހަމަޖައްސައި އުފާކުރާށެވެ.

تـسـتـر بالـسـخـاء فـكــل عــيــبٍ يـغـطـيــه كــمـــا قــيـــل الــســخــاء

(އެކަމަކީ ދީލަތި ވުމެވެ. އެހެންވެ،) ދީލަތިވެ (މީސްތަކުންނަށް) ހެޔޮކޮށްހިތައި (އިނބަގެ) އައިބުތައް ފޮރުވާށެވެ. އެހެނީ މީސްމީހުން ބުނެއުޅޭ ފަދައިން ދީލަތިވެ ހެޔޮވުމަކީ ހުރިހާ އައިބެއް ވެސް ފޮރުވައިދޭ ކަމެކެވެ.

ولا تـــــرى لــلأعـــادي قـــــط ذلاً فـــــإن شـمــاتــة الأعــــــدا بــــــلاء

އިނބަގެ ދުޝްމަނުންނަށްވެސް ދެރަގޮތާ ނިކަމެތިކަން ނޭދޭށެވެ. އެހެނީ (އިނބައަށް ނިކަމެތިކަމާ ދެރަގޮތެއް މެދުވެރިވާވަގުތު އިނބަގެ) ދުޝްމަނުން އެކަމާ މެދު ހީ އުފާކުރުން ވާނީ (އިނބައަށްވެސް ކެތްކުރަން އުނދަގޫ ވަރުގަދަ) އިމްތިހާނަކަށެވެ.

ولا تــرج السمـاحـة مــن بخـيـل فـمـا فــي الـنــار للـظـمـآن مـــاء

މުށްބާރު ދަހިމީހާގެ ކިބައިން އެއްވެސް އެހީއަކަށް ނޭދެއްޗެވެ. އެހެނީ ފެންބޮވައިގެން ކަރުހިއްކައިގެންފައިވާ މީހަކަށް އަލިފާނަކުން ލިބިދާނެ ފެންފޮދެއް ނޯންނާނެއެވެ.

ورزقــك لـيـس ينـقـصـه الـتـأنـي وليس يزيـد فـي الـرزق العنـاء

(ރިޒުގު ހޯދުމަށް މަސައްކަތްކުރުމުގައި) ކެތްތެރިވެ ބަލައިގެން އުޅުމަކުން އިނބައަށް ލިބެން އޮތް ރިޒުގު އުނިވެ މަދުވެގެންނެއް ނުދާނެއެވެ. (ހަމަ އެހެންމެ ކެތްމަދުވެ އަވަސް އަރައިގަނެ މަސައްކަތްކޮށްގެންވާ) ވަރުބަލިވުމަކުން، ރިޒުގު އިތުރުވެގެންނެއް ވެސް ނުދާނެއެވެ.

ولا حــــــزن يــــــدوم ولا ســــــرور ولا بــــــؤس عــلــيــك ولا رخــــــاء

އިނބައަށް ކުރިމަތިވާ ހިތާމައެއް ނޫނީ އުފަލެއް ނޫނީ ނިކަމެތިކަމެއް ނޫނީ ތަނަވަސް ކަމެއް ވިޔަސް، މިއިން އެއްވެސް ކަމަކީ (އަބަދަށް) ދެމިގެންދާނޭ ކަންކަމެއް ނޫނެވެ.

إذا مــــا كــنــت ذا قــلــب قــنـــوعٍ فــأنــت ومــالـــك الـدنــيــا ســـــواء

(އެހެންވެ ފުދިގެން ހުންނާށެވެ! ޝައްކެތްނެތެވެ.) ފުދިފައި އޮތް ހިތެއް އިނބައަށް ލިބިގެންވާ ނަމަ އިނބަ އާއި މުޅިދުނިޔެ އެމީހަކަށް ލިބި، މިލްކުވެގެންވާ މީހާއާއި އެއްވެސް ތަފާތެއް ނެތެވެ.

ومـــن نـزلــت بسـاحـتـه المـنـايـا فــــــلا أرض تــقــيــه ولا ســـمـــاء

އޭނާގެ ގޯއްޗަށް މަރުއައިސް ވަދެއްޖެ މީހާ، (މަރުން) ސަލާމަތް ކުރާނެ (އެހެން) ބިމެއް ވެސް ނޫނީ އުޑެއް ވެސް ނުވެއެވެ.

وأرض الله واســـــعــــــة ولـــــكــــــن إذا نزل القضا ضاق الفضاء

(ޝައްކެތްނެތެވެ.) މާތް ﷲގެ ބިން ތަނަވަސްވެގެން ވެއެވެ. އެހެންވިޔަސް، މަރުގެ ނިޔާ އަތުވެއްޖެނަމަ މުޅި ފަޒާ ވެސް ކުޑަވެގެންދެއެވެ.

دع الأيـــام تــغــدر كــــل حــيــن فمـا يغنـي عـن المـوت الــدواء

ޒަމާން، ކޮންމެ ވަގުތެއްގައިވެސް ޚިޔާނަތްތެރިވެދާނެ ކަމަށް ދޫކޮށްލައިގެން ހުންނާށެވެ. (މަރުއައިސް ކޮންމެ ވަގުތަކުވެސް ބައްދަލު ކޮށްފާނެ ކަމަށް ބަލައިގެން ހުންނާށެވެ.) އެހެނީ މަރު (އައިސް ބައްދަލުކޮށްފި ނަމަ) އެއިން ރައްކާކޮށް، ފައިދާއެއް ކޮށްދޭނޭ ބޭހެއް ނުވެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.