...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: މިއަދަކީ ދިވެހީންނަށް ކަޅު ދުވަހެއް!

މިއަދަކީ ދިވެހި ދައުލަތުގެ ތާރީހުގައި ކަޅު ދުވަހެކެވެ. ވަކި ވެކްސީނެއް ނުޖަހާ މީހުންގެ އިންސާނީ ހައްޤުތަކުން އެމީހުން މިވަނީ މިއަދުން ފެށިގެން މަހްރޫމް ކޮށްފައެވެ. އޮފީހަކަށް ނުވަދެވެއެވެ. މައިން ބަފައިންނަށް ސްކޫލަކަށް ނުވަދެވެއެވެ. ބަނޑަށް މަރުވިއަސް ސައި ހޮޓަލަކަށް ވެސް ނުވަދެވެއެވެ. ބޭސް ފަރުވާ ނުކުރެވިގެން މަރުވިއަސް ފްލައިޓަކަށް ވެސް ނޭރެއެވެ. ޓެކްސީ އަކަށް ނޭރެއެވެ. ހަޤީގަތުގައި މިއުޅެނީ އާއްމު ސިއްހަތު ރައްކާތެރި ކުރަންތޯއެވެ؟ ނުވަތަ ވަކި ބަޔަކަށް ފައިދާތަކެއްވާ ގޮތަށް ރައްޔިތުން އަޅުވެތި ކުރަން ތޯއެވެ؟

ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 70 އިންސައްތަ ވަރަކަށް މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައިފިއެވެ. ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި 30 އިންސައްތަ ވަރަކަށް މީހުންގެ އަސާސީ ހައްޤުތަކަށް އަރައިނުގަތަސް މިކަން ކުރެވޭނެއެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ފެށުނުތާ ދެ އަހަރު ދުވަސް ވާއިރު މިބަލީގައި ރާއްޖެއިން މަރުވީ 226 މީހުންނެވެ. އެ މުއްދަތުގައި އެތައް ދިވެހީންނެއް ކެންސަރު ބަލީގައި މަރުވެއްޖެއެވެ. އާއްމު ސިއްހަތު ރައްކާތެރިކުރަން ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެހާ ބޮޑު ޝައުގުވެރިކަމެއް ހުރިނަމަ ކެންސަރަށް މަގުފަހިވާ ސިނގަރެޓް ބުއިން ރާއްޖޭގައި މަނާ ނުކުރަނީ ކީއްވެގެންތޯއެވެ؟ ކޮވިޑް ބަލީގައި ދެއަހަރު ތެރޭ 226 މީހުން މަރުވިއިރު، އެ މުއްދަތުގައި ރާއްޖޭގައި އެތައް ބަޔަކު ކޮލެސްޓްރޯލް އިތުރުވެ، ސަރުބީ ޖަހައިގެން، ލޭހޮޅިތައް ބެދިގެން، ސްޓްރޯކް ޖެހިގެން މަރުވެއްޖެއެވެ. ސްޓްރޯކަށް މަގުފަހިވާ ކާނާ ނުހުއްޓުވަނީ ކީއްވެގެންތޯއެވެ؟ އެ މުއްދަތުގައި އެތައް ބަޔަކު ހަކުރު ބަލީގައި މަރުވެއްޖެއެވެ. ހަކުރު ބަލި ޖެއްސުމަށް އެހީވާ އެނާޖީ ޑްރިންކްސް ފަދަ ތަކެތި އިމްޕޯޓް ކުރުން މަނާ ނުކުރަނީ ކިއްވެގެންތޯއެވެ؟

ދުންފަތަކީ އާންމު ސިއްހަތަށް އެންމެ ނުރައްކާތެރި ހަތުރަށް ވާއިރު، ފެނިގެން މި ދަނީ ހެލްތު މިނިސްޓްރީ ތެރޭގައި ވެސް ދުންބޯ މާލަން ހަދައި، އެކަމަށް ހިތްވަރުދޭ ދަތެނެވެ.

ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު ހާމަކުރާ ގޮތަށް ކެންސަރާއި ސްޓްރޯކާއި ކިޑްނީ ބައްޔާއި ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ހާމަ ނުކުރަނީ ކީއްވެގެން ތޯއެވެ؟ ދިވެހީންގެ ކެއިންބުއިމުގެ އަދި ދިރިއުޅުމުގެ ނުބައި އާދަތަކުގެ ސަބަބުން ކެންސަރާއި ސްޓްރޯކާއި ހިތުގެ ބައްޔާއި ހަކުރު ބައްޔާއި ކިޑްނީ ބަލި ފަދަ ބޮޑެތި، ނުރައްކާތެރި ބަލިތައް ދިވެހި ރާއްޖޭގައި މިހާރު ވަނީ ހައްދުން ނެއްޓިފައެވެ. ނަމަވެސް ދިވެހީން ހެސްކިޔާފައި ސޮސެޖް ފަދަ ގެއްލުން ހުރި ތަކެތި ކައި، އެނާޖީ ޑްރިންކްސް ފަދަ ނުރައްކާތެރި ބުއިންތައް ބޮއެ، ސުޕާރީ ފަދަ ޒަހަރު ކައި، ސިނގެރެޓާއި ސުއްޓާ އާއި ބިޑި ފަދަ ޒަހަރު ބޮއެ، އެފަދަ ބޮޑެތި ބަލި ޖައްސާ އެތައް ކަމެއް ކޮށް، އެފަދަ ބަލިތައް ޖައްސާ އެއްޗެތި ކައިބޮއެ ހަދާއިރު ސަރުކާރުން މި ތިބެނީ ސިނގެރޭޓް ފަދަ ޒަހަރުން ޑިއުޓީއަށް މިލިއަނުން ފައިސާ ނަގައިގެން ހެވިފައެވެ. މިއީ މުނާފިޤް ކަމުގެ އިންތިހާއެވެ.

ކޮވިޑު ޖެހުނީމާ ރައްޔިތު މީހާގެ އިންސާނީ ހުރިހާ ހައްޤެއް ހިފަހައްޓައި، ކުދި ވިޔަފާރިތައް ބަނގުރޫޓްކޮށް، ދައުލަތުގެ ހަޒާނާއިން ތިން ބިލިއަން ރުފިޔާ ދުމަށް ބުރުއްސާލައި، ކޮވިޑްގެ ނަމުގައި އެތައް ކޮރަޕްޝަނެއް ހިންގައި، މުޅި ޤައުމު އެލާޓަށް ގެނެސް، ރައްޔިތުން އިނދަ ޖައްސާލެވެއެވެ. ކޮވިޑްގެ ނަމުގައި ތަޅާ ބުރުއްސާލި ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ، މަސްތުވާ ތަކެތި ހުއްޓުވަން ހޭދަކުރި ނަމަ މި ޤައުމުގައި މިއަދު އެންމެ ޑްރަގް ކޮޅެއްވެސް ނެތީސްކަން ޔަޤީނެވެ. އެ ތިން ބިލިއަންގެ ތެރެއިން އެންމެ ވިއަސަކަށް މިލިއަން ރުފިޔާ، މާރާމާރީ އާއި ގޭންގް ހަނގުރާމަ ހުއްޓުވަން ހޭދަކުރި ނަމަ ދިވެހި ޒުވާނުން މިއަދު ޑްރަގާއި މާރާމާރީއާއި ގޭންގު ހަނގުރާމައިގެ ކޯރެއްގައި ނުފެތީހެވެ. ކޮވިޑްގެ ނަމުގައި ހޭދަކުރި ބިލިއަނުން ގުނޭ އަދަދުގެ ފައިސާ އާއި ވަގުތު، ޤައުމުގެ ބޮޑެތި އެހެން މައްސަލަތަކަށް އިންވެސްޓް ކުރިނަމަ މިއަދު މިޤައުމު ވީހީ ދުނިޔޭގެ ނަމޫނާ، ސުލްހަވެރި، ދުޅަހެޔޮ ޤައުމަކަށެވެ.

ކޮވިޑް ބަލި ފެތުރުމުން މާސްކް ވެސް އަޅަންވީއެވެ. ފަރުވާތެރިވުމުގެ ގޮތުން އެފަދަ ފިޔަވަޅުތައް އަޅަންވީއެވެ. ވެކްސިން ޖަހަން ބޭނުން ބަޔަކު ވެކްސިންވެސް ޖަހަންވީއެވެ. ނަމަވެސް ވެކްސިން ނުޖަހާ މީހުންގެ ކަރާމާތާއި މިނިވަން ކަމަށް އަރައިގަންނާކަށް ނުޖެހެއެވެ. ލޮކްޑައުން ކުރާކަށް ނުޖެހެއެވެ. އެެހެން ބަލިތައް ޖެހުނީމަ ފަރުވާދޭ ގޮތަށް ފަރުވާ ދިނުމުން ނިމުނީއެވެ. ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ދީފައިވާ އެތައް މިނިވަން ކަމަކަށް މި ސަރުކާރުން މިއަދު މިވަނީ އަރައިގެންފައެވެ. ސަރުކާރުގެ ޕްރިއަރިޓީސްތައް މިއަދު މިވަނީ އޮޅިފައެވެ. ނުވަތަ އޮޅުވާލާފައެވެ. މިއީ ގަދަ ތޫފާނެއްގައި ގޭގެ ފުރާޅު އެއްލާލުމުން ފުރާޅުގައި އަލުން ޓިނުޖެހުމުގެ ބަދަލުގައި އަތުގައ ހުރި ފައިސާކޮޅުން ގޭގެ ކޮޓަރިތައް އެއާކޯން ކުރުން ކަހަލަ ކަމެކެވެ. ވެކުސިން ޖަހަން ބޭނުން މީހަކު ވެކްސިން ޖަހަންވީއެވެ. ނަމަވެސް ނުޖަހާ މީހުންނާ ދެކޮޅަށް މިއަދު މި އެޅި ހަރުކަށި ފިޔަވަޅުތަކަކީ ސީދާ ޤާނޫނު އަސާސީއާ ހިލާފަށް އަޅާފައިވާ ގައިރު ޤާނޫނީ، އިންސާނިއްޔަތާ ހިލާފް، އަނިޔާވެރި ފިޔަވަޅުތަކެކެވެ. މިކަމާ ދެކޮޅަށް ރައްޔިތުން މިއަދު ބަހެއް ނުބުނެފިނަމަ ރައްޔިތުންގެ ހުރިހާ ހައްޤުތަކާއި މިނިވަން ކަމަށް އަރައިގަތުމަށްވެސް ސަރުކާރުން ފަސް ނުޖެހޭނެއެވެ. ރައްޔިތުން ތެދުވާން ޖެހެއެވެ. ބަސް ބުނަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1631

2 Responses

  1. މިއޮއްހާ ދުވަހު މިބަލިން ކުރިމަތިވި ހުރިހާ ކަމެއް ކަޅުނުވެ، ފެންނުވަރާ ދަތް ނޫނގުޅާ ވެކްސިން ނުޖަހަާ ބޭނުންހާ ގޮތަކަށް ނޫޅެވޭތީ މިދުވަސް ކަޅުވީ ލިއުނުމީހާގެ ހިތްކަޅުވީމަ.

  2. ކޮވިޑް ބަލީގެ މަރުގެ ރެކޯޑް ހަދަން މަސައްކަތްކުރާ އުސޫލުން، ވެކްސިންގެ ސަބަބުން މީހުން ތަހައްމަލްކުރަމުންދާ ވޭނާ، ވެކްސިންގެ ޑޯޒް ތައ އް ފުރިހަމަ ކޮށްފަވާ ޙާލު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ރެކޯޑް ބަލަހައްޓާނޭ ބަޔަކު ގަ އުމުގަ އި ގައުފެދެން ވެ އްޖެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.