Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ވިންދާއި އިހްސާސް އަޑުއަހާ ބައެއް ނަމަ މިކަންކަން ކޮށްދޭށެވެ.

ކޮންމެ މީހަކުވެސް ސިޔާސީ މަޤާމެއް ނުވަތަ ސިޔާސީ މަންފާއެއް ބޭނުންވުމުން ސަނާ ކިއަނީ ރައްޔިތުންނަށެވެ. ދުސްތޫރުގައި ލިއަނީ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން ތައްޔާރު ކުރަމުންދާ ޕެޓިޝަނުގައި ސޮއި ކުރެއްވުމަށްފަހު މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް ވިދާޅުވީ ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލުކުރެވެން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލު ކުރެވޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

އަޖައިބެކެވެ! ރިއާސީ ނޒާމެއް އޮތަސް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމެއް ރައްޔިތުންނަށް ނުނިންމެންވީ ސަބަބެއް ނެތެވެ. ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ ވިންދާއި އިހްސާސް އަޑުއަހާ ބައެއް ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވެރިކަމަކު ނުހުރީހެވެ. މިހާރު މިއޮތް ރިއާސީ ނިޒާމުގެ ތެރެއިން ވެސް ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓަކުން ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ރައީސް ވެރިކަމުން ދުރުކުރެވޭނެއެވެ. ބަރުލަމާނީ ނިޒާމުގައި ވެސް ވެރިކަން ބަދަލުވާނީ މަޖުލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމަށް ފާސް ކޮށްގެންނެވެ. އެއީ ރައްޔިތުންގެ ބާރެއް ނޫނެވެ. އެއީ މިހާރުވެސް ހެސްކިޔާފައި ކޮރަޕްޓް ކަމަށް ކިޔައިއުޅޭ މަޖުލިސް މެމްބަރުންގެ ބާރެވެ. ދެއިރު ދެ ދަޅައަށް ތިމާގެ މަޤާމް ނީލަމަށް ލައިގެން، ބޮޑު އަގު ހުށަހަޅާ ޕާޓީ އަކަށް ސޮއިކުރަމުން ދުވާ މެމްބަރުންގެ ބާރެވެ.

ބަރުލަމާނީ ނިޒާމް އައުމުން ވާނެ ގޮތަކީ އެއްރޭ ރައްޔިތުން ނިދައިފައި ހޭލާއިރުވެސް ވެރިކަން ބަދަލުވެދާނެއެވެ. ދަންވަރު މަޖުލީހުގެ ޖަލްސާއެއް ބާއްވައިފައި ބޮޑުވަޒީރު މަޤާމުން ދުރުކޮށް އާ ބޮޑުވަޒީރެއް ހޮވައިފާނެއެވެ. މަޖުލީހުން ފާސްކުރީމާ ރައްޔިތުންގެ ވެރިއަކަށް ކޮންމެ ފަދަ މީހަކު ލިއަސް ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ހޮވަނީ ރައްޔިތުންގެ ވޯޓަކުންނެވެ. ބަރުލަމާނީ ނިޒާމްގައި ބޮޑުވަޒީރަކު ހޮވާނީ މަޖުލިސް މެމްބަރުންގެ ވޯޓަކުންނެވެ. އެއީ ރައްޔިތުންގެ ބާރުތޯއެވެ؟ ނޫނެކެވެ! އޮޅުވާނުލައްވާށެވެ!

މަޖުލީހުގެ ގޮނޑިއަކަށް ހޮވުމަށް އެއްވެސް ތައުލީމީ ޝަރުތެއް ނެތެވެ. އަލިފް އޮންނަނީ ގުދަށްތޯ ނުވަތަ ސީދަލަށް ކަންވެސް ނޭނގޭ މީހުން މަޖުލީހަށް ހޮވި، އެންމެން އެއްބަސްކިޔައިފައި ޤައުމުގެ ވެރިކަމަށް ދައްޖާލު ލިއަސް ބަރުލަމާނީ ނިޒާމްގައި ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯވެއެވެ. ރިއާސީ ނިޒާމްވެސް ވަކި ސަހަލެއް ނޫނެވެ. ނުފުއްދޭހާ ވައުދުތައްވެ، ވެރިކަމަށް އައިސް ރައީސުންވެސް ވެރިކަން ކުރަނީ ހިތުހުރި ގޮތަކަށެވެ. ނަމަވެސް ރިއާސީ ނިޒާމަށްވުރެވެސް ބަރުލަމާނީ ނިޒާމްގައި މަޖުލިސް މެމްބަރުންގެ ބާރު ގަދަވެ، ރައްޔިތުންގެ ބާރު ދަށްވެއެވެ. ރައްޔިތުންގެ ބާރު އޮންނަނީ ކަރުދާހުގައި ލިއެވި، ހަމައެކަނި ނަމަކަށެވެ.

ބޮންޑާމެން ރައްޔިތުން ބާރުވެރި ކުރުވުމަށް ތިވަރަކުން އުޅޭނަމަ މަޖުލިސް މެމްބަރުންގެ މަޤްބޫލްކަން ދަށްވުމުން، ދައުރުގެ މެދުތެރެއިން ރިކޯލް ވޯޓު ނެގޭގޮތަށް ޤާނޫނު ބަދަލު ކޮށްދޭށެވެ. މިހާރުވެސް މަޖުލީހުގެ ގޮނޑި ހޫނުކުރަމުންދާ ގިނަ މެމްބަރުންނަކީ އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުންގެ ވިންދާ ޚިލާފަށް ވޯޓުދެމުންދާ މެމްބަރުންނެވެ. ރައްޔިތުން އޮޅުުވާލައިގެން ގޮނޑި ހޯދުމަށް ފަހު ރައްޔިތުންގެ އިހްސާސްތަކާ ޚިލާފަށް މަޖިލީހުގައި ވޯޓުލައި، އަމިއްލަ ޖީބު ބޮޑުކުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ ގިނަ މެމްބަރުންގެ ގޮތެވެ. ކުރިންވެސް، މިހާރު ވެސްއެވެ.

ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލުކުރެވެން ޖެހެންޏާ، ރައްޔިތުން ބޭނުންވުމުން ލާދީނީ އެމް.ޑީ.އެން އާއި ލާދީނީ އުތެމަ ޖަމްއިޔާގެ މެމްބަރުން ހިފައި ހައްޔަރުކޮށް ޤާނޫނީ އަދަބުވެސް ދެވެންޖެހޭނެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް މަޖުލިސް މެމްބަރުން ކަންކުރާނަމަ ނަފްރަތުގެ ބިލަށް ބޮންޑާމެން ތާއީދެއް ނުކުރީހެވެ. ރައްޔިތުން ބޭނުވާ ގޮތަށް ވެރިކަން ކުރާ ނަމަ ދީނަށް ފުރައްސާރަކުރާ އެކިއެކި މީހުންނަށް ރައީސް އޮފީހުންނާއި ސަރުކާރުގެ އެހެނިހެން އިދާރާ ތަކުން ބޮޑެތި މަޤާމް ދީގެން ނުތިބީހެވެ. އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ވައްކަމުގެ ބައިވެރިން ހޯދައި ޖަލަށް ލާން ވެސް ރައްޔިތުން ބޭނުމެވެ. އެކަމެއް ވެސް ނުވެއެވެ. ރައީސް ނަޝީދު ދެއިރު ދެދަޅައަށް ދައްކަވާ ލާދީނީ ވާހަކަތަކާމެދު ފިޔަވަޅު އަޅައި، މަޖުލިސް ރައީސް ކަމުން ނަޝީދު ދުރުކުރަން ވެސް ރައްޔިތުން ބޭނުންވެއެވެ. އެކަން އެބަވޭތޯއެވެ؟ ނުވާނެއެވެ. ވީމާ ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލު ކުރެވެން ޖެހޭނެއޭ ކިޔައިގެން ބޮންޑާމެން ރައްޔިތުން ގުނބޯނުހައްދަވާށެވެ. ބަރުލަމާނީ ނިޒާމެއް ގެނަޔަސް އަދި ރިއާސީ ނިޒާމެއް އޮތަސްް މަޖުލީހުގައި ބޮންޑާމެން ކަހަލަ މީހުން ތިބިހާ ދުވަހަކު ރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަމެއް ނުކުރެވޭނެއެވެ. ނުކުރާނެއެވެ.

ޤައުމުގެ ރައީސް ދާދި ފަހުންވެސް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ހަރުކަށި ފިކުރާއި ޑްރަގްސްގެ މައްސަލަ ކަމަށެވެ. ސްކޫލް ކުދިން ހަރުކަށި ފިކުރާ ދުރުކުރުމުގެ ޕްރޮގްރާމް ހިންގަން ހަވާލު ކުރީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ނަމަކަށް ކިޔާ ސެކިއުލަރ ފިކުރުގެ ޖަމިއްޔާއަކާއެވެ. އެއީ އެމް.ޑީ.ޕީ ނޫން ބަޔަކު ވެރިކަމުގައި އޮންނައިރު ވަރަށް ހަރަކާތްތެރި، ވަރަށް ތަންތަން ފެންނަ، އެކަމަކު އެމް.ޑީ.ޕީ ވެރިކަމަށް އައުމުން ހަބަރެއް ހިލަމެއްނުވާ، ފިލައިގެން، އެއް ތަނެއް ވެސް ފެންނަ ކަމަށް ނުހަދާ، އެމް.ޑީ.ޕީގެ އެޖެންޓު ކުދިންކޮޅެއް ހަރަކާތްތެރިވާ ތަނެކެވެ. ހަރުކަށި ފިކުރާ ދެކޮޅަށް މަދުރަސާ ކުދިން ބައްޓަންކުރުމުގެ ޕްރޮގްރާމްގައި ސޮއިކުރެއްވި އެޑިއުކޭޝަން މިނިސްޓަރ ހުންނެވީ މަޑުކަށިވެގެން ގޮސް އައުރަ ނިވާނުކުރައްވައެވެ! އައުރަ ނިވާ ނުކިރިއަސް އޯކޭއެވެ. މިއުޒިކް ވެސް އޯކޭއެވެ. ނެށުންވެސް އޯކޭއެވެ. ދެޖިންސް މަސްހުނިކޮށްގެން ނާޗަރަންގީ އާއި ކޮންސަޓު ބޭއްވުންވެސް އޯކޭއެވެ. ހަރުކަށި ކަމަށް ވަނީ ބުރުގާ އަޅާ މީހާއެވެ. މިއުޒިކާއި ނެށުމާ ދެކޮޅު މީހާއެވެ.

ޑްރަގްސްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ޑްރަގްސް ބޯމީހުން ހޭދެބައިވެފައި މަގުމަތީގައި ހޫރޭތަން އެންމެންނަށް ފެނެއެވެ. ޑްރަގްގެ ވިޔަފާރި ކުރާ މީހުންގެ ޑެއިލީ ސޭލްސް ފައިސާ ކޮތަޅުކޮތަޅުގައި ގެންގޮސް އޭޓީއެމް މެޝިނުން ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރަނީ ރައްޔިތުންގެ ލޯކުރިމަތީގައެވެ. ޑްރަގްސްގެ މައްސަލައާ ގުޅިގެން ސިޔާސީ މީހުން ފަރިހި ކިޔާތާ 60 އަހަރު ވީއިރުވެސް ޑްރަގްސްގެ މައްސަލަ ވަނީ ހައްތަހާ ބޮޑެވެ. ސަބަބަކީ ރާއްޖޭގެ ޑްރަގް މައްސަލަ ހައްލުކުރަން އެދޭ ވެރިއަކު ނައުމެވެ.

ނޫނެކެވެ ރައީސްއެވެ. ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ޑްރަގްސް އާއި ހަރުކަށި ފިކުރެއް ނޫނެވެ. މި ދެކަމަކީ ސިޔާސީ ބޭނުމަށް ސިޔާސީ ވެރިން ކިރުފެލަން ގެންގުޅޭ ފަލަ ދެ ގެރިއެވެ. ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ސިޔާސީ ބޭނުމަށް ހަރުކަށި ފިކުރު އައްޑަނައަކަށް ހަަދައިގެން މި ޤައުމުގައި އިސްލާމް ދީން ބަލިކަށި ކުރަމުން ދިއުމުގެ މައްސަލައާއި، މި ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް ފުނޑިގެންދާ މިންވަރަށް އިންޑިއާގެ ނުފޫޒާއި ބާރު މިޤައުމަށް ގަދަވަމުން ދިއުމެވެ. މިދެކަން ވެސް ކުރަނީ ސިޔާސީ މަންފާއަށް ދިވެހި ސިޔާސީ ވެރިންނެވެ.

ރައްޔިތުން ބޭނުވުމުން ވެރިކަން ބަދަލުކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމް ގެންނަން ޕެޓިޝަންގައި ސޮކުރުވާ ފަރާތްތަކަށް ބުނެލަން އޮތް އެހެން ވާހަކައަކީ ތިވަރަކުން ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދިނުމަށް ބޭނުންވާނަމަ ހަރުކަށި ފިކުރު ބަހަނާއަކަށް ދައްކައިގެން މިޤައުމުގައި އިސްލާމް ދީން ފުނޑާލަން ކުރެވެމުންދާ ހީލަތްތެރި މަސައްކަތް ހުއްޓުވާށެވެ. ޤައުމު ބަނގުރޫޓުވެ، ބޮއްސުންލައި، ކޮރަޕްޝަން އިންތިހާއަށް ފެތުރި، އޮލިމްޕަހުން ފެށިގެން ގޮސް އެމް.އެމް.އޭ ފާހާނާ ބަރިއަށް ދާންދެން ރަހުނުކޮށް ވިއްކަމުންދާތީ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަޤާމުން ދުރުކުރާށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިގްތިސޯދާއި އިސްތިގްލާލް އިންޑިއާ އަށް ވިއްކާލާފައިވާތީ މިޤައުމުން އިންޑިއާ ސިފައިން ބާލައި، އިންޑިއާގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވާށެވެ. ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލު ކުރެވޭނަމަ ރައްޔިތުން ބޭނުން ވުމުން މިކަންކަންވެސް ކުރެވެން ޖެހޭނެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް މިކަންކަން ކޮށްދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. މި ކެޔޮނިރު ބުސްރީ އަކީ ކޯންޗެއް ކިޔަވައިގެން ހުރި މީހެއްތަ؟ އަމިއްލަ ސިކުޑިން ކަންކަމާ ދޭތެރޭ ވިސްނާނަމަ، ސެކިލުޔާރ އޭ މަޑު ކައްޓޭ ހަރުކައްޓޭ ކިިޔައިގެންނެއް ފާޑުފާޑުގެ ދެ އުޅިއެއް ނުވާ ލިޔުން ތަކެއް ނުލިޔުނީސް! ބަލަން ހުރޭ މީގެ ހައެއްކަ އަހަރު ފަހުން، މިކަހަލަ ލިޔުން ކިޔާފަ އަހަރުމެން ޖޯކު ޖަހާ ވަރު އަންދާޒާ ކޮށްލަން! އިވޮލިޔުޝަނަކީ ހަގީގަތެއް ނޫން ކަމަކަށް ނުވާނެ! މި ބުނި އެއްޗެއްގެ މާނަ ފިސާރި ރަނގަޅަށް ވިސްނާ ފިކުރު ކުރޭ!

    1. ކެޔޮނިރަކީ ގަޓް ލިޔުންތެރިއެއް ފެކްޓް ބޭސްކޮށްލިޔާތީ ނަޖްވާއައް ކަމުނުދިޔައީތާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *