Support Us

އޮޑި އޮވެގެން ކުރިޔަށް އެބަދެއެވެ

އުޑުމަތި އެހައި ސާފެއް ނޫނެވެ. އުޑުމަތި ފެންނަން އޮތީ މަޑު ނޫކުލަޔަކަށް ވުރެ ފަނޑު އަޅިކުލައެއްގައެވެ. މަލަމައްޗެއް، މޭގައެއް، ތަނެއް ފެނޭތޯ ބެލި ބަޔަކު ބެލި ދިމާޔަކަށް ބެއްޔަސް، އެކަމެއް އެހެން ބަޔަކަށް ނޭނގެއެވެ. އުޑާ ކަނޑާ ބައްދަލުވާ ކަމަށް ޢާންމުކޮށް ފެންނަ ހިސާބުވެސް މާ ސާފުކޮށެއް ހަމަލޮލަކަށް ފެނެއެވެ. އެހެން ކަމާއެކު، އުދަރެހޭ ކިޔައިއުޅޭ ރޮނގުވެސް އޮތީ ހިތުލަފަޔަށް ދޫވެފައެވެ. މޫސުން އޮތް ގޮތުން ކަނޑުވެސް އޮތީ ހަަމަ އެކަހަލަ އަޅިކުލަޔަކަށް ކަމަށް ވާތީ، އުޑުގެ އަޅިޔާ ކަނޑުގެ އަޅިޔާ އޮތީ އެކައްޗަކަށް ވެފައެވެ. މިސްރާބެއް އޮތިއްޔާ އެކަންވެސް އެނގޭނީ އޮޑީގައި ތިބި ބަޔަކަށްތާއޭ ބުނެވޭ ޒާތަކަށް އޮޑި އޮވެގެން ދެއެވެ.

އެއީ ކަނޑުކަން ޔަޤީންވާ ހިސާބުން ރާޅުގެ ކުލަވަރު އެހައިތަނަށް ފެންނަމުން ދިޔަ ގޮތަށް ކުއްލި ބަދަލެއް އައިހެން ހީވީތީ، އޮޑީގައި ތިބި އަނގަގަދަ ޒާތުގެ ދެތިން މީހަކު އަނހާ ކެޔޮޅާޔޭ އެއޮތީ ކޮޅިގަނޑެކޭ ގޮވައިގެންފިއެވެ. އޮޑީގައި ތިބި މީހުންކުރެ އެހައިތަނަށް ނިދިޖެހިލައިފައި ތިބި މީހުން އެބުނި ދިމާޔަށް ބަލައިލިއިރު، ކިލާ ކަޅުކުލަޔަކަށްދާ ކުލައެއްގެ ރޮނގެއް އުދަރެހޭ ކިޔާ ހިސާބުގައި ފެންނަން ހުއްޓެވެ. އޮޑީގެ ކޮޅުފަސްކޮޅުގައި، އެންމެ ޘަޤާފީ ބާވަތަކުގެ ހުންގާނުދޫންޏެއްގައި ފައިތިލަ އަޅުވައިލައިގެން، ކުނބުކަފީގައި ހިފަހައްޓައިލައިގެން ހުރި މީހާޔަށް އެކަމަކުން މާކަބޮޑު އަސަރެއް ކުރިހެނެއް ހީއެއް ނުވިއެވެ. އޭނާ ކުރިހައިވެސް ކަމަކީ އެބުނި ގޮވެއްޔެއް ގޮވައިގަތް ބަޔަކާ ދިމާޔަށް ހުތުރު ގޮތަކަށް ކަޅިއަޅައިގަތުމެވެ. އޮޑީގައި ދެން ތިބި މީހުން އެހިސާބުން އަނގަމަޑުމިތުރު ހެދިގެން ތިބެއްޖެއެވެ. އޮޑި އޮވެގެން ކުރިޔަށް ދެއެވެ.

އޮޑީގެ ދިރުނބާކޮޅުގައިވެސް މީހަކު އެބަހުއްޓެވެ. އޭނާގެ ދެއަތާއި ދެފައި ފުޅާކޮށްގެން އެހުރި ގޮތުން ލަފާކުރެވެނީ އޭނާ އެތާނގައި އެހުރީ ގަލަށް ކިޔާށޭއެވެ. އަރައި ހަމަވާތަނުން ނޫނީ ނުފެންނަކަހަލަ، އެކަމަކު އޭގައި ލައިގެންފިއްޔާ އޮޑީގެ ފަށަން މުގުރޭވަރުގެ ގިރިޔެއް ފެނިއްޖިއްޔާ އެވާހަކަ އަވަހަށް ގޮވައި، ނުވަތަ އޮޅިގެން ނަމަވެސް ފަރަކާ ގާތްވަންޏާ އެވާހަކަވެސް ގޮވަން ހުރިކަހަލައެވެ. ދެއަތާއި ދެފައި ފުޅާކޮށްގެން، ޖަހައިހާ ރާޅަކަށް ހަށިގަނޑު އެހުރި އޮލަނބުން ނުނައްޓައި ހިފަހައްޓަމުން، އޮޑީގެ އެތެރެޔަށް ނުބަލައި އެހުރި ގޮތުން ދޭހަކޮށްދެނީ އެންމެ އެއްޗެކެވެ. އެއީ، އޭނާޔަކީވެސް ތަޖުރިބާކާރު ފަޅުވެރިޔަކަށްވެސް ވެދާނޭ ކަމެވެ. ނުވަތަ އޮޑީގެ މިލްކުވެރިޔާއަކީ އޭނާ ކަމަށް އަމިއްލަޔަށް ދެކޭކަން ކަމަށްވެސް ވެދާނެއެވެ. ކަން އަދި ކޮންމެގޮތަކަށް އޮތަސް،  އޮޑި އޮވެގެން ކުރިޔަށް ދެއެވެ.

އޮޑީގައި ދެން އެތިބަ މީހުންނަކީ ކީއްކުރަން އޮޑީގައި ތިބި ބައެއް ކަމެއް އެހައި ސާފެއް ނޫނެވެ. ކުނބެއް އަދި ހުއްޓަސް ފަރުމާނެއް ނެތް އޮޑިޔެއްގައި ރިޔަލެއް ޢަމުދުން ނޯންނާނެ ކަން އެ މީހުން ދަތަސް، އަދި ނުދަތަސް، އޮޑިޔަކަށް އެކަމަކުން ކުރާނޭ މާކަބޮޑު އަސަރެއް ނޯންނާނެއެވެ. އޮޑިޔެއްގެ ވާވެލާވެލި ނުދަންނަ ބަޔަކު އަތުޖެހިގެން އެކަތި އަނެއްކައްޗާ އޮޅޭނޭ ސަވައެއް، ހަންޖާއެއް، ދަންމާނެއްވެސް ނޯންނާނެއެވެ. އޮޑި އެހެލައިގެން ފެހިކަހައިލައި، ކޮޅައިލައި ނުހަދާތާ އެތަކެއް އަހަރުވެފައި ވިޔަސް، އޮޑި ހެސްކިޔައިފައި ދިޔަވިޔަސް، ދިޔަހިއްކަނީ އޮޑީގައި އަޅައިފައި ހުރި ދެރަވަރުގެ ބައު އިންޖީނުގަނޑާ ގުޅައިފައި ހުރި ޕަންޕަކުން ކަމަށް ވާތީ، ދިޔަހިއްކާ ފައިގައި ހިފައިލާކަށްވެސް އެތަނުން މީހަކު ބޭނުންމެއް ނުވާނެއެވެ. އަދި އެކަހަލަ ކަންކަން ކުރާކަށް އެއިން މީހަކަށް މިހައިރަކު ޢަމުދުން ނުވެސް އެނގޭނެއެވެ. އެހެނެއް ކަމަކު،  އޮޑި އޮވެގެން ކުރިޔަށް ދެއެވެ.

ދެން އެހެން ވިއްޔާ، އެމީހުން އޮޑީގައި އެތިބީ ކޮން ބޭނުމަކުތޯ މީހަކު އަހައިވެސް ފާނެއެވެ. އެކި މީހުން އެކި ކުލައިގެ ގަމީސް ލައިގެން، ގަމީހުގައި ހަޑިއެއް އުނގުޅިދާނެތީ، ނުވަތަ ނުލަފާކަމުން އުނގުޅައިފާނެތީ، އެކަކު އަނެކަކަށް ކަޅިއަޅައަޅައި އެމީހުން އެތިބަ ގޮތުން ދޭހަވާނެ މީހަކަށް ދޭހަވާނެ އެއްޗެއް ދޭހަވިޔަސް ވަރިހަމައެވެ. އެކަކުު އަތުގައި އޮތް ބޮކުސާޔަށް އަނެކަކާ ދިމާޔަށް ވައްކަޅީން ބަލަބަލައި، އެކަކު ނާޖާއިޒު ގޮތްގޮތަށް ހޯދައިގެން ސިއްރުސިއްރުން އަންބޮޑިޔަށް ލައިގެން އުޅޭ ބޮނޑިވަރު އަނެކާޔަށް ފެނިދާނެތީ އުޅޭ ކަހަލައެވެ. ހަތަރުކަޅި ހަމަވާ ފަހަރަކުވިއްޔާ، އެކަކު އަނެކަކާ ދިމާޔަށް އެހައި މަޢުޞޫމު ހިނިތުންވެލުމަކުން ހިނިތުންވެލައި، އެއިން މީހަކަށް އެހެން ދިމާޔަކަށް ނަޒަރު ހިންގައިލެވޭ ފަހަރަކު މޫނުން ފޫގަޅައި، މިހެން އުޅޭ ތަން ހަމަ ގައިމުވެސް ނުފެންނަ ކަމަށް ހަދައިގެން ތިބި ދެ މީހުން އޮޑީގައި އެބަ ތިއްބެވެ. އެއީ، ހުންގާނުގައި ހުރި މީހާޔާއި، ގަލަށްކިޔަން ކަމަށް ދިރުނބާކޮޅުގައި އެހެރަ މީހާއެވެ. ދެން މިޙާލުގައި އޮވެގެންވެސް  އޮޑި އޮވެގެން ކުރިޔަށް އެބަހަރަ ދެއެވެ.

ހަމަ ކުއްލިޔަކަށް، އޮޑީގެ ކަންކަށިމައްޗަށް ތަންކޮޅެއް ބޮޑު ރާޅެއް އެބަހަރަ ޖެއްސެވެ. ބުރައިގެން އައި ލޮނު އޮޑީގައި ތިބި އެންމެން ގަޔަށް ބުރިއެވެ. އޭތް އޭތްޔޭ ގޮވައިގަތުމާއެކު އެއް ބަޔަކު އިނގިލި ދިއްކުރީ ހުންގާނާ ޙަވާލުވެގެން ހުރި މީހާޔާ  ދިމާޔަށެވެ. އަނެއް ބަޔަކު އިނިގިލި ދިމާކުރީ ގަލަށްކިޔަން ހުރި މީހާޔާ ދިމާޔަށެވެ. ދެބައިމީހުންމެ ގޮވީ އެކައްޗެކެވެ. އެއީ، ކަންކުރަން ނޭނގެންޏާ ފައިބާށޭ، އަހަރުމެންނަށް ތިޔަކަން މާ ރަނގަޅަށް ވެދާނެޔޭއެވެ. ހުންގާނުގައި ހުރި މީހާޔަކަށްވެސް، ގަލަށްކިޔަން ހުރި މީހާޔަކަށްވެސް، އެ އަޑުތައް އިވުނު ކަމަކަށް ނުވިއެވެ. ފިޔަލަބޮލަށޭ އެ ދުއްވަނީ ބުނެއުޅޭ ބީދައިން  އޮޑި އޮވެގެން ކުރިޔަށް ދެއެވެ.

އޮޔާއި ވައި ހުރި ގޮތަށް ބަލާއިރު ކަނޑުމަތިން ހުދުފޮނު ފެންނަ ވަރާއި، ގާތުގައި ހުރި ރާޅު ދެންމެދެންމެ ހޮޅިލައިފާނެހެން ހީވާތީ، ނުފެންނަ ފަރަކާ އޮޑި ގާތްވަނީ ބާވައޭވެސް އެހިސާބުން ބައެއް މީހުންނަށް ހީވެއްޖެއެވެ. އޮޑި އެވަގުތު ގާތްވަމުން ދިޔަ ފަރުވެސް ނުފެނުނު ބަޔަކަށް ދެން ނުފެނު އެހެން ކަމެއްވެސް ހަމަ އެވަގުތު އޮޑީގައި ހިނގަމުން  ދިޔައެވެ. އެއީ، ދިރުނބާ ކޮޅުގައި ހުރި މީހާ ކަނާއަތަށް ދާން ދެއްކިއްޔާ އޮޑި ދަނީ ވައަތަށް ކަމެވެ. ވައަތަށް ދާން ދައްކައިފިއްޔާ އޮޑި އެނބުރެނީ ކަނާއަތަށް ކަމެވެ. ނޫނީ  އެއްވެސް ބަދަލެއް މިސްރާބަށް ޢަމުދުން ނާންނަ ކަމެވެ. އަސްތަ، އަސްތާއެވެ! އެޙާލުގައި އޮވެގެންވެސް އޮޑި ހަމަ އެހެރަ ދަނީ އޮވެގެން ކުރިޔަށެވެ.

ވައި ގަދަވަމުން، ރާޅު ބޮޑުވަމުން، އޮޑިޔަށް އެހެން އެއްޗެއް ވަކިނުވާ ހިސާބަކާ އޮޑި ގާތްވަމުން ދިޔައެވެ. ފުސްކަން އިތުރުވަމުން ދިޔައެވެ. ދެން ހަމަ ކުއްލިޔަކަށް އޮޑިޔާ ވަރަށް ގާތުން، ފުސްކަމުންގެ ތެރެއިން އެ ދައްކައިލީ ބޭރު ބައެއްގެ ޔޮޓެކެވެ. ބަރުގޮނު އެޅުމާއެކު، ޔޮޓުގެ އަޑުގަދަކުރާއިން އޮޑިޔަށް ގޮވައިފިއެވެ. އަދި އޮޑި މިހައިރު އެހެރަ މިސްރާބަށް ބަހައްޓައިފިއްޔާ ދާދި އަވަހަށް ފަރަށް އަރާނޭކަމުގެ އިންޒާރުވެސް ދީފިއެވެ. އެކަމަކު ޔޮޓަށް ހަމަ އެ ބީދައިން ޖަވާބު ދެވޭނޭ އަޑުގަދަކުރާއެއް އޮޑިޔަކު ނެތެވެ. އެހެނެއްކަމަކު، އޮޑީގައި ތިބި މީހުންކުރެ އެންމެ އަޑުގަދަ މީހާ ތެދުވެ ޔޮޓަށް ޖަވާބު ދިނެވެ. ކަލޭމެން ތިޔައީ އަހަރުމެންނަށް މަގުދައްކަން ކޮން ބައެއްހޭ، މި ކަނޑުގެ ތަޖުރިބާޔާއި ޙަޤީޤަތަކީ އަހަރުމެން ހަދާނޭ ގޮތެއް ހަދަން އަހަރުމެން އަތުގައި އޮންނަ އެއްޗެކޭ، އަހަރުމެންނަކީ މިކަހަލަ މޮޅު އޮޑިޔެއްގައި މިހައިތަނަށް މި ރާއްޖޭގައި ކަނޑުބޭރުވި އެންމެ އެކުވެރި، އަޚުވަންތަ، އެއްބައިވަންތަ ފަޅުވެރީންނޭ، އޮޑި މިދަނީ ހަމަ ރަނގަޅަށޭ، ކަލޭމެން ދާ ތާކަށް ކަލޭމެން ދާށޭ އޭނާ ގޮވައިލިއެވެ. އެ ދަނޑިވަޅުވެސް އޮޑި އޮވެގެން ކުރިޔަށް ދިޔައެވެ.

ކުރިމަތީގައި އޮތީ ކަނޑެއް ކަމެއް، ފަޅެއް ކަމެއް، ނުރައްކާތެރި ފަރެއްް ކަމެއް އެހައި ރަނގަޅަށް މިހައިރު އަދި ސާފު ނުވިޔަސް،  އޮޑި ހަމަ އޮވެގެން ކުރިޔަށް އެބަދެއެވެ.