...

Support Us

ކޮލަމް: އަލި

ޝާޢިރޭ މަޝްރިޤް: ޢައްލާމާ މުޙައްމަދު އިޤްބާލް

ކޮންމެ އިންސާނަކީ ނިކަން ފުރިހަމަ ނާވިލެކެވެ. ކޮންމެ މީހެއްގެ ވެސް ޙަޔާތަކީ އިބުރަތާއި ފިލާވަޅުން ފުރިގެންވީ ފޮތެކެވެ. މިއަދު ސިފަކޮށްލެވޭތޯ ގަލަން މިނެގީ ޕާކިސްތާން ދުށް ލޮބުވެތި ޝަޚުޞިއްޔަތެކެވެ. މަޝްހޫރު ޝާޢިރެކެވެ. ޤައުމީ ޖިހާދުގެ ކާމިޔާބު މޭސްތިރިއެކެވެ. ޙިކުމަތާއި ވިސްނުންތަކުގެ ފަލްސަފާވެރިއެކެވެ. ޕާކިސްތާނުގެ ހިތެވެ. ޖަޒުބާތައި ޝުޢޫރުގެ ވިންދެވެ. އާދޭހެވެ! ޢައްލާމާ މުޙައްމަދު އިޤްބާލެވެ.

ސަރ. މުޙައްމަދު އިޤްބާލަކީ ޕާކިސްތާނީ ފާރިސީއެކެވެ. އުރުދޫ އަދަބުގެ ޝާޢިރެކެވެ. ފަލްޞަފާވެރިއެކެވެ. އަދި ސިޔާސީ މުފައްކިރެއްވެސް މެއެވެ.
ޢާންމުކޮށް ކިޔަނީ ޢައްލާމާ އިޤްބާލްއެވެ. "އައްލާމާ" މާނައަކީ ޢިމްވެރިޔާ، ސްކޯލާރއެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1877ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ޕުންޖާބުގައެވެ.

ކެމްބުރިޖު، މިޔުނިކް އަދި ހިޑެލްބާރގުން މަތީ ތަޢުލީމް ޙާޞިލްކުރެއްވުމަށްފަހު ޤާނޫނީ މަސައްކަތްޕުޅުތަކެއް ޢައްލާމާ ކުރެއްވިއެވެ. ނަމަވެސް ސިޔާސީ، އިޤުތިޞާދީ އަދި ތާރީޚީ، ފަލްޞަފީ އަދި ދީނީ މަސައްކަތްތަކެއް ޢިލްމީ ގޮތެއްގައި ކުރެއްވުމުގެ މައްޗަށް ވަރަށް ބޮޑުސަމާލުކަމެއް ދެއްވައިގެން ކުރެއްވިއެވެ.

މީސްތަކުންގެ މެދުގައި އައްލާމާ އިޤްބާލް އެންމެ ބޮޑަށް މަޤުބޫލުވެފައިވަނީ އޭނާގެ ޝާޢިރިއްޔަތުގެ ތެރެއިން "އަސްރާރު އޭ ޚުދީ، ރުމްޒް އޭ ބޭޚުދީ ، ބާންގް އޭ ޑަރާ، ތަރާނާ އޭ ހިންދު ފަދަ ޅެންފޮތްތައް ހެއްދެވި ޝާޢިރުގެ ގޮތުންނެވެ. ޚާއްޞަކޮށް އޭނާ އިންޑިޔާގެ އަހުލުވެރިންގެ މެދުދައި ފިޔަޖަހާލީ "އިންޑިޔާގެ ނުރަސްމީ ޤައުމީ ސަލާމް ކަމުގައިވާ "ސާރޭ ޖަހާނސެ އައްޗާ" މިޅެމުންނެވެ.

އަފްޣާނިސްތާނާއި އިރާނުގައި އިޤްބާލަށް ކިޔައިއުޅެނީ "އިޤްބާލޭ ލާހޫރު" މާނައަކީ ލާހޫރުގެ އިޤުބާލެވެ. މިއީ އޭނާގެ ފާރިސީ މަސައްކަތުގެ އަގު ވަޒަންކުރާ ކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޢައްލާމާ އިޤުބާލު ފާހަގަކުރެވެނީ މުޅިދުނިޔޭގައި އިސްލާމީ ޙަޟާރަތުގެ ރޫޙާއި ސިޔާސަތު ވަރުގަދަކުރައްވައި ކުރިއަރުއްވައި ތަރައްޤީކުރައްވާން ހިތްވަރުފުޅާ އެކު މަސައްކަތްޕުޅުތަކެއް ކުރެއްވި ޒަޢީމެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ދެކުނު އޭޝިޔާގައެވެ. މިކަންކަމުގެ މައްޗަށް އޭނާ ދެއްވި ޢިލްމީ ތަޤުރީރުތަކުން އެންމެ އަސަރުކުރުވި އެއް ތަޤުރީރަކީ The Reconstruction of Religious Thought in Islam (އިސްލާމް ދީނުގައި ދީނީ ފިކުރު އާރާސްތުކުރުން) މިމައުޟޫޢެވެ.

ހިންދީންނާއި މުސްލިމުން ވަކި ބައެއްގެ ގޮތުގައި މިނިވަންވުމުގެ މަސައްކަތުގެ ތެރޭގައި އިޤުބާލުގެ ދައުރު ވަރަށް ފުޅާވިއެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ޕާކިސްތާނު އެ ބޭފުޅަކަށް އެ ޤައުމުގެ ބައްޕައެއްގެ ލަޤަބު އަރުއްވައިފައިވާ މުޙައްމަދު ޢަލީ ޖިނާހާ ގުޅިވަޑައިގެންނެވެ. ޖިނާޙާ ގުޅިވަޑައިގެން ޢައްލާމާ އެ މަނިކުފާނުގެ ފިކުރުފުޅު ޖިނާޙާ ޙިއްސާކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އިޤްބާލަށް ޝަރަފްވެރި އެތައް ލަޤަބެއް އޮހުނެވެ.
މުފައްކިރޭ ޕާކިސްތާން (ޕާކިސްތާނުގެ މުފައްކިރު)
ޝާޢިރޭ މަޝްރިޤް (އިރުމަތީ ޝާޢިރު)
ޙަކީމުލް އުންމަތު (ޙުމަތުގެ ޙިކުމަތްތެރިޔާ)

ރަސްމީގޮތެއްގައި އިޤްބާލު ފާހަގަކުރެވެނީ ޕާކިސްތާނުގެ ޤައުމީ ޝާޢިރުގެ ގޮތުގައެވެ. "ޔައުމޭ ވުލާދަތު މުޙައްމަދު އިޤުބާލު" "یوم ولادت محمد اقبال‎" "އިޤުބާލު ފުރަސޫތަވީ ދުވަސް" އަކީ ނޮވެމްބަރުމަހުގެ 9 ވަނަދުވަހެވެ. މިއީ ޕާކިސްތާނުގެ ޤައުމީ ބަންދު ދުވަހެކެވެ.

ސަރ ޢައްލާމާ އިޤުބާލު އެންމެ ފުރަތަމަ ލިޔުއްވި ޢިލްމީ ފޮތަކީ "ޢިލްމުލް އިޤްތިޞާދު" ކިޔާ ފޮތެކެވެ. މިއީ އިޤުތިޞާދީ ޢިލްމާ ބެހޭ ގޮތުން އުރުދޫބަހުން ޢައްލާމާ ލިޔުއްވި ފޮތެކެވެ.

ޢައްލާމާގެ ޝާޢިރިއްޔަތުގެ ފުރަތަމަ މަސައްކަތްޕުޅަކީ 1915ވަނަ އަހަރު ހެއްދެވި "އަސްރާރީ ޚުދީއެވެ. އެއަށްފަހު 1917ވަނަ އަހަރު ރުމުޒީ ބޭޚުދީއެވެ. އަދި 1923ވަނަ އަހަރު ފެންމަތިވި ޕާޔަމީ މަޝްރިޤާއި ޒަބުރީ އަޖަމް(1927)އާއި ޖާވިދް ނާމާ(1932)އާއި ޕަސް ޗޭ ބައޭދް ކަރުދު އާއެ އަޤުވަމީ ޝަރްޤް (1936)އާއި އަރުމު ޣަނީ ހިޖާޒް(1938) ފާހަގަކުރެވެއެވެ. މި ހުރިހައި ފޮތެއް ވެސް ލިޔުއްވައިފައި ވަނި ފާރިސީ ބަހުންނެވެ. ޚާއްޞަކޮށް އަރުމުޣަނީ ހިޖާޒް(1938) ޝާޢިއުކުރައްވައި ނެރުއްވީ ފާރިސްކަރައިގައެވެ. އޭގައި އުރުދޫބަން ޅެމާއި ޣަޒަލް ޅެން ކޮންމެވެސް ވަރަކަށް ހިމަނުއްވައިފައި ހުއްޓެވެ.

އުރުދޫބަހުން އައްލާމާ އިޤްބާލް އެންމެފުރަތަމަ ލިޔުއްވީ "ބަންގީ ދާރާ" ނަމަކަށް ކިޔާ ފޮތެކެވެ. އެފޮތް ލިޔުއްވީ 1924ވަނަ އަހަރުއެވެ. އެއަށްފަހު ބަލީ ޖިބްރީލް (19359އާއި ޒަރުބީ ކަލިމް (1936) ލިޔުއްވިއެވެ. ޢައްލާމާ އިޤްބާލް ހެއްދެވި މަޝްހުރު ޅެންޅެމުގެ ތެރޭގައި ޝުޢާޢޭ އުންމީދާއި ޝިކުވާއާއި ޖަވާބޭ ޝިކުވާ ފަދަ ޅެންޅެން ހިމެނެއެވެ.

ޝިކުވާ އާއި ޖަވާބޭ ޝިކުވާ ޑރ. އިޤްބާލް ހެއްދެވީ 20ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. "ޝިކުވާ" މިޅެމުގައި އޭނާ ފާޅުކުރައްވާފައިވަނީ ﷲ އަށްކުރާ ޝަކުވާތަކެކެވެ. "ޖަވާބޭ ޝިކުވާ" ގައި ފާޅުކުރައްވާފައިވަނީ އެޝަކުވާތަކުގެ ޖަވާބެވެ. މިދެޅެން އޭނާ ހެއްދެވި ދުވަސްވަރަކީ އޭނާގެ ޝާޢިރިއްޔަތަށް މީސްތަކުންގެ ނަޒަރު ހުއްޓިގެން ދިޔަ އެންމެ މުހިންމު ދުވަސްވަރެވެ.

އެދުވަސްވަރަކީ އިންޑިޔާގެ މުސްލިމުން ވަކިޤައުމެއް ވަންތަކަން މުޅިންހެންގެލުނު ދުވަކޮޅެކެވެ. އެދުވަސްވަރު މުސްލިމުން ވެފައިވަނީ އިންޑިޔާ އިސްތުޢުމާރުކޮށްގެން ތިބި އިނގިރޭސީން އެންމެ އަޅައިލުންކުޑަކޮށްފައިވާ ޖަމާޢަތްކަމުގައެވެ. މިދަނޑިވަޅުގައި އިޤްބާލަށް އިޙުސާސްކުރެއްވުނީ އިންޑިޔާގެ މުސްލިމުންނަށް ބަދުނަޞީބު ދިމާވުމުގެ އެންމެ ބޮޑުސަބަބެވެ. އެއީ ލިޔަންކިޔަންނުދަތުމާއި ޢިލްމްވެރިނުވުމެވެ.

މިކަންކަމުގެތެރެއިން އެތައް ތައްޗެއް ތުރާލެއް، ހުރަސްތަކެއް ގިރާކުރެއްވުމަށްފަހު، ކުރެއްވި ހިތްވަރާއި ބޮޑުމަސައްކަތްތަކުގެ ކާމިޔާބީއެއްގެ ގޮތުން އެންގްލޯ އޮރިއެންޓަލް ކޮލެޖް އުފެއްދެވިއެވެ. ފަހުން މިތަން ވެފައިވަނީ ޔުނިވަރސިޓީއަކަށެވެ. މިހާރު މިތަނަކީ ދިރާސާކުރުމާއި އުނގެނުމގެ މަސައްކަތްތަކެއްކުރާ ވަރަށް ހައިބަތުހުރި ބިނާއެކެވެ.

އިޤުބާލު އުފެއްދެވި މިބިނާގެ ސަބަބުން ފަޤީރުކަމާއި ހައިހޫނުކަމާ ހެދި ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ލިބިބައިނުވާ އެއްތަ މުސްލިމު ކުދިންނަކަށް ތަޢުލީމް ޙާޞިލްކުރެވުމުގެ ފުރުޞަތު ފަހިވުމުގެ ނަތީޖާއަކީ ވަޒީފާތައް ލިބުމަށް މަގުފަހިވުމާއި މުސްލިމުންނަކީ ހައިބަތާއި ޢިއްޒަތާއި އަމިއްލަވަންތަ ގޮތްތަކެއް ހުރި ބައެއްކަން ހާމަވިއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން އަލްތާފް ޙުސައިން ޙާލީ، ޝިބްލީ ނޯމާނީ، މައުލާނާ ޒަފަރު ޢަލީޚާން، ޢަލީ ބްރެތްރެން ފަދަ ލީޑަރުން އުފެދިގެން ދިޔައެވެ. މިބޭފުޅުން ވެގެންދިޔައީ މުސްލިމުންގެ ޙައްޤަށް މުޤާބަލާކުޅައުމުގައި އިޤްބާލާއެކު އަތާއަތްޖޯޑުކުރައްވައިގެން މަސައްކަތްޕުޅުކުރައްވައިގެން މުޒާހަރާކުރެއްވި ބޭފުޅުންގެ ގޮތުގައެވެ. މީގެތެރިން ވެސް ފާހަގަ ކުރެވޭ އެންމެ ޚާއްޞަ އެއް ބޭފުޅަކީ މައުލާނާ ޡަފަރް ޢަލީ ޚާނެވެ.

މައުލާނާ ޒަފަރް ޢަލީ ޚާނަކީ ކުޅަދާނަ ޝާޢިރެކެވެ. ލިޔުންތެރިއެކެވެ. ޕާކިސްތާނީ ޙަރަކާތުގެ މުހިންމު ޒަޢީމެއް ވެސް މެއެވެ. މައުލާނާގެ ވަރަށް މަޝްހޫރު ޅެންބައިތެއް އޮވެއެވެ. އެއީ ކީރިތި ޤުރުއާނުގެ ވަހީބަސްފުޅެއްގެ މާނައިގެ މައްޗަށް މައުލާނާ ހެއްދެވި ޅެންބައިތެކެވެ. ސޫރަތުއް ރައުދު 11ވަނަ އާޔަތަށެވެ. އެ ޅެންބައިތު އޮންނަނީ އަންނަނިވި ގޮތަށެވެ.

"ޚުދާނޭ އާޖުތަކު އުސްޤައުމުކީ ޙާލަތު ނެހީބަދުލީ
ނަހޯ ޖިސްކޯ ޚަޔާލް އާޕް އަޕްނީ ޙާލާތުކޭ ބަދަލްނޭކާ"
-ޒަފަރު ޢަލީ ޚާން

ސޫރަތުއް ރައުދު 11ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ މިހެންނެވެ. "ހަމަކަށަވަރުން ﷲ ބަޔަކު މީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް އެބަޔަކުގެ އުޅުން، ބަދަލުކޮށްފުމަށް ދާންދެން ބަދަލުކުރައްވާ ވޮޑިނުގަންނަވައެވެ."
ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާ. (2004). ޞ. 406.

މައުލާނާ ޡަފަރް ޢަލީ ޚާން އުރުދޫބަހުން ހެއްދެވި ޅެންބައިތުގެ މައްޗަށް ހަމަ އެ ބައިތު އޮތް ވަޒަނުގެ މައްޗަށް ދިވެހިބަހުގެ އުސްތާޛް ނިޝާން ޢިއްޒުއް ދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުﷲ ޞާދިޤު ދިވެހިބަހުން ޅެންބައިތެއް ހެއްދެވިއެވެ. އެ ޅެންބައިތު އޮތީ އަންނަނިވި ގޮތަށެވެ.
"ކަލާނގެސަފުން ބަދަލްނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް
ނުވާނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް"
-ޢަބްދުﷲ ޞާދިޤް

ކޮންމެއަކަސް އަޅުގަނޑު ލިޔަމުން މި ގެންދަނީ ޢައްލާމާ އިޤުބާލާ މެދުގައި ކަން އަޅުގަނޑު އެއްގޮތަކަށް ވެސް ހަނދާނެއް ނުނެތެއެވެ. އިޤުބާލަށް ލިބިވަޑައިގެންފައިވާ ޢިލްމީ ޤާބިލްކަމުގެ ތެރެއިން އިޤްބާލުގެ އަސަރާއި ނުފޫޒާއި ބާރުގަދަ ޝާޢިރިއްޔަތުގެ ފަރުދާ އޭނާގެ ޖަމާޢަތަށް ކަޝްފުކޮށް މީސްތަކުންގެ އަމިއްލަ ނަފްސުގެ އިތުބާރު ވަރުގަކުރެއްވުމަށް ޓަކައި މަސައްކަތްޕުޅު ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން އިޤްބާލާއި އޭނާގެ އެކުވެރިން މަގުމަގުތަކަށް ނުކުންނަވައި އިންގިރޭސީންގެ ކިބައިން މިނިވަންވެ ވަޑައިގަތުމުގެ އަޑުތައް އުފުއްލަވަމުން ގެންދެވިއެވެ.

އިޤުބާލުގެ އަހާހިވާ ފަދަ އަޑުފުޅުން އޭނާގެ އަމިއްލަފުޅު ޅެންތަކާއި ލަވަތައް ހުށަހަޅުއްވައި މީސްތަކުންގެ ވިސްނުމާއި ޖަމާޢަތުގެ މިޞްރާބު ބަދަލުކުރެއްވިއެވެ. މުސްލިމް ޖަމާޢަތަށް ދިމާވެފައިވާ ހިތާމަތާއި ކެކުޅުންތައް އޭނާގެ ޅެންތަކުން ހަނދުމަކޮށްދެއްވިއެވެ. އޭނާގެ މަސައްކަތުން ވަރުގަދަ ޒަޢީމުން ވަނީ އުފެދިފައެވެ. ޤާޢިދޭ އަޢުޡަން، މުޙައްމަދު ޢަލީ ޖިނާޙު މިގޮތުން ފާހަގަކުރެވެއެވެ.

އިންޑިޔާގެ ހިންދޫ ޖަމާޢަތާ ވަކިވެ މުސްލިމުންނީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ތިބެން ޖެހޭނެ ބައެއްކަމުގެ ވިސްނުންފުޅު މުޙައްމަދު ޢަލީ ޖިނާހަށް ދެއްވައި އެކަމަށް މަސައްކަތްކުރައްވާން ޖެހޭކަމަށް ވިސްނައިދެއްވީ ޚުދު އިޤްބާލެވެ.

ވަކި ބެނަރެއްގެ ދަށުން "މިނިވަން ބަޔަކަށް މުސްލިމުން ވާންވާނެ. އަޅުގަނޑުމެން މުސްލިމުންނަކީ މިނިވަންކަން ލިބިގެންވާ ވަކިބައެއްކަން ހެދެންވާނެ،"

މިގޮތުން މުޙައްމަދު ޢަލީ ޖިނާޙް ފެއްޓެވި އިންޤިލާބީ މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން "ޕާކިސްތާން" އައު ޤައުމެއްގެ ގޮތުގައި އުފަންވެ މުސްލިމުންނަށް އާރާއި ބާރާއި މިނިވަންކަން މިނިވަން ވަކި ދިދައެއްގެ ހިޔަލުން ލިބުނެވެ. އެއީ މީލާދީން 1947ވަނަ އަހަރުގެ އޮގަސްޓުމްހުގެ 14ވަނަ ދުވަހުއެވެ.

އިޤްބާލް ހެއްދެވި ޅެން "ޝިކްވާ" ވީ ސިހުންގެނުވި، އަދި ކަންބޮޑު ކުރުވި ޅެމަކަށެވެ. އެޕްރީލް 1911ގައި ލާހޫރުގެ އިސްލާމިއާ ކޮލެޖުގެ ގޯތިތެރޭގައި އަންޖުމަން ޙިމާޔަތީ އިސްލާމްގެ އަހަރަ ބައްދަލުވުމުގައި އޭނާ މިޅެން އަމިއްލަފުޅަށް ވިދާޅުވި ވިދާޅުވުން ވީ ޤައުމުގައި އަލިފާން ރޯވުން ފަދަ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ ޅެން މަޖައްލާތަކުގައާއި ޖާރނަލްތަކުގައި ޖަހަންފެށިއެވެ.

ހަގީގަތުގައި އިޤްބާލް އެ ޅެން ހެއްދެވި އެންމެ މަތިވެރި މަޤުޞަދަކީ ހިންދޫން މުސްލިމުންނަށް ދެރަ ގޮތްގޮތް ހަދަމުންދާތީ އެކަމާ ވަރަށްބޮޑަށް އުނދަގޫފުޅުވެގެންނެވެ. އެ ޅެން މި މުޝާޢިރާގައި ހުށަހެޅުއްވުމުން ދީނީ މުއްލާއިން އެކަމާ ވަރަށް ނަފުރަތުކޮށް އިޤްބާލް ދީނުން ބަރީއަވެވަޑައިގަނެއްޖެކަމަށާއި އެއީ މުސްލިމެއް ނޫންކަމާއި މުރުތައްދު ވެފައިވާ މީހެއްކަމުގެ ޝަކުވާތައް ސަރުކާރަށް އުފުލިއެވެ.

އެ ކަމާ ގުޅިގެން ޑރ. އިޤުބާލާ ސަރުކާރުން ސުވާލުކުރެއްވުމުން ޅެމުގެ ބޭނުނަމާއި މަޤުޞަދު ވަރަށް ރަނގަޅަށް އޮޅުއްފިލުއްވައިދެއްވިއެވެ. ބޭނުންފުޅަކީ ﷲ ޝަކުވާކުރެއްވުން ނޫންކަމާއި އެކަމަކު މިއަދު ކަންވަމުންދާގޮތުން ފަހެ މިއީ ކޮންމެ މުސްލިމެއްގެ ހިތުގައި އުފެދޭނޭ ޝުޢޫރަށް ނުވާނެތޯއޭ އައްސަވައި ޖަވާބުދެއްވިއެވެ. އެއަށްފަހު ޖަވާބޭ ޝިކުވާ ހައްދަވައިގެން ކިޔުއްވުމުން މުއްލާއިންގެ އަނގަތައް ބަންދުވެ އިޤްބާލުގެ މަޤުޞަދު އެމީހުންނަށް ވެސް ވިސްނި ފަހުން ސުލްހަވެ އެއްގަލަކަށް އަރާއްޖެއެވެ.

ޝިކުވާއަކީ ކޮންމެ ބައިތެއްގައި ހަ މިސްރާ ހިމެނޭ ގޮތުން 31 ބައިތުގެ މައްޗަށް އިޤްބާލް ހެއްދެވި ވަރަށް ދިގު، މޮޅު ޅެމެކެވެ. އެ ޅެމުގައި އިޤުބާލް އުސްއަލިކުރައްވައިފައިވަނީ މީހެއްގެ ހިތުގައި އިސްލާމުންގެ އާދަކާދަތަކާ މެދު އުތުރިއަރާ ކެކުޅުމުގެ އެންމެ ރިވެތިމޫރިތި ގޮތްތަކާއި ކަންކަމެވެ. ޅެމުގެ ލަފުޒުތަކުން ހިތްތަކަށް އަސަރުކުރުވައެވެ. އެއިން ކޮންމެ ލަފުޒެއްމެ އާދިރިއުޅުމަކަށް ފެންބޮވައިގެންފައިތިބި މުސްލިމުންގެ ހިތްތަކުގެ އިލާޖަކަށް ވިއެވެ. ފަރުވާއަކަށް ވިއެވެ. ހިތްހަމަޖެހުމާއި ހިތްވަރުއައުކޮށްދިން އުންމީދީ ފެނަކަށް ވިއެވެ.

ޝިކުވާ ހުށަހެޅުއްވިތާ އެއް އަހަރު ފަހުން 1913ވަނަ އަހަރުގައި ލާހޫރުގެ މޯޗީ ގޭޓު ނަމަކަށް ކިޔާ މަޝްހޫރު ބިނާއެއްގައި އޮތް ވަރަށް މުހިންމު އެއްވުމެއްގައި އިޤްބާލު ޖަވާބެ ޝިކުވާ ހުށަހެޅުއްވިއެވެ. ޖަވާބޭ ޝިކުވާގައި އޮންނަނީ ވަޒަނުގެ ތައްގަނޑުގެ ހަ ބައިގެ މައްޗަށް އެކުލެވޭ 36 ބައިތެވެ.

އިޤްބާލުގެ "ޝިކުވާ"ގެ ސަބަބުން ޤައުމުގައި ކެކެމުން ދިޔަ ލެއަށް އަލިފާން އެޅުންފަދަކަމަކަށް ވެ ނިކަމެތިކަން ލިބުނު މުސްލިމުންނަށް ހިތްހަމަޖެހުމާއި ހިތްވަރު އައުކޮށްދީ، އުފާވެރިކަމުގެ އާ ޙަޔާތެއް ލިބިދިނީ ޖަވާބެޝިކުވާއެވެ. މުސްލިމުންގެ އުންމީދުތައް ފުރިހަމަކޮށްދިން ޅެމަކަށް މިޅެން ވިއެވެ. އިޤުބާލުގެ ޅެންތަކުން މުސްލިމުން އެކަތިގަނޑަކަށް ހަދައިދިނެވެ. މިނިވަންކަމަށް ހަނގުރާމަކޮށް ކާމިޔާބު ޙާޞިލްކުރާން އެހީތެރިވެދިނެވެ. މިނިވަންކަމާއެކު ވިހުރޭ ދިދައެއްގެ ހިޔަލުގައި ވަކިޤައުމެއްގެ ގޮތުގައިވެ ތިބުމުގެ މިނިވަންކަން މުސްލިމުންނަށް ހޯދައިދިނެވެ.
"އިރު އޭގެ ޝުޢާއަށް އިވުނޭ ބުނި އަދު ސިއްރުން
ދިރުވާށެ ހަވީރާ ހެނދުނާ ރީތި ޚިޔާލުން"

ޕާކިސްތާން އެ ބޭފުޅަކަށް ޓަކައި އެ ޝާޢިރަކަށް ޓަކައި ފަޚުރުވެރިވާ ޑރ. ޢައްލާމާ އިޤްބާލް އަވަހާރަވީ 1938ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ޕާކިސްތާނުގެ ލާހޫރުގައެވެ. އެއީ އުންމީދުގެ އަލިކަމުން އުންމަތެއް ރޯޝަން ކުރެއްވި ހުޅުކޮޅެކެވެ. އެއީ އިރުގެ ދޯދިތައް ސިއްރުސިއްރުން ބުނި އުންމީދީ މެސެޖުތައް ފާޅުކުރައްވައި އުންމީދުތަކުން ހިތްތަކެއް ހިނިތުންކުރެއްވި ހިނިތުންވުމެވެ. މާތްﷲ ޢައްލާމާ އިޤްބާލްގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސުގައި ލައްވާށިއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.