Support Us

ޝޭކްސްޕިޔަރގެ ސޮނެޓްތައް- 1

ވިލިޔަމް ޝޭކްސްޕިޔަރ އަކީ އިނގިރޭސިބަހުގެ އެންމެ މަޝްހޫރު އަދީބުކަމުގައި ބެލެވޭ ލިޔުންތެރިއާއެވެ. އޭނާއަކީ ޅެންވެރިއެކެވެ. އަދި ޑުރާމާއާއި ތަމްސީލު ލިޔުންތެރިއެކެވެ. މީގެ އިތުރުން މުމައްސިލެއް ވެސް މެއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1564 ގައެވެ. އަދި އަވަހާރަވީ 1616 ގައެވެ. އޭނާގެ އަދަބީ މަސައްކަތްތަކުގެ ތެރޭގައި 38 ތަމްސީލު ހިމެނެއެވެ. އަދި އޭނާގެ ޅެންތެކުގެތެރޭގައި 154 ސޮނެޓުއާއި އިތުރު އެހެން ގަސީދާ، ޅެންތައް ވެސް ހިމެނެއެވެ. އޭނާގެ ތަމްސީލުތައް ވަނީ ދުނިޔޭގެ މައިގަޑު ހުރިހާ ބަހަކަށްހެން ތަރުޖަމާ ކުރެވިފައެވެ. ދިވެހިބަހަށްވެސް ޝޭކްސްޕިޔަރގެ ބައެއް ތަމްސީލުތައް، އަލްމަރުހޫމް އަބްދުﷲ އިސްމާއީލު، ތަރުޖަމާކުރެއްވިކަމުގެ ވާހަކަ އިވިފައި ވެއެވެ. މިކަމުގެ ހަގީގަތް އެނގިލައްވާ ބޭފުޅެއްވާ ނަމަ، ކިޔުންތެރިންނަށް، އެކަން އިތުރަށް ސާފުކޮށްލަދެއްވުން އެދެމެވެ.

ތިރީގައި ގެނެސް ދެވިފައި ވަނީ ޝޭކްސްޕިޔަރގެ ޅެންތަކުގެތެރޭ ހިމެނޭ ސޮނެޓުތަކުގެ ތެރެއިން ފުރަތަމަ ސޮނެޓުގެ ތަރުޖަމާއެކެވެ. ސޮނެޓްގެ ލަފުޒީ މާނައަކީ 'ކުރު ލަވަ' މިއެވެ. އަދަބީ އިސްތިލާހީ މާނައިގައި ސޮނެޓްއަކީ އާންމު ގޮތެއްގައި ސާދަ ބައިތުގެ މައްޗަށް އެކުލެވޭ ވަކި ވަޒަނަކަށް ހެދިފައިވާ ޅެމެކެވެ. މި ސާދަބައިތުގައި ހިމެނެނީ ހަތަރުވަތުގެ (ކުއަޓްރެއިން- ހަތަރު ފޮޅުވަތުގެ މައްޗަށް އެކުލެވޭ ބައެއްގެ) މައްޗަށް އެކުލެވޭ ތިންބަޔާއި އިތުރު ދެބައިތެވެ. ސޮނެޓުގެ ވަޒަނަކީ 'އިއަމްބިކް ޕެންޓަމީޓަރ' އެވެ. މާނައަކީ ކޮންމެ ބައިތެއް އެކުލެވިގެންވަނީ 10 ސިލަބަލްގެ މައްޗަށެވެ. އަދި ކިޔުމުގައި ބާރު އެޅެނީ ކޮންމެ ދެވަނަ ސިލަބަލެއްގެ މައްޗަށެވެ. މީގެ އިތުރުން ކޮންމެ ހަތަރުވަތެއްގައި ކާފިޔާ (ރައިމް) އެއްގޮތް ކުރެވެނީ އެއްބައިތު ދޫކޮށް އަނެއްބައިތާއެވެ. މިސާލަކަށް ފުރަތަމަ ބައިތާއި ތިން ވަނަ ބައިތެވެ. ދެވަނަ ބައިތާއި ހަތަރު ވަނަ ބައިތެވެ.

މި ސޮނެޓުތަކުގެ ތެރެއިން ބޮޑު ބައެއްގައި ޝޭކްސްޕިޔަރ މުޚާތަބު ކުރަނީ އޭނާގެ ގާތް އެކުވެރި ރަހުމަތްތެރިއަކާއެވެ. އެހެންވެ، ބޭނުންކުރެވިފައިވާ ބައެއް އިބާރަތްތަކަކީ، އާންމު ގޮތެއްގައި މީސްމީހުންނާ މުޚާތަބުކޮށް ވާހަކަދައްކާއިރު ބޭނުންކޮށްފި ނަމަ ބޭއަދަބީ އިބާރާތެއް ކަމުގައި ވިޔަސް، އެ ދެމީހުންގެ ދޭތެރޭ އޮތް ގާތް ގުޅުން އަންގައިދޭ އިބާރާތެކެވެ. މިސާލަކަށް ތިން ވަނަ ހަތަރުވަތުގެ ފަހުބައިތުގައި ބޭނުން ކޮށްފައިވާ 'ޓެންޑަރ ޗާރލް' އަށް ބައްލަވާލައްވާށެވެ! "ތަޖުރިބާމަދު ބަޚީލެވެ!" މީހަކާ ދިމާލަށް ބަޚީލެކޭ ބުނުންވާނީ ވާހަކަ ދެއްކުމުގެ އަދަބާ ޚިލާފުކަމަކަށެވެ. ނަމަވެސް މި އިބާރަތުން އެއްވެސް އިހާނެތިކޮށްލުމެއް ނޫން ނަމަ ހިތުގެ ނުރުހުމެއް، ރުޅިވެރިކަމެއް، ފާޅުކުރުމުގެ ގަސްދެއް ނުވެއެވެ. މިއަބާރާތުން ބޭނުންވަނީ ރަހުމަތްތެރިޔާ ކައިވެނިނުކޮށް ކުދީންނުހޯދާ ހުންނަ ހުރުން، މުދާ އެއްކޮށް ޖަމާކޮށް، އެއްވެސް އެހީތެރިކަމެއް އެހެންމީހަކަށް އެމުދަލުން ފޯރުކޮށްނުދީ ހުންނަ ދަހިވެތި މީހަކާ އެއްފަދައޭ ބުނެ ރަހުމަތްތެރިޔާއާ ސަމާސާކޮށްލުމެވެ. އަދި އެންމެ ފަހު ދެބައިތުން ކުރެ ފުރަތަމަ ބައިތުގައިވާ 'އޯ އެލްސް ދިސް ގްލަޓަން ބީ' މިޖުމްލައަށް ބައްލަވާލައްވާށެވެ. 'އެހެންނޫނީ (ކަލާ) ވާނީ – އާންމު ބަހުރުވައިން ބުނާނަމަ – މާކުންބެއަކަށެވެ، ކެއުމުގައި ހައްދުފަހަނަ އަޅާފައިވާ މީހަކަށެވެ.' މިބައިތުގައި ވެސް ރަހުމަތްތެރިޔާއާ މުޚާތަބުކޮށް އޭނާއަކީ 'ގްލަޓަން' އެކޭ ބުނުމުގައި އެއްވެސް ހިތްނުބައި ކުރުމެއް، ބަދު ބަހެއް ބުނުމުގެ ނިޔަތެއް، ނުވެއެވެ.

އާދެ، ޝޭކްސްޕިޔަރގެ ސޮނެޓުތަކުގެ ތެރެއިން ފުރަތަމަ ސޮނެޓަށް ބަލާލަމާތޯއެވެ.

From fairest creatures we desire increase,
That thereby beauty’s rose might never die,
But as the riper should by time decease,
His tender heir might bear his memory:

ތަރުޖަމާ

(ކާއިނާތުގައިވާ) ރިވެތި މަޚުލޫގުންގެ ކިބައިން އަހަރުމެން އެދެނީ (ދަރިފަސްކޮޅު ބޮޑުކޮށް) އިތުރުކުރުމެވެ.

ފަހަރެއްގައި ވެސް، ރީތީގެ ފިނިފެންމާ މަރުވެ، ނެތިނުދިޔުމަށްޓަކައެވެ.

އަހަރުތައް ފާއިތުވަމުންގޮސް، ހަޔާތް ފުރިހަމަވެ، އޭނާ ނިމިދިޔުމުން،

އޭނާގެ ޒުވާން ވާރިސު އޭނާގެ (ރީތިކަމުގެ) ހަދާން އުފަލައި ދެމެހެއްޓުމަށްޓަކައެވެ.

ޖުމްލަ މާނަ

އަހަރުމެންގެ އެދުމަކީ ރީތި މީސްމީހުން ގިނައިން ދަރީން ހޯދުމެވެ. އެއީ އެމީހުންގެ ރީތިކަން އަބަދަށް ދެމިހުރުމަށްޓަކައެވެ. އެހެނީ ރީތި މައިންނާއި ބަފައިން މުސްކުޅިވެ، މަރުވެދާއިރު، އެރީތިކަން އޮންނާނީ އެމީހުން މިދުނިޔެއަށް ދޫކޮށްފައިދާ ދަރީންނަށް ވާރުތަވެ، ލިބިފައެވެ. އަދި އަހަރުމެންނަށް އެކުދިން ފެނުމުން، އެމީހުންގެ މައިން ބަފައިންގެ ރީތިކަން މަތިން، ހަދާންވާނެއެވެ.

But thou contracted to thine own bright eyes,
Feed’st thy light’s flame with self-substantial fuel,
Making a famine where abundance lies,
Thy self thy foe, to thy sweet self too cruel:

ތަރުޖަމާ

އެހެންނަމަވެސް، ކަލާގެ އަމިއްލަ އުޖާލާވި ދެލޮލާ ކަލާ(ގެ އަމިއްލަ ނަފްސު، ކައިވެނީގެ) އަގުން ގުޅުވާލައިގެން، ކަލާ ތިދަނީ، އެ(ދެލޮލުގެ) އަލީގެ ހުޅުކޮޅު (ހަމަ އެކަނި) އަމިއްލަ ނަފުސުން ލިބޭ ހަކަތައިން ރޯކޮށް، ބޭނުންކުރަމުންނެވެ.

ތަނަވަސްކަމެއް ލިބެންއޮއްވާ (އޭގެ ބަދަލުގައި) ކަލާ ތިގެންނަނީ ބަނޑުހައިހޫނުކަމެކެވެ.

(އަދި މިސަބަބަށްޓަކައި) ކަލާވާނީ ކަލާގެ އަމިއްލަ ނަފުސުގެ ދުޝްމަނަކަށެވެ. އަދި ކަލާގެ ލޯބިލޯބި ނަފްސަށް އިންތިހާއަށް އަނިޔާވެރިވާ މީހަކަށެވެ.

ޖުމްލަ މާނަ

ކަލާ ތިވަނީ ކަލާގެ އަމިއްލަ ރީތި ރީތި ދެލޮލުގެ ލޯބީގައި ޖެހިފައެވެ. އަދި މިކަމުގެ ސަބަބުން، ކައިވަންޏެއްކޮށް އެހެން މީހަކާއެކު ކަލާގެ ރީތިކަން ހިއްސާ ނުކުރުމުން، އެރީތިކަން އުއްބައްތިއެއް އޭގެ އަލިކަން ލިބދިނުމަށްޓަކައި އޭގެ އަމިއްލަ ނަފުސު ރޯކޮށް އަންދައި ހުލިކޮށްލާފަދައިން، ކަލާގެ ރީތިކަން ބޭކާރުކޮށްލެވިގެން އެ ރީތިކަން ނިމިދަނީއެވެ. އަދި މިހެންކަންތައް ކުރުމުން، މުޅި ދުނިޔެއާއި ހިއްސާކޮށްލެވެން އޮތް ރީތިކަމުގެ މުއްސަނދިކަމާއި ތަނަވަސްކަމުން، ދުނިޔެ މަހުރޫމުކޮށް، ރީތިކަމުގެ ބަނޑުހައިހޫނުކަމެއް ކަލާ މިދުނިޔެއަށް ގެނެސްފިއެވެ. މިސަބަބަށްޓަކައި ކަލާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ އަމިއްލަ ނަފްސުގެ ދުޝްމަނަކަށް ކަލާ ވެއްޖެއެވެ.

Thou that art now the world’s fresh ornament,
And only herald to the gaudy spring,
Within thine own bud burriest thy content,
And, tender churl, mak’st waste in niggarding:

ތަރުޖަމާ

މިވަގުތު ކަލާ އަކީ (މުޅި) ދުނިޔޭގެ (ޒީނަތްކަމަށްވާ) އެންމެ ނަޔާ ގަހަނާއެވެ.

އަދި ކުލަކަލައިން ޒީނަތްތެރިވެގެންވާ ރަބީއު މޫސުން ތަމްސީލު ކޮށްދޭ މީހާއެވެ.

ކަލާ އުފެދި އެކުލެވިގެންވީ ހުރިހާ އެއްޗެއް ވަނީ ކަލާގެ ހަށިގަނޑުގެ ތެރޭގައި ނުފޮޅިވާ މަލުގެ ތެރޭގައި ފޮރުވި، ވަޅުލެވިފައެވެ.

އަދި މިހިރަ (ދުނިޔަވީ ހަޔާތުގެ) ތަޖުރިބާމަދު ބަޚީލެވެ! ކަލާގެ ދަހިވެތިކަމުގެ ސަބަބުން (ކަލާގެ ރީތިކަން) އިސްރާފު ކޮށް ތިޔަ ގެއްލުވާލަނީ އެވެ.

ޖުމްލަ މާނަ

މިވަގުތު ދުނިޔޭގައި ހުރި އެންމެ ރީތި މީހަކީ ކަލާއެވެ. ކަލާގެ ރީތިކަން ތަފާތު ކުލަކުލައިގެ މަލުން ޒީނަތްތެރިކުރެވިފައިވާ ރަބީއު މޫސުމުގެ ރީތިކަމާ އެއްފަދައެވެ. ކަލާއަކީ ކުދީން ލިބުމުގެ އެކަށޭނަކަން ކަލާގެ ކިބައިގައިވާ ޒުވާނެކެވެ. ނަމަވެސް، މުދާ ޖަމާކޮށް ރައްކާކުރާ ދަހިވެތި ބަޚީލެއް ފަދައިން، ކަލާގެ ރީތިކަން އަމިއްލަ ނަފްސުގައި ރައްކާކޮށް ފޮރުވައި ބާއްވައިގެން، އެ ރިތިކަން ބޭކާރުކޮށްލަނީއެވެ.

Pity the world, or else this glutton be,
To eat the world’s due, by the grave and thee

ތަރުޖަމާ

އަޅެފަހެ މިދުނިޔެއަށް ހަމްދަރުދީވެ އަޅާލަބަލާށެވެ! އެހެންނޫނީ ކެއުންބުއިމުގައި ހައްދުފަހަނައަޅާފައިވާ،

ދުނިޔެއަށް ލިބެންވާ ހައްގު، ކަލާ އާއި (ކަލާގެ) ކަށްވަޅު ވެގެން، ކާލި މީހަކަށް ވާށެވެ.

ޖުމްލަ މާނަ

އަހަރުމެންގެ މަތީން ހަދާންކޮށް، އަހަރުމެންގެ މައްޗަށް ހަމްދަރުދީވެ، އޯގާތެރިވެ، މީހަކާ އިނދެ، ކުދީން ހޯދާށެވެ! އެހެންނޫނީ، ކަލާ މަރުވެ ދިޔުމުން މިސްތަކުން ދެކޭނީ، ކަލާ އަކީ ދަހިވެތި ވަލުޖަނަވާރެއް، އޭތީގެ ޝިކާރަ އަމިއްލައަށް ކައިހުސްކޮށްލާފަދައިން، ކަލާގެ ރީތިކަން، ދުނިޔެއާ ހިއްސާކުރުމެއް ނެތި، ދިރިހުރުމާއި މަރުވެ ދިޔުމުގެ ދެމެދުގައި، އަމިއްލައަށް ބޭނުންކޮށް މިދުނިޔެދޫކޮށް ދިޔަ މީހެއްގެ ގޮތުގައެވެ.