...

Support Us

ތާރީޚުގެ ފިލާވަޅު

ދާދި ފަހުން، ރާއްޖޭގެ ތާރީކާ ބެހޭ ވާހަކަތަކެއް ބޭފުޅަކު ހުށަހަޅުއްވާލެއްވި ހުށަހަޅާލެއްވުމެއް އަޑުއަހާލުމުގެ ނަސީބު ލިބުނެވެ. ރާއްޖޭގެ ތާރީޚާ ބެހޭ އެ ވާހަކަތައް ހުށަހަޅާލުމުގައި ތާރީޚީ ވަކި ކަމަކާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް އެކުލެވިގެން ނުވިޔަސް، އަދި، ތަހުލީލީ ނަޒަރަކުން ތާރީޚާ ބެހޭ ކަމެއްގެ މައްޗަށް ބަލާލެވިފައި ނުވިޔަސް، އެ ވާހަކަތަކުގައި ރާއްޖޭގެ ތާރީޚުގެ ބައެއް ކަންކަމާ ގުޅޭ ވާހަކަތައް އެކުލެވިފައި ހުއްޓެވެ. ރާއްޖޭ ސިޔާސީ ތާރީޚާ ބެހޭ ބައެއް ވާހަކަތަކެވެ. ރާއްޖޭގެ އެނގެން އޮތް ތާރީޚުގެ ހިނގައި ދިޔަ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރި ދެ ހާދިސާއެއްގެ ނަންގަނެވި، އަލުން މިނިވަންކަން ލިބުނު ގޮތުގެ ވާހަކައިގެ ނަންވެސް ގަނެވުނެވެ. އަދި، ފަހުން، ރާއްޖޭގެ ޚާރިޖީ ސިޔާސީ މިނިވަންކަން ކޮންމެ ވެސް ސިފައިއެއްގައި ގެއްލިފައި އޮތް ވާހަކައާއި އެކަމުން ވެސް ސަލާމަތްވެ، ފުރިހަމަ މިނިވަންކަން ލިބުނުކަމުގެ ނަން ގަނެވުނެވެ. މިއިން އެއްވެސް ކަމެއްގެ މާ ބޮޑު ތަފްސީލެއް، ތަހުލީލެއް ނުދެވެއެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ ވާހަކައިގެ މައުޟޫއަށް އިޝާރަތްކުރާ ސުރުޚީ އަޅާލެވިފައި އޮތީ އެފަދަ ތަފްސީލަކާއި ތަހުލީލެއް ދޭން ބޭނުން ނޫން ނަމަ، ނުދީ ވެސް، ވާހަކަތައް ދެއްކޭ ގޮތަކަށެވެ. ވާހަކައެއް ދައްކަން މައުޟޫއު އެއް ކަނޑައަޅާލާއިރު، މައުޟޫއަކީ ކޮބައިކަން ރަނގަޅަށް ސާފު ނުވާ ގޮތަށް، ކޮންމެ ފަދަ ވާހަކައެއް ވެސް ދެކެވިދާނޭ އާންމު ސިފައެއްގައި ވާހަކައިގެ ސުރުޚީ އަޅާލެވިއްޖެ ނަމަ، މިންނަގަތް ފަދައިން ވާހަކަ ދެއްކުމުގެ ފުރުސަތު ވާހަކަ ދައްކާ މީހުންނަށް އޮވެއެވެ. އިލްމީ ލިޔުންތެރިކަމުގައި، ޚާއްސަކޮށް، އިލްމީ ބަހުސް ލިޔުންތަކުގައި މައުޟޫގެ ސުރުޚީ ވީހާވެސް ސާފުވާ ގޮތަކަށް އަޅާލެވިފައި އޮންނަން ޖެހެނީ، ދައްކާ ވާހަކަތައް ތަފްސީލުކޮށް، ތަހުލީލުވެސް ދެވޭ ގޮތަށް އޮތުމަށްތަކައެވެ.

ތާރީޚީ ވާހަކަތައް ދައްކާއިރު، ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ ތާރީޚުގެ ވާހަކަ ދައްކާއިރު، މާ ބޮޑު ތަފްސީލަކާއި އަދި ތަހުލީކުރުމަކާ ވެސް ނުލައި ވާހަކަ ދައްކާ އެހެން ސަބަބެއް ވެސް އޮވެއެވެ. އެއީ ދެންމެ މިނަންގަތް ވާހަކަތައް ހުށަހަޅާލަދެއްވި ވާހަކަދެއްކުންތެރިޔާ ވެސް އިޝާރަތް ކުރެއްވި ފަދައިން 'ގޯސް ވާހަކަ ނުދެއްކުމެވެ'. ތާރީޚުގައި ކުރެވޭ ހުރިހާ ކަމަކީ ވެސް، އެ ދުވަސްވަރެއްގެ ވެރިކަމުގައި ތިއްބެވި ބަޔަކު، ގައުމަށްޓަކައި، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މުވާތިނުންގެ ފައިދާއަށްޓަކައި ކުރިކަންކަމުގައި ދެއްކުމެވެ. މިކަން މިހެންވާން ޖެހޭ ސަބަބެއް ވެސް އޮވެއެވެ. މިފަދައިން ވާހަކަދައްކާ ގިނަ މީހުންނަކީ، ވަރަށް ގިނަ ފަހަރަށް، ކޮންމެ ވެސް ޒަމާނެއްގައި ސިޔާސީ ކޮންމެ ވެސް އިސް ދައުރެއް އަދާކުރެވިފައިވާ ބަޔަކަށްވާތީއެވެ. އަދި، އެ ދައުރުގައި ނުރަނގަޅު ކަންތައްތަކެއް ކުރެވިފައި އޮވެދާނެކަން، އަމިއްލަ ޒަމީރަށް ފެނި، އެކަންކަމުގެ ވާހަކަ އަލުން ނުދައްކައި ބޭއްވުމެވެ. މިގޮތުގެ މަތިން، މާޒިގެ ސިޔާސީ ތާރީޚުގެ ސަފުހާތަކަށް ފަސް އެޅި، ފޮރުވާލެވިގެން ދެއެވެ.

މިސާލަކަށް، ރާއްޖޭގެ ވޭތުވެ ދިޔަ، ހަތްދިހަ ވަރަކަށް އަހަރުގެ ތާރީޚުގައި ހިނގައި ދިޔަ ކަންތައްތައް ތާރީޚީ ނަޒަރަކުން ލިޔެވިފައި އެބަ އޮތް ހެއްޔެވެ؟ ރައީސް މުހައްމަދު އަމީނުގެ ވެރިކަމަށް ވަޑައިގެން ގޮތާއި އެވެރިކަން ވެއްޓިގެން ދިޔައީ ކިހިނެއްކަމުގެ ވާހަކަ ތާރީޚީ ނަޒަރަކުން، މައުޟޫއީ ސިފައެއްގައި ލިޔެވިފައި އެބައޮތް ހެއްޔެވެ؟ ހަމަ އެހެންމެ، އޭގެ ފަހުން، ރާއްޖޭގެ ވެރިކަން އޮތް ގޮތާއި، ދެން، ކުޑަ ދުވަސްކޮޅެއްފަހުން، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ފެށުނު ގޮތާއި އަދި އޭގެ 21 އަހަރު ފަހުން ނާސިރުގެ ވެރިކަން ނިމިދިޔަ ގޮތުގެ ވާހަކަތައް ތާރީޚީ ނަޒަރަކުން ބަލައި، މައުޟޫއީ ސިފައެއްގައި، ލިޔެވިފައި އެބަ އޮތް ހެއްޔެވެ؟ ދެން، އައި މައުމޫނީ ތިރީސް އަހަރު ދުވަހުގެ ވާހަކަތައް ވެސް މިނަންގަތް ސިފައިގައި ލިޔެވިފައި އެބަ އޮތް ހެއްޔެވެ؟

އާދެ، ވޭތުވެ ދިޔަ، 70 ވަރަކަށް އަހަރާއި އަދި އޭގެ ކުރިއަށް ބަލާލިޔަސް، ރާއްޖޭގެ ތާރީޚު ތާރީޚީ ނަޒަރަކުން ބަލައި މައުޟޫއީ ސިފައެއްގައި ލިޔެވިފައި ނެތެވެ. ތާރީޚީ ނަޒަރަކުން ބަލައިލުމަކީ، މިސާލަކަށް، ސިޔާސީ ތާރީޚަށް ބަލާލާ ނަމަ، އެކިއެކި ރޮނގުރޮނގުން އައި ކުރި އެރުން ފާހަގަކޮށް، އެކަން ތަހުލީލުކޮށްލުމެވެ. އެކުރިއެރުން ލިބުނީ ކިހިނެއް ކަމާ މެދު ސުއާލުކޮށް، ތާރީޚީ ހެކީގެ މައްޗަށް ބިނާކޮށް، އެ ސުއާލުގެ ޖަވާބު ހުށަހަޅާލުމެވެ. މިހާރު ކަންކުރަމުން އަންނަ ގޮތަކީ، ރަނގަޅު ކަމެއް ކުރެވިފައި އޮތް ނަމަ، އެކަން ފާހަގަކޮށް، އެއީ އެއިރު ވެރިއަކަށް ހުރި މީހަކަށް ޚުޝާމަދުކުރުމުގެ އިތުރުން، އޭނާގެ ވެރިކަމުގެ ދައުރުގައި ހިނގައިދާ ނުރަނގަޅު ކަންތައްތައް ހަނދާނުން ފޮހެލަން ޖެހޭ ކަމަކަށް ވެސް ހެދުމެވެ. މަތީގައި ނަންގަތް ވާހަކަތައް ދެއްކެވި ބޭފުޅާވެސް މި ކަމަށް އިޝާރާތެއް ކުރެއްވިއެވެ. 'ތިމަންނާ ދައްކާނީ ރަނގަޅު ވާހަކަތަކެވެ. ގޯސް ވާހަކަތައް ދެއްކުމަކީ ތިމަންނާގެ ގޮތެއް ނޫނެވެ.' މިފަދަ އިބާރާތެއް ބޭނުން ކޮށެވެ. (ނަމަވެސް، މިބޭފުޅާއަކީ، އެއް ދުވަސް ވަރެއްގައި ވަކި ވެރިޔަކާ އިދިކޮޅަށް މަގުމައްޗަށް ނިކުމެ ހަޅޭލެވުމަށް ބާރުއެޅުއްވި ބޭފުޅެކެވެ!)

ދެން، މައުޟޫއީ ސިފައެއްގައޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ ހެއްޔެވެ؟ އޭގެ މާނައަކީ ލިޔާލިޔުމުގެ މައޟޫއަށް އެކަނި އަމާޒުކޮށްގެން ލިޔުމެވެ. އާދެ، ކަމުގެ މައްޗަށް އަމާޒުކޮށް ކަންކުރި މީހާއަށް، ޒާތީ ގޮތެއްގައި، ބެލުމެއް ނެތިއެވެ. ސިޔާސީ ދައުރެއްގެ މައްޗަށް ތާރީޚީ ނަޒަރަކުން އަލިއަޅުވާލާއިރު، ކުރެވި ދިޔަ ރަނގަޅު ކަންކަން ފާހަގަ ކުރަން ޖެހެއެވެ. އަދި، އެކަމުގެ ހައްގުވެރިންނަށް ޝުކުރާއި ތައުރީފު ރައްދުކުރަން ޖެހެއެވެ. ހަމަ އެހެންމެ، ކުރެވި ދިޔަ ނުރަނގަޅު ކަނތައްތަކާއި، ހަމަ ނުޖެހޭ ސިޔާސަތުތަކެއް ހުރި ނަމަ، އެކަން ވެސް ތަހުލީލުކޮށް، އެކަމުގެ ސަބަބަތުތައް ބަޔާންކޮށް، ލިޔަން ޖެހެއެވެ. ފަހަރެއްގައި ވެސް، ވަކި މީހަކަށް ބަދު ބަސް ބުނުމުގެ ގޮތަކުން ނޫނެވެ. ހަމަ ނުޖެހޭ ސިޔާސަތުތަކާއި ނުރަނގަޅު ކަންތައް ކުރުމުގެ ޒިންމާ ނަގަން ޖެހެނީ ހަމައެކަނި ވެރިންނެއް ނޫނެވެ. ވެރިންނަށް ލަފާދޭން ތިބޭ މީހުންނާއި، ރުހިގެން އެފަދަ ސިޔާސަތުގައް ހިންގަން ތިބޭ މީހުންނާއި، ޚުދް އާންމު ރައްޔިތުންވެސް އެކަމުގެ ޒިންމާ، ކޮންމެ ވެސް ވަރަކަށް ނަގަން ޖެހެއެވެ. އާދެ، އާންމު އިރުޝާދީ ބަހެއްގައި އޮންނަ ފަދައިންނެވެ. "ކޮންމެ މީހަކީ ވެސް ކަންކަން ބަލަހައްޓަން ޖެހޭ މަސްއޫލު ވެރިއެކެވެ. ވެރިން އެމީހުންގެ ޒިންމާ އަދާކުރުމުގައި މަސްއޫލުވެރިވާން ޖެހޭ ފަދައިން، ރައްޔިތުންވެސް، ވެރިންގެ އަމަލުތައް ހުންނަ ގޮތް ބަލަހައްޓައި ޚުޝާމަދުކުރުމާއި ދޮގު ތައުރީފުކުރުމުން އެއްކިބާވެ، އެކަމަށް ބަސް ބުނެވެން އޮންނަ ގޮތަކަށް ހައްގު ބަސް ބުނަން ޖެހެއެވެ. ހައްގު ބަސް ބުނުމުގެ ކެރުން ނެތް ނަމަ ހަނު ހުރުން ވެސް ބުއްދިވެރިއެވެ. އެއްވެސް މީހަކަށް ޚުޝާމަދުކުރުމާއި ދޮގު ތައުރީފުކުރުން މަޖުބޫރުކުރެވިފައެއް ނޯންނައިރު، އެކަން ކުރުމުން ދުރުހެލިވެ ހުންނަން ޖެހެއެވެ. އަދަބު އިހުތިރާމު އަދާކުރުމަކީ ޚުޝާމަދުކުރުމެއް ނޫނެވެ.

ވޭތުވެ ދިޔަ ހަތްދިހަ އަހަރު ދުވަހުގެ ވެރިކަމުގެ ދައުރުތަކަށް ބަލާލާއިރު، އިންގިލާބުތައް ގެނެސްފައި ނުވަތަ ގެންނަން މަސައްކަތް ކުރެވިފައި ވެއެވެ. ރައީސް އަމީން އަވަހާރަވެގެން ދިޔައީ މިފަދަ ހަރަކާތެއްގެ ސަބަބުންނެވެ. ވަރަށް ވެސް އަނިޔާވެރި ގޮތެއްގައެވެ. ބޮޑުވަޒީރު އިބްރާހީމްފާމުދޭރި ކިލެގެފާނަށް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަތެވެ. ރައީސް ނާސިރުގެ 21 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ހަތަރު ފަހަރު ސަރުކާރާ އިދިކޮޅަށް ނިކުމެފައި އޮތްކަން އެނގެން އެބައޮތެވެ. އޭގެ ތެރެއިން އެއްފަހަރު ރައީސް ނާސިރު އަވަހާރަކޮށްލަން އުޅެފައި އޮތެވެ. ހަމަ އެހެންމެ، ރައީސް މައުމޫނުގެ ދުވަސްވަރު ވެސް އެނގިގެން ދެ ފަހަރުމަތިން ސަރުކާރު އިންގިލާބުކޮށްލަން އުޅެފައި އެބަ އޮތެވެ. އަދި، މީގެ އިތުރުން، ސިފައިންގެ ތެރެއިން ބަޔަކު އިންގިލާބީ ހަރަކާތެއް ގެންނަން މަސައްކަތްކޮށްގެން، އެމީހުންގެ ތަހުގީގުކުރެވި، އެހަރަކާތުގައި ބައިވެރިވި މީހުންނަށް އަދަބު ދެވުނެވެ.

މިފަދަ އިންގިލާބީ ހަރަކާތްތަކަކީ ގާނޫނު ހުއްދަކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް، ތާރީޚު ލިޔާ މީހަކަށް މިއީ ވަރަށް ވެސް މުހިއްމު ހާދިސާތަކެކެވެ. ވެރިކަމާ އިދިކޮޅުވެ، އިންގިލާބު ގެންނަން މަސައްކަތްކުރަން ޖެހޭ ސަބަބުތަކެއް އޮންނާނެއެވެ. ބައެއް ފަހަރު އެ ސަބަބުތަކަކީ ހަމަ ޖެހޭ، ބުއްދި ގަބޫލޫކުރާ ރަނގަޅު ސަބަބުތަކަކަށް ނުވެ، ހިނގައިދާނެއެވެ. އަނެއްބައި ފަހަރު، އެފަދަ އިންގިލާބުތައް ގެންނަން މަސައްކަތް ކުރުން މެދުވެރިކުރުވާ ރަނގަޅު ސަބަބުތަކެއް ވެސް ހުރެދާނެއެވެ. މިކަންކަން ކަނޑައަޅާލުމަކީ މުއައްރިޚުންގެ ވާޖިބެކެވެ. ޒާތީ ތައައްސުބުން ދުރުވެ ތިބެ، ހެކީގެ މައްޗަށް ބިނާކޮށެވެ.

މިޒަމާނުގެ ތަރައްގީގެ މަގުގައި އަޅުނގަޑުމެން މަސައްކަތްތަކެއް ކުރާތާ 70 ވަރަކަށް އަހަރުވީއެވެ. ތަރައްގީގެ މައިގަނޑު އަމާޒަކަށްވާން ޖެހޭނީ އާންމު ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމެވެ. އެމީހުންގެ އަސާސީ ބޭނުންތައް ފަސޭހައިން ހަމެޖެހޭ ގޮތް ހެދުމެވެ. ވަޒީފާތައް އުފައްދައި، އެމީހުންގެ އިންސާނީ ކަރާމަތް ދެމެހެއްޓޭ ފަދަ ގޮތެއްގައި، އެމީހުންގެ ކެއުން ބުއިމާއި، އަންނައުނު ހޯދުމާއި ބޯހިޔާވެހިކަން ލިބޭނޭ ގޮތްތައް މެދުވެރިކުރުވުމެވެ. ތައުލީމު އުނގެނުމާއި، މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތުތައް ލިބިދިނުމާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށް ދިނުމެވެ. މި ވޭތުވެ ދިޔަ 70 އަހަރު، ތަރައްގީގެ މަގުގައި ކުރިއަށް ދެވުނީ ކިހާވަރަކަށްތޯ ބަލައިލަން ބޭނުން ވެއްޖެ ނަމަ، މިނަންގަތް ކަންތައްތައް އާންމު ރައްޔިތުންނަށް ހަމަޖެހިފައި އޮތީ ކިހާ ވަރަކަށްތޯ ބަލާލުން މުހިއްމެވެ.

އަޅުގަނޑުމެންގެ ސިޔާސީ ތާރީޚަށް ބަލައި، މައުޟޫއީ ސިފައެއްގައި ތާރީޚީ ނަޒަރަކުން މައްސަލަތަކުގެ މައްޗަށް ބަލައި ލިޔުމަކީ މުހިއްމު ކަމަކށް ވަނީ މި ސަބަބަށްޓަކައެވެ. އަޅުގަނޑުމެން ތަރައްގީގެ ދުވެލި އޮތީ ކިހިނެއްކަން ފާހަގަކޮށް، އިސްލާހުކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ފާހަގަކުރުމަށްޓަކައެވެ. ވައްކަމާއި ފަސާދައާއި މަރާމާރީތަކާއި މީހުން މެރުމާއި މިކަންކަމީ ހަމަ ހުރެފައި ކުއްލިއަކަށްވާ ކަންތައްތަކެއް ނޫންކަން ދެނެގަތުމަށްޓަކައެވެ. މިފަދަ ކަންކަމުގެ ފެށުން ގުޅެނީ، ގައުމުގެ ސިޔާސީ ހަޔާތަށް، ވެރިކަމުގެ ނިޒާމަށް، އަންނަ ފާސިދުކަމާއި އެކަމާ ގުޅޭ ހީނަރުކަމުންކަން ވެސް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށްޓަކައެވެ. ތަރައްގީގެ މަސައްކަތަކީ އެންމެން ވެސް ބައިވެރިވާން ޖެހޭ މަސައްކަތެއްކަން ދެނެގަނެ، ހެޔޮ ގޮތުގައި އެކަމުގައި ބައިވެރިވުމަށެވެ. ރަނގަޅު ރަނގަޅު ކަމުގައި ދެކޭ ފަދައިން، ނުރަނގަޅު ނުރަނގަޅު ކަމުގައި ދުށުމަށްޓަކައެވެ. އާދެ، ތާރީޚީ ވާހަކަ، ޚާއްސަކޮށް ސިޔާސީ ތާރީޚުގެ ވާހަކަ ދައްކާއިރު، ގައުމުގެ ސިޔާސީ ހަޔާތުގައި ހިނގައިދާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަވެސް ދައްކަން ޖެހެއެވެ. އެހީ ވެސް ރަނގަޅު ކަމެކެވެ. ކަންކަން އިސްލާހުކުރުމަށް ކޮށޭ މަގަކަށްވާތީއެވެ. އެހެން ނުވެއްޖެ ނަމަ، އަޅުގަނޑުމެންގެ ލިޔުންތެރިއަކު ފާހަގަކުރައްވާފައިވާ ފަދައިން ވެރިކަމުގައި އަބަދުވެސް ކުޅެވޭނީ، މުމައްސިލުން، އެކްޓަރުން ބަދަލުވެފައި ތިބި، އެއް ތަމްސީލެކެވެ. ހުރިހާ ގެއްލުމަކާ ކުރިމަތިލާން ތިބޭނީ އާންމު ނިކަމެތި ރައްޔިތުންނެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. Thaareehee hekiee ahchah vaahaka dhakkaa nama misaalah Mohamed Ameen ge vaahak thakah balaa iru 2 vana bodu hanguraamaige dhuvas vru , dhivehin dhuh bodu thadhu ga Mohamed Ameen kan kan kuree Rayyithun naamedhu kihaa aniyaa veri koh kan fennanan ebuhuri . Miadhu vanee e haqeeqah engey ginabayaku mi dhuniye dhookoffa.. Mashooru Uthuru Gadubadu ga iskoiy thibi meehunaa medhu Mohamed Ameen kan kuri goiy dhanna meehun mihaaru nethey bunan jeheynee .. Dhivehin baduhai hoonukan dhekemun dhani koiy qaum ge raees ENgland, Franc adhi Italy dhathuru koiy Night Club thakug kuree kee thoa suwaalu ufedhey ..Thaareekh mifadha hoadhun thah hoadhumah miadhu vanee lakka mashkah kuran jehey ..Dhivehi thaareekh ge kalhu safhaa thakeh vaakamee haqeeqah.. bayaku qaboolu kuriyas nukuriyas mi haqeeqatheh filaa nudhaane kithanme varakah sirru kuriyas… Baeh fahrah dhivehi noosverin ves adhi thaareekh liyaameehun ves thaareehee hageegah hoadhumah vuren siyaasee manfaa libeyne gotheh oiy thoa balaa haavanee , noonee e meehaku ruhey meeheh ge vaahak koshaa mashaigen genes dhenee …. Mi kamuge emme reethi misaalakee raajje ah party sytem genai goiy Party system ai gothaa 2008 ge Riyaasee inthikhaab ge vaahak.. Verikan himaayah kurumuge beynuma ga eyru veriyakah hurimeehaa beyru qaumeh ge sifain raajjey ge beythubah hedhi sirru ehbas vumaa ekamun negi faidhaa , Raajjey ge tharaqee namuge eyge fahun verikamuga huri meehaa kuri meehun ge loathakah fennan huri kankamaa foruvifa vaa sirru thah Raajjey ge rayyithun bikavamun dhiya goiy ..Sirru kunfunithah hadhaa rayyithun ge mudhaa milku kuramun dhiya goiy…. Dhen miadhu kan hingamun dhaa magu mivanee fenna saafu koiy kon noos veriyakah thoa kerunee suvaaleh kollan, kon veriyeh thoa foruvifa vaa haqee gah saafu kodheyne ehbas vee…… varah saafu mi qaum ga miadhu fennan thibi Siyaasee ismeehun nakee khaainun ge dharadha dheyn jehey bayeh,,Rayyithun ge khazaanaa lootu vaalaa rahthah bahaa amill a ah kunfun hadhaigen eki nannamuga rahthah 99 ahrah naigen rah thah vikkamun miadhu ves edhanee.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *