...

Support Us

ދީނީ "ހަރުކަށި" ފިކުރުގެ ފެށުމާއި އެކަމުގެ އަސްލު އަދި އެކަމުގެ ހައްލު

ދީނީ 'ހަރުކަށި' ފިކުރު ގުޅެނީ ޝަރީއަތުގެ (ކީރިތި ގުރުއާނާއި ސުންނަތުގެ) ހުކުމްތަކާ ބެހޭ ނައްސުތައް މާނަކުރުމާއެވެ. އިސްލާމީ ފިކުރުގައި ނައްސުތައް މާނަކޮށް އެ ނައްސުތަކުން ހުކުމްތައް އިސްތިންބާތު ކުރުމުގެ، ނެރުމުގެ، މާނަކުރުމުގެ އިލްމެއް އުފެއްދުނެވެ. އެއީ އުސޫލު އަލްފިގުހު އެވެ. މާނަކުރުމުގެ އާންމު ގަވާއިދުތަކެކެވެ. މި ގަވާއިދުތައް އާންމުގޮތެއްގައި ބިނާވެފައި އޮތީ ބަހާއި މަންތިގުގެ މައްޗަށެވެ.

އިސްލާމީ ފިކުރު ހުއްޓި ގަނޑުވި ހިނދު، މިކަން އަލުން ދިރުވުމަށް ގޮވާލެވުނެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެންމެ އިހުގެ އެއް އިލްމުވެރިޔަކީ ހިޖުރީގޮތުން ހަތްވަނަ ގަރުނުގައި އުޅުއްވި އިބްނު ތައިމިއްޔާއެވެ. އޭނާގެ މައިގަނޑު ގޮވާލެއްވުމަކީ އިޖުތިހާދުކުރުން ދިރުވުމަށެވެ. މާނައަކީ ފިގުހުގައި ކަނޑައެޅިފައިވާ ހުރިހާ ހުކުމްތަކަކީ އެންމެ ފަހުގެ ނިންމުންކަމަށް ނުބަލައި، އެކަންކަމާއި މެދު އަލުން ވިސްނުން ހިންގުމެވެ.

މި އަޑު، އިޖްތިހާދުގެ މަސައްކަތް ކުރުމަށް ގޮވާލުމުގެ އަޑު، ވިދިގެން އައި ގަރުނުތަކުގައި ވެސް އިވެމުން ދިޔައެވެ. މި ގޮތުން އެންމެ ފަހާގަކޮށްލެވޭ އެއް އަޑަކީ ހިޖުރީ ގޮތުން 12ވަނަ ގަރުނާއި 13ވަނަ ގަރުނުގައި އުޅުއްވި މުހައްމަދު ބިން އަބްދުލްވައްހާބުގެ އަޑެވެ. އިބުނު ތައިމިއްޔާގެ ލިޔުއްވުން ތަކުގެ ދަރިވަރެކެވެ.

މި ގޮވާލުމުގެ ނަތީޖާއެއްގެ ގޮތުން ޝަރީއަތުގެ ނައްސުތައް ފިގުހީ އުސޫލުގެ އޮނިގަނޑުން ބޭރުވެ، ހަމައެކަނި، އެ ނައްސުތަކުގެ ސީދާ ލަފްޒީ މާނައަށް ރިއާޔަތްކޮށް މާނަކުރެވެން ފެށުނެވެ.

މި މާނަކުރުމުގެ ވާހަކަ ދައްކާއިރު، ފިގުހުގައި މިކަން އޮތީ ކިހިނެއްކަން ހަނދާންކޮށްލަން ޖެހެއެވެ. ކުރީގައިވެސް ނަންގަން ފަދައިން ފިގުހުގައި މާނަކުރެވެމުން އައީ ވަކި ގަވާއިދުތަކެއްގެ މަތިންނެވެ. ނަމަވެސް މަޒްހަބީ ތަފާތު ތަކެއް މި ގަވާއިދުތަކުގައި އޮވެއެވެ. ހަނަަފީ މަޒުހަބުގައި މާނަކުރުމުގައި މަގުސަދަށާއި ސިޔާގަށް ބެލެވިފައިވެއެވެ. މާލިކީ މަޒުހަބުގައި މާނަކަނޑައެޅުމުގައި އެންމެ މުހިއްމު އެއްކަމަކީ މަދީނާގައި ކަންތައް ކުރެވޭ ގޮތެވެ. ޝާފިއީ މަޒުހަބުގައި މާނަކަނޑައެޅުން ބިނާވާން ޖެހެނީ ނައްސެއްގެ މައްޗަށެވެ. ހަންބަލީ މަޒުހަބުގައިވެސް ހަމަ މިހެންނެވެ. މިއިން ފާހަގަކޮށްލަން ބޭނުންވަނީ ތާރީޚީގޮތުން ނައްސުތަކުގެ އަސްލާއި ދުރަށް ދިޔަވަރަކަށް ނައްސުތަކުގެ ލަފްޒީ މާނައަށް ބާރު އެޅޭގޮތަށް ފިގުހީ އުސޫލުތައްވެސް ކޮންމެވެސް ވަރަކަށް ބަދަލުވަމުން އައިކަމެވެ. އަދި ތާރީޚީ ގޮތުން އެންމެ ފަހުން އުފެދުނު މަޒުހަބުކަމުގައިވާ ހަންބަލީ މަޒުހަބު ހިމެނިފައިވަނީ މި ގޮތަށް އެންމެ ބޮޑަށް ބާރު އެޅޭ މަޒުހަބުކަމުގައެވެ.

މުހައްމަދު ބިން އަބްދުލް ވައްހާބުގެ ފިގުހީ މަޒުހަބަކީ ހަންބަލީ މަޒްހަބެވެ. މިކަމާ އިޖުތިހާދުކުރުމާއި ގުޅުވާލެވުމުން، މިއަށް ތަބާވި މީހުންގެ މާނަކުރުން ވެގެން ދިޔައީ މުޅިންހެން ޝަރީއަތުގެ ނައްސުތަކުގެ ލަފްޒީ މާނައަށް އެކަނިހެން ރިއާޔަތް ކުރެވިގެން ކުރެވޭ މާނަކުރުމަކަށެވެ. އަދި، މި ގޮތް މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ބައެއް އިސްލާމީ ޖާމިއާތަކުގައި ބެލެވި އެކަން އެތަންތަނުން ދަސްވެނިވާ ދަސްވެނީންނަށް އުނގަންނައިދެވި މި ގޮތް ފެތުރޭގޮތް 20ވަނަ ގަރުނުގެ މެދެއްހާ ހިސާބުން އިސްލާމީ ދުނިޔޭގައި ފެތުރޭން ފެށިއެވެ. ދީނީ ހަރުކަށި ފިކުރޭ ކިޔޭ ފިކުރުގެ ފެށުމާއި އަދި ފެތުރުން ގުޅެނީ މިކަމާއެވެ. ޝަރީއަަތުގެ ނައްސުތައް މާނަކުރުމުގެ ގަވާއިދުތަކުގެ އޮނިގަނޑުން ބޭރުވެ، ހަމައެކަނި އެ ނައްސުތަކުގެ ލަފްޒީމާނައަށް ރިއާޔަތް ކުރެވިގެން މާނަކުރުމާއެވެ. މިކަމުގެ ހައްލަކަށްވާނީ މާނަކުރުމުގެ ގަވާއިދުތައް އަލުން އިތުރަށް ތަރައްގީކުރެވި އެ ގަވާއިދުތަކުގެ އަލީގައި ނައްސުތައް މާނަކުރެވިގެންނެވެ.