ވައިގާ ހިފާލި ގޮތަކުން އަހަރެން ހިތީމެ ހާއޭ
ގައިމޭ ޖެހޭ މިވައިގާ ކައްޗާ ދުވާނެތާއޭ
ހުޅަނގާ އުތުރު މި ވައިގާ ކުޅެމުން ދެއިރު ދަޅައިގާ
ކުޅިވަރުތަކެއް ގަޔާވާ ދައްކާލަ ދޭނެތާއޭ
ފުޅިތޮށި ޖަހާ ހަދާފައި ނަނުގާ މޮޅަށް ހުރީމާ
މުޅި ވައިތެރޭ އެހެން ހުރި ގޮޑިތައް ކަނޑާނެތާއޭ
އެހެނަސް ޖެހޭ މިހާ ވައި ފަހިރޯޅިޔާ އެކީގައި
ޖެހި ބޯވަތަށް ބޮލާއެޅި ވެއްޓެން ފެށީމެތާއޭ
ކޮޅުނަނު މޮޅަށް ނުބެލިގޮސް އޮޅި ބޮޅު ނަނުގެ ފައިގާ
ދޮޅުގަޑި ހިނގާ ނުނިމެނީސް ބޮލުބައިން ކެނޑިއްޖެތާއޭ
ހެޔޮވަރުގެ ރޯޅިއެއް އައި ޖެހިލީގޮތުން ގުޑީގައި
ތެޔޮހަން އަތުން ފިލާގޮސް މުގުލަށް ޖެހިއްޖެތާއޭ
މައިރާ ނިކުމެ ފިނީގާ ކުޅިވަރު ބަލަން ތިބީމާ
ރާރާގެ އަޑު އިވުން ނޫން ކުލައެއް ނުދެއްކިތާއޭ