...

Support Us

"ކަށިކުނބުރު އިންދަވައިގެން އާފަލު ބިންނަވަން ނުއުޅުއްވާށެވެ!"

އަޅުގަނޑުމެން އަމިއްލަޔަށް ކިޔައި އުޅޭ ގޮތުގައި އަޅުގަނޑުމެންނަކީ ޑިމޯކުރަސީއޭ ކިޔާ އުޞޫލަކަށް މާ ފުރިހަމަޔަށް ކަމޭހިތައިގެން އުޅޭ ބަޔަކީމުއެވެ. އަހަރެމެން އަތުގައި އޮތް ތޫނު ކަނޑި ކަލޭމެން އަތުގައި އޮވެއްޖިއްޔާ އެއީ ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެކޭ، އަހަރުމެންނަކީ ތަހުޒީބު ޤައުމުތަކެކޭ، ކަލޭމެންނަކީ ދެވަނަ ދުނިޔެއެއް ނެތި އެ ދޭތެރޭގައި ނެތި ތިންވަނަޔަށް އޮތް ދުނިޔެއޭ، މިކަހަލަ އެއްޗިހިތަކެއް ކިޔާ ޤައުމުތަކަކުން ޑިމޯކުރަސީއޭ ކިޔައިގެން އުޅޭ ކަންތައްގަނޑުގެ ތެރެއިން ފެންނަ އެންމެހައި ތަންތަނާއި، ނަންތަކާއި، ގޮތްތަކާއި، ވައްޓަފާޅިތައް އަޅުގަނޑުމެންގެ ތެރެއިންވެސް ފެންނަން އެބަހުއްޓެވެ. ކަމުން ނެތިއްޔާ ނަމުން ނަމަވެސް ހުންނަ ހޫނުހޫނު ހޮޓްލައިންތަކާއި، އެ ލައިނުތަކުން ރެޔާ ދުވާލު އެހީ ފޯރުކޮށްދޭނޭ ކަމަށް ބުނާ މުއައްސަސާތައް ބަލައިލި ކޮންމެ ދިމާޔަކުން ފެންނަން އެބަހުއްޓެވެ. މުހިންމު މަޤާމު ތަކަށް ވޯޓުލައިގެން ނަގަނީ ކަންކަމަށް އެންމެ ޤާބިލް، ކުޅަދާނަ ތަޖުރިބާކާރުންނޭ ކިޔަނީވެސް އަޅުގަނޑުމެންް ދެއްތޯއެވެ!

ނޫން! ނޫން! މަޢާފު ކުރައްވާށެވެ. މަތީގައި އެއޮތް ޢިބާރާތުގައި އެންމެ ފަހުން އެ އޮތް ދެތިން ނަންއިތުރަކީ ބައެއް ފަހަރު ނަމަވެސް ޙަޤީޤަތާ އެހާ މުނާސަބު ލަފުޒުތަކެއް ނޫން އަޅުގަނޑަށްވެސް އެނގެއެވެ. ޢާންމު ރައްޔިތުންގެ މަޞްލަޙަތުތައް ބަލައި، ދިރާސާކޮށް، ރާވައި، ހިންގައި، ރައްކާތެރިކޮށްދީ، މިހުރިހައި ކަމެއް ކުރަން ބައެއް ފަހަރު ނަމަވެސް ވޯޓުލައިގެން ހޮވޭ މީހުންނަކީ އެކަހަލަ މީހުން ތޯއެވެ؟ ނޫނިއްޔާ، ކަމަށް އެންމެ ޤާބިލް، ކުޅަދާނަ ތަޖުރިބާކާރުން ބާކީ ކޮށް ކޮއްޕައި ދުރަށް ލައިފައި، އެ ނޫން ކޮންމެވެސް އެހެން ޒާތެއްގެ ބަޔެއް ތޯއެވެ؟ ފަހުން މިދެންނެވި ގޮތަށް މީހުން ހޮވޭ ތަންތާނގައި އަޅުގަނޑަށް ބޭއިޚްތިޔާރުގައި ބުނެވޭ އެއްޗެއް އޮވެއެވެ. އެއީ، ”ކަށިކުނބުރު އިންދަވައިގެން އާފަލު ބިންނަވަން ނުއުޅުއްވާށެވެ!“ މިއެވެ.

އަޅުގަނޑަށް މި ދެންނެވުނު ޖުމުލައިގެ ދެފުށް އޮވެއެވެ. އޭގެ ތެރެއިން އެއް ފުށަކީ، އެންމެނަށް އެންމެ ހެޔޮކޮށް ފައިދާޔާއި ލާބަ ލިބޭ ގޮތަށް ކުރަން ޖެހޭ ކަމެއް ކުރަން ކަމާ ނުއެކަށޭނަ މީހުން ލީމައި، ހީކުރި ނަތީޖާ ލިބުން އޮންނާނީ ވަރަށް ދުރުގަޔޭ ލިޔެވިފައި އޮންނަ ފުށެވެ. އަނެއް  ފުށުގައި ލިޔެވިފައި އޮންނަނީ، ކަމެއް އެންމެ ރަނގަޅަށް ކުރުވަން ބަޔަކު ހޮވަން ވޯޓު ލީއިރު ވޯޓު ލީބަޔަކަށް އެވަގުތު މުހިންމުވި ކޮންމެ ކަމަކާ އެއްގޮތަށް ކަން ހިނގާނެޔޭއެވެ. އަދި އެމަގުން ކަން ހިނގަން ފެށީމައި ދެން ޝަކުވާ ނުކުރާށޭއެވެ. މިސާލުތަކެއް ދަންނަވައިލާނަމެވެ!

ކޮންމެވެސް ރަށެއްގެ ރައްޔިތު އެންމެންގެ މަޞްލަޙަތު ހިމެނޭ ކަމެއް އިސްކޮށް ހިންގަން ވޯޓުލައިގެން މީހަކު ހޮވަން ބޭއްވުނު އިންތިޚާބެއްގައި ރަށުގެ ގިނަ މީހުން ވޯޓުލީ ކުރިމަތިލީ ކެންޑިޑޭޓުންގެ ހުނަރާއި ތަޖުރިބާގެ ވަނަވަރަށް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން އިސްކުރީ  ރައްޓެހި ރަޙުމަތްތެރިކަމުގެ ’ކޮނޑަށް އަތް ވައްޓައިލުމެއް‘ ދައްކައިލި މީހެކެވެ. މިއީ މިރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، މިދެންނެވި ހަމައިން ވޯޓުލީ އެ ރައްޔިތުން ދެން ޤަބޫލުކުރަން ޖެހޭނޭ ކަމެއްވެސް އޮވެއެވެ. އެއީ، އެއްކަލަ މީހާ ހޮވިގެން، އޭނާގެ އަތް މައްޗަށް ބާރުތައް ރަނގަޅަށް އެރީމައި، އޭނާ އިސްކުރާނީ އޭނާގެ ރައްޓެހި ރަޙުމަތްތެރީންނަށާއި ’ކޮނޑަށް އަތް ވައްޓައިލާ‘ މީހުންގެ އެކި ވަކި މަޞްލަޙަތުތައް ކަން ޤަބޫލުކުރުމެވެ. ރައްޔިތުންގެ ޖުމުލަ މަޞްލަޙަތުތަކުގެ މައްޗަށް އެކަން އިސްކުރާނޭ ކަމެވެ. އެ ހިސާބުން ކަންތައްތައް އެގޮތަށް ހިނގަން ފެށީމައި، އޭނާޔަށް ވޯޓުލީ މީހުން ދެން ޝަކުވާ ކޮށްގެން ނުވާނެއެވެ!

އަތޮޅެއްގައި ބޭއްވުނު މުހިންމު އިންތިޚާބެކެވެ. ކަމަށް ޤާބިލް، ތަޖުރިބާކާރު ކެންޑިޑޭޓުންވެސް ތިއްބެވެ. އެހެން ނަމަވެސް، ރައްޔިތުން ފޯރީގައި ނިކުތީ އަތޮޅުގެ ނަންހިނގާ ބޮޑު ޢާއިލާޔަކަށް ނިސްބަތްވާ މީހަކަށް ވޯޓުލާށެވެ. ނަތީޖާއެއްގެ ގޮތުން، މިދަންނަވާ މީހާ ތަނަވަސް އަޣުލަބިއްޔަތަކުން ހޮވުނެވެ. ޢާއިލާގެ މެންބަރުންނާއި، ޢާއިލާގެ ބަތާކައިގެން އުޅޭ މީހުންނާއި، ޢާއިލާޔަށް ދަރަނިވެރި ވެފައިވާ މީހުންނާއި، ޢާއިލާޔަށް ’ބޮޑު ސަޕޯޓުން ސަޕޯޓު‘ ކުރާ މީހުންނާއި، ޢާއިލާގެ ޅިޔަންފަހަވެރިކަމަށް އުންމީދު ކުރާ މީހުންގެ ވޯޓުންނެވެ. އާޚިރުގައި ކަން ވީ ކިހިނެއް ތޯއެވެ؟ ހޮވުނު މީހާ ބެލީ ގޮނޑީގައި ހަމަ އިށީނދެވުމާއެކު އޭނާގެ ގާތްތިމާގެ މީހުންގެ ކަންކަން ކުރިޔަށް ނެރެވޭތޯއެވެ. އަދިވެސް ގިނަ މީހުން ޢާއިލާގެ ދަށުލެވޭތޯއެވެ. ރައްޔިތުންގެ މަޞްލަޙަތަކާ މަޞްލަޙަަތެކެވެ. އޭނާ މަސައްކަތް އެ ކުރަނީ ވޯޓު ދިން މީހުން ބެރުޖަހައިފައި ލަވަކީ ޝުޢޫރު ތަކާ އެއްގޮތަށް ނޫންތޯއެވެ؟ ވޯޓު ލީ މީހުން ތާއިދު ކުރި ފަލްސަފާޔާ އެއްގޮތަށް ނޫންތޯއެވެ؟ ދެން ފަހުން ކޮން ޝަކުވާއެއްތޯއެވެ؟

ދެންވެސް އެހެން ސަރަޙައްދެއްގައި ނެގުނު ވޯޓެކެވެ. މިފަހަރު ވީ އަދި މާ މޮޅު ގޮތެކެވެ. ގޮނޑި ބޭނުންވީ ފައިސާވެރިޔެކެވެ. އެހެން ކަމުން، އިންތިޚާބު އޮތް ތާރީޚު ގާތްވަމުން އައިއިރު އޭނާޔާއި އޭނާގެ އަޢުވާނުންގެ އަތުގެ ބުރު ނޭނގެއެވެ. އެގެޔަށް ހާހެއް، މިގެޔަށް ޢަދަދު ނޭނގޭ ބަންޑެއްޔެކެވެ. ނުފޫޒުގަދަ މީސްމީހުންނަށް ސުމާރެއްނެތެވެ. ނަތީޖާޔަކީ، ފައިސާވެރިޔާ މަޤާމަށް އިންތިޚާބުވުމެވެ. އޭނާ ހަމަ ހޮވުމާއެކު އޭނާ ފެށީ އެ ސަރަޙައްދުގައި އޭނާގެ ވިޔަފާރިތައް ފުޅާކުރާށެވެ. ހިސާބުގަނޑު މީހުންނަށް މަސައްކަތާއި ވަޒީފާ ނުދީ، ބިދޭސީން ލައްވައި އަގުހެޔޮކޮށް ގުލާނު ކުރުވައިގެން ކާރުޚާނާ ހިންގާށެވެ. އެ ހިސާބުގައި ފަޅުރަށެއް އޮތިއްޔާ އެރަށެއްގެ ފަޅުކަން ފިލުވަން ފެނުކޮޓަރި އަޅައިގެން އެތަނަށް ދޮންމީހުން ގެންނާށެވެ. ރައްޔިތުންގެ މަޞްލަޙަތު އެއީ އޭނާ ގެންގުޅޭ ރަދީފުގައި އެއް ޞަފުޙާގައި އޮންނަ ދެ ލަފުޒަށްވެސް ނުވިއެވެ. ދެން އެކަމާ ރައްޔިތުން ފަހުން މައްސަލަ ޖައްސައިގެން ނުވާނެ  ނޫންތޯއެވެ؟ އެ މީހުން ވިއްކައިލި އެތި ވިއްކައިލީ ބާޒާރުގެ ފުރިހަމަ އަގުގައެވެ. ގަތް މީހާ ގަތީ ކީ އަގެއް ދީފައެވެ. އެހެން ވީމާ، އެ ގަތް މީހާ އޭނާގެ ’އިންވެސްޓްމަންޓް‘އިން ފައިދާ ހޯދާނެ ދެއްތޯއެވެ؟ އެކަމާ ޝަކުވާއެއް ކުރާނޭކަ ޖާގައެއް އެބަ އޮތްތޯއެވެ؟

ދެން މިވަރުން ފުދިއްޖެ ދެއްތޯއެވެ؟ އަޅުގަނޑުމެންނަކީވެސް ޑިމޯކުރަސީ ފިސާރި ރަނގަޅަށް ދަންނަ ބަޔަކީމުއެވެ. އެ ގަހުގެ އޮށް އިހަކަށް ދުވަހު އިންދައި، އިރުއަރައި އިރު އޮއްސުނުއިރު ގަސް ފަޅައިގެން ފޯދިއްޖެ ކަން ފިސާރި ރަނގަޅަށް ޤަބޫލުކޮށްގެން ތިބި ބަޔަކުވެސް މިތާނގައި އެބަ އުޅޭ ދެއްތޯއެވެ؟ އެހެން ވީމައި، މަތީގައި މިދެންނެވި ކަހަލަ ޙާލަތެއް ކުރިމަތިވާ ތަން ފެންނަ އިރަށް، ”ކަށިކުނބުރު އިންދަވައިގެން އާފަލު ބިންނަވަން ނުއުޅުއްވާށެވެ!“ މިކަހަލަ ނުސިޔާނު އެއްޗެއް ދޫ އޮޅިގެން ނަމަވެސް ބުނެވޭނީ އަޅުގަނޑުމެން ކަހަލަ… އަޅެ، އެހެން ނޫންތޯއެވެ؟