Support Us

ކޮލަމް މާޒީ: އިނބަ: ހައްދުންމަތީ ބަހުރުވައިގެ ފަޚުރު

ހައްދުންމަތީ ބަހުރުވައިގައި އެންމެ މުހިންމު އެއް ޚާއްޞިއްޔަތަކީ މުޚާޠަބުކުރެވޭ ފަރާތަށް ބޭނުންކުރެވޭ ބަދަލު ނަމުގެ ގޮތުގައި ހުރިހާ ދަރަޖައަކަށް ވެސް ބޭނުންކުރެވޭ ރީތި ލަފުޒެއް އޮންނަކަމެވެ. އެއީ "އިނބަ"އެވެ. ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެއްވޭ ގޮތުގައި "އިނބަ"އަކީ އާންމު ބަހުރުވައިގައި ބޭނުންކުރާ "ކަލޭ"ގެ ބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ހަގީގަތަކީ "އިނބަ"އަކީ ޢާންމު ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރު އިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަގީރުކަމެއް ލިބިފައިވާ ލަފުޒެއްކަމެވެ. އަދި "ކަލޭ" އުފެދިގެންއައީ މާ ފަހުންކަމެވެ. ހަމަ މިފަދައިން "އިނބަ"ގެ މަޤާމު "ކަލޭ" އަށް އަދި ވެސް ނުލިބޭކަމެވެ.

އާދޭހެވެ! "ކަލޭ"އަކީ މުޚާޠަބުކުރެވޭ ފަރާތަށް ނިސްބަތްކޮށް ބޭނުންކުރެވޭ ބަދަލުނަމެކޭ އެ ނަން ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތޭ ބައެއް މީހުން ބުނެ ވެސް އުޅެއެވެ. ނަމަވެސް މި ކަން މުޖުތަމަޢު ގަބޫލެއް ނުކުރެއެވެ. އެއްވެސް މީހަކަށް އިޙުތިރާމާއެކު "ކަލޭ" ބޭނުންކުރެވޭނެ ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް، ދިވެހިބަހުގެ އާންމު ބަހުރުވައިގައި ހުރިހާ ދަރަޖައެއްގައި ވެސް ތިންވަނަ މީހާއަށް އިޝާރާތްކޮށް "އޭނާ" ބޭނުންކުރެވޭ ފަދައިން، ދެވަނަ މީހާ އާ މުޚާޠަބުކޮށް ހުރިހާ ދަރަޖައެއްގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ. އެންމެ މާތް ދަރަޖައިން މުޚާޠަބުކުރެވޭ ފަރާތްތަކަށާއި، އަދި ވަކީން ޚާއްޞަކޮށް ކީރިތި ރަސޫލާ ﷺ އަށާއި މާތް ﷲ ސުބަޙާނަހޫވަތަޢާލާއަށް މުޚާޠަބު ކުރެވޭ ޙާލަތުގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ.

އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް: "ޒުހުރުލްކަމާލާތި ފީ އަޙުކާމިލްޢިބާދާތި" (ބޮޑުތަރުތީބު)ގައި "އިބަ ބުނާހުށި" މި ލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ. (ޞަފުޙާ:152) އަދި 1977 ވަނަ އަހަރު ޗާޕުކޮށްފައިވާ "ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ"ގައި ވެސް މި ލަފުޒު މި މާނައިގައި ބޭނުންކުރައްވައިފައި އެބަހުއްޓެވެ. މިސާލަކަށް: އަންފާލު ސޫރަތުގެ 70 ވަނަ އާޔަތުގެ ތަރުޖަމާގައިވެއެވެ. "އޭ ނަބިއްޔާއެވެ! އިނބަގެ އަތްދަށުވެ (ޤަވާޢިދުގެ މަތީން) ހައްޔަރުވެފައި ތިބި ޙަރުބީ ޤައިދީންނަށް އަންގާށެވެ! ﷲއަށް ކަލޭމެންގެ ހިތްތަކުގައި އެއްވެސް ރަނގަޅު ކަމެއް ވާކަން އެނގިވޮޑިގަންނަވަނީނަމަ، (އަދި އެކަލާންގެ ހުރިހައި ކަމެއްމެ ދެނެވޮޑިގަންނަވަތެވެ.)- ކަލޭމެން އަތުން ގެއްލި ދިޔަ ތަކެއްޗަށް ވުރެ މާ މޮޅު ރަނގަޅު ތަކެތި، އެކަލާންގެ ކަލޭމެންނަށް ދެއްވާނެތެވެ. އަދި ކަލޭމެންގެ ފާފަތައް (ވެސް) ފުއްސަވައިލައްވާނެތެވެ." (ޞަފުޙާ:299) މި ތާނގައި، އަދި މި ފަދަ ކިތަންމެ ތަނެއްގައި "އިނބަ"ގެ ބަދަލުގައި "ކަލޭ" ބޭނުންކޮށްފައި ނުވަނީ ސަބަބެއް އޮވެގެން ކަމަށް ގަބޫލުކުރާންޖެހެއެވެ. އަދި ނަބިއްޔާގެ މުޚާޠަބުގައި "އިނބަ" ބޭނުންކުރައްވައިފައި، ގައިދީންނަށް (ކާފަރުންނަށް) "ކަލޭމެންނޭ" ލިޔުއްވައިފައި އެވަނީ އޮޅިވަޑައިގެންނެއް ނޫނެވެ. އެނގިވަޑައިގެންނެވެ. ވަކި ސަބަބަކަށް ޓަކައެވެ.

އެކަކު އަނެކަކާ ވާހަކަދެއްކުމުގައި ބަދަލުނަން ބޭނުންކުރުމަކީ ކޮންމެ ބަހެއްގައި ބޭނުންކުރާ ލަފުޒުތަކެކެވެ. ވާހަކަދައްކާ މީހުން/މީހާއާއި، މުޚާޠަބު ކުރެވޭ މީހުން/މީހާއާއި، އެ މީހަކާ ބެހޭ ގޮތުން ވާހަކަދެކެވޭ މީހުން/މީހާއެވެ. ފުރަތަމަ ފަރާތާއި ދެވަނަ ފަރާތާއި ތިންވަނަ ފަރާތެވެ. ދިވެހިބަހުގައި މި ގޮތަށް ބޭނުންކުރެވޭ އެންމެ އާންމު ލަފުޒުތަކަކީ އަހަރެން/އަހަރެމެން، ކަލޭ/ކަލޭމެން، އޭނާ/ އެބައިމީހުން މިއީއެވެ. މިއީ ހުތުރު ލަފުޒުތަކެއް ނޫނެވެ. އެކަމަކު ދިވެހިބަހުގެ އާންމު ބަހުރުވައިގައި ދެވަނަ ފަރާތަށް ރައްދުކުރެވޭ ބަދަލުނަމަކީ (ކަލޭ/ ކަލޭމެން) އެއީ ބޭއަދަބީ ލަފުޒެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހުތުރުވާންވީ ކީއްވެހޭ މީހަކު ސުވާލުކުރިޔަސް މުޖުތަމަޢުން ފެންނަ ހަގީގަތަކީ މިއީއެވެ.

ކަންހުރީ މިހެންކަމުގައިވާއިރު ދެވަނަ ފަރާތަށް ރައްދުކުރެވޭ (ބޭއަދަބީ ނޫން) ބަދަލުނަމެއް ދިވެހިބަހުގައި ވެސް އޮންނާނެކަމަށް ގަބޫލުކުރެވެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ލަފުޒަކީ "އިނބަ" އެވެ. އެންމެ މަތިވެރި ފަރާތްތަކަށް (ކަލާނގެއަށް) ނިސްބަތްކޮށް އިނގިރޭސިބަހުން ކިޔާ "ޔޯރ ލޯރޑް"(Your Lord)ގެ ބަދަލުގައި ދިވެހިބަހުން "އިނބަރަސްކަލާނގެ" ބޭނުންކުރާކަމީ މި ދެންނެވި ބަހުގެ ހެތްކެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ކުރީގެ ލިޔުންތަކުގައި "ކަލޭ"ގެ ބަދަލުގައި "އިނބަ" ބޭނުންކޮށްފައި އެބަހުއްޓެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ޒުހުރުލްކަމާލާތި ފީ އަޙުކާމިލްޢިބާދާތި (ބޮޑުތަރުތީބު) ފަދަ ޢިލްމީ ފޮތްތަކުގައި އަދަބީ ލަފުޒެއްގެ ގޮތުގައި "އިނބަ" ބޭނުންކޮށްފައި އެބަހުއްޓެވެ. އެކަމަކު "ކަލޭ" އާއި "އިނބަ"ގެ ވަރަށް ބޮޑު ތަފާތެއް ހުރިކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބަކީ އިޙުތިރާމް ކުރާ މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކޮށް "ކަލޭ" ބޭނުންކުރުމަކީ ބޭއަދަބީ ކަމެއް ކަމަށް ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އިރު، "އިނބަ" ހައްދުންމަތީ ބަހުރުވައިގައި މައިންބަފައިންނާއި އިޙުތިރާމްކުރެވޭ ހުރިހާ ބަޔަކަށް އިޙުތިރާމާއެކު ބޭނުންކުރެވޭ ކަމެވެ. އަދި ކުރީން ދެންނެވި ޢިލްމީ ފޮތްތަކުގައި "ކަލޭ" ބޭނުން ނުކޮށް "އިނބަ" ބޭނުންކޮށްފައި ވާ ވާހަކަ އިސްވެ ދެންނެވިއްޖެއެވެ. އެހެންވީމާ އިނގިރޭސިބަހުން ބޭނުންކުރާ "ޔޫ"(you)ގެ ބަދަލުގައި ހަމަ އެ މާނައިގައި ކޮންމެ ތަނެއްގައި ވެސް "އިނބަ" ބޭނުންކުރެވެއެވެ. އެކަމަކު، ކުރީން ވެސް ދެންނެވި ފަދައިން "ޔޫ"(you)ގެ ހުރިހާ މަޤާމެއްގައި "ކަލޭ" ބޭނުން ކުރެވޭނެ ކަމަކަށް ގިނަ ދިވެހީން ގަބޫލެއް ނުކުރެއެވެ. މުޖުތަމަޢުގެ ހަގީގަތަކީ މިއީއެވެ. އެހެންވީމާ ހިތްހަމަ ނުޖެހުމާއެކު ވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ ދިވެހިބަހުގައި ދާދި ފަހަކާ ޖެހެންދެން މުޚާޠަބުކުރެވޭ (ދެވަނަ) ބަދަލުނަމެއްގެ ގޮތުގައި "އިނބަ" ބޭނުންކުރެވުނުކަމެވެ. ފަހުން ކޮންމެވެސް ސަބަބުތަކަކާ ހުރެ، މި ލަފުޒު ދިވެހިބަހުގެ ބަހުރުވަތަކުން މަޑުމަޑުން އުވިގެން ދިޔައީއެވެ. މި ބޮޑު ބަދަލު އައި އިރު ވެސް މި ލަފުޒު އޭގެ ޙައްޤު މަޤާމުގައި މިއަދު ވެސް އޮތް ހަމައެކަނި ބަހުރުވައަކީ ހައްދުންމަތީ ބަހުރުވައެވެ.

ތިޔަ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާނޭ ފަދައިން ލަފުޒެއްގެ އަސްލު އަޑު ދެމި އޮންނާނީ އެ ލަފުޒެއް މެދުނުކެނޑި އެބަޔަކު ބޭނުންކުރަމުން އަންނަ ވެއްޓެއްގައެވެ. "އިނބަ" މި ލަފުޒަކީ ހައްދުންމަތީގައި އަބަދުވެސް ބޭނުންކުރާ ލަފުޒެކެވެ. މި ލަފުޒު ލ. އަތޮޅު މީހުން ބޭނުންނުކުރާ ޒަމާނެއް އެނގޭކަށް ނެތެވެ. އެއަޑު އެއް ޖީލުން އަނެއް ޖީލަށް ނަޤުލުވެފައިވަނީ މެދު ކެނޑުމެއް ނެތިއެވެ. "މުތަވާތިރު" ގޮތެއްގައެވެ. އެހެންކަމުން "އިނބަ" މި ލަފުޒު ކިޔަންވީ ރަނގަޅު އަޑު ފެންނަން އޮންނާނީ ނުވަތަ އިވޭނީ ހައްދުންމަތީންކަން އެއީ ގަބޫލުކުރާން ޖެހޭ ހަގީގަތެކެވެ.

އެކި އަތޮޅުތަކާއި އެކި ރަށްރަށުގައި ބަހުރުވައިގައި ތަފާތު ހުންނަ ފަދައިން ހައްދުންމަތީގައި ވެސް އެއް ރަށާއި އަނެއް ރަށުގައި ބަހުރުވައިގައި ތަފާތުތަކެއް ހުރެއެވެ. މި ގޮތުން "އިނބަ" މި ލަފުޒު ވެސް އެކި ރަށް ރަށުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެއެވެ. "އިނބަ" ކިޔާ ބަޔަކު އުޅޭއިރު "އުނބަ" ކިޔާ ބަޔަކު ވެސް އުޅެއެވެ. އަދި "އިނބަގުން"، "އިނބަގުހުން"، "އިނބޭން"، "އުނބަމެން"، "އިނބަހިން"، "އިނބައިމެން" ފަދަ ގޮތްގޮތަށް އެކި ޙާލަތްތަކުގައި އެކި ރަށްރަށުގައި ބޭނުންކޮށް އުޅެއެވެ. ފާހަގަކޮށްލާންޖެހޭ ކަމަކީ ޖުމުލައިގައި އެ ލަފުޒު ކޮންމެ ގޮތަކަށް ބޭނުންކުރަމުން އަޔަސް އެއިން ކޮންމެ ޙާލަތެއްގައި ވެސް އެ ލަފުޒުގައި ހުސްނޫނު ބޭނުންކުރާކަމެވެ. މާނައަކީ ކޮންމެ ޙާލަތެއްގައި ވެސް އެ ލަފުޒު ކިޔަނީ ނޯށަށް އަރުވައިގެންނެވެ.

އަޅުގަނޑުގެ މި ވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ބައެއް ބޭފުޅުން ވިދާޅުވާނެ ވާހަކައެއް އަޅުގަނޑަށް ވިސްނެއެވެ. ކުރީގެ ލިޔުންތަކުގައި "އިނބަސުވާމީންގެ"، "އިނބަރަސްކަލާނގެ" މި ލަފުޒުތައް ލިޔެފައި ހުންނަނީ "ހުސްނޫނާ ނުލައި "އިބަސުވާމީންގެ" އާއި "އިބަރަސްކަލާގެ" މި ގޮތަށެވެ. އެހެންވީމާ "އިބަ"އަކީ "އިނބަ"އެއް ނޫނޭ ވިދާޅުވެދާނެއެވެ. ވިދާޅުވެފައި ވެސް އެބަހުއްޓެވެ. އޭގެ ޖަވާބު އަޅުގަނޑަށް ވަރަށް ފަސޭހައެވެ.

ޖަވާބު އަޑުއައްސަވާށެވެ! ތިޔަ ވިދާޅުވާ ދުވަސްވަރު "އަޅުގަނޑު"، "ރަނގަޅު" ފަދަ ލަފުޒުތައް އަދި މި ނޫން ލަފުޒުތައް ވެސް ލިޔެފައި ހުރީ ހުސްނޫނާ ނުލައި "އަޅުގަޑު"، "ރަގަޅު"، "އުގެނުން" މި ގޮތްގޮތަށެވެ. އޭރު ދިވެހިބަހުގެ ގަވާއިދުގައި ހުސްނޫނުގެ ވާހަކައެއް، އޭގެ ހަމައެއް، ގަވާއިދެއް، އުޞޫލެއް ނެތެވެ. ނަމަވެސް މި ލަފުޒުތައް އޭރު ވެސް ކިޔަނީ ހުސް ނޫނުގެ އަޑާއެކުގައެވެ. ލިޔުމުގައި ހުސްނޫނު ނޯންނަނީއެވެ. އެހެނީ އެ ލަފުޒުތައް ދަންނަ މީހުންނަށް، އެ ލަފުޒުތަކުގެ އަހުލުވެރީންނަށް އެ ލަފުޒުތައް ކިޔާންޖެހެނީ ހުސްނޫނާ އެކުގައިކަން އެނގެއެވެ. މިހެން މި ދިމާވީ ކުރީން ވެސް ދެންނެވި ފަދައިން ހުސްނޫނުގެ ގަވާއިދު ތަޢާރުފުވީ މާ ފަހުގެ ޒަމާނެއްގައި ކަމުގައިވުމެވެ. ހުސްނޫނުގެ ވާހަކަ ފުރަތަމަ ދެއްކެވީ ވެސް ޝައިޚު އިބްރާހީމް ރުޝްދީއެވެ. އަދި ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔާންޖެހޭނެ ކަމަށް ކަނޑައެޅުއްވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައެވެ. އެންހެންވީމާ، ކުރީގެ ދުވަސްވަރު، "އިނބަ" ލިޔުނު އިރު ހުސްނޫނާ ނުލައި، "އިބަ" ލިޔުނު ނަމަވެސް އޭރު ވެސް އެ ލަފުޒު ކިޔާނީ ހުސްނޫނުގެ އަޑާއެކީގައެވެ. ކީރިތި ރަސޫލާ ﷺ އަށް ނިސްބަތްކުރިޔަސް، މާތް الله އަށް ނިސްބަތްކުރިޔަސް ހުސްނޫނު އޮންނާންޖެހޭނެއެވެ. މިހެން މި ދެންނެވީ މާ ފަހުން ހެދި ބަސް ފޮތެއްގައި އެ ލަފުޒު ހުސްނޫނާ ނުލައި ލިޔެ ވަކި މާނައެއް ލިޔުއްވައިފައިވާކަން ދެނެހުރެއެވެ. މި ނިންމުން ނިންމަވައިފައިވަނީ ހައްދުންމަތީ މީހެއްގެ ޝާމިލުވުމެއް އޮވެގެންނެކޭ ނުވަތަ އެ ލަފުޒު ދިރާސާކޮށްފައެކޭ ދެންނެވޭކަށް ނެތެވެ. "އިބަ"އާއި "އިނބަ" ތަފާތުކުރާ ނަމަ، "ރަނގަޅު" އާއި "ރަގަޅު" ވެސް އަދި "އަޅުގަނޑު"އާއި "އަޅުގަޑު" ވެސް "އެނގުން"އާއި "އެގުން" ވެސް، "އުނގެނުން"އާއި "އުގެނުން" ވެސް އަދި މިހާރު ހުސްނޫނު އޮންނަ ކޮންމެ ލަފުޒެއް ވެސް ދެ ގޮތަށް ބަސްފޮތުގައި ތަފާތު ދެ މާނައެއްގައި ލިޔާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. މި ވާހަކަ މިހެން ދަންނަވާއިރު ވެސް ކުރީން އަޅުގަނޑު ދެންނެވި އާޔަތުގެ މާނައިގައި ކީރިތި ރަސޫލާ ﷺ ގެ މުޚާޠަބުގައި "އިނބަ" ބޭނުންކުރައްވައިފައިވަނީ، އަދި އެ ތަރުޖަމާގެ ކިތަންމެ ތާކު ކީރިތި ރަސޫލާ ﷺ އަށް ނިސްބަތްކޮށް ވެސް "އިނބަ" ބޭނުންކުރައްވައިފައިވަނީ ހުސްނޫނާއެކުކަން ފާހަގަކުރަމެވެ.

މިހެން މި ދިމާވީ އެ ތަރުޖަމާގެ އެބައި ލިޔުއްވީ ހައްދުންމަތީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވީތީއެވެ. އާދޭހެވެ! އިބްރާހީމް ޙިލްމީ ދީދީއަކީ ގިނަ ދުވަސްތަކެއް ވަންދެން ލ. އަތޮޅުގައި، (އެ އަތޮޅު މާވަށުގައި) އުޅުއްވި ބޭފުޅެކެވެ. އެހެންވީމާ "އިނބަ"އާއި "ކަލޭ"ގެ ތަފާތު އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އިނބައަކީ ކޮންމެ ޙާލަތެއްގައި ވެސް ނޯށަށް އަރުވައި ކިޔާން ޖެހޭ ލަފުޒެއްކަން ވެސް އޭނާއަށް އެނގިވަޑައިގަންނަވައެވެ. މުޚާޠަބުކުރެވޭ ފަރާތަށް ހުރިހާ ދަރަޖައެއްގައި ވެސް އިޙުތިރާމާއެކު "އިނބަ" ބޭނުންކުރެވުނަސް ﷲއަށް ނިސްބަތްކޮށް "އިނބަ" ބޭނުންކުރާނަމަ، އިނބައާ ގުޅުވައިގެން "ރަސްކަލާންގެ"، ސުވާމީންގެ" "ﷲ" ފަދަ ލަފުޒެއް ބޭނުންކޮށްގެން އަޅުގަނޑުމެން އެ ލަފުޒު ޚާއްޞަކުރަނީއެވެ. މިސާލަކަށް އިނބަރަސްކަލާންގެ، އިނބަސުވާމީންގެ، އިނބަﷲ ފަދަ ގޮތްތޮތަށެވެ.

ޝައްކެއް ނެތެވެ. މި ލަފުޒުގެ އަޑު އެންމެ ރަނގަޅަށް އެނގޭނީ އެންމެ އިހު ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް މި ލަފުޒު އެ މުޖުތަމަޢެއްގައި، ނުއުވި ދެމި އޮތް މުޖުތަމަޢަކަށެވެ. އެއީ ހައްދުންމައްޗެވެ. ނަމަވެސް ހިތާމައަކީ "އިނބަ" މި ލަފުޒުގެ ހަގީގަތް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ބޭފުޅުން އެއްވެސް ދިރާސާއެއް ނެތި، މިއީ ދެ ލަފުޒަކަށް ހައްދަވައިގެން (ހުސްނޫނާއެކު އެއް ލަފުޒު، ހުސްނޫނު ނުލައި އަނެއް ލަފުޒު) ބަސްފޮތަށް ވެސް ވެއްދެވި ކަމެވެ. މިއީ ކިހާ ބޮޑު އޮޅުމެއްތޯއެވެ! ކިހާ ބޮޑު އިހުމާލެއްތޯއެވެ! "އަޅުގަނޑު" ވެސް "ރަނގަޅު" ފަދަ ލަފުޒުތައް ވެސް، މި ގޮތަށް، ހުސްނޫނާއެކު އެއް ފަހަރު، ހުސްނޫނު ނުލައި އަނެއް ފަހަރު ލަފުޒުފޮތަށް ލެއްވި ނަމަ، އެންމެ ރަނގަޅުތާއެވެ!

ހަގީގަތުގައި "އިނބަ" މި ލަފުޒާ ބެހޭ ގޮތުން ބަހުސްކުރާން އެންމެ ރަނގަޅަށް އެނގޭނީ އަދި މި ލަފުޒުގެ ހަގީގަތް އެންމެ ރަނަގަޅަށް އެނގޭނީ ހައްދުންމަތީ މީހުންނަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ފަދަ ލަފުޒުތައް "ލަފުޒު ފޮތުގައި" ހިމަނާންވާނީ އެ ލަފުޒުގެ އަހުލުވެރީންނާ މަޝްވަރާކުރެވިގެންނެވެ. ފުރިހަމައަށް ދިރާސާކުރެވިގެންނެވެ.

ތެދުފުޅެކެވެ! "އިނބަ"އަކީ، އަސްލުގައި ހައްދުންމަތީގެ އަމިއްލަވަންތަ ލަފުޒެއް ނޫނެވެ. މުޅި ރާއްޖޭގެ ލަފުޒެކެވެ. ކުރީގެ ލިޔުންތަކުން މިކަން އެނގެއެވެ. ނަމަވެސް ޒަމާންތައް ގެނައި ބަދަލުތަކާއެކީގައި މި ލަފުޒު ރާއްޖޭގެ ކަންކޮޅުތަކުން އުވި ގޮސް މި ޒަމާނަށް އައި އިރު އެ ލަފުޒު ހަމައެކަނި ބޭނުންކުރަނީ ހައްދުންމަތީގައި ކަމަށް ވަނީވެފައެވެ. ވީމާ، އެ ލަފުޒު ދެމި އޮތް ހަމައެކަނި އަތޮޅަކީ ހައްދުންމަތި ކަމަށްވާތީ މިއަދު އެ ލަފުޒާ ބެހޭ ގޮތުން އެންމެ ރަނގަޅަށް ވާހަކަދައްކާން އެނގޭނީ ހައްދުންމަތީ މީހުންނަށެވެ. އެއީ ހައްދުންމަތީ ބަހުރުވައަށް ލިބިފައިވާ ވަރަށް މުހިންމު ޚާއްޞިއްޔަތެކެވެ. މިއީ ހައްދުންމަތީ ބަހުރުވައަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެކެވެ.