Support Us

ކިލަ މަށިގަނޑެއްގެ ވާހަކަ

ތިރީގައި އެވަނީ އީލިޔާ އަބޫ މާޟީގެ 'އައްތީނު' (މަށިގަނޑު) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމުގެ އަސްލެއްކަމަށް ބުނެވެނީ ޝާމުކަރައިގެ އަރަބި އާއްމީ ބަހުރުވައިން 19ވަނަ ގަރުނުގެ ތެރޭގައި ކިޔައިއުޅުނު ޅެމެކެވެ. ޢަލީ އައްރުމައިޘީއޭ ކިޔުނު ޝާއިރެއްގެ ޅެމެކެވެ. އާދެ، އެ ޅެމުގައި އެކުލެވޭ މާނައިގެ މައްޗަށް ބިނާކޮށް، އީލިޔާ އަބޫ މާޟީ މި ޅެން ފަސީހަ ބަހުން ލިޔުއްވައި އާ ފޭރާމެއް އިހުގެ ޅެމުގެ މާނައަށް ދެއްވީއެވެ.

މި ޅެމުގައި 'މަށިގަނޑު' ރަމްޒު ކުރަނީ ބޮޑާ ކިބުރުވެރި އިންސާނެކެވެ. ޅެމުގައި އެކުލެވިގެންވާ ވާހަކަތަކީ އޭނައާ މުޚާތަބުކުރެވޭ ވާހަކަތަކެކެވެ. ބޮޑާކަމާއި ކިބުރުވެރިވުމުގެ ސިފަ ދޫކޮށް، ތަވާޟުއުވެރިވެ، ހިތްތިރިކުރުމުގެ ސިފަ ލިބިގަތުމަށް، އޭނާއަށް، ދެވޭ ދައުވަތުގެ ވާހަކަތަކެކެވެ.

ޅެން ފެށެނީ، މަށިގަނޑު، އޭގެ ނިކަމެތި އަސްލުގެ މަތިން ހަނދާންނެތި، އަގުބޮޑު ހެނދުން އަޅައި، މީހުންގެ ކުރިމަތީ ބޮޑާވެގަނެ، މީހުންނަށް ޖެއްސުން ކުރާ ވާހަކަ ބަޔާންކުރަމުންނެވެ. ދެން، ޅެންވެރިޔާ، މަށިގަނޑުގެ އަސްލު، އޭނާއަށް ހަނދާންކޮށްދިނެވެ. އޭނާއަކީ ހަމަ އެހެން އާދައިގެ މީހުން ފަދަ އިންސާނެއްކަމާއި އޭނާގެ އިހުސާސުތަކާއި އެމީހުންގެ އިހުސާސުތައް ވެސް އެއްގޮތްކަން އޭނާއަށް ހަނދާންކޮށްދިނެވެ. އޭނާ ވެސް، އެހެން މީހުންނެކޭ އެއްފަދައިން، އުފަލާއި އަދި ހިތާމައާއި ވެސް ކުރިމަތިލާން ޖެހޭކަން ހަނދާންކޮށްދިނެވެ. އަދި، ބަލިވެއްޖެ ނަމަ، އެހެން މީނުންނެކޭ ވެސް އެއްފަދައިން، އޭނައަށް ވެސް، އުނދަގޫވެ، ވޭނުގައި އުޅެންޖެހޭކަން ފާހަގަކޮށްދިނެވެ.

މީގެ އިތުރުން، ގުދުރަތުގެ ބައެއް މަންޒަރުތައް ބަޔާންކޮށްދީ، މަށިގަނޑުގެ ނުކުޅެދުން ފާހަގަކޮށްދިނެވެ. ކޯރުގެ ފެންގަނޑުގެ ދެމުމާއި ވައިރޯޅިވުމާއި ހަނދުވަރުގެ އަލިދޭ ތަންތަނާއި މިފަދަ ކަންކަމަކީ އޭގެ މައްޗަށް މަށީގެ ބާރު ހިނގާ ކަންކަމެއް ނޫންކަން ހަނދާންކޮށްދިނެވެ. އަދި، ގުދުރަތުގެ މިފަދަ ނިއުމަތްތަކަކީ ވަކި މީހަކަށް ޚާއްސަވެފައި އޮންނަ ކަމެއް ނޫންކަން ވެސް ފާހަގަކޮށްދިނެވެ.

އެންމެފަހުން ޅެން ނިންމާލެވިފައިވަނީ، ބޮޑާވެ ކިބުރުވެރިވުމުގެ ސިފައާ ދުރަށްޖެހި، މީހުންނަށް ނަފުރަތުކުރުމާއި މީހުންނާ ދެކޮޅުވެރިވެގަތުން ދޫކޮށްލައި، ލޯތްބާއި އިހުތިރާމާއެކު އެންމެނާ ވެސް މުއާމަލާތް ކުރުމަށް ގޮވާލައި، އެކަމަށް ދައުވަތު ދެމުންނެވެ.

1 نسي الطين ساعة أنه طين حقير فصال تيها وعربد

އެއީ ދެރަ ނިކަމެތި މަށިގަނޑެއްކަން، ހިނދުކޮޅަކަށް، މަށިގަނޑު ހަނދާން ނެތުނެވެ. ދެން، ބޮޑާވެގަނެ، މީސްމީހުންނާ ދިމާކޮށް، ބޭއަދަބީވެ، މީހުންނަށް ޖެއްސުން ކުރަން ފެށިއެވެ.

2 وكسى الخز جسمه فتباهى وحوى المال كيسه فتمرد

އަދި، އަގުބޮޑު ފަށުވި ފޭރާން ލައި، އޭނާގެ ހަށިގަނޑު ނިވާކޮށް ފަޚުރުވެރި ވިއެވެ. އަދި އޭނާގެ ދަބަހަށް ފައިސާއަޅައި (އެންމެނާ) އިދިކީލަ ވެގަތެވެ.

3 يا أخي لا تمل بوجهك عني ما انا فحمة ولا أنت فرقد

އޭ އަޚާއެވެ! މޫނުއަނބުރައި އަހަންނަށް ފުރަގަސް ނުދޭށެވެ! އަހަންނަކީ ކަޅުދެލިގަނޑެއް ނޫނެވެ. ނޫނީ އިނބައަކީ ގުތުބު ތަރިއެއް ވެސް ނޫނެވެ.

4 أنت لم تصنع الحرير الذي تلــــــــــــــ بس واللؤلؤ الذي تتقلد

އިނބަ ލައިގެން ތިހުރި ފަށުވި ފޭރާމަކީ އަދި އިނބަ ކަރުގައި އަޅައިފައި އޮތް މުތުގެ (ހާރަކީ) އިނބަ (އަތުން) ހެދި އެއްޗިއްސެއް ނޫނެވެ.

5 أنت لا تأكل النضار إذا جعـــــــــــــــــت ولا تشرب الجمال المنضد

އިނބަ ބަނޑުހައި ވެއްޖެނަމަ ކަނީކީ އޮފު އަރާ (ރަނެއް) ނޫނެވެ. އަދި (ކަރު ހިއްކައިގެންފި ނަމަ) އިނބަ ބޮނީކީ ޒީނަތްތެރި ވުމަށް ބޭނުންކުރާ ޒީނަތުގެ ގަހަނާތަކެއް ވެސް ނޫނެވެ.

6 أنت في بدرة الموشاة مثلي في كسائي الرديم تشقى وتسعد

ޒީނަތްތެރިކުރެވިފައިވާ ހެދުމެއް ލައިގެން އިނބަ ހުންނަ ހުރުމާއި، ބާވެ ހަސްނެތިފައި އޮތް ހެދުމެއް ލައިގެން އަހަރެން ހުރިހުރުމާ ހަމަ އެއްގޮތެވެ. އިނބަ ވެސް (އަހަރެން ފަދައިން) ދެރަވާ ފަހަރާއި އުފާވާ ފަހަރު އާދެއެވެ.

7 لك في عالم النهار أماني ورؤى والظلام فوقك ممتد

ދުވާލުގެ ވަގުތުތަކުގައި (އިނބަގެ ހިތުގައި) އުއްމީދުތައް ވެއެވެ. އަދި، (ދުވާލުގެ އަލިކަން ނެތި) އިނބަގެ ބޯމަތީ، އެބަހީ، ދުނިޔެމައްޗަށް، އަނދިރިކަން ފެތުރުމުން، (އިނބަ) ހުވަފެންތައް ވެސް ދެކެއެވެ.

8 ولقلبي كما لقبلك أحلا م حسان فإنه غير جلمد

އިނބަގެ ހިތް (ދެކޭ) ފަދައިން، އަހަރެންގެ ހިތްވެސް، ރީތި ހުވަފެންތައް ދެކެއެވެ. އެހެނީ (އަހަރެންގެ) ހިތަކީވެސް ހަރުހިލަގަނޑެއް ނޫނެވެ.

9 أ أماني كلها من تراب وأمانيك كلها من عسجد؟

(ނޫނީ އިނބަ ދެކެނީ) އަހަރެންގެ ހުރިހާ އުއްމީދުތަކަކީ ވެސް ވެލީގެ، (އެބަހީ އެއްވެސް އަގެއް ނެތް، އެ އުއްމީދުތައް ހާސިލު ނުކުރެވޭނޭ،) އެއްޗެއް ކަމަށް ހެއްޔެވެ؟ އަދި (މިއާ ޚިލާފަށް) އިނބަގެ ހުރިހާ އުއްމީދަކީވެސް، ރަނުގެ (އެބަހީ، އަގުހުރި، އެއުއްމީދުތައް ހާސިލުކޮށްލެވޭނޭ،) އެއްޗެއް ކަމަށް ހެއްޔެވެ؟

10 وأماني كلها للتلاشي وأمانيك للخلود المؤكد؟

އަދި އަހަރެންގެ ހުރިހާ އުއްމީދެއްވެސް (ހާސިލު ނުކުރެވި) ގެއްލި ނެތި ދާނީ ހެއްޔެވެ؟ އަދި އިނބަގެ (އުއްމީދުތަކަކީ، އެއުއްމީދުތައް ހާސިލުކުރެވި) އަބަދުގެ އަބަދަށް ދެމިހުންނާނެ ކަމުގެ ޔަގީންކަން ލިބިގެންވާ އެއްޗެހި ހެއްޔެވެ؟

11 لا، فهذي وتلك تأتي وتمضي كذويها، فأي شيء يؤبد؟

ނޫނެކެވެ! މިވެސް އަދި އެވެސް (އަހަރެންގެ އުއްމީދުތަކާ އަދި އިނބަގެ އުއްމީދުތައް ވެސް) އެއުއްމީދުތަކުގެވެރި މީހުންފަދައިން، ނެތިގެން ދާނެއެވެ. އަބަދަށް ދެމިހުރުން ލިބިގެންވާ އެއްޗަކީ ކޮބައި ހެއްޔެވެ؟

12 أيها المزدهي إذا مسك السقـــــــــــــــــــم ألا تشتكي؟ ألا تتنهد؟

އޭ މިހިރަ ބޮޑާވެގަނެ، ފަޚުރުވެރިވާ ކަލޭގެ އާއެވެ؟ އިނބައަށް ބައްޔެއް ޖެހިއްޖެނަމަ (ވޭންއަޅާ، އެކަމާ) ޝަކުވާ ނުކުރަން ހެއްޔެވެ؟ އަދި (ވޭނުގެ) ފުން މާނޭވާތައް ނުލަމު ހެއްޔެވެ؟

13 وإذا راعك الحبيب بهجر ودعتك الذكرى تتوجد؟

އަދި (އިނބަގެ) ލޯބިވެރިޔާ އިނބަ ދޫކޮށްލައި ހިތްދަތިކަން މެދުވެރިކުރުމުން، ލޯބިވެރިޔާ މަތިން ހަނދާންވެ، އިނބަގެ ހިތުގައި (އޭނާގެ މައްޗަށް އޮތް ލޯބީގެ) އިހުސާސުތައް އުތުރި އަރައި ނުގަނޭ ހެއްޔެވެ؟

14 أنت مثلي يبش وجهك للنعمي وفي حالة المصيبة يكمد

އިނބަ އަހަންނެކޭ ހަމަ އެއްފަދައެވެ. އުފާވެރިކަމެއް ދިމާވެއްޖެނަމަ އިނބަގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. އަދި މުސީބާތެއް ދިމާވެއްޖެނަމަ (މޫނުމަތިން) އުޖާލާކަން ގެއްލި ކުލަ ބަދަލުވެ (ދެރަވާކަން ފާޅުވެ) އެވެ.

15 أدموعي خل ودمعك شهك؟ وبكائي ذل ونوحك سؤدد؟

(އިނބަ ހީކުރަނީ) އަހަރެން (އަޅާ) ކަރުނައިގައި ދެނީ ރާހުތުގައި (ދޭ ފަދަ ހުތް) ރަހަ ކަމަށް ހެއްޔެވެ؟ އަދި އިނބަ (އަޅާ) ކަރުނައިގައި ދެނީ މާމުއިގައި ދޭ (ފަދަ، މީރު، ފޮނި) ރަހަ ކަމަށް ހެއްޔެވެ؟ އަދި (އިނބަ ދެކެނީ) އަހަރެން ރޯރުއިމަކީ ދެރެ ނިކަމަތިވުން ކަމަށް ހެއްޔެވެ؟ އަދި އިނބަ އަޑުލައި ރޯރުއިމަކީ މޮޅުކަމެއްކަމަށް ހެއްޔެވެ؟

16 وابتسامي السراب لا ري فيه؟ وابتسماتك اللآلي الخرد؟

އަދި އަހަރެންގެ ހިނިތުންވުމަކީ އޭގައި ފެނެއް، އެބަހީ، ދިރުމެއް، ނެތް ކަމެއްކަމަށް ހެއްޔެވެ؟ އަދި އިނބަގެ ހިނިތުންވުންތަކަކީ ބޭނުން ނުކޮށްހުރި (އާ އަގުބޮޑު) މުތްތަކެއް ކަމަށް ހެއްޔެވެ؟

17 فلك واحد يظل كلينا حار طرفي به وطرفك أرمد

އަހަރުމެން ދެމީހުންނަށް ވެސް ހިޔާވެހިކަން ދެނީ ހަމަ އެއް އުޑެކެވެ. އެ އުޑުގެ (މަތިވެރިކަން ފެނި) އަހަރެންގެ ލޯވަނީ ހައިރާންވެ އަންތަރީސް ވެފައެވެ. ނަމަވެސް އިނބަގެ ލޮލަށް ވަނީ ލޮލުރޯގާ ޖެހިފައެވެ. (އަދި، އެހެންވެ އިނބަގެ ލޮލަކަން އެކަމެއް ނުފެނެއެވެ.)

18 قمر واحد يطل علينا وعلى الكوخ والبناء الموطد

އަހަރުމެން (އެންމެން)ގެ މައްޗަށްވެސް އަރަނީ ހަމަ އެއް ހަނދެކެވެ. ޖިފުޓި ގަނޑުގެ މައްޗަށާއި އަދި ވަރުގަދަ އަށް ހެދިފައިވާ އިމާރާތްތަކުގެ މައްޗަށްވެސް މެއެވެ.

19 إن يكن مشرقا لعنيك إني لا أراه من كوة الكوخ أسود

އިނބަގެ ލޮލަށް ހަނދުވަރުގެ އަލިކަން އަލިކަމެއްގެ ގޮތުގައި ފެނިފައި، އަހަންނަށް، އަހަރެންގެ ޖިފުޓިގަނޑުގެ ބާގަނޑުން (ހަނދުވަރުގެ ރީތި އަލި) ފެންނަނީ ކަޅުއަނދިރި ގަނޑެއްގެ (ސިފައިގައި ކަމަށް އިނބަ ހީކުރަނީ) ހެއްޔެވެ.

20 النجوم التي تراها أراها حين تخفى وعندما تتوقد

އިނބައަށް ފެންނަ ތަރިތައް ހަމަ އަހަންނަށްވެސް ފެނެއެވެ. އެތަރިތައް އޮއްސޭތަނާއި އަދި އެތަރިތައް (އަރައި) ފިޔަޖަހަޖަހާ ހުންނަތަން ވެސް މެއެވެ.

21 لست أدنى على غناك إليها وأنا من خصاصتي لست أبعد

އިނބަގެ މުއްސަނދި ކަމުގެ ސަބަބުން އެތަރިތަކާ އިނބަވަނީ ވަކިން ކައިރިއެއްގައެއް ނޫނެވެ. އަދި އަހަރެންގެ ފަގީރު ކަމުގެ ސަބަބުން އަހަރެންވަނީ އެތަރިތަކާއި ވަކިން ދުރެއްގައެއްވެސް ނޫނެވެ.

22 أنت مثلي من الثرى وإليه فلماذا، يا صاحبي، التيه والصّد

އަހުރެން ފަދައިން އިނބައަކީވެސް ބިމުގެ ކިސަޑުން ހެދިފައިވާ މީހެކެވެ. އަދި އެނބުރި ދާހުރީވެސް ހަމަ ބިމުގެ ކިސަޑު ގަނޑުގެ ތެރެއަށެވެ. އެހެންކަމަށް ވާއިރު ތިހާވަރަށް ކިބުރުވެރިވެ، އަހަންނާ ދުރަށްދާން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟

23 كنت طفلا إذ كنت طفلا وتغدو حين أغدو شيخا كبيرا أدرد

(އެއް ދުވަހެއްގައި) އަހަރެން ކުޑަ ކުއްޖެއްގެ ގޮތުގައި ވީ ފަދައިން، އިނބަވެސް ކުޑަކުއްޖެއްގެ ގޮތުގައި ވިއެވެ. އަދި އުމުރުން ދުވަސްވެ، ދަތްކޮޅު ފައިބައިފައިވާ ބޮޑު މުސްކުޅިއަކަށް އަހަރެން ވާނޭ (ދުވަސް އަންނާނޭ) ފަދައިން، އިނބަވެސް އެފަދަ މުސްކުޅިއަކަށް ވާނޭ (ދުވަސް އަންނާނެ) އެވެ.

24 لست أدري من أين جئت، ولا ما كنت، أو ما أكون، ياصاح، في غد

އޭ އެކުވެރިޔާއެވެ، އަހަރެން ވުޖޫދަށް އައީ ކޮންތާކުން ކަމެއް އަހަންނަކަށް ނޭނގެއެވެ. އަދި، އޭގެ ކުރިން އަހަރެން އޮތީ ކޮން ހާލެއްގައި ކަމެއް، ނުވަތަ މާދަމާ އަހަންރެންގެ (ހާލަތު) ބަދަލުވެގެން ދާނީ ކިހިނެއްކަމެއް ވެސް (އަހަންނަކަށް ނޭނގެއެވެ.)

25 أفتدري؟ إذن فخبّر و إلاّ فلماذا تظنّ أنّك أوحد؟

އިނބައަށް އެކަންކަން އެނގެނީ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އެވާހަކަތައް އަޅެ ނިކަން ކިޔައިދީ ބަލާށެވެ. މިކަންކަމަކީ އިނބައަށް ވެސް ނޭނގޭ ކަންކަމަށް ވާއިރު، އިނބަ ފަދަ ދެވަނައެއް ނުވާ (މާ މޮޅު، ޚާއްސަ) މީހެއްގެ ގޮތުގައި އިނބަ (އަމިއްލައަށް) ތިދެކެނީ ކީއްވެ ހެއްޔެވެ؟

26 ألك القصر دونه الحرس الشا كي ومن حوله الجدار المشيّد

ހަތިޔާރު އެޅި ފާރަވެރިން ބަލަހައްޓަމުން ގެންދާ، އަދި، އެތަނުގެ ވަށައިގެން ފާރުލެވިފައިވާ، (އިނބަ އުޅެމުންދާ ތި)ގަނޑުވަރަކީ ހަމަ އިނބަގެ މިލްކެއް ހެއްޔެވެ؟

27 فامنع اللّيل أن يمدّ رواقا فوقه، والضباب أن يتلبّد

(އެހެންކަމަށް ވަންޏާ) ރޭގަނޑު (ގެ އަނދިރިކަން) އެ ގަނޑުވަރުގެ މައްޗަށް ފެތުރުނަ ނުދީ އަދި ދުންފިނި (ވެސް) ބޯވެ (ގަނޑުވަރު މައްޗަށް ފެތުރުނަ ނުދީ) ނިކަން ހިފަހައްޓަބަލާށެވެ.

28 وانظر النور كيف يدخل لا يطلب أذنا ، فما له ليس يطرد؟

އަލިކަމުގެ މައްޗަށް، ނިކަން ނަޒަރު ހިންގާލަ ބަލާށެވެ. އެއަލިކަން އައިސް (ގަނޑުވަރު ތެރަށް ވަންނަ)ގޮތުގެ މައްޗަށެވެ. (އިނބަގެ ކިބައިން) އިޒުނައެއް ހޯދުމަކާ ނުލައި (އެ އަލިކަން އައިސް ގަނޑުވަރު ތެރަށް) ވަންނައިރު ވެސް އިނބައަށް އެއަލިކަން ފައްސާ ނުލެވެނީ ކީއްވެގެން ހެއްޔެވެ.

29 مرقد واحد نصيبك منه أفتدري كم فيك للذرّ مرقد؟

މިބިމުން އިނބައަށް އޮތީ ހަމަ އެއްމެ ޖާގައެވެ. ނަމަވެސް، އިނބަގެ ހަށިގަނޑުގެ ކިތައް ތަނުން، ފަނިފަކުސަތައް ކައިބޮއި އެތަންތަނުގައި ނިދާ ހަދާނެކަން އިނބައަށް އެނގޭ ހެއްޔެވެ؟

30 ذدتني عنه، والعواصف تعدو في طلابي، والجوّ أقتم أربد

އިނބަ، އަހަރެން، އެގަނޑުވަރުން ނެރެ، ބޭރުކޮށްލީމުތާއެވެ. ޖައްވު ކަޅުކޮށްލައި، (މޫސުން) ގޯސްވެ އަދި ތޫފާނުތައް އަހަރެން ފަހަތުން ދުވަމުން އައިކަމުގައި ވިޔަސް ވެހެވެ.

31 بينما الكلب واجد فيه مأوى وطعاما ، والهرّ كالكلب يرفد

ނަމަވެސް (އިނބަގެ) ކުއްތާގަނޑަށް ވެސް (އިނބަގެ ގަނޑުވަރުން) ހިޔާވެހިކަމާއި ކާތަކެތި ލިބެއެވެ. އަދި ހަމަ (އިނބަގެ) ކުއްތާއެކޭ އެއްފަދައިން، (މިކަންކަން، އިނބަގެ) ބުޅަލައްވެސް (ގަނޑުވަރުގައި ހަމަޖެހިފައި) އޮވެއެވެ.

32 فسمعت الحياة تضحك منّي أترجى، ومنك تأبى وتجحد

ދެން، އަހަރެން (މީސްމީހުންގެ ކިބައިން،) ކަންކަމަށް އެދޭތީ، ހަޔާތް، އަހަންނަށް، މަލާމާތް ކުރާއަޑު އަހަރެން އެހީމެވެ. އަދި، (ހަމަ އެހެންމެ،) އިނބަ އަތުގައި އެއްވެސް އެއްޗެއް ނެތްކަމަށް ހަދައި އެއްޗެއް ދިއްކޮށްލުމުން އިންކާރުކުރާތީ، އިނބައަށް ވެސް، (މަލާމާތްކޮށް، ހަޔާތް ހޭ އަޑު އަހަރެން އެހީ) މެވެ.

33 ألك الروضة الجميلة فيها الماء والطير والأزاهر والنّد؟

އެބަގީޗާގައި ފެން (ކޯރުތަކާއި) ދޫނިދޫންޏާއި މާމަލާމެއްޔާއި އަދި ޝަބްނަމް ވެސް ލެއްވިފައިވާ ބަގީޗާއަކީ އިނބަގެ މިލްކެއް ހެއްޔެވެ؟

34 فازجر الريح أن تهزّ و تلوي شجر الروض – إنّه يتأوّد

(އެހެންކަމަށް ވާނަމަ) އެބަގީޗާގެ ގަސްތައް ހަލުވައި، ލަންބައި ހެދިޔަނުދީ، (ބަގީޗާއަށް) ޖެހޭ ވައިރޯޅި ނިކަން ފައްސާލަ ބަލާށެވެ. (އެހެނީ) ބަގީޗާގެ ގަސްތައް އެކަމާ އުނދަގޫވެގެން އެބަ މާނޭވާ އެބަލައެވެ.

35 والجم الماء في الغدير ومره لا يصفق إلاّ وأنت بمشهد

އަދި ކޯރުގެ ފެންގަނޑުވެސް ބަނދެ ހިފަހައްޓައި، އިނބަގެ ހާޒިރުގައި މެނުވީ އެފެންގަނޑު ދެމި، އަޑު ނުލެއްވުމަށް، އެފެންގަނޑަށް، އަމުރުކޮށްބަލާށެވެ.

36 إنّ طير الأراك ليس يبالي أنت أصغيت أم أنا إن غرّد

ގަސްގަހުގައި ތިބޭ ދޫނިތައް ލަވަކިޔަމުން ދާއިރު، އެލަވަ އަޑުއަހަނީ އިނބަތޯ ނޫނީ އަހަރެންތޯ އެދޫނިތަކެއް ނުބަލައެވެ.

37 والأزاهير ليس تسخر من فقـــــــــــــــــري ، ولا فيك للغنى تتودّد

އަދި (ބަގީޗާގެ) މާތައް، އަހަރެންގެ ފަގީރު ކަމާމެދު މަލާމާތް ކޮށެއްވެސް ނުހަދައެވެ. އަދި އިނބަ މުއްސަނދި ވެގެން، އިނބައާއި ގާތްވެގަންނާކަށް ވެސް އެމާތަކެއް ނޫޅެއެވެ.

38 أ لك النهر؟ إنّه للنسيم الرطـــــــــــــــــــــب درب و للعصافير مورد

އިނބަ ހީކުރަނީ ބަގީޗާގެ ކޯރަކީ އިނބަގެ (އެކަނި) އެއްޗެއް ކަމަށް ހެއްޔެވެ؟ އެކޯރަކީ ފިނި، މަޑުމަޑު، ރޯޅިވެސް ދަތުރުކުރަން އޮތް މަގެކެވެ. އަދި ދޫނިތައް ފެންބޯން އޮތް ތަނެއްވެސް މެއެވެ.

39 وهو للشهب تستحمّ به في الصيـــــــــــــــــــــــف ليلا كأنّها تتبرّد

އަދި އެކޯރަކީ ހޫނުމޫސުމުގައި، ރޭގަނޑުގެ ވަގުތުގައި، ފިނިކޮށްލުމަށްޓަކައިހެން، ތަރިތައް، ފެންވަރާވެސް ތަނެވެ.

40 تدعيه فهل بأمرك يجري في عروق الأشجار أو يتجعّد؟

އެ ކޯރަކީ (އިނބަގެ އެއްޗެއްކަމަށް) އިނބަ ދައުވާ ކުރަމުތާއެވެ. އެހެންވެއްޖިއްޔާ ގަސްގަހުގެ މޫމުލުގައި (އެކޯރުގެ ފެން) ހިނގަނީ، އަދި އެކިދިމަދިމާލަށް އެފެންގަނޑު ދަތުރުކޮށް ދެމެނީ އިނބަގެ އަމުރުކުރުމަށް ހެއްޔެވެ؟

41 كان من قبل أن تجيء؛ وتمضي وهو باق في الأرض للجزر والمد

އިނބަ މިދުނިޔެއަށް އައުމުގެ މާ ކުރިންވެސް އެކޯރު އޮތެވެ. އަދި އިނބަ ނެތިދިޔުމަށްފަހު ވެސް އެކޯރު ދުނިޔޭގައި، ދިޔަވަރު ހިނދުމާއި ބޮޑުވުމުގެ ގާނޫނަށް ތަބާވުންމަތީ، ދެމި އޮންނާނެއެވެ.

42 ألك الحقل؟ هذه النحل تجي الشهد من زهرة و لا تتردّد

އިނބަ ހީކުރަނީ މުޅި ފެހި ދަނޑަކީވެސް އިނބަގެ އެއްޗެއް ކަމަށް ހެއްޔެވެ؟ (ނަމަވެސް) މާމުއި ކުޅަނދުރުތައް އެއްވެސް ޖެހިލުމެއްނެތި އައިސް (އެދަނޑުގައިވާ) މާމަލުގެ ފޮނި ބޮއެވެ. (އެކަން އިނބައަށް ހުއްޓުވޭނެ ހެއްޔެވެ؟)

43 وأرى للنمل ملكا كبيرا قد بنته بالكدح فيه و بالكد

އަދި ހިނިވެސް، ގަދަ މަސައްކަތް ކޮށް، އެތައް ދަލެއް އޮހޮރުވައިގެން، އެދަނޑުގައި (ހޮރުތައް ކޮނެ) އެ އެއްޗެތީގެ ވެރިކަމެއް، ހަދާފައިވާތަން އަހަންނަށް ފެނެއެވެ.

44 أنت في شرعها دخيل على الحقــــــــــــــــل ولصّ جنى عليها فأفسد

މި ކުޅަނދުރުތަކާއި ހިނިތަކުގެ ގާނޫނުގައި އިނބަ އަކީ އެވެރިންގެ ދަނޑަށް އަމިއްލައަށް ވަދެގަނެ (ގަދަކޮށްލައި) ގެން، މުޅި ދަނޑު ފަސާދަކުރަން އުޅޭ ވަގެކެވެ.

45 لو ملكت الحقول في الأرض طرّا لم تكن من فراشة الحقل أسعد

ބިމުގައިވާ ހުރިހާ ދަނޑުތަކެއް އިނބަގެ މިލްކަކަށް ވެފައިއޮތަސް، ދަނޑުގައި އުދުހި އުޅޭ ކޮކާލަކަށް ވުރެ ވަކީން އިނބަ އުފަލެއް ނުވީހެވެ.

46 أجميل؟ ما أنت أبهى من الور دة ذات الشذى و لا أنت أجود

އިނބަ ދެކެނީ އިނބައަކީ މާރީތި މީހެއް ކަމަށް ހެއްޔެވެ؟ (ދަނޑުގައި ފޮޅިފައިވާ) މީރުވަސް ދުވާ ފިނިފެންމަލަކަށް ވުރެ ވަކީން އިނބަ ރީތިވެފައި އެއަށްވުރެ އިނބަގެ ދީލަތިކަން ބޮޑެއް ނޫނެވެ. (އެ ފިނިފެންމާ، އެއްވެސް އަގަކާ ނުލާ، އެންމެނަށްވެސް އޭގެ ވަސް ދުއްވާލައެވެ.)

47 أم عزيز؟ وللبعوضة من خدّيـــــــــــــــــك قوت وفي يديك المهند

ނޫނީ އިނބަ ދެކެނީ އިނބައަކީ މާ އިއްޒަތްތެރި ބާރުވެރި މީހެއް ކަމަށް ހެއްޔެވެ؟ (ނަމަވެސް) އިނބަގެ ދެއަތުގައި މޮޅު ކަނޑިއެއް އޮތްކަމަށް ވިޔަސް، އިނބަގެ ދެކޯތާފަތް މަތިން، މަދިރި (ލޭބޮއި) ކާނާ ލިބިގަނެއެވެ. (އިނބައަށް އެ މަދިރި ގަނޑުވެސް، އިނބަގެ ލޭ ބުއިމުން، މަނަލެއް ނުކުރެވެއެވެ.)

48 أم غنيّ؟ هيهات تختال لولا دودة القز بالحباء المبجد

ނޫނީ އިނބަ ދެކެނީ އިނބައަކީ މުއްސަންޖެއްކަމަށް ހެއްޔެވެ؟ ފަށުވި ހަދާ ފަނީގެ ދީލަތިކަން ނެތްނަމަ، އިނބައަށް، ތި(ފަށުވި ހެނދުންލައިގެން) ބޮޑާކަންމަތީ ހިނގައި އުޅެވޭނެ ގޮތެއް ނޯންނާނެއެވެ.

49 أم قويّ؟ إذن مر النوم إذ يغــــــــــــــــشاك والليل عن جفونك يرتد

ނޫނީ އިނބަ ހީކުރަނީ އިނބައަކީ މާ ވަރުގަދަ މީހެއް ކަމަށް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ، ރޭގަނޑުވުމުން އިނބަގެ މައްޗަށް ވެރިވާ ނިދި، އިނބަގެ ލޮލުގެ ބޮނޑިން ނިކަން ދުރަށް ޖައްސާލަބަލާށެވެ.

50 وامنع الشيب أن يلمّ بفوديـــــــــــــــــــــــك ومر تلبث النضارة في الخد

އަދި، އިނބަގެ ދެކަންހުޅީގައި ޖަހާ ފެތުރިފައިވާ ނުރަތައް، (ފެތުރުނަ ނުދީ) ހުއްޓުވައި އަދި އިނބަގެ (ކޯތާފަތް މަތީގައިވާ ރޫތައް ފިލުވައި) ކޯތާފަތް މައްޗަށް އޮފުކަން އަލުން ގެނެސް ބަލާށެވެ.

51 أعليم؟ فما الخيال الذي يطـــــــــــــــــــــــرق ليلا؟ في أيّ دنيا يولد؟

އިނބަ ހީކުރަނީ އިނބައަކީ އިލްމުވެރި މީހެއްކަމަށް ހެއްޔެވެ؟ އެހެންކަމަށްވާނަ، ރޭނގަޑު ހިތަށް ވެރިވާ ޚިޔާލުތަކުގެ (ހަގީގަތަކީ) ކޮބައިކަން އަޅެ ބުނެދީބަލާށެވެ؟ އެ ޚިޔާލުތައް އުފަންވަނީ ކޮން ދުނިޔެއެއްގައި، ކޮންތާކު ހެއްޔެވެ؟

52 ما الحياة التي تبين و تخفى؟ ما الزمان الذي يذمّ و يحمد؟

ފެނިލާފަ ދެން ގެއްލިގެންމިދާ ހަޔާތުގެ (ސިއްރަކީ) ކޮބާ ހެއްޔެވެ؟ އަދި، (އެއްބަޔަކު) އެ ބަދުނާމުކޮށް އަދި (އަނެއްބަޔަކު) އެއަށް ތައުރީފުކޮށްއުޅޭ ޒަމާނުގެ (ހަގީގަތަކީ) ކޮބާ ހެއްޔެވެ؟

53 أيّها الطين لست أنقى وأسمى من تراب تدوس أو تتوسّد

އޭ މިހިރަ މަށީގެ (އިންސާނާ)އެވެ! އިނބަ، އޭގެ މަތީގައި ތިހިނގާއުޅޭ، އަދި (ކޮންމެވެސް ދުވަހަކުން، މަރުވުމުން) އޭގެ މަތީގައި އޮށޯވެ އޮންނަން ޖެހޭނޭ، (ބިމުގެ) ވެލިގަނޑަށް ވުރެ އިނބަ ވަކީން ތާހިރުވެފައި މަތިވެރިވެގެން ނުވެއެވެ.

54 سدت أو لم تسد فما أنت إلاّ حيوان مسيّر مستعبد

އިނބަ ވެރިޔަކަށް ވިޔަސް ނުވަތަ ނުވިޔަސް، އިނބައަކީ އަޅުވެތި ކުރެވި، އަދި އޭގެ ތަގުދީރު ކަނޑައެޅި ފައިވާ ދިރިހުރި އެއްޗަކަށް ނޫނީ ނުވެއެވެ.

55 إنّ قصرا سمكته سوف يندكّ ، وثوبا حبكته سوف ينقد

އިނބަ ގަނޑުވަރެއް މައްޗަށް ނަގައި ބިނާކުރިކަމުގައިވިޔަސް، އެގަނޑުވަރުވެސް ބިމާ ހަމަވެ ފުނޑުފުނޑުވެ ނެތިގެން ދާނެއެވެ. ނޫނީ އިނބަ ހެދުމެއް ވިޔެ ތައްޔާރުކުރިޔަސް އެހެދުންވެސް ހަމަ ވީރާނެވެ، ހަލާކުވެގެން ދާނެއެވެ.

56 لا يكن للخصام قلبك مأوى إنّ قلبي للحبّ أصبح معبد

(މިއީ ހަގީގަތް ކަމަށް ވާއިރު،) އިނބަގެ ހިތުގައި ދެކޮޅުވެރިކަމަށް ހިޔާވެހިކަން ނުދޭށެވެ. ހަމަ ކަށަވަރުން އަހަރެންގެ ހިތް ހަދާލެވިފައި އޮތީ ލޯބީގެ ފައްޅިއަކަށެވެ.

57 أنا أولى بالحب منك وأحرى من كساء يبلى و مال ينفد

އިބަގެ ލޯބި، ހަލާކުވެ ވިރާނެވެގެންދާނޭ ހެދުމަކަށް ލިބުމަށް ވުރެން، އަހަންނަށް އެލޯބި ލިބުން އައުލާވެފައި ހައްގުކަން ބޮޑުވެގެން ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *