...

Support Us

ރޮބަރޓް ކްރޭން ނުވަތަ ފާރޫޤު ޢަބްދުލްޙައްޤު

އެންމެ މާތް ޤާނޫނަކީ އިސްލާމްދީން

އަޞްލު މައުޟޫޢާ ދިމާއަށް އުދުއްސައިގަތުމުގެ ކުރިން، އެމެރިކާގެ 37ވަނަ ރައީސް ރިޗަރޑް މިލްހައުސް ނިކްސަން (1913- 1994) ގެ މުޝީރުކަން ކުރެއްވި ޑރ. ރޮބަރޓް ޑިކްސަން ކްރޭނާ ބެހޭގޮތުން އެއްޗެއް ދަންނަވައިލާނަމެވެ.

  • އޭނާ 1956ގައި އެންމެ ފުރަތަމަ ދަސްވެނިވެ ވަޑައިގެންފައިވަނީ އިލިނޮއީގެ ނޯރތުވެސްޓަރން ޔުނިވަރސިޓީން ސިޔާސީ ޢިލްމުތަކުގެ ދާއިރާއިންނެވެ.
  • އޭނާ 1959ވަނަ އަހަރު ހާވަރޑް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން މާސްޓާރސް ނެންގެވިއެވެ.
  • އެއަށްފަހު އޭނާ ޢާއްމު ޤާނޫނުގެ ދާއިރާއިން ޕިއެޗްޑީ ނެންގެވިއެވެ.
  • އެއަށްފަހު ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލު ކުރެއްވިއެވެ.
  • ހާވަރޑް ޔުނިވަރސިޓީގެ "ހާވަރޑް އިންޓަނޭޝްނަލް ޖަރނަލް"ގެ މުއައްސިސަކީ އޭނާއެވެ.
  • މި ކަމާ ވިދިގެން އޭނާ ހާވަރޑް އިންޓަރނޭޝްނަލް ލޯ ސޮސައިޓީގެ ރައީސްކަމަށް އިސްކުރެވުނެވެ.
  • އެއަށްފަހު އޭނާ އެމެރިކާގެ ރައީސް ނިކްސަންގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރުކަމުގެ މަޤާމާއި އެމެރިކާ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑެޕިޔުޓީ ޑިރެކްޓަރުކަމުގެ މަޤާމު ފުރުއްވިއެވެ.
  • ރޮބަރޓް ކެރޭނަކީ އެމެރިކާގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ތަޖްރިބާކާރެކެވެ.
  • ރޮބަރޓް ކްރޭނަކީ ދުނިޔޭގެ މަޝްހޫރު ބަސްތަކުގެތެރެއިން ހަ ބަސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

އަޞްލު މައުޟޫޢު

މި ކުރު ފަސްމަންޒަރަށްފަހު، ނުވަތަ ރޮބަރޓް ކްރޭންގެ ކުރު ތައާރުފަކަށް ފަހު އަޞްލު މައުޟޫޢާ ދިމާއަށް އޮޑި އަނބުރާލާނަމެވެ.

އެއްދުވަހަކު ކޮންމެވެސް ސަބަބަކާހުރެ ރައީސް ނިކްސަން އިސްލާމްދީނާ ބެހޭގޮތުން މައުލޫމާތުކޮޅެއް ހޯއްދަވަން ބޭނުންފުޅުވިއެވެ. އޭނާ އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ކިބައިން މި ކަމާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް އެދިވަޑައިގަތެވެ. ރައީސްގެ އަމުރުފުޅާ އެއްގޮތަށް އެ އިދާރާއިން ދިރާސާއެއް ތައްޔާރު ކުރިއެވެ. އެހެނަސް މި ދިރާސާ ދިގުކަމުން މި ދިރާސާ ޚުލާޞާކުރުމުގެ މަސައްކަތް ރައީސް ނިކްސަން އޭނާގެ މުޝީރު ރޮބަރޓް ކްރޭނާ ޙަވާލު ކުރެއްވިއެވެ.

މި ދިރާސާ ވިދާޅުވުމަށްފަހު މައުޟޫޢާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ޓަކައި އިސްލާމީ ބައެއް ސިންތާތަކަށާއި މުޙާޟަރާތަކަށް (ލެކްޗަރތަކަށް) ރޮބަރޓް ކްރޭން ޙާޒިރުވެވަޑައިގެންނެވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާ ގުގުމައިގެން ދިޔައީ ރޮބަރޓް ކްރޭން އިސްލާންވެ ވަޑައިގެންނެވި ޚަބަރެވެ. އޭނާ އިސްލާންވެ ވަޑައިގަތުމަށްފަހު އޭނާއަށް ދެއްވި ނަމަކީ ފާރޫޤު ޢަބްދުލްޙައްޤެވެ.

ކީއްވެގެން

އޭނާ އިސްލާންވެ ވަޑައިގެންނެވި ސަބަބު ބަޔާންކޮށްދެއްވަމުން ވިދާޅުވިއެވެ. "ޤާނޫނު ކިޔަވައިގެން ހުރި މީހަކަށް ވާތީ ބުނަމެވެ. އަހުރެން ކިޔެވި ހުރިހާ ޤާނޫނުތަކެއް އިސްލާންދީނުގައި އައިސްފައިވާތަން މަށަށް ފެނިއްޖެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހާވަރޑްގައި ތިން އަހަރު ޤާނޫނު ކިޔެވިއިރު އެމީހުންގެ ޤާނޫނުތަކުން އެންމެ ފަހަރަކުވެސް "ޢަދާލަތު" މަށަކަށް ނުފެނުނެވެ. އެހެނަސް މި ކަލިމަ ވަރަށް ގިނައިން އިސްލާންދީނުން މަށަށް ފެނުނެވެ."

ރޮބަރޓް ކްރޭން އިސްލާންވެވަޑައިގަތީ 1981ގައެވެ. އޭނާގެ ނަންފުޅަކަށް ހެއްދެވީ "ފާރޫޤު" އެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އޭނާއަށް މި ނަން ދެއްވީ އިސްލާމީ ދެވަނަ ޚަލީފާ މާތްﷲ ރުއްސުންލެއްވި އަލްފާރޫޤު ޢުމަރު ބުނުލް ޚައްޠާބުގެ ނަންފުޅުން ބަރަކާތް ޙާޞިލުކުރެއްވުމަށް ޓަކައެވެ. ޢުމަރުގެފާނަކީ ކީރިތި ރަސޫލާ ﷺ އަށްފަހު ޢަދްލުވެރިކަމުގައި އެންމެ އަރާހުންނެވި އިސްލާމީ މާތް ޝަޚްޞިއްޔަތެވެ.

އެންމެ މާތް ޤާނޫނަކީ އިސްލާމްދީން

އޭނާ ވިދާޅުވިއެވެ. "އެއް ދުވަހަކު ޤާނޫނީ ބަހުސެއްގައި ޤާނޫނީ ޔަހޫދީ އުސްތާޒަކާއެކު އިށީނީމެވެ. އޭނާ ވާހަކަ ދައްކަމުން ގޮސް އިސްލާމްދީނާއި މުސްލިމުންނާ ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ. އޭނާ މައިތިރިކުރަންވެގެން އަހުރެން ބުނީމެވެ. އެމެރިކާގެ ޤާނޫނުގައި މީރާސާ ބެހޭ ޤާނޫނުތަކުގެ ސައިޒު ތިބާއަށް އެނގޭ ހެއްޔެވެ؟

އޭނާ ބުންޏެވެ. އާއެކެވެ! އޭގައި އަށް ވޮލިއުމް ހިމެނެއެވެ.

އެހިނދު އަހުރެން ބުނީމެވެ. ތަރިކައާއި މީރާސާ ބެހޭ ޤާނޫނުތައް ތިބާއަށް ދިހަވަރަކަށް ފޮޅުވަތުގައި ގެނެސްދީފިނަމަ ތިބާ ބުނާނީ ކީކޭހެއްޔެވެ؟ އިސްލާންދީން އެ ޤާނޫނުތައް ދިހަވަރަކަށް ފޮޅުވަތުގައި ގެނެސްދީފައި ވެއެވެ.

އޭނާ ބުންޏެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ!

އެހިނދު އަހުރެން އެ އާޔަތްތައް ކީރިތި ޤުރްއާނުން އޭނާއަށް ދައްކައި ކިޔައިދިނީމެވެ. އޭގެ ހައެއްކަ އަށެއްކަ ދުވަސްފަހުން އޭނާ އަހުރެންގެ ގާތަށް އައިސް ބުންޏެވެ. އިންސާނަކަށް މިފަދަ ޝާމިލު ގޮތަކަށް އެ ހުރިހާ ގާތްތިމާގެ މީހުން ޢަދަދުކޮށް އެމީހުންގެ މެދުގައިވާ ގުޅުންތައް ބަޔާންކޮށެއް ނުދެވޭނެއެވެ. އެއިން އެއްވެސް މީހަކަށް ބޭއިންސާފުނުކޮށް މަރުވި މީހާގެ ތަރިކަ އެމީހުންގެ މެދުގައި ބަހައިދޭކަށް ނޭނގޭނެއެވެ. އެއަށްފަހު މި ޔަހޫދީ މީހާ އިސްލާންވިއެވެ.

ޑރ. ފާރޫޤު ޢަބްދުލްޙައްޤު މި ވިދާޅުވި ތަރިކައާ ބެހޭ އުޞޫލުތައް އައިސްފައި ވަނީ އައްނިސާއު ސޫރަތުގެ 11ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާޔަތުގައެވެ. އިސްލާމީ ފިޤްހުން ފެންނަ ތަރިކައާ ބެހޭ ހުރިހާ ފޮތްތަކެއްގެ އަޞްލަކީ މާތްﷲގެ މި ތިން ބަސްފުޅެވެ. އިސްލާންދީނުގެ ދުޝްމަނުން އިސްލާންދީނަށް ޙަމަލާދިނުމަށް ބޭނުންކުރާ އެއް ވާހަކައަކީ އިސްލާމްދީނުގައި ތަރިކަ މުދާ ބެހުމަކީ އިންސާފެއް ނުވާ ވާހަކައެވެ. މި މަޒުމޫނުގައި މި ވާހަކަ އިތުރަކަށް ނުދައްކާނަމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *