...

Support Us

ކޮލަމް މާޒީ: އިޚުލާޞްތެރި ވިދާޅުވުމެއް ކަމަށް ވާނީ އޭރުންނެވެ.

ހައްދުންމަތީ މާވަށަކީ ރާއްޖޭގެ ނިސްބަތުގައި ވެސް ބޮޑު ފަޅެއް އޮންނަ ރަށެކެވެ. އެ ފަޅުގައި އެތައް ބައިވަރު ފަޅުރަށްތަކެއް ހުރެއެވެ. މާވަށު ކަނޑުއޮޅިން ފެށިގެން ހިތަދޫގެ ނިޔަލަށް އެއީ މާވަށާ ގުޅިފައި އޮންނަ ފަޅެކެވެ. މާވަށްފަޅެވެ. ނަމަވެސް ޒަމާނުއްސުރެ ވެސް "މާވަށްފަޅުތެރެ" ކަމަށް ބަލައިއުޅުނީ މާވަށުން ފެށިގެން ކުޑަފުއްޓާ ހަމައަށް ހުންނަ ފަޅުރަށްތައް ހިމެނޭ ސަރަހައްދެވެ. އެ ހުރިހާ ފަޅުރަށެއް ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ޒަމާނުއްސުރެ މާވަށު ރަށު އޮފީހަށެވެ. ކުޑަފުއްޓާއި މާފުއްޓާއި އޮޅޮތޮޅާއި މި ސަރަހައްދުގެ ރަށްރަށް އެއީ ކުނަހަންދޫ އޮފީހުގެ ދަށުގައި ހުންނަ ރަށްރަށެވެ.

މި ކަން މިހެން އޮތް ނަމަވެސް އެއީ މާޒީއެވެ. މާވަށުގެ ފަޅު ކިތަންމެ ބޮޑަސް، އެ ފަޅުތެރޭގައި ކިތަންމެ ގިނަ ރަށެއް ހުއްޓަސް އެއިން އެއްވެސް ރަށަކީ މިއަދު މާވަށުގެ އިދާރިއްޔަތާ ގުޅުން ހުރި ތަންތަނަކަށް ނުވެއެވެ. މާވަށްފަޅުތެރޭގެ އެއްވެސް ރަށެއް މާވަށަކަށް ޚާއްޞައެއް ނުކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުން ކައުންސިލްތަކުގެ އިޚުތިޞާސް ކަނޑައެޅުއްވި އިރު މާވަށުގެ އިޚުތިޞާސްގެ ދަށުގައި އެއްވެސް ރަށެއް ހިމެނިފައި ނެތްކަމަށް ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ މަފުހޫމުގައި "އިޚުތިޞާސް" ކަމަށް މި މާނަކުރެވެނީ ޚާއްޞަކުރެވިފައިވާ ސަރަހައްދަށެވެ. އެހެންވީމާ މާވަށު ކައުންސިލަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި، މާވަށުގެ ރައްޔިތަކު މޫދަށް އެރިލާން ދަތުރު ގޮސްލާނެ އެންމެ ރަށެއް ވެސް މި ވަނީ ނެތް ކަމަށެވެ. ނަމަވެސް ދެހާހަށްވުރެ ގިނަ މީހުންގެ އާބަދީއެއް އޮންނަ މާވަށަކީ ހައްދުންމަތީގައި އާބާދީގެ ގޮތުން ވެސް ތިންވަނައަށް އެންމެ މީހުން ގިނަ ރަށެކެވެ. މީހުންއުޅޭ އެހެން ރަށްރަށާ އެކަހެރި ރަށެއް ވެސް މެއެވެ. އެ ރަށެއްގެ ފަޅުތެރޭގައި އެންމެ ފަޅުރަށް ގިނަ އެއް ރަށް ވެސްމެއެވެ.

ދާދިފަހުން ފޭސްބުކުން ލައިވްކުރަމުން މާވަށު ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި މާވަށަށް، މާވަށާ ކައިރީން ރަށެއް ޚާއްޞަކޮށްދެއްވާން އަތޮޅު ކައުންސިލްގެ ރައީސަށް ދެންނެވުމުން ދެއްވީ ވަރަށް "ފައްކާ" ޖަވާބެކެވެ. ލަފާދެއްވީ މާވަށު ފަޅުތެރެއިން އަލުން ރަށެއް ހިއްކާށެވެ. އާމްދަނީ ހޯދާނެ އެއްވެސް ރަށެއް މާވަށުގެ އިޚުތިޞާޞްގެ ތެރޭގައި ނެތް އިރު، އަދި އެފަދަ ވަސީލަތެއް ތަނަވަސްވެފައި ނެތް ހިނދު ރަށެއް ހިއްކާން އިރުޝާދު ދެއްވިޔަސް އެކަމުގެ ބޮޑުކަން އަޅުގަނޑުމެންނަށް ވިސްނެއެވެ. އެހެންވީމާ، އެއީ ކޮށްލެއްވި ސަމާސާއަކަށް ވެދާނެއެވެ. އެހެނީ މި އުޅެނީ މާވަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ޓަކައި، މާވަށް ބޮޑުކުރުމަށް ޓަކައި، ބިންހިއްކުމުގެ މަޝްރޫޢު ހިންގުމުގެ ޤާބިލުކަން ސަރުކާރުގެ ވެސް ނެތިގެންނެވެ. ދިރާސާތައް ކުރައްވައި ކުރެހުންތައް ކުރެއްސެވުން ނޫންކަމެއް އަދި ކުރެއްވިފައެއް ނެތެވެ. އެހެންވީއިރު މާވަށު ރައްޔިތުން ދަތުރު ގޮސްލާން ބޭނުންވާ ފަޅުރަށެއް ހިއްކައި، ގަސްތައް އިންދައި ރަށް ބޮޑުކޮށް، ބާލެއް ނުވަތަ ވަލެއް އުފައްދައި ފުރިހަމަ ރަށަކަށް ފުދޭވަރުގެ ބިމެއް މާވަށު ކައުންސިލުން އުފެއްދުމަކީ އެކަށީގެންވާ ކަމެއް ބާވައެވެ.

އެހެން ނަޒަރަކުން ބަލާއިރު، މާވަށު ކައުންސިލުން ފަޅުރަށެއް "ހިއްކި" ކަމަށް ވިޔަސް އެ ރަށް އަނެއްކާ ވެސް ކައުންސިލުގެ އިޚުތިޞާޞުން ބޭރު ނުވާނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯއެވެ. މިހެންމި ދެންނެވީ ހއ. ފިއްލަދޫގެ އެއްކޮޅު ކަމަށްވާ "ދައްޕަރު" ވެސް ފިއްލަދޫގެ އިޚުތިޞާޞްގައި ހިމެނުއްވުމަށްފަހު އަލުން ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރެއްވީމައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒު ވިދާޅުވެފައިވާ ގޮތުގައި އެތަން ސަރުކާރަށް "ނެންގެވީ" ރިއަލް އެސްޓޭޓް ފަތުރުވެރިކަން ތަރައްގީކުރައްވާށެވެ. ނަމަވެސް ރާއްޖޭގައި މި ފަހަކަށް އައިސް ކަން ހިނގަމުން އަންނަ އުޞޫލަށް ބަލާއިރު އެއީ އިންޑިއާއިން ބޭނުންވެގެން އިންޑިއާގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދޭން ކުރައްވާ ނުރައްކާތެރި މަސައްކަތެއްގެ އިތުރު ބޮޅެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ފިއްލަދޫ ކައުންސިލްގެ އިޚުތިޞާސްގެ ދަށުގައި ދައްޕަރު އޮތަސް އެ ރަށް ތަރައްގީކުރާކަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.

މި ކަންކަން މި ގޮތަށް ހިނގަމުން އަންނައިރު، މާވަށު ހުރިހާ ރައްޔިތުން އެދުނަސް، އަދި ފިއްލަދޫ އެންމެން އެދުނަސް ސަރުކާރުގެ ނިންމުން ބަދަލުކުރައްވާނެ ކަމަކަށް ވެސް ނުފެނެއެވެ. ރާއްޖޭގައި ކަންކަން ހިނގާ ގޮތުގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިރައްޔިތުންގެ މަޞްލަޙަތަށް ވުރެ، ސަރުކާރުން އިސްކަންދެއްވަނީ އިންޑިއާ ސަރުކާރުގެ މަޞްލަޙަތަށް ކަމަށް ބުނެވޭނެ ޖާގަ އޮތް ކިތަންމެ ކަމެއް މި ރާއްޖެއިން ފެނި ހާމަވެފައިވެއެވެ. ޓެކްނީޝަނުންނާއި އޮފިޝަލުންގެ ނަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ އިންޑިއާގެ ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުގެ ޓެކްސް ފައިސާއިން ޚަރަދުކުރައްވާ މިންވަރު، ހާމައެއް ނުކުރެއްވިއެވެ. އިންޑިއާއާއެކު ސަރުކާރުން ހައްދަވައިފައިވާ އެއްބަސްވުންތައް ހާމަކުރާންޖެހޭ ކަމަށް ޤާނޫނުން އެނގޭން އޮތަސް އެ ފަދަ އެއްބަސްވުމެއް ހާމައެއް ނުކުރައްވައެވެ. ރައްޔިތުންގެ މަޞްލަޙަތު އޮތީ މިފަދަ އެއްބަސްވުންތައް ޙާމަކުރެއްވުމުގައި ކަމަށް ވީނަމެވެހެވެ. އަދި އެ ފަދަ ލިޔުމެއް ލީކުވިޔަސް، އެއީ ނަގުލީ އެއްޗެކޭ އަޞްލެއް ނޫނޭ ވިދާޅުވެ އިތުރުފުޅު ހެއްދެވިޔަސް "އަޞްލު" ހާމައެއް ނުކުރައްވައެވެ. ރާއްޖޭގެ ރައްޔިތުން ދައްކާންޖެހޭ ގޮތަށް "ދަރަންޏަށް" ނަންގަވާ ފައިސާ ވެސް ގިނަ ފަހަރަށް މާނަކުރައްވަނީ "އެހީ"ގެ ގޮތުގައެވެ. އަދި އެ ދަރަނި ފައިސާ ބޭނުންކުރައްވައިގެން "މަޝްރޫޢުތައް ހިންގަވަނީ" އިންޑިއާގެ މަޞްލަޙަތަށް ކަމަށް ބުނާނެ ޖާގަ ސަރުކާރުގެ ނިންމެވުންތަކުންނާއި ޢަމަލުފުޅުތަކުން ހާމަވެއެވެ. އެ ފަދަ މަޝްރޫޢުތައް ގިނަ ފަހަރު އިޢުލާނުކުރަނީ ވެސް އިންޑިއާގެ ހައި ކޮމިޝަނުންކަމަށްވެއެވެ. ދިގުކުރާކަށް ކޮންމެހެން މާ ގިނަ ވާހަކަތަކެއް ނުލިޔުނަސް ރާއްޖޭގެ ސިޔާދަތީ ބާރު ބަލިކަށިވެފައި އޮތް މިންވަރާއި ރާއްޖޭގެ ސިޔާދަތީ ބާރަށް އިންޑިއާގެ ނުފޫޒާއި ބާރު އޮން މިންވަރު ހާމަވާ ކިތަންމެ ކިތަންމެ ކަމެއް ވަނީ ޢާންމުވެފައެވެ.

ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިންޑިއާގެ ސަފީރު ބުނާ ގޮތަކަށް ނޫނީ އެއްބަސްވުމެއްގައި ސޮއިކުރައްވައި، ނުވަތަ އެއްވެސް ނިންމެވުމެއް ނިންމެވުމުގެ އިޚުތިޔާރެއް ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގެންފައެއް ނޯވެއެވެ. ރާއްޖޭގައި ވުނަކުރުމުގެ ޝައުގު ހުރި ބޭރު މީހަކު ހުށަހެޅުމެއް ހުށަހެޅިޔަސް އެ ވުނައެއް އިންޑިއާއަށް ބަދަލުކޮށްލުމަށް ޓަކައި "ފާރަވެރިވާނެ" މީހުން އެ ތިބީ ބައިތިއްބައިފައެވެ. އެއީ ޑީލެއްގެ ދަށުން ކަމެއް ނުވަތަ "ތާށިވުމެއްގެ" ސަބަބުންކަމެއް ނޭނގުނަސް މަންޒަރުތައް ފެންނަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ ތުހުމަތުތަކަކީ ތެދެއްކަމަށް ބެލެވޭ ފަދަ ގޮތަކަށެވެ.

ރައީސް އޮފީހުގެ ޕޮލިސީ އެގްޒެކެޓިވް އަޙުމަދު ޙަމްދާން މިދިޔަ ބުދަ ދުވަހު އާންމު ކުރެއްވި "ގޮވެއްޔެއް" (ޓްވީޓެއް)ގައި ވިދާޅުވެފައިވަނީ ދައްޕަރު މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް ރައްޔިތުންގެ އެދުމާ އެއް ގޮތަށް، ކުރިއެކޭ ވެސް އެއް ފަދައިން، ފިއްލަދޫ ކައުންސިލްގެ އިޚުތިޞާސްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވައިދެއްވާނެ ކަމުގެ އިޝާރާތެއް އޭނާއެއް ނުކުރައްވައެވެ. އެއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ޙަމްދާނަށް ވެސް އެނގިވަޑައިގަންނަވާނެތާއެވެ. އެހެނީ ގިނަ ފަހަރަށް ސަރުކާރުން ޢަމަލުކުރައްވަނީ ވިދާޅުވާ އެއްޗަކާ ދިމާ އިދިކޮޅަށެވެ.

ފިއްލަދޫގެ ތާރީޚު ދަންނަ މީހުން ބުނާ ގޮތުގައި ފިއްލަދޫ މީހުން ކުރީން ދިރިއުޅުނީ ދައްޕަރުގައެވެ. އެއީ މީހުން އުޅުނު ރަށެއްކަމުގެ ހެކިތައް މިހާރު ވެސް އެ ރަށުން ފެންނާން ހުރެއެވެ. އަދި ދައްޕަރަކީ 1960ގެ އަހަރުތަކުން ފެށިގެން ފިއްލަދޫގެ އިދާރިއްޔަތުން ބަލަހައްޓަވަމުން އަންނަ ރަށެކެވެ. އަދި ފަހުން ކައުންސިލްތަކުގެ އިޚުތިޞާސް ކަނޑައެޅުއްވި އިރު ވެސް ދައްޕަރު އޮތީ ފިއްލަދޫގެ އިޚުތިޞާސްގެ ތެރޭގައި ހިމަނުއްވައިފައެވެ. ނަމަވެސް މި ދިޔަ އޮގަސްޓްމަހު 29ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކުން ދައްޕަރު ވަނީ ފިއްލަދޫ ކައުންސިލްގެ އިޚުތިޞާސުން ވަކިކުރައްވައިފައެވެ.

ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރެއްވީ ފިއްލަދޫ ކައުންސިލުގެ މަޝްވަރާ ހޯއްދެވުމެއް ނެތި ކަމުގައިވާތީ، ކަން ހިނގި ގޮތް ސާފުކުރައްވާން ރައީސް އޮފީހާއި އެކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއްގައި އެދިވަޑައިގެންފައިވާނެ ކަމަށްވެސް އެ ކައުންސިލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެރަށުން އަޅުގަނޑާ ވާހަކަދެއްކި މީހަކު ބުނާ ގޮތުގައި މި ނިންމުން ސަރުކާރުން ނިންމެވީ އެ ކައުންސިލްގެ އެމްޑިޕީއަށް ނިސްބަތްވާ މެންބަރުންނާއެކު މަޝްވަރާކުރައްވައި ހެއްދެވި ޑީލެއްގެ ދަށުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސަކީ އެމްޑީޕީގެ ވަރަށް ވަރުގަދަ އެކްޓިވިސްޓެކެވެ. މީގެ އިތުރަށް ވެސް އެ ކައުންސިލްގައި އިތުރު ދެ މެންބަރަކު އެމްޑީޕީ ތަމްސީލުކުރައްވައެވެ. އެހެންކަމުން އެ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ އެމްޑިޕީއަށެވެ.

ކަން މިހެން ހުރިއިރު ކައުންސިލްތަކުގެ "އިޚުތިޞާޞް" ކަނޑައަޅުއްވައިފައިވާ ގޮތަކީ ރައްޔިތުން އެދޭ ގޮތްކަމަށް ނުވިޔަސް، އެކަމާ ރައްޔިތުން ކިތަންމެ ވަރަކަށް ހިތްހަމަ ނުޖެހުނަސް، އެ ފަދަ ނިންމުމެއް ބަދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ނުފެނެއެވެ. އެއީ މާވަށު ފަޅުގައި މާވަށާ އެންމެ ކައިރީގައި އޮންނަ މާބުޅަލި މާވަށު ކައުންސިލާ ޙަވާލުކުރެއްވުން ކަމަށް ވިޔަސް އަދި ފިއްލަދޫގެ އެއްބުރި ކަމުގައިވާ ދައްޕަރު ފިއްލަދޫ ކައުންސިލާ ޙަވާލުކުރެއްވުން ކަމަށް ވިޔަސްވެހެވެ. ނަމަވެސް އެންމެން ވެސް ކިޔަނީ ޑިމޮކްރަސީގައި ވެރިކަން ފެށިގެން އަންނަނީ އަދި އެ ވެރިކަން ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުން ހިންގާ ވެރިކަމެއް ކަމަށެވެ. މިއީ ތިއަރީގައި އޮންނަ ގޮތް ކަމަށް ވެދާނެއެވެ. ނަމަވެސް ޢަމަލީ ގޮތުން ކަން ހިނގަމުން އަންނަނީ މި ފަލްސަފާގެ މަތީގައި ކަމަށް ރައްޔިތުންނަށް ގަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ އިޙުސާސްތަކަށް ރިޢާޔަތްކުރެއްވުމަށް ފަހު، ހައްދުންމަތީ މާވަށު ކައުންސިލަށް އެ ރަށުފަޅުގައި އެންމެ ކައިރިއަށް އޮންނަ މާބުޅެއްޔާއި، ފިއްލަދޫ ބިމުގެ އެއްބައި ކަމަށް ވާ ދައްޕަރު  އެ ކައުންސިލްތަކަށް ދޫކުރެއްވުމާމެދު ސަރުކާރުން ވިސްނަވާނެ ކަމަށް އުންމީދުކުރަމެވެ. ކައުންސިލާއި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އިޚުލާޞްތެރި ވިދާޅުވުމެއް ކަމަށް ވާނީ އޭރުންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.