...

Support Us

ގައުމުގެ މީސްތަކުންގެ އިރާދާ- އަބޫ އަލްޤާސިމް އައްޝާއްބީ

އަބޫ އަލްޤާސިމް އައްޝާއްބީއަކީ 20 ވަނަ ގަރުނުގެ ކުރީކޮޅުގެ އަރަބި ޅެންވެރިންގެ ތެރޭގައި ހިމެނޭ ތޫނީސިޔާގެ ޅެންވެރިޔެކެވެ. ތިރީގައި އެވަނީ އޭނާގެ އެންމެ މަޝްހޫރު ޅެންކަމުގައި ހިމެނޭ އިރާދަތުއް ޝައުބި، ގައުމުގެ މީހުންގެ އިރާދާ، މިޅެމުގެ ފުރަތަމަ ބަޔާއި އޭގެ ތަރުޖަމާއެވެ. މިޅެމުގައި ފަސްދޮޅަހަކަށް ބައިތު ހިމެނެއެވެ. މީގެ އަނެއް ބައި، އިރާދަކުރެއްވިއްޔާ ފަހުން ހުށަހަޅާލެވޭނެއެވެ. މިޅެމުގެ ބައެއްގެ މައްޗަށް ބިނާވެފައި އޮތް ނަޝީދަކާއި އޭގެ ތަރުޖަމާއެއް ވެސް ތިރީގައި ހިމަނާލެވިފައިވާނެއެވެ.

މި ޅެމުގައި ގައުމުގެ މީސްތަކުންނަށް ޅެންވެރިޔާ ގޮވާލަނީ ތެދުވުމަށެވެ. މަސައްކަތްކޮށް މުސްތަގުބަލެއް ބިނާ ކުރުމަށެވެ. މިއީ ތިމަންމެންނަށް ކަންހުރިގޮތޭ ބުނެ ތަގުދީރާ، މިންވަރުފުޅާ ކަންތައް ހަވާލުކޮށްފައި ކަންނެއްކަން މަތީ ނުތިބުމަށެވެ. އަދި، ތެދުވެ، ކެރިގެން، ފަރުދީ އަދި ގައުމީ އުއްމީދުތައް ހާސިލުކުރަން މަސައްކަތް ކުރުމަށެވެ. އޭރުން، ތަގުދީރުވެސް، މިންވަރުފުޅުވެސް އެކަމަށް އިޖާބަދޭނެއެވެ. ރޭނގަޑުގެ އަނދިރިކަން ވެސް ފިލައި، ފަތިހުގެ އަލިވިލުމަކަށް ދުނިޔެ ތަންދޭނެއެވެ. ކަސްތަޅުތަކާއި ހުރަސްތައް ނެތިގެން ގޮސް، އަމިއްލަ ފައިމައްޗަށް ތެދުވެވި، ހަގީގީ މިނިވަންކަން ލިބިގެންދާނެއެވެ. ދިރިހުރުން ނޭދޭ މީހާ، އެއްވެސް ފައިދާކުރުވަނި ކަމެއް ނުކޮށް ނިމިގެން ނެތިގެންދެއެވެ. އާދެ، މި ރީތި ޅެން ކިޔާލައި އޭގެ މާނައާ މެދު ވިސްނާލަން ދޫކޮށްލަމެވެ.

(މިތަނުގައި ތަރުޖަމާ ކުރެވިފައިވަނީ ޅެމުގެ ބައެކެވެ.)

إِذا الشَّعْبُ يوماً أرادَ الحياةَ

ގައުމެއްގެ މީސްތަކުން ދުވަހެއްގައި ވެސް ދިރިހުރުން ބޭނުން ވެއްޖެ ނަމަ

فلا بُدَّ أنْ يَسْتَجيبَ القدرْ

ޝައްކެއްނެތެވެ، މިންވަރުފުޅު ވެސް އިޖާބަ ދޭނެއެވެ

ولا بُدَّ للَّيْلِ أنْ ينجلي

ޝައްކެއް ނެތެވެ، ރޭގަނޑުގެ އަނދިރިކަން ވެސް ފިލައިދެއެވެ

ولا بُدَّ للقيدِ أن يَنْكَسِرْ

ޝައްކެއް ނެތެވެ، ކަސްތަޅުތައް ވެސް، ހުރަސްތައް ވެސް، ފުނޑުފުނޑުވެ، ނެތިދެއެވެ

ومَن لم يعانقْهُ شَوْقُ الحياةِ

ދިރިހުރުމުގެ ޝައުގުވެރިކަން އައިސް އެމީހެއްގެ ގައިގައި ބައްދާ ނުލާ މީހާ

تَبَخَّرَ في جَوِّها واندَثَرْ

ދުމަށްވެ، ހަޔާތުގެ ޖައްވަށް އޭނާ ބުރައިގެން ގޮސް ނިމި ދެއެވެ

فويلٌ لمَنْ لم تَشُقْهُ الحياةُ

ދިރިހުރުމަށް ޝައުގުވެރި ނުވާ މީހާއަށް ހަލާކު ހުއްޓެވެ

من صَفْعَةِ العَدَمِ المنتصرْ

(އެހިނދު) ކާމިޔާބު ލިބިގަންނަ ނެތުމުގެ ޖެހުމުގެ ޖެހުމުންނެވެ.

كذلك قالتْ ليَ الكائناتُ

ކާއިނާތުތައް އަހަރެން ގާތު ބުނީ އެހެންނެވެ.

وحدَّثَني روحُها المُستَتِرْ

އަދި ފޮރުވިފައިވާ އެތަކެތީގެ ރޫހު ވެސް ބުނީ ހަމަ އެހެންނެވެ

ودَمْدَمَتِ الرِّيحُ بَيْنَ الفِجاجِ

ފަރުބަދައިގެ މަގުތަކުގެ މެދުގައި ޖެހިލާ ރޯޅި ބުންޏެވެ.

وفوقَ الجبالِ وتحتَ الشَّجرْ

އަދި ފަރުބަދަތަކުގެ މަތިންނާއި ގަސްތަކުގެ ދަށުން ވެސް ޖެހިލާށެވެ

إِذا مَا طَمحْتُ إلى غايةٍ

ކަމެއްކުރަން އަހަރެން އެދުން ވެރިވެއްޖެ ނަމަ

رَكِبتُ المنى ونَسيتُ الحَذرْ

އުއްމީދުގެ އުޅަނދަށް އަރައި ބިރުގަތުމުގެ މަތިން މުޅިން ހަނދާން ނައްތާލަމެވެ

ولم أتجنَّبْ وُعورَ الشِّعابِ

ދަތި އުނދަގޫ މަގުތަައް ދުލެއް ނުކުރާނަމެވެ

ولا كُبَّةَ اللَّهَبِ المُستَعِرْ

އަދެ، ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ވެސް މެއެވެ

ومن لا يحبُّ صُعودَ الجبالِ

(އުސް) ފަރުބަދަތަކަށް އަރަން ލޯބި ނުކުރާ މީހާ

يَعِشْ أبَدَ الدَّهرِ بَيْنَ الحُفَرْ

އަބަދުގެ އަބަދަށް އުޅެން ޖެހެނީ (ބިންމަތީގެ) ވަޅުވަޅުގަނޑުގެ ތެރޭގައެވެ

فَعَجَّتْ بقلبي دماءُ الشَّبابِ

ދެން އަހަރެންގެ ހިތުގެ ތެރޭގައި ޒުވާން ކަމުގެ ލޭ ކެކި އުތުރި އަރައިގަނެއެވެ

وضجَّت بصدري رياحٌ أُخَرْ

އަދި އެހެން ކަހަލަ ނަލަ ވަޔެއް ޖެހި އަހަރެން މޭ ގަދައަށް ތަޅުވާލައެވެ

وأطرقتُ أُصغي لقصفِ الرُّعودِ

އަދި އިސްޖަހާލައި ގުގުރީގެ އަޑު އަހަރެން އަހާލީމެވެ

وعزفِ الرّياحِ وَوَقْعِ المَطَرْ

ވައިގެ މިޔުޒިކުގެ ކުޅުމަށާއި ވާރޭ ތިކިތައް ބިންމައްޗަށް ޖެހޭ އަޑުވެސް މެއެވެ

وقالتْ ليَ الأَرضُ لما سألتُ

ބިން އަހަރެން ގާތު ބުންޏެވެ، މި ސުއާލު ކުރުމުންނެވެ

أيا أمُّ هل تكرهينَ البَشَرْ

އޭ މަންމާ އެވެ! އިންސާނުން ދެކެ ފޫހިވެ ނުރުހެނީ ހެއްޔެވެ؟

أُباركُ في النَّاسِ أهلَ الطُّموحِ

(ނޫނެކެވެ.) މަތިވެރި އެދުންތަކުގެ އަހުލުވެރިންނަށް ބަރަކާތް ލެއްވުމަށް އެދެމެވެ

ومَن يَسْتَلِذُّ ركوبَ الخطرْ

ނުރައްކަލުގެ (އުޅަނދުތަކަށް) އެރުމަށް ލޯބިކުރާ މީހުންނަށެވެ

وأَلعنُ مَنْ لا يماشي الزَّمانَ

ޒަމާން ނިޔާކުރާ ގޮތަށް ކަންތައް ނުކުރާ މީހުންނަށް ލައުނަތް ދެމެވެ.

ويقنعُ بالعيشِ عيشِ الحجرْ

ދިރިއުޅުމަށް، ގާގަލުގެ ދިރިއުޅުމަށް (ކުރިއަށް ދިޔުން ހުއްޓިފައިވާ) ރުހިފައި ތިބެއެވެ

هو الكونُ حيٌّ يحبُّ الحَيَاةَ

އެއީ ދިރިހުރުން ލިބިގެންވީ ދިރިހުރުމަށް ލޯބިކުރާ ކައުނެވެ.

ويحتقرُ الميْتَ مهما كَبُرْ

ދިރުމެއް ނެތް މީހުންނަށް، އެމީހުން ކިތަންމެ ބޮޑުވިޔަސް، އެމީހުންނަކީ އަގެއް ނެތް، ނިކަމެތި ބައެއްގެ ގޮތުގައި ދެކެއެވެ

فلا الأُفقُ يَحْضُنُ ميتَ الطُّيورِ

އުދަރެސް ވެސް އޭގެ އުރުތެރަށް މަރުވެފައިވާ ދޫނިތައް ނުލައެވެ.

ولا النَّحْلُ يلثِمُ ميْتَ الزَّهَرْ

ހަމަ އެހެންމެ މިލާ މޯޅިވެ، މަރުވެފައިވާ މާތަކުގައި ބޮސްދީ އެއިން ފޮނިބޯން މާމުއި ކުޅަނދުރުތައް ނޫޅެއެވެ.

ولولا أُمومَةُ قلبي الرَّؤومُ لمَا

އަހަރެންގެ އޯގާތެރި ހިތުގައި މައިވަންތަކަން ނެތް ނަމަ

ضمَّتِ الميْتَ تِلْكَ الحُفَرْ

އަހަރެންގެ އެ ވަޅުތަކުގެ އުރުތެރަށް މަރުވެ ދާ މީހުން ނުލީހެވެ.

فويلٌ لمَنْ لم تَشُقْهُ الحياةُ

ދިރިހުރުމަށް ޝައުގުވެރި ނުވާ މީހުންނަށް ހަލާކު ހުއްޓެވެ

من صَفْعَةِ العَدَمِ المنتصرْ

(އެހިނދު) ކާމިޔާބު ލިބިގަންނަ ނެތުމުގެ ޖެހުމުގެ ޖެހުމުންނެވެ.