...

Support Us

ހަފުތާޔަކު ދެ ރޭ "ބޮޑުބުޅަލާ ނާދޭ" ކިޔަކަސް ނުފުދޭނެއެވެ.

ދައްކަން އޮތް ވާހަކައިގެ ބާވަތުން، ކުރުވާހަކަޔަކުން ފަށައި، ކުރުވާހަކަޔަކުން ނިންމާނަމެވެ.

ހުޅުފުށީ އަގީމުސަރައްކާލިގޭ އަބުދުބޭ އިނީ ޚިޔާލަކަށް އަދި ނުވިޔަސް، ފިކުރަކަށް އަދި ޢަމުދުން ނުވިިޔަސް، ކޮންމެވެސް ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. ރަށު ހޮޅުއަށި ޒަމާނީކޮށް، ވައިފައި ހަރުކޮށް، މަހުޖަނުންގެ ސިޔާސީ ޕާޓީއެއްގެ ނުރަސްމީ ޖަގަހަޔަކަށް އެތަން ހެދީތީ، އެތާ ނުއިންނާންވެގެން ތަންކޮޅެއް ދުރުގައެވެ. ހޮޅުއަށި ހަމަ ރަނގަޅަށް ފެންނަ ހިސާބުގައި އަދި އިނދެވުނަސް، އެތާ ދައްކާ ވާހަކައިން ދޯ ނުއެއްލޭ ހިސާބުގައި ވިސްނުންތެރި ބަޔަކު ގެތި ޖޯލިފައްޗަކުން ޖޯއްޔެއްގައެވެ.

އަބުދުބޭ އަތުގައި އޮތް ބިޑިނަގައި އަނގައިގައި ޖަހައި، ތަންކޮޅެއް ބާރަށް އެތެރެޔަށް ނޭވާ ދަމައިލިއެވެ. އިންޓޯލުގަޑި ކުރުކަމުން ރާނީ ފުޅިޔަށް ހޮޅިޔެއް ލައިފައި އެއްނޭވައިން ދަމާލި ކުއްޖާޔަށް ވީގޮތަށް، އަބުދުބޭވެސް ޒާތެއްގެ ކޮށްޓެއް އަރައިފިއެވެ. އަދި ކެއްސުމާއެކު ޖައްވަށް އަރައިގެން އެ ދިޔަ ދުން ބޮނޑިބޮނޑީގެ ތެރެއިން ދެލޯ ހުޅުވައިފައި ބަލައިލިއިރު، އޭނާގެ ކުރިމަތީގައި އެ ހުރީ، އިހުގައި ވިއްޔާ ދޮށިބައި ހިފައިގެން މަސްއޮޑިޔަށް އަރައިއުޅުނު ފުރައިގެ ޅަނދޮޅު ޒުވާނެކެވެ. އެކަމަކު މިހައިރު އެ ޢުމުރަކީ ޑިޕުލޮމާޔަކާ ފުރަތަމަ ކައިވެންޏާ ދެމެދުގެ ދުވަސްވަރެވެ. ތަޢުލީމީ މޭވައިގައި ރިއްސެޔޮވެސް ނުލާނެތީ ގަހަށް ފެން ދޭން އުޅެން ޖެހޭ ދުވަސްވަރެވެ. ހުޅަނގުގެ ޘަޤާފަތުގައި އޮންނަ ގޮތަށް، އެ ތަންތަނުގެ ޕުރޮފެސަރުންގެ ލިޔުންތަކުން ބޮޑު ބައި ކޮޕީކުރުމަށް ފަހު، އަމިއްލަ ހޯދުމޭ ކިޔައިފައި ފޮތެއް ލިޔެގެން މެނުވީ ކުންފުންޏެއްގެ މަތިފަޑިމަތިން ވަޒީފާގަނޑެއްވެސް ނުލިބޭނޭކަން ޔަޤީންވާ ޢުމުރެވެ.

”އައްސަލާމް ޢަލައިކުމް!“ ޒުވާނާ ގޮވައިލިއެވެ. އަޑުގައި ހުރީ ނަމުގެ ފަހަތަށް ލެޓިންއަކުރުގެ ތިން އަކުރު އަލަށް އިތުރުވީމައި ބައެއް ކަހަލަ މީހުންގެ އަޑުގައި އަލަށް އުފެދޭ ކަހަލަ ބޮޑާ ފިތުމެކެވެ.

”ވަޢަލައިކުމުއްސަލާމް!“ އަބުދުބޭ ޖަވާބުދިނެވެ. ލެޓިންއަކުރުގެ ހައެއްކަ އަކުރު ނަމުގައި ހިއްޕިޔަސް ބައެއް ޒާތުގެ ޒުވާނުން އަދި ހަރު މީހުންނަށް ނުވާކަން ދައްކައިދޭ ކަހަލަ ރާގެއް އޭނާގެ އަޑުގައި ހުއްޓެވެ. ”ކީއްކުރާ ކުއްޖެއް؟“

”އަޅުގަނޑު މި ރަށަށް މި އައީ މި ރަށުގައި އުޅޭ ޢާންމުންގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާ ބެހޭ މަޢުލޫމާތުކޮޅެއް އެއްކޮށްލައިގެން ތަޢުލީމީ ދިރާސާއެއް ހަދަން“ ޒުވާނާ ޖަވާބު ދިނެވެ. އޭނާގެ އަޑުގައި އަދިވެސް ހުރީ ކުރީ ޒަމާނެއްގެ ފަންޑިތައެދުރުންގެ ހުރި ކަހަލަ ފުދުންތެރިކަމެކެވެ.

”އާނ! އާނ!“ އަބުދުބޭ ހިނިގަނޑެއް ޖަހައިލިއެވެ. އެ ހިނިގަނޑުގައި ކޮންމެވެސް ވަރެއްގެ ފޫހިކަމަކާއި މަލާމާތެއް އެކުލެވިގެންވާހެން ޒުވާނާޔަށް ހީވިއެވެ. ”ބޮޑުބުޅަލާ ނާދޭ  ގުރޫޕު ކުއްޖެއް، އުތަ؟“

”ނޫން، ނޫން!“ ޒުވާނާ ޖަވާބުދޭން އަވަސްވެގަތެވެ. ޒުވާނާ ހަމަބިމަށް ފައިބައިފި ކަހަލައެވެ. ”އަޅުގަނޑު މިއުޅެނީ ތުއްތުކުދިން ގޮވައިގެން އުނދޯއްޔަށް އަރައި ލަވަކިޔައިގެން އެ ކުދީން ނިންދަަވައިގެން ހުވަފެން ދައްކާ ކަހަލަ ގުރޫޕެއްގައެއް ނޫން.“

”ބޭބެ މިދައްކަނީ އެ ނާނާގެ ލަފުޒީ މާނައިގެ ވާހަކައެއް ނޫނޭ!“ އަބުދުބޭ ބުނެލިއެވެ. ”ބޭބެ މިދައްކަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ ބެހޭގޮތުން ކޮންމެ އާދީއްތަވިލޭރެޔަކު އާއި ބުދަވިލޭރެޔަކު މިރަށު އިސްކޯލުގައި ކައުންސިލުގެ ފަރާތުން އެ ދައްކާ ވާހަކަތަކުގެ ވާހަކަ. ކޮންމެ ރެޔަކުވެސް ދައްކާނީ އެއް ވާހަކައެއް. ދުންފަތަކީ ވަރަށް ގޯސް އެއްޗެކޭ ބުނާނެ. ދުންފަތުގެ އިސްތިޢުމާލު ކުރީމައި ޞިއްޙީ ގޮތުން ވަރަށް ބޮޑެތި ގެއްލުން ތަކެއް ހަށިގަނޑަށް ވާނެޔޭ ބުނާނެ. ކެންސަރު ޖެހޭނެޔޭ ބުނާނެ.  މިރަށުގެ ގިނަ މީހުން އެ ވާހަކަތައް އަހައިއަހައި ވަރުބަލިވެއްޖެ. ކޮންމެ ރެޔަކު އެއް ވާހަކަތަކެއް، އެއް ޢިބާރާތްތަކަކުން، އަކުރެއް ފިއްްޔެއް ތަފާތެއް ނުކޮށް، ހަފުތާޔަކު ދެރޭ.“

”ބޭބޭ ދެން ކޮބައިތޯ އެކަމާ ބޮޑުބުޅަލާ ނާދޭޔާ ދެމެދު ހުރި ގުޅުމަކީ؟“ ޒުވާނާ އަހައިލިއެވެ.

”އެ ކަން އިންތިޒާމުކުރާ ކައުންސިލުގެ ގިނަ މެންބަރުންނަކީ އެ ޖަލްސާތަކުގައި ދުންފަތާ ދެކޮޅަށް ކަރުން ނާރު ނެރެގެން ވާހަކަދައްކާ މީހުންނަށް ވިޔަސް، ހެސްކިޔައިފައި ސިނގިރޭޓު ބޯ މީހުން. ދެން އެ ވާހަކަ ދައްކަން ޖެހޭތީ ލަދުން ކަންނޭނގެ، އެ މީހުން މިހައިރު  ސިނގިރޭޓު ބޮއި އުޅެނީ ގޭގައި ފިލައި ތިބެގެން. ނޫނީ ކައިރި ރަށަކަށް، ނޫނީ ރިސޯޓަކަށްދާ ފަހަރަކު. އެހެންވީމައި، އިނިސްޕެކުޓު ކުރަން ގިނަގިނައިން ރިސޯޓުތަކަށް ދާނެވެސް މެ.“ އަބުދުބޭ ބުނެދޭން ފެށިއެވެ.

”ދެން ބޭބެޔަށް އެ ވާހަކަތައް ކަމުނުދަންޏާ، އެ ރޭރޭގެ ޖަލްސާޔަށް ބޭބެ ނުދުރުވީމައި އެ ނިމުނީ ނޫންތޯ؟“ ޒުވާނާ ބުނެލިއެވެ. އަބުދުބޭ އެ ބުނި އެއްޗެއްގެ ހުރިހައި މާނަޔެއް ޒުވާނާޔަށް ދޭހަވީހެނެއް ހީއެއް ނުވެއެވެ. ”އެއިރުން އެ ވާހަކަތައް އައްސަވާކަށް ޖެހިއެއް ނުލައްވާނެ ނޫންތޯ؟“

”ތިޔައީ ކޮއްކޮޔަށް ހަމަ ހީވާ ގޮތް!“ އަބުދުބޭ ބުނެލިއެވެ. ”އެ މީހުން އެ ބާއްވާ ޖަލްސާޔަށް ނުދެވޭ މީހުންނަށްވެސް އިވޭ ވަރަށް ޖަލްސާ ބާއްވަނީ. ރަށަށް އިވިފައި ބާކީވެގެން ގޮސް ޖެހިގެން އެ އޮތް ރަށުގެ އެކޮޅު ތުނޑީގައި ހުންނަ މީހާޔަށްވެސް އިވޭ ވަރުގެ ލޯޑިސްޕީކަރެއް ބަހައްޓައިގެން އެ މީހުން އިސްކޯލުގައި އެ ގޮތަށް ދައްކާ އެއް ވާހަކަތަކެއް ހަފުތާޔަކު ދެ ފަހަރު ގޮވައި އެ ނަގަނީ!  ދެން މިރަށުގައި އުޅެންޏާ އެ ވާހަކަތައް އަޑު ނުއިވިއެއް ނުދާނެއެއްނު؟ އަޑު އަހަން ނެތަސް، މަޖުބޫރުންވެސް އަޑުއަހަން އެ ޖެހެނީ އެ ހިސާބުން.“

”ބައެއް މީހުން ނަމަވެސް އެ ކަމާ ނަފުރަތު ކުރާނޭކަން އެނގޭ އިރުވެސް، އެ މީހުން އެކަން އެ ގޮތަށް އެ ކުރަނީ ކީއްވެތޯ؟“ ޒުވާނާ އަހައިލިއެވެ.

”ބޭބެޔަކަށް ނޭނގެ. ބުނާ އަޑު އިވެނީ އެއީ ކޮންމެވެސް ޖަމުޢިއްޔާޔަކުން އެ މީހުންނަށް ވަކިވަކީން ލާރިދީގެން ކުރުވާ ކަމެކޭ. އެކަމުގެ ޙަޤީޤަތެއް ބޭބެޔަކަށް ނޭނގޭ.“ އަބުދުބޭ ބުނެލިއެވެ. ”މިހައިރަކަށް އައިސް ކޮންކަމެއްގެ ޙަޤީޤަތެއްތަ ޢާންމުރައްޔިތުންނަށް ސާފުކޮށް އެނގެނީ؟ ނޫނީ ޒިންމާދާރުކަމާއެކު އަންގަނީ؟ ބޭބެޔަށް ވަރިހަމަ! އެކަމަކު ހަފުތާޔަކު ދެ ރޭ ’ބޮޑުބުޅަލާ ނާދޭ‘ ކީމައި، ބޭބެ ވަނީ ހަމަ ފޫހި!“

”ދެން އެހެންވިއްޔާ، ކަމާ ބެހޭ މުއައްސަސާޔަކީ ކޮބައިކަން ހޯއްދަވައިގެން، އެ ކަން ރިޕޯޓު ކުރައްވަންވީ ނޫންތޯ؟“ ޒުވާނާ ބުނެލިއެވެ.

”ކޮއްކޮ ތި އުޅެނީ އެމެރިކާޔަކު، ނޫނީ އިނގިރޭސިވިލާތަކު ނޫނޭ!“ އަބުދުބޭ ބުނެލިއެވެ. ”މިތާނގައި ކަމެއް ހިނގާއިރު ކަމާ ބެހޭ މުއައްސަސާޔަކީ ކޮބައިކަން ހޯދުންވެސް ވެގެން ދާނީ ހެއްވާ ކަމަކަށް. ހިނގާ ކަމެއްގެ ބާވަތުން އެއީ ޤާނޫނަށް ބަލާއިރު މިވެނި މުއައްސަސާއެއްގެ ކަމެއްކަން ޔަޤީންކޮށްފައި އެ ތާކަށް ގުޅާއިރަށް އެ ތާކުން ބުނާނެ ކޮންމެވެސް އެހެން ތާކާ ގުޅާށޭ، ތިޔައީ ތިމަންމެނާ ބެހޭ ކަމެއް ނޫނޭ، ޤާނޫނު އަދި އެހެން ބުންޏަސް. ދެން އެ ބުނާ ތާކަށް ގުޅިޔަސް ފޯނެއް ނުނަގާނެ. ފޯނު ނަގައިފިއްޔާ ދެން ކުރާނީ ސަމާސާ . އަހަރުމެން އެ ކަހަލަ ސަމާސާޔަށް ކިޔަނީ ޖެއްސުން. ވާހަކަ ދައްކަނީ ކާކުހޭ އަހައިފިއްޔާ، ދެންވެސް ކުރާނީ ޖެއްސުން. ދިވެހީންނަށް ދުވަހަކުވެސް ނުކިޔާ ކަހަލަ ނަމެއް ބުނެފައި ހިނިގަނޑެއް ޖަހައިލާނީ. ހީވާނީ ރުޅިއަރުވަން އުޅޭހެން.“

”ދިވެހީންނަށް ނުކިޔާ ކަހަލަ ނަމެކޭތޯ؟“ ޒުވާނާ އަހައިލިއެވެ.

”އާނ، ކޮއްކޯ! ބޭބެޔަށްވެސް އެނގޭ މިހައިރު މީހެއްގެ ޅަދަރިޔަކަށް ކޮންމެ ފަދަ ނަމެއްވެސް ކިއިދާނެކަން. އެކަމަކު ވިހި ތިރީސް އަހަރުގެ ކުރީން ދުނިޔެއަށް އުފަންވި،މިހައިރުގެ ޒުވާނަކަށް ފާޑުފާޑުގެ ނަންކިޔާކަށް ހުއްދައެއް ނުލިބޭނެ. އެހެންވީމައި، އެ ޢުމުރުގެ އަންހެނަކަށް ލައުނުލްކަބީދު، ޝާހީކުނާފަތު، ދިލޭރާމް، ޢުމަރުޢައްޔާރު، ޙުއްމުޞްބިޠަޙީނާ، މިކަހަލަ ނަމެއް އަޅެ ކިޔާނެތަ؟“ އަބުދުބޭ އަހައިލިއެވެ.

”ހީއެއް ނުވޭ…“ ޒުވާނާ ބުނެލިއެވެ. ”ދެން ސިޓީއެއް ލައްވަން ވީ ނޫންތޯ؟“

”ސިޓީއެކޭ؟؟“ އަބުދުބޭ ހިނިގަނޑަކާ އެކު ބުނެލިއެވެ. ”ސިޓީ ލީ ފަހުން ދެއަހަރަކު ރޯދަޢީދު ކިޔާއިރުވެސް ޖަވާބު ނައިމާ… ކޮއްކޯ، އެޔަށްވުރެ މާ ރަނގަޅުވާނެ ހެޔޮވަރުގެ ބޮޑުއުނދޯއްޔެއް ހޯދައިގެން، ހަފުތާޔަކު ދެ ރޭ އެޔަށް އަރައި އިނދެ، ކުޅޭކުޅޭ ބުދެއް ހިފައިގެން ބޮޑުބުޅަލާނާދޭ ނާނާ ކިޔަސް! ވިސްނިއްޖެ، ދޯ؟“

”ލައްބަ“ ޒުވާނާ ބުނެލިއެވެ.

”ކޮއްކޮ ބޭބެގެ ނަސޭހަތެއް ޤަބޫލުކުރާނެންޏާ މި ރަށުން އަވަހަށް ފައިބާ! އިންސާނިއްޔަތު ކަމުގެ ހެޔޮލަފާ ސިފަތައް މިއަށްވުރެ ސާފުކޮށް ފެންނަން ހުރި ތާކަށް އަވަހަށް ގޮސްލާ! މިތާނގައި މިހައިރު މިއޮތީ ދުންފަތުގެ ނުރައްކަލޭ، ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް ގައިންގަޔަށް ނާރާ ބަލިޖެހޭނޭ ގޮވުން. ބޮޑުބުޅަލާ ނާދޭ ކިޔުން.“ އަބުދުބޭ ފޫއްސާއި ރުޅިވެރިކަމާ އެކުލެވިގެންވާ ރާގެއްގައި ބުނެލިއެވެ.

”އެކަމަކު ދުންފަތުން އެކަހަލަ ބަލިބަލި ޖެހެއެއް ނޫންތޯ؟“ ޒުވާނާ އަހައިލިއެވެ.

”ތިޔަ ކަމާ އަހަރެން ދެކޮޅެއް ނޫން.“ އަބުދުބޭ ބުނެލިއެވެ. ”އެކަމަކު، މުއްސަނދިން ގުދަން އަޅަން ވީމައި ފަގީރުންގެ ގޯތިގެދޮރަށް ހުއްދަނެތި ވަދެގަތުމާއި، ނިކަމެތި އަވަށްޓެރިޔާގެ ދެރަ ގެގަނޑުގައި ރެނދު އަޅުވައިލުމާއި، ދަންވަރު ނިދައިފައި ތިއްބައި ފުރާޅުމައްޗަށް ބިދޭސީން އެރުވުމާއި، މިހުރިހައި ކަމެއް ތިންހަތަރު މަސް ވަންދެން ކުރާއިރު އެފަކީރު އެ ތަޙައްމަލްކުރަންޖެހޭ، ތިޔަ ކުދީން ކިޔާ ކަހަލަ ‘ސްޓްރެސް’ އެއީ ދުންފަތް ކަހަލަ އެއްޗެއް ނޫންދޯ؟ ރާއްޖޭގައި އިންސާނީ ޙައްޤުތަކޭ، ރައްޔިތުންގެ ފުރާނަޔާއި ގޯތިގެދޮރާއި މުދަލުގެ ރައްކާތެރިކަމުގެ ޙައްޤޭ، އަނެއް ޙައްޤެކޭ ކިޔައިގެން އެކަންކަން ރައްކާތެރި ކޮށްދޭށޭ ކިޔައިގެން ބޮޑެތި މުސާރަ ނަގައިގެން ތިބޭ މީހުން އެ މީހުންގެ ވަޒީފާޔާއި ހުވައިގެ ޒިންމާ އަދާ ނުކުރާކަން ފަގީރުންނަށް ވިސްނުނީމައި ދެން ހިތަށް އެ ކުރާ ބާރާއި، މިހިރަމިހިރަ ކަންކަމަކީ ދުންފަތަށް ވުރެ ވަކީން ނުރައްކާތެރި ކަންކަމެއް ނޫންތަ؟“

”އަޅުގަަަނޑަށް ހީވަނީ ތިއީވެސް ހަމަ ނުރައްކާތެރި ކަންކަން ހެން..“ ޒުވާނާ ތަންކޮޅެއް ދެރަވެލައިފައި ބުނެލިއެވެ.

”ތިޔަ ކުދީންނަށް ކިޔެވިފައި ތިޔަ ތިބި ވަރަށް ބޭބެމެންނަށް ނުކިޔެވި ތިބެދާނެ. އެކަމަކު ޤަވާޢިދުގައި ލިޔެވިފައި އޮންނަގޮތަށް އަދި ތިޔަކުދީން ކިޔާނޭކަހަލަ ’ސޭފްޓީ‘ ނުއަޅައި ޚަރަދުކުޑަކޮށްގެން، އަވަށްޓެރިޔާގެ ފުރާޅަށް ސިމެންތިޔާއި ގަލާއި އެޅި، ފުރާޅު ފޫގޮސްގެސް ވާރޭ ވެހި، ރެޔާއި ދުވާލު އަޑުގަދަ ކަމުން ނުނިދި، ބޮލުގައި ރިއްސައި، މިހުރިހައި ކަމެއް ވާއިރުވެސް އެއްކަލަ ޤަވާޢިދު ތަންފީޒުކުރަން ޤާނޫނީ ގޮތުން ލާޒިމުވާ މީހުންނަށް އެތަންތަން ނުފެނީމައި، ބުންޏަސް އަދި ގެނެސް ދެއްކިިޔަސް ނަސޭހަތަކުން ފުއްދައިލީމައި، އެ އަނިޔާގައި އުޅެން ޖެހޭ މީހާޔަށް އަދިވެސް ގެއްލުންވަނީ ސިނގިރޭޓެއް ބޮއިލީމަޔޭ ބުނީމައި ކުޑަތާ ޖޯކަކަށް ނުވޭތަ؟ ބޮޑުބުޅަލާ ނާދޭ ނާނާޔަށް ވުރެވެސް ބޮޑު ޖޯކަކަށް ނުވޭތަ؟“ އަބުދުބޭޔަކީ ނުކިޔަވައި ހުރި މީހެކޭ ޒުވާނާޔަށް ހީވެފައި އޮތް ނަމަ، އެއީ ގޯހެއްކަން އެންމެނަށް ވިސްނޭވަރުވެސް ވީ ކަހަލައެވެެ.

”ބޭބޭ އަޅުގަނޑަށް މަޢާފުކުރައްވާ…“ މަޢާފަށް މިއެދެވެނީ ކީއްވެކަންވެސް ނުއެނގި ޒުވާނާ މަޢާފަށް އެދުނެވެ.

”ކޮއްކޮއެއް ނޫނޭ މަޢާފަށް އެދެންވީކީ!“ އަބުދުބޭ ބުނެލިއެވެ. ”މަޢާފަށް އެދެންވީ ކަންކަން ވާނެޔޭ، ކޮށްދޭނަމޭ ކިޔައިގެން މަތިފަޑި މައްޗަށް އަރައިފައި، ދެން އާދައިގެ ރައްޔިތުންގެ ޙައްޤުތަކުގެ މައްޗަށް މުއްސަނދީންގެ މަޞްލަޙަތުތައް ވެރިވެގަންނައިރު ވާނުވާ ނޭނގި އެ ތިބޭ މީހުން. ނުވަތަ އެނގުނަސް މުއްސަނދީންދެކެ ގަންނާކުރައްވާ ބިރުން ނުފެންނަ ކަމަށް ހަދައިގެން އެ ތިބޭ މީހުން. ދެން ކޮންމެވެސް ކަމެއް ކުރިކަން ދައްކަން ވެގެން ދުންފަތާ ދެކޮޅަށް ހަފުތާޔަކު ދެރޭ އެކައްޗެއް ކިޔަން ބާރުއެޅުން އަޅެ ނުވޭބާ ހެއްވާ ކަމަކަށް؟  ބޮޑުބުޅަލާނާދޭ ނާނާ ކިޔުމޭ ބޭބެ މިކިޔަނީ އެޔަށް.“

”ދެން އަޅުގަނޑު ގޮސްލާނަން…“ ޖަވާބުގައި ބުނާނެ އިންސާފުވެރި އެއްޗެއް ނޭގިގެން، ނުވަތަ ކުރެވޭނޭ ޢަދުލުވެރި ކަމެއްވެސް ނޭނގިގެން، ޒުވާނާވެސް އެތަނުން ސަލާމަތްވެގެން ދާން އުޅޭ ކަހަލަ ރާގެއްގައި ބުނެލިއެވެ. އާދައިގެ ރައްޔިތަކާ ހަމަޔަށް އައިސް ޙަޤީޤަތް ލޮލުން ދެކެ، އަތުން ހިފާ ކޮންމެ ޒުވާނަކަށް ވާފަދައިންނެވެ.

”ބޭބެޔަށް ރަނގަޅީވެސް ދިޔައްޔާ. ކޮއްކޮޔާއި ކޮއްކޮގެ ދަރީންނަށް މިޔަށްވުރެ ޢަދުލުވެރި، އިންޞާފުވެރި، އެންމެންގެ ޙައްޤުތައް އެއްވަރަށް ޙިމާޔަތް ކުރެވޭ، ޤާނޫނުގެ އަކުރާއި ތަންފީޒުގެ ޢަމަލާ ދޭތެރޭ ހާއަޅާ ބާގަނޑެއް ނޯންނަ ތާކަށް ޢުމުރުގައި ތަން އޮއްވައި އަވަހަށް ދިޔައްޔާ. ހަފުތާޔަކު ދެ ރޭ ބޮޑުބުޅަލާ ނާދޭ ނާނާ މަޖުބޫރުން ކިޔަން ނުޖެހޭ ތާކަށް ދިޔައްޔާ.“

އަބުދުބޭ ބިޑިޔަށް ބަލައިލިއިރު އޭތި ނިވިފައެވެ. ބޭރު ކަރައެއްގެ ނޫސް ކަރުދާހަށް ބަންގާޅު ދުންފަތް އަޅައިގެން ހަދައިފައި އޮތް އެ ބިޑި ލައިޓަރުން ރޯކޮށްލައިފައި ދުން ކޯވަރެއް އެތެރެޔަށް ދަމައިލިއެވެ. އަދި ޖެހެމުން ދިޔަ ވަޔާ މުޚާޠަބްކޮށް ކިޔައިލިއެވެ. ”ހަފުތާޔަކު ދެ ރޭ ’ބޮޑުބުޅަލާ ނާދޭ‘ ކިޔަކަސް ނުފުދޭނެއެވެ.“

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.