...

Support Us

ސުމޭކީ ހަމަހަމަކަން… ހުރިހާ ޢުމުރުފުރާއަކަށް

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހަކީ ޢުމުރުން ދުވަސްވީ މީހުންގެ ނުވަތަ އިސް ރަށްވެހީންގެ ދުވަހެވެ. އދން މި ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ 1990ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 14 ވަނަ ވަނަ ދުވަހު ފާސްކުރި 45/106 ވަނަ ޤަރާރުންނެވެ. މި ދުވަސް ފާހަގަކުރުމަށް ހަމަޖެއްސީ މުސްކުޅީންނަށް ކަމޭހިތުމަށާއި އެމީހުންގެ ޚިދްމަތްތަކުގެ އަގު ވަޒަން ކުރުމަށް ޓަކައެވެ. ޢުމުރުން ދުވަސްވީ މީހުންނާއެކު  މުޢާމަލާތު ކުރުމުގައި ގެންގުޅެން ޖެހޭ އުޞޫލުތައް 1991ވަނަ އަހަރު އދން ފާސްކުރިއެވެ. އެއަށްފަހު ޢުމުރުން ދުވަސްވީ މީހުންނާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެމީހުންނަށް ފަހިވެފައިވާ ފުރްޞަތުތަކާ ބެހޭ އެކްޝްން ޕްލޭނެއް 2003ގައި ފާސްކުރިއެވެ.

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކަށްފަހު ދުނިޔޭގެ އާބާދީއަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އަދި 1950 އާއި 2010 އާ ދެމެދުގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އާބާދީގެ ލަފާކުރާ އެވްރެޖް ޢުމުރު ވަނީ 46 އަހަރުން 68 އަހަރަށް މައްޗަށް ގޮސްފައެވެ. އަދި 2019ވަނަ އަހަރު ދުނިޔޭގައި 65 އަހަރަށް ވާޞިލުވެފައިވާ މީހުންގެ ޢަދަދަކީ 703 މިލިއަން މީހުންނެވެ. މީގެތެރެއިން ގިނަ ބަޔަކު އުޅެނީ އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިޔާގައެވެ.

ކުރިއަށް އޮތް ތިން ދަހަރުގެތެރޭގައި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު 1.5 ބިލިއަނަށް އިތުރުވެގެންދާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކުރެއެވެ.

އދން ބަލާގޮތުގައި ޢުމުރުން ދުވަސްވީ މުސްކުޅީންނަކީ 60 އަހަރުން މަތީގެ މީހުންނެވެ. ބައެއް ޤައުމުތަކުގައި މި ޢުމުރަކީ 65 އަހަރެވެ.

މި އަހަރުގެ ޝިޢާރު

އދގެ ޤަރާރާ އެއްގޮތްވާ ގޮތުގެމަތީން ދުނިޔޭގެ މުސްކުޅީންގެ ދުވަސް ފާހަގަކުރަނީ އެ ދުވަހަށް ވަކި ޝިޢާރެއް ކަނޑައަޅައިގެންނެވެ. މި އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ސުމޭކީ ހަމަހަމަކަން… ހުރިހާ ޢުމުރުފުރާއަކަށް" އެވެ.

މިއީ މިއަދުގެ ދުނިޔެއާ ގުޅުވައިގެން ހަދާފައިވާ ޝިޢާރެކެވެ. އެހެނީ މި ޒަމާނަކީ މީސްމީޑިއާގެ ޒަމާނެވެ. ވިސްނުން ތޫނު ފޯނުތަކާއެކު މީހުން އަވަދިނެތިވެ އުޅޭ ޒަމާނެވެ. މި ޒަމާނުގައި ކޮންމެ މީހަކު ވެސް އޭނާގެ ފޯނުގެ ކަނޑުގެތެރެއަށް ގެނބިގެން ގޮސް އޭނާގެ ގާތުގައި އިންނަ އެކުވެރިއާގެ މަތިން ހަނދާންނެތޭ ޒަމާނެވެ.

އިސްނެގުމުގައި އިސްލާންދީން

އދ ވުޖޫދުވުމުގެ މާ ކުރިން މީގެ 14 ސައްތަ އަހަރު ކުރިން އިސްލާންދީން ވަނީ މުސްކުޅީންނަށް ކަމޭހިތުމަށާއި އެމީހުންނަށް އިޙްތިރާމު ކުރުމަށް ގޮވާލައިފައެވެ.

އިސްލާންދީނުގެ މާތްކަމާއި މަތިވެރިކަމާއި،ރިވެތިކަމުގެ ތެރޭގައި، ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އަޅައިލުމާއި، އެމީހުންނަށް ކަންތައްތައް ލުއިކޮށްދިނުމާއި، އެމީހުންނަށް ކުރިމަތިވާ ބޮޑެތި ކަންތައްތަކުން އަރައިގަތުމަށް ވާގިވެރިވުމާއި އެމީހުންނަށް އިޙްސާންތެރިވުން ފަދަ އެމީހުންނަށް  އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުމަށް ގޮވައިލުން ހިމެނެއެވެ. އެމީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިޙްސާންތެރިވުމަކީ މި ދުނިޔޭގައި އަޅުގަނޑުމެންގެ ރިޒްޤު ތަނަވަސްކޮށްދެއްވާނެ ކަންތައްތަކެކެވެ. އެއީ އަޅުގަނޑުމެންގެ ޢުމުރު ދިގުކުރައްވާނެ ކަމެކެވެ. އެއީ އަޅުގަނޑުމެންގެ ޙަޔާތުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންނާ ކުރިމަތިވާ މުޞީބާތްތަކާއި ހިތާމަތައް ފިއްލަވައި ދެއްވާނެ ކަމެކެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު އައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "الْبَرَكَةُ مَعَ أَكَابِرِكُمْ [1]-މާނައީ: ބަރަކާތް ވަނީ ތިޔަބައިމީހުންގެ ތެރޭގައި ތިބި ބޮޑެތި މީހުންނާ އެކުގައެވެ."

އަޅުގަނޑުމެންނަށްވުރެ ޢުމުރުން ދޮށީ މީހުންނަށް އިޙްތިރާމު ކުރުމަށް އަޅުގަނޑުމެންގެ މާތް ދީން އަޅުގަނޑުމެންނަށް ވަޞިއްޔަތް ކުރެއެވެ. ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ހަމަ އެކަނި އާދަކާދައެއް ނޫނެވެ. އެހެނަސް އެއީ ރިވެތި ސުލޫކެކެވެ. އިސްލާމީ އަދަބެކެވެ. މި ކަން އަޅުގަނޑުމެން ކުރަނީ ﷲގެ ޙަޟްރަތުން ސަވާބު ދެއްވުމަށް އެދިއެވެ. އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ކަމުގެ އުއްމީދުގައެވެ. މި ކަމުގެ ސަބަބުން މުޖްތަމަޢު ޞާލިޙު، ހެޔޮ ރަނގަޅު ވެށްޓަކަށް ހެދުމަށްޓަކައެވެ. މުޖްތަމަޢުގެ ހުރިހާ މެންބަރުން ރިވެތި އުޞޫލުތަކެއްގެ މަތީގައި ދިރި އުޅޭ ބަޔަކަށް ހެދުމަށްޓަކައެވެ. މުޖްތަމަޢު ހެޔޮ ލަފާ މުޖްތަމަޢަކަށް ވާނީ ގަދަރުވެރި، އިޙްތިރާމު ކުރެވޭ މިންގަނޑުތަކެއްގެ މަތީގައި އުޅޭ ބަޔަކަށް އަޅުގަނޑުމެން ވެގެންނެވެ. މި މިންގަނޑުތަކުގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެމީހަކަށް ލިބެން ޖެހޭ ޙައްޤުތައް ލިބިދީގެންނެވެ.

ކުޑަ ކުއްޖާ ބޮޑު މީހާއަށް އިޙްތިރާމު ކުރުމުން އެ ކުޑަ ކުއްޖާއަށް މި ބޮޑުމީހާގެ އަޅައިލުމާއި އޯގާވެރިކަން ލިބޭނެއެވެ. މުޖްތަމަޢުގެ ކޮންމެ ފަރްދަކީ އޭނާގެ  މަޤާމުގައި ބޮޑުމީހެކެވެ. އަދި ހަމަ އޭނާއަކީ އޭނާގެ މަޤާމުގައި ކުޑަމީހެއް ވެސް މެއެވެ. އެއީ އޭނާއަށް ލިބޭ ޙައްޤާއި އޭނާއަށް އަދާކުރަން ޖެހޭ ވާޖިބު ނިޔާ ކުރާ ގޮތުގެ މަތިން ބަދަލުވެގެންދާ ޙާލަތެކެވެ.

މުޖްތަމައުން ނެތިވެ އިންދިރާސް ވަމުންދާ އިޖްތިމާޢީ މި ފަދަ އަގުތައް ދިރުވައި އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުގައި މި އަގުތައް އިންދާ އެ އަގުތަކާ އެއްގޮތަށް އެކުދިންނަށް އުޅުމަށް ތަރްބިޔަތު ދޭން މިއަދު ވަނީ ޖެހިފައެވެ. ކީރިތި ރަސޫލާ ﷺ އަބޫބަކްރުގެފާނުގެ ބައްޕާފުޅާ މެދު ޢަމަލު ކުރެއްވި ގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! މައްކާ ފަތަޙަކުރެއްވި ދުވަހު އަބޫބަކްރުގެފާނުގެ ބައްޕާފުޅު އިސްލާންވެ ވަޑައިގެންނެވުމަށްޓަކައި ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ވާހަކަ އަބޫބަކްރުގެފާނު ރަސޫލާއަށް ދެންނެވުމުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟ "އެކަލޭގެފާނު ގޭގައި ނުބެހެއްޓެވީ ކީއްވެތޯއެވެ؟ ތިމަންމެން ދެބޭކަލުންނަށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިދާނެ ނޫންތޯއެވެ؟"

ބޮޑެތި މީހުންނަކީ ކޮބާ؟

ބޮޑެތި މީހުންނޭ ދެންނެވުމުން އޭގެ ތެރޭގައި ޢުމުރުން ދޮށީ މީހުންނާއި، ދަރަޖައިގެ ގޮތުން މަތީމީހުންނާއި ވެރިންނާއި މައިންބަފައިންނާއި އެދުރުން ފަދަ އެންމެން އޭގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ބިދޭސީން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "إِنَّ مِنْ إِجْلَالِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ، وَحَامِلِ الْقُرْآنِ غَيْرِ الْغَالِي فِيهِ وَالْجَافِي عَنْهُ، وَإِكْرَامَ ذِي السُّلْطَانِ الْمُقْسِطِ [2]– މާނައީ: ހަމަކަށަވަރުން ﷲ މަތިވެރިކުރުމުގެ ތެރޭގައި ޢުމުރުން ދުވަސްވީ މުސްލިމުންނަށާއި ކީރިތި ޤުރްއާން ހިތުދަސްކޮށް އެއަށް ރައްކައުތެރިވާ މީހުންނަށާއި ޢަދްލުވެރި ވެރިޔާއަށް ކަމޭހިތުން ވެއެވެ."

ބޮޑެތި މީހުންގެ ޙައްޤުތައް

އިސްލާމްދީން ގޮވާލައި ބޮޑެތިމީހުންގެ ޙައްޤުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި މި އަންނަ ކަންތައްތައް ފާހަގަ ކުރެވެއެވެ.

  • އެމީހުންނަށް އިޙްތިރާމު ކުރުމާއި ޤަދަރު ކުރުން: ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "لَيْسَ مِنَّا مَنْ لَمْ يُوَقِّرِ الْكَبِيرَ وَيرْحَمِ الصَّغِيرَ، وَيَأْمُرْ بِالْمَعْرُوفِ وَيَنْهَ عَنِ الْمُنْكَرِ[3]– މާނައީ: ބޮޑެތި މީހުންނަށް އިޙްތިރާމު ނުކުރާ، ކުޑަކުދީންނަށް އޯގާތެރި ނުވާ، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ނުކުރާ މީހަކީ އަހުރެމެންގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ."
  • ބޮޑެތި މީހުންނަށް ކަމޭހިތުން: އެއީ އެމީހުންނާ ވާހަކަދެއްކުމުގައްޔާއި އެމީހުންނާ މުޚާޠަބު ކުރުމުގައި ރިވެތި ގޮތްތަކާއި އަދަބުތައް ބެހެއްޓުމާއި، ހެޔޮ ރަނގަޅު ގޮތުގައި އެމީހުންނާ މުޢާމަލާތު ކުރުމާއި އެމީހުންނަށް އަޅައިލުމާއި އެމީހުންނާ އެކަށީގެންވާ އެންމެ ރިވެތި ގޮތުގައި މުޢާމަލާތު ކުރުމެވެ. އިމާމު ޝާފިޢީގެފާނު ވިދާޅުވަނީ "އަހުރެން އިމާމު މާލިކުގެފާނުގެ މަޖިލީހުގައި ފޮތުގެ ގަނޑު އެއްލަނީ އެ ގަނޑު އެއްލާ އަޑު މާލިކުގެފާނަށް އިވިވަޑައިގެންފާނެތީ ވަރަށް މަޑުމަޑުންނެވެ. "އަދި ޝާފިޢީގެފާނުގެ ދަރިވަރެއް ކަމުގައިވާ އައްރަބީޢު ވިދާޅުވަނީ "ޝާފިޢީގެފާނު ބައްލަވަން އިންނަވަނިކޮށް މަށަށް ފެންފޮދެއް ބޮއިލާކަށް ވެސް ނުކެރެއެވެ." މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވަނީ "އުނގެނޭ މީހާ އުނގަންނާދޭ މީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރޭގައި އުނގަންނައިދޭ މީހާއަށް ސަލާންކުރުމަށް ފަހު އޭނާގެ ކުރިމަތީގައި އިށީނުމާއި، އޭނާއާ ދިމާއަށް އިނގިލިން ވިޔަސް އިޝާރަތް ނުކުރުން ފަދަ އަދަބު ކުޑަ އެއްވެސް ކަމެއް ނުކުރުން ހިމެނެއެވެ.[4]"
  • އިސްވެ އެމީހުންނަށް ސަލާން ގޮވައިލުމާއި ސަލާން ކުރުން. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "يُسَلِّمُ الصَّغِيرُ عَلَى الْكَبِيرِ، وَالرَّاكِبُ عَلَى الْمَاشِي[5]– މާނައީ: ކުޑަ ކުއްޖާ ބޮޑުމީހާއަށް އަދި ސަވާރީ މަތީގައި އިން މީހާ ހިނގާފައިދާ މީހާއަށް އިސްވެ ސަލާން ކުރާށެވެ." މި ބަސްފުޅުން އެނގެނީ އިޙްތިރާމު ކުރުމުގެ ގޮތުންނާއި އަދަބު ތަޢުޡީމު އަދާކުރުމުގެ ގޮތުން އިސްވެ ސަލާން ކުރަން ޖެހޭނީ ކުޑަމީހާ ކަމެވެ.
  • ރިވެތި ބަހުން އެމީހުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުން. މިއަދު މުޖްތަމަޢުގެ ބައެއް މީހުންގެ ކިބައިން މި ފެންނަ ފަދަ އިޙްތިރާމު ކުޑަ ގޮތަކަށް ބޮޑެތި މީހުންނާ ވާހަކަ ދައްކައިގެން ނުވާނެއެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ދިވެހީންނަކީ ބޮޑުންނަށާއި މުސްކުޅިންނަށް ވަރަށް އަދަބުވެރި ކަމާއެކު މުޢާމަލާތުކޮށް މުޚާޠަބު ކުރަމުން ދިޔަ ބަޔެކެވެ. އެމީހުން ހިތުގައި ޖެހިދާނެ ފަދަ ބަހެއް އެމީހުންނާ ދިމާއަކަށް އޭރަކު ނުބުނާނެއެވެ. އެކަމަކު މިއަދުގެ މުޖްތަމަޢުގައި މި ފެންނަނީ މުޅިން އެހެން ސަދަބެކެވެ. އެ ޒަމާނުގައި ކުޑަ ކުއްޖަކު ބޮޑު މީހަކާ ދިމާއަށް ބޭބެ ނުވަތަ ދައްތައޭ ކިޔައިފައި މެނުވީ މުޚާޠަބެއް ނުކުރާނެއެވެ.
  • ބޮޑު މީހަކާ މުޚާޠަބު ކުރާ އިރު ސީދާ އޭނާގެ ނަމުން މުޚާޠަބު ނުކުރުން. އޭނާއާ މުޚާޠަބު ކުރަން ވާނީ އޭނާއާ އެންމެ މުނާސަބު ލަޤަބަކުންނެވެ. މުދައްރިސެއް ނަމަ، މުދައްރިސޭ ނުވަތަ އުސްތާޒޭ ބުނެއެވެ. ތަނެއްގެ ވެރިއެއް ނަމަ އޭނާގެ މަޤާމުންނެވެ. އެ ފަދަ މީހެއް ނޫން ނަމަ ބޭބެ، ނުވަތަ ދައްތަ ފަދަ ބަހަކުންނެވެ.
  • ބޮޑެތި މީހުންނާ ވާހަކަ ދައްކާ އިރު ތިމާގެ އަޑު ނޫފުއްލާ މަޑުމައިތިރިކަމާއި މަޑުމޮޅިކަމާ އެކު ވާހަކަދެއްކުން. ތިމާއަށްވުރެ ބޮޑު މީހަކު  ވާހަކަ ދައްކަމުން ދަނިކޮށް އޭނާގެ ވާހަކަ މެދުކަނޑައި ނުލުމާއި އޭނާގެ ކިބައިން ކަމަކަށް އެދޭ އިރު އަމުރުކުރުމުގެ ބަދަލުގައި އެކަމަށް އެދޭ ފަދަ  ރިވެތި ޢިބާރަތަކުން ވާހަކަދެއްކުމަށް ސަމާލުކަން ދިނުން.  އޭނާ ކޮޅަށް ހުރި ނަމަ ތިމާ ވެސް ވާހަކަ ދައްކަން ވާނީ ތެދުވެ ހުރެއެވެ.
  • ދުވަސްވީ މީހަކާ މުޢާމަލާތު ކުރާއިރު އޭނާގެ ޞިއްޙަތަށް ރިޢާޔަތްކުރުން. ޢުމުރުން ދުވަސްވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ބަލިކަށި ވާނެއެވެ. ޒުވާނުންނަށް ތަޙައްމުލު ކުރެވޭ ފަދަ ބުރަތައް އޭނާއަކަށް ތަޙައްމުލެއް ނުކުރެވޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "اللَّهُ الَّذِي خَلَقَكُمْ مِنْ ضَعْفٍ ثُمَّ جَعَلَ مِنْ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً [6]– އެވެ. މާނައީ: ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއް ލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީ ވެސް އެކަލާނގެއެވެ."
  • ބޮޑެތި މީހުންނަށް އިޙްތިތރާމު ކުރުމުގެ ގޮތުން އެމީހުންނަށް ހެޔޮ ދުޢާ ކޮށްދިނުން. اللهِ عَزَّ وَجَلَّއަށް ކިޔަމަންގަތުމުގައި އެމީހުންގެ ޢުމުރު ދިގުކޮށްދެއްވުމަށާއި އެމީހުންނަށް ހެޔޮ ތަޢުފީޤާއި ތެދުމަގުގައި ސާބިތުކަން ދެއްވުމަށް އެދި ﷲއަށް ދުޢާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އަދާކުރަން ޖެހިފައިވާ ވާޖިބެކެވެ. އެންމެ ހެޔޮ ލަފާ މީހުންނަކީ ކޮބައިތޯ ދެންނެވުމުން ކީރިތި ރަސޫލާ ޖަވާބުގައި ޙަދީޘް ކުރެއްވީ އެއީ "مَنْ طَالَ عُمُرُهُ، وَحَسُنَ عَمَلُهُ[7]– އެމީހެއްގެ ޢުމުރު ދިގުވެ އެ މީހެއްގެ ޢަމަލުތައް ރަނގަޅުވެއްޖެ މީހާ އެވެ."

ޢުމުރުން ދުވަސްވީ މީހުންނަކީ ހެޔޮ ލަފާ ބައެއް

ޢުމުރުން ދުވަސްވީ މީހުންނަކީ އާޚިރަތާ ކުރިމަތިލުމުގެ މަރްޙަލާގައި ތިބި ބަޔެކެވެ. އެމީހުންގެ އަޖަލު ކައިރި ވަމުން އަންނަކަން އިޙްސާސް ކުރަމުންދާ ބައެކެވެ.މިހެންވެ އެމީހުންގެ ކިބައިގައި ﷲއަށް ކިޔަމަންގަތުން އިތުރުވާނެއެވެ. އެމީހުންގެ ކިބައިގައި ހެޔޮކަން ކުރުމުގެ ޖޯޝް ބޮޑުވާނެއެވެ. އެމީހުންގެ ކިބައިން މާތްކަމާއި ޚުލްޤު ހެޔޮ ކަން ފެންނާނެއެވެ. އެމީހުންގެ ކިބައިން އެހެން މީހުންނަށް ދުއްތުރާ ކުރުމާއި އުނދަގޫ ކުރުމުން ދުރުހެލިވުމުގެ މާތް ސިފަ ފެންނާނެއެވެ.  އިބްނު އަބިއް ދުންޔާ ރިވާކުރެއްވިއެވެ. އެއްދުވަހަކު ސުލައިމާނު ބުނު ޢަބްދިލްމަލިކު މިސްކިތަށް އަރާވަޑައިގަން ހިނދު މުސްކުޅިއަކު ފެނިވަޑައިގެން ވިދާޅުވިއެވެ. އޭ ޝައިޚާއެވެ! މަރު ދެކެ ލޯބިވަން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ޚަލީފާ ވިދާޅުވި އެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ޒުވާންކަމާއި އެކަމުގެ ނުބައިކަން ފަސްދީ ހިނގައްޖެއެވެ. މިހާރު މި އޮތީ މުސްކުޅިކަމާއި އޭގައި ހުރި ހެޔޮކަމާ ކުރިމަތިވެފައެވެ. ފަހެ އަޅުގަނޑު ތެދުވާ ނަމަ ތެދުވަމުން ބިސްމި ކިޔަމެވެ. އިށީންނަނަމަ އިށީންނަމުން މާތްﷲއަށް ޙަމްދު ކުރަމެވެ. މި ގޮތުގެ މަތީގައި ދެމި ހުރުމަށް އަޅުގަނޑު އެދެމެވެ. ޢުމުރުން ދުވަސްވީ މީހުންނަކީ ހެޔޮ ރަނގަޅު މީހުންނެވެ. އިޙްސާންތެރީންނެވެ. ﷲއަށް ކިޔަމަންގަތުމާއި އަޅުކަން ކުރުމުގެ އަހްލުވެރީންނެވެ. ރުކޫޢާއި ސުޖޫދު ވެރިންނެވެ.

ޒުވާނުން ހަދާން ކުރަންވީ

ޒުވާނުން ހަނދާން ބަހައްޓަންވީ، ޒުވާނުން ޒުވާނުންނަށް ހެދީ މުސްކުޅީން ކަމެވެ. އެމީހުންގެ ޤުރްބާނީއާއި ބުރަ މަސައްކަތުންކަމެވެ. މިކަމަށްޓަކައި ޒުވާނުން މުސްކުޅިންނަށް ޤަދަރު ކުރަން ޖެހޭނެއެވެ. ދުނިޔޭގައި އުޅެމުންދާ އިރު ހަމަ ކޮންމެ ޒުވާނަކަށް ވެސް މި ހިސާބަށް އަންނަން ޖެހޭނެކަން ހަނދާން ކުރަން ވާނެއެވެ.

ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ތެރޭގައި ތިބި ޢުމުރުން ދުވަސްވީ މީހުން ރައްކައުތެރިކޮށް ދެއްވައި، އެމީހުންގެ ޢުމުރުގައި ބަރަކާތް ލައްވާނދޭވެ! އެމީހުންނަށް ހެޔޮ ނިމުމެއް ދެއްވައި އެމީހުންގެ ޢަމަލުތައް ތެދުމަގަށް ސީދާ ކުރައްވާނދޭވެ!

 

[1] – رَوَاهُ الْحَاكِمُ وَابْنُ حِبَّانَ

[2] – رَوَاهُ أَبُو دَاوُدَ

[3] – أَخْرَجَهُ ابْنُ حِبَّانَ

[4] – انظر المكتبة الشاملة

[5] – رواه  الْبُخَارِيُّ وَمُسْلِمٌ

[6] – الروم:54

[7] – أَخْرَجَهُ أَحْمَدُ وَالتِّرْمِذِيُّ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.