...

Support Us

"ކަލޭ ތިއީ ފިރިހެނަކަށްވަންޏާ އަހަރެން ވަރިކުރޭ!"

ޝައިޚް ޢަތީޤް، ޝައިޚްގެ ދަރުހެއްގައި ކިޔައިދެއްވި ވާހަކަ އެކެވެ.

ޝައިޚް ކިޔައިދެއްވިއެވެ. (ފިރިމީހާ ކިޔައި ދިނެވެ.)

"އެކަނބުލޭގެއީ ޞާލިޙް، ތަޤްވާވެރި، ޠާހިރު، އަދަބުވެރި ކަނބަލެކެވެ.

އެހެނަސް ރުޅި އަތުވެއްޖެ ނަމަ އެ ކަންތައްތައް އެކަނބުލޭގެ ކިބައިން ފިލައިދެއެވެ.

ދެންފަހެ އެކަނބުލޭގެ ގާތަށް ރުޅި އަތުވެއްޖެނަމަ އަހަރެން ގެއިން ނިކުންނަމެވެ.

(ފިރިމީހާއީ ބުއްދިވެރިއެކެވެ. އެހެން ކަންތައް ކުރަނީ ޝައިޠާނާގެ ވަސްވާހު ޖެހިދާނެތީއެވެ.)

ދެންފަހެ އެކަނބުލޭގެ ރުޅި ގަދަވެ، އެއްޗެތި ކިޔައި ހަދައެވެ.

"ކަލޭތީ، އެވެނި މިވެނި މީހެއްނަމަ… މިހެން ކިޔައި ރުޅި ގަދަވެދެއެވެ.

ދެން އެއް ފަހަރެއްގައި އެކަނބުލޭގެ ބުންޏެވެ.

ކަލޭތީ ފިރިހެނަކަށް ވަންޏާ އަހަރެންނަށް ރައްދު ދޭށެވެ. (އެހެނީ ވަރި ކުރާށެވެ.)

ދެން އަހަރެން ގަނޑުކޮޅެއް ނަގައި އޭގައި ލިޔެފައި ދިނީމެވެ.

އަދި ބުނީމެވެ.

"ފީ އަމާނި ﷲ އެވެ. ތިބާ، ތިބާގެ އަހްލުންގެ ގާތަށް ދާށެވެ."

މިހެން ބުނެ އެ ގަނޑުކޮޅު ސިޓީ އުރަޔަކަށް ލައިފައި ދިނީމެވެ.

ދެން އެކަނބުލޭގެ، ދަބަސްތަކާއި ކުޑަ ދަރިފުޅު ގޮވައިގެން އޭނާގެ އަހްލުންގެ ގާތަށް ހިނގައްޖެއެވެ.

އަނބިމީހާއަށް އެކަން ޤަބޫލު ކުރަންވެސް ދަތިވިއެވެ. އޭނާ (ފިރިމީހާ) އީ ނުލާހިކު މަޑުމައިތިރި މީހެކެވެ. މިފަހަރު އޭނާ އަށް އެވީ ކިހިނެއް ހެއްޔެވެ؟!

ވިއްސަކަށް ދުވަސް ފަހުން އެކަނބުލޭގެ ފިރިމީހާއަށް ގުޅައިފައި، ރޮއި އާދޭސްކުރިއެވެ.

"ތިބާ ތީ އަހަރެންގެ ދުނިޔެއެވެ. ތިބާ ތީ އަހަރެންނަށް މުޅި ދުނިޔެއެވެ. އަހަރެންގެ ޙަޔާތެވެ. އަހަރެންގެ ރޫޙެވެ. އަހަރެންނަށް ތިބާއާ ނުލައި ނޫޅެވޭނެއެވެ."

ދެންފަހެ އެކަނބުލޭގެ ހިތް ފަޅައިގެން ހިނގައިދާނެތީ ފިރިމީހާ ޖަވާބުގައި ބުންޏެވެ.

"އޭ އުއްމު ޢަބްދިލް ޢަޒީޒެވެ. ކަނބުލޭގެ ބޭނުންވަނީ ކޮން ކަމެއްތޯއެވެ؟!"

އެކަނބުލޭގެ ބުންޏެވެ. "އަހަރެންނަށް ހެދުނީ ގޯހެކެވެ."

ފިރިމީހާ ބުންޏެވެ. "ނޫނެކެވެ. އަހަރެން ކަނބުލޭގެ އަށް އަހަރެން މިއީ ފިރިހެނެއްކަން ދައްކައިލީއެވެ."

އެކަނބުލޭގެ ބުންޏެވެ. "ތިބާ ތީ 'ފިރިހެނެކެވެ.' އެކަމަކު އެއީ އަހަރެންނަށް ހަމަ ބުއްދީގައި ހުރެ ބުނެވުނު ބަހެއް ނޫނެވެ."

ފިރިމީހާ ބުންޏެވެ. "އެހެނަސް އެއީ ކަނބުލޭގެ އެދުމެކެވެ."

ކޮންމެއަކަސް އެކަނބުލޭގެ ހިތް ފަޅައިގެން ހިނގައިދާނެހެން ހީވުމުން ފިރިމީހާ ބުންޏެވެ.

"އެހެންވީއިރު، ކަނބުލޭގެ އަށް އަހަރެން ދިން ސިޓީ ހުޅުވަބަލާށެވެ."

ދެންފަހެ އެކަނބުލޭގެ އެ ސިޓީ ހުޅުވި ހިނދު އޭގައި ލިޔެފައިވަނީ….

"އޭ އުއްމު ޢަބްދިލް ޢަޒީޒެވެ. ކަމަނާތީ އަހަރެންގެ ދެލޯ ފަދަ ކަމަނާއެވެ…. ﷲ ގަންދީ ބުނަމެވެ. އުޑު ބިންމައްޗަށް ވެއްޓުނު ކަމުގައި ވީނަމަވެސް ކަމަނާ ވަރިނުކުރާހުށީމެވެ.."

އެކަނބުލޭގެ ސިޓީ ކީ ހިނދު ރޮއެފައި ބުންޏެވެ.

"ތިބާ ތީ ފިރިހެނުންގެ ޝައިޚެވެ. އަދި ތިބާ ތީ ފިރިހެނުންގެ އަމީރެވެ!"

އޭރު އެކަނބުލޭގެ ހީކުރީ އޭގައި އޭނާ ލިޔުނީ "ތިބާ ތިހުރީ ވަރިކޮށްފައި" ކަމަށެވެ.

ބަލާށެވެ!

ފިރިމީހާ އޭނާގެ ރުޅި މައިތިރި ކުރުމުން، އެކަނބުލޭގެ ޙާލަތު ބަދަލުވިގޮތް ދެކޭށެވެ!

ހަމަ ކަށަވަރުން "ފިރިހެންވަންތަކަމަކީ" އެއީއެވެ!!!

އެހެނަސް މިއަދު ފިރިންގެ އަޚްލާޤު ބަދަލުވެ އެފަދަ ޙާލެއްގައި މިކަން މަތިން ހަނދާން ނެތިދެއެވެ.

މިއީ ނަބަވީ މަންހަޖެވެ. މުއުމިނަކު އަނެއް މުއުމިނަކު ދުރުކޮށެއް ނުލާނެއެވެ.

ރުޅިވެރިކަމަކީ އަބަދުވެސް އޮންނާނެ އެއްޗެކެވެ. އަދި ވާނެ އެއްޗެކެވެ. އެހެނަސް އެކަނބަލުންގެ ހިތްދަތި ދުވަސްތަކާއި އުފާވެރި ދުވަސްތަކާ އަޅައިކިޔައިލާށެވެ. އަދި އެ ދޭތި އެއްކޮށްލުމުން ތިބާއަށް އެއިން ނިކުންނާނީ، މީރު ފޮނި ޖޫސް ތައްޓެއް ފަދަ އެއްޗެކެވެ! ބޯހިނދު، އޭގައި އަބަދުމެ ހަކުރެއް ވެސް ނުހުންނާނެއެވެ. އަބަދުމެ ފޮނި މާމުއި ރަހަ އެއްވެސް ނުލާނެއެވެ. އަބަދުމެ އުފާވެރިކަމެއް ވެސް ނުހުންނާނެއެވެ.

"އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ޚަލްޤު ކުރެއްވީ އިމްތިޙާނުގެ ގޮވަތީގައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *